ދިވެހި ޕްރިމިއާ ލީގުގެ ލޯގޯ ޑިޒައިން ކުރުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހުޅުވާލައިފި އެވެ.
ރާއްޖޭގައި ކުރިއަށް ގެންދާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ލޯގޯ ޑިޒައިން ކުރުމުގެ މުބާރާތުން އެއްވަނަ އަށް ދާ ފަރާތަކަށް އެއްލައްކަ ރުފިޔާ ދިނުމަށް އެފްއޭއެމުން ވަނީ ނިންމާފަ އެވެ.
ލޯގޯ ޑިޒައިން ކުރުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އެފްއޭއެމުން ހުޅުވާލީ ބުދަ ދުވަހު އެވެ. މި މުބާރާތް ކުރިއަށް ދާނީ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.
މިއީ ދިވެހި ޕްރިމިއާ ލީގުގެ ލޯގޯ ފަރުމާ ކުރުމަށް އެފްއޭއެމުން އާމުންނަށް ހުޅުވާލި ފުރަތަމަ ފަހަރު ކަމަށް ވާއިރު، މިއީ އާޓް އަދި ޑިޒައިނިންގެ ދާއިރާއަށް ޝައުގުވެރިވާ މީހުންނަށް ވަރަށް ރަނގަޅު ފުރުސަތެކެވެ. އަދި މީގެ ސަބަބުން މަރުވެފައިވާ ފުޓްބޯޅައިގެ ފޯރި ދިރިގެންދަނެ ކަމަށް ބެލެވެ އެވެ.
މުބާރާތުން އެއްވަނަ ހާސިލްކުރާ ފަރާތަކާއި އެކު އެފްއޭއެމުން ލޯގޯގެ ކޮޕީ ރައިޓް ހޯދުމަށް އެގްރީމެންޓެއް ހަދާނެ އެވެ.
ދިވެހި ޕްރިމިއާ ލީގުގެ ނަމުގައި ބާއްވާ މުބާރާތް އެކި ނަންނަމުގައި ކުރިއަށްދާތާ މިހާރު ވަނީ 21 އަހަރު ވެފަ އެވެ. މީގެ ކުރިން މުބާރާތް ބާއްވަމުން އައީ ދިވެހި ލީގުގެ ނަމުގަ އެވެ. ނަމަވެސް 2015 ވަނަ އަހަރު ވަނީ މުބާރާތުގެ ނަން ދިވެހި ޕްރިމިއާ ލީގުގެ ނަމަށް ވެސް ބަދަލު ކޮށްފަ އެވެ.
ނަން ބަދަލު ކުރުމަށްފަހު ފުރަތަމަ މުބާރާތް ބޭއްވީ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ނަމުގަ އެވެ. އޭގެ ފަހުން މެއިން ސްޕޮންސާ ބަދަލުވެ މިހާރު މުބާރާތް ކުޅެނީ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ނަމުގަ އެވެ. އެކަމަކު މުބާރާތުގެ ނަން ބަދަލު ކުރި ފަހުން ލޯގޯ އަށް މާބޮޑެތި ބަދަލުތަކެއް އައިސްފައެއް ނުވެ އެވެ.