ދިވެހި ޕްރެމިއާ ލީގް

ދިވެހި ލީގުގެ ޑިރެކްޓާ އޮފް އެޑްމިނިސްޓްރޭޓަރަކަށް ޝާހު

ދިވެހި ޕްރިމިއާ ލީގުގެ ޑިރެކްޓާ އޮފް އެޑްމިނިސްޓްރޭޓަރަކަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފޯވާޑު ޝާހު އިސްމާއިލް (ސާޔާ) ހަމަޖައްސައިފި އެވެ.

މީގެ ކުރިން އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީގެ މަގާމުކަން ވެސް ކޮށްފައިވާ ސާޔާ ދިވެހި ޕްރިމިއާ ލީގުގެ ޑިރެކްޓާ އޮފް އެޑްމިނިސްޓްރޭޓަރަކަށް ހަމަޖައްސާފއިވަނީ މިއަދު އެވެ. ސާޔާ އެނބުރި އެފްއޭމް އާއި އެކު ފުޓްބޯޅައިގެ މަސައްކަތް ކުރަން މި ނިކުތީ އަށް އަހަރުގެ މެދުކެނޑުމަކަށްފަހު އެވެ.

އެފްއޭއެމް އިންތިހާބީ ލީޑާޝިޕެއްގެ ދަށުން ހިނގައިގަންނަން ފެށިއިރު އެސޯސިއޭޝަންގެ ގަވައިދުތައް ހެދުމުގެ އިތުރުން އިދާރީ މަސައްކަތްތައް އޮނިގަނޑެއްގެ ތެރެއިން ކުރިއަށް ގެންދަން މަސައްކަތް ފެށި އެކަކީވެސް ސާޔާ އެވެ.

އެފްއޭއެމްއިން ވަނީ 2023/24 ވަނަ އަހަރުން ފެށިގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ދިވެހި ޕްރިމިއާ ލީގު ކުރިއަށް ގެންދިއުމަށް ކޮމިޓީއެއް އެކުލަވާލައިގެން ފޯމެޓެއް ހަދާފަ އެވެ. މިހާރުން ފެށިގެން އާ ފޯމެޓަށް ލީގު ބަދަލުކުރަން އެފްއޭއެމްއިން މަސައްކަތް ކުރަމުން އަންނަ އިރު މި މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި އެންމެ އިސް އެޑްމިނިސްޓަރެއްގެ ގޮތުގައި ހަރަކާތްތެރި ވާނީ ސާޔާ އެވެ.

އާ ލީގު ފޯމެޓުގައިވާ ގޮތުން މެޗުތައް ކުޅޭނީ ރާއްޖޭގެ ހަތަރު ޒޯނަކަށް ބަހާލައިގެންނެވެ. އަދި އެކި ޒޯނު ތަކުގައި މެޗުތައް ކުޅެން ރޭވިފައި ވާއިރު، މިއަންނަ ސީޒަނުން ފެށިގެން މި ފޯމެޓަށް ލީގު ކުޅެވޭތޯ އެފްއޭއެމް އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެފްއޭއެމް ފައުންޑޭޝަންގެ އެމްބަސަޑަރަކަށް ވެސް މިދިޔަ އަހަރު ހަމަޖައްސައިފަވާ ސާޔާ 2003 ވަނަ އަހަރު ފުޓްބޯޅައިން ރިޓަޔާކުރި ނަމަވެސް އޭނާ ވަނީ އެފްއޭއެމްގެ މަގާމުތަކުގެ އިތުރުން ޔޫތު މިނިސްޓްރީގެ ޑެޕިއުޓީގެ މަގާމު ވެސް ފުރުއްވައިފަ އެވެ. ރާއްޖޭން 2000 ވަނަ އަހަރުގެ ގޯލްޑަން ޖުބިލީ މުބާރާތާއި 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ދެ ވަނަ ހޯދި ޓީމަށް ކުޅުނު ޝާހު ވަނީ ސީޒަނުގައި އެންމެ ގިނަ ލަނޑު ޖަހައިގެން 1998 އާއި 1999 ވަނަ އަހަރު ރަން ބޫޓު ހޯދައިފަ އެވެ.