ބޮޑެތި މުބާރާތްތައް މެދުކެނޑިފައި އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވުމަށްފަހު، އާ ސީޒަން ފެށުމަށްޓަކައި އެފްއޭއެމުން ކްލަބްތަކާ އެކު އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.
އޭޕްރީލް އަށެއްގައި ފަށާ ޗެރިޓީ ޝީލްޑް މެޗާއެކު އައު ސީޒަން ރަސްމީކޮށް ފެށިގެންދާނެ އެވެ. އޭގެ ދެ ދުވަސް ފަހުން، އޭޕްރީލް 10 ވަނަ ދުވަހު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗު ކުޅޭނެ އެވެ.
މި ނިންމުމަކީ އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީން ކުރިން ނުރަސްމީކޮށް ނިންމާފައިވާ ނިންމުމަށް ގެނެވުނު ބަދަލެކެވެ.
ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވަނީ ފުޓްބޯޅަ ސީޒަން ފެށުމާ ގުޅޭގޮތުން ލީގުގެ ކްލަބްތަކުގެ އިސްވެރިންނާ މަޝްވަރާކުރައްވާފަ އެވެ. ސަރުކާރުން ވަނީ ލީގުގައި ބައިވެރިވާ 10 ކްލަބަށް ޖުމްލަ ފަސް މިލިއަން ރުފިޔާގެ އެހީތެރިކަންވެސް ފޯރުކޮށްދީފަ އެވެ.
އެހެންނަމަވެސް ގިނަ ކްލަބްތައް އަދިވެސް ދަނީ މާލީ ދަތިތަކާ ކުރިމަތިލަމުންނެވެ. މިހާތަނަށް ޕްރީ ސީޒަން ފަރިތަކުރުންތައް ފަށާފައިވަނީ މާޒިޔާ އެކަންޏެވެ. ބުރު ސްޕޯޓްސް އަދި އޮޑި ސްޕޯޓްސް ޓްރާންސްފާ މާކެޓްގައި ހަރަކާތްތެރިވަމުން ދިޔަ ނަމަވެސް އަދި ފަރިތަކުރުންތައް ނުފައްޓަ އެވެ.
މީގެއިތުރުން ގައުމީ ޓީމަށްވެސް މުހިއްމު ތާރީހުތަކެއް ކުރިއަށް އެބައޮތެވެ. މާޗް 19 ގައި އިންޑިއާއާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅުމަށްފަހު، މާޗް 25 ގައި އޭޝިއަން ކަޕް ކޮލިފައިން ބުރުގައި ފިލިޕީންސާ ދެކޮޅަށް ރާއްޖެއިން ނުކުންނާނެ އެވެ.