އެފްއޭއެމް

ފުޓްބޯޅަ ސީޒަން މި މަހު 24ގައި ފަށަނީ

މާޒިއާ ސްޕޯޓްސް ކްލަބުން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިިން -- ފޮޓޯ: މާޒިއާ ސްޕޯޓްސް ކްލަބް
0%
0%
0%

ފުޓުބޯޅަ ކަލަންޑަރަށް ބަދަލު ގެނެސް ރާއްޖޭގެ އާ ފުޓްބޯޅަ ސީޒަން މި މަހުގެ 24 ގައި ފެށުމަށް ނިންމައިފި އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިއަދު ކުރި އިއުލާނެއްގައި ވަނީ މި އަހަރުގެ ފުޓްބޯޅަ ސީޒަން ފެބްރުއަރީ 24 ގައި ފަށާނެ ކަމަށް ބުނެފަ އެވެ.

އެފްއޭއެމް އިން ކުރިން ރާވާފައި އޮތީ މިއަހަރުގެ ސީޒަން މި މަހުގެ 14 ވަނަ ދުވަހު ފެށުމަށެވެ.

އެފްއޭއެމްގެ އާ ކަލަންޑަރުގައިވާ ގޮތުން، ސީޒަން ފެށޭނީ ޗެރިޓީ ޝީލްޑް މެޗުންނެވެ. އަދި ސީޒަނުގެ ފުރަތަމަ މުބާރާތް ކަމުގައިވާ ޕްރެޒިޑެންޓްސް ކަޕް ފެށުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 26 ގައެވެ.

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކްލަބްތަކުގެ މާލީ ހާލަތެވެ. ފުރަތަމަ ޑިވިޝަނުގެ ގިނަ ޓީމުތަކުން ކުޅުންތެރިންގެ މުސާރަ ނުދިނުމުގެ ސަބަބުން، އެ ޓީމުތަކުގެ ލައިސަންސިން ކަންކަން އަދިވެސް ނުނިމެ އެވެ. މި މައްސަލަ ހައްލުކުރުމަށް އެފްއޭއެމް އިން ވަނީ ފީފާ އަދި ސަރުކާރާއެކު މަޝްވަރާތަކެއް ފަށާފަ އެވެ.

މިވަގުތު ޕްރީ ސީޒަން ޕްރެކްޓިސް ކުރަމުން އަންނަނީ ހަމައެކަނި އެންމެ ފަހުގެ ލީގު ޗެމްޕިއަން މާޒިއާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެވެ.

އާ ސީޒަން ކަލަންޑަރުގެ މުހިއްމު ތާރީޚުތައް:

  • ފެބްރުއަރީ 13: 19 އަހަރުން ދަށުގެ މުބާރާތް
  • ފެބްރުއަރީ 24: ސީޒަން ހުޅުވާ މެޗު
  • ފެބްރުއަރީ 26: ޕްރެޒިޑެންޓްސް ކަޕް
  • އޭޕްރީލް 7: ދިވެހި ޕްރިމިއާ ލީގު
  • މެއި 31: ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް
  • ޖުލައި 12: އެފްއޭ ކަޕް
  • ޖުލައި 18: ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުމަށް ތައްޔާރުވަމުންދާއިރު އެފްއޭއެމް ހިންގުމާ މިވަގުތު ހަވާލުވެ ތިބީ ފީފާއިން މިދިޔަ އޮގަސްޓް މަހު އައްޔަނުކުރި ނޯމަލައިޒިން ކޮމިޓީގެ މެންބަރުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910