އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި، ރާއްޖޭގެ ކުލަބު އީގަލްސް އާއި ބޫޓާންގެ ތިމްޕޫ ސިޓީ ވާދަ ކުރަން ޖެހިއްޖެ އެވެ.
އޭއެފްސީ ކަޕްގެ މަރުހަލާއެއްގައި އީގަލްސް ވާދަ ކުރަން ނުކުންނަނީ މުޅިން އަލަށެވެ. އެހެންނަމަވެސް ތިމްޕޫ ސިޓީ ވަނީ މީގެ ކުރިން ވާދަ ކޮށްފަ އެވެ. އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި ތިމްޕޫ ސިޓީން ވަނީ ރާއްޖޭގެ ކުލަބު ވެލެންސިއާ އާ ދެކޮޅަށް ކުޅެފަ އެވެ. ބޫޓާންގައި ގަދަ ފިނީގައި ކުޅުނު މެޗު އެއްވަރުވީ ލަނޑެެއް ނުޖެހި އެވެ. މާލޭގައި ކުޅުނު ދެ ވަނަ ލެގް މެޗު ވެލެންސިއާ ކާމިޔާބު ކުރީ 3-0 ންނެވެ.
މިފަހަރު ޕްރިލިމިނަރީ ބުރުގައި ދެ ލެގްގެ މެޗެއް ނޯންނާނެ އެވެ. ކުޅޭނީ އެއް މެޗެވެ. އީގަލްސް އާއި ތިމްޕޫ ކުޅޭ ޕްރިލިމިނަރީ މަރުހަލާގެ އެއް ވަނަ ބުރުގައި ކުޅޭ މެޗު އޮންނާނީ އޭޕްރީލް މަހު ހަތް ވަނަ ދުވަހު އެވެ. މެޗު ކުޅޭނެ ވެނޫއެއް އޭއެފްސީ އަދި އިއުލާން ކޮށްފައެއް ނުވެ އެވެ. އެ މެޗުން މޮޅުވާ ޓީމެއް، ޕްރިލިމިނަރީ މަރުހަލާގެ ދެ ވަނަ ބުރުގައި ވާދަ ކުރާނީ، ބަންގުލަދޭޝްގެ ޑާކާ އަބަހާނީ އާ ދެކޮޅަށެވެ. ޕްރިލިމިނަރީ މަރުހަލާގެ ފުރަތަމަ ބުރުގައި ދެން ބައްދަލު ކުރާ ދެ ޓީމަކީ، ނޭޕާލްގެ އާމީ ކުލަބާއި އަވަށްޓެރި ލަންކާގެ ޕޮލިސް ކުލަބެވެ. އެ ދެ ޓީމު ބައްދަލު ކުރާ މެޗުން މޮޅުވާ ދެ ޓީމެއް ވާދަ ކުރާނީ، ބެންގަލޫރު އެފްސީ އާއެވެ. ޕްރިލިމިނަރި މަރުހަލާގެ ދެ ވަނަ ބުރު ކުޅޭނީ އޭޕްރީލް 14 ގަ އެވެ.
ޕްލޭއޮފް ބުރަށް ދަތުރު ކުރާނީ، ޕްރިލިމިނަރީ މަރުހަލާގެ ދެ ވަނަ ބުރުގެ މެޗުތަކުން މޮޅުވާ ދެ ޓީމެވެ. ޕްލޭއޮފް މެޗުން މޮޅުވާ ޓީމު ގުރޫޕް ސްޓޭޖަށް ކޮލިފައި ވާނެ އެވެ. ގުރޫޕް ސްޓޭޖުން މިހާރުވެސް ޖާގަ ކަށަވަރު ކޮށްފައި ވަނީ، އިންޑިއާގެ އައި ލީގް މިދިޔަ އަހަރު ކާމިޔާބު ކުރި، މިހާރު އިންޑިއާގެ ސުޕަ ލީގްގައި ވާދަ ކުރާ އޭޓީކޭ މޯހަންބަގާން، ބަންގުލަދޭޝްގެ ލީގް ޗެމްޕިއަން ބޮށުންދަރާ ކިންގްސް، އަދި ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އެވެ.
މިދިޔަ އަހަރު ދިވެހި ޕްރިމިއާ ލީގް ރަނަރަފްގެ ހައިސިއްޔަތުން އޭއެފްސީ ކަޕްގައި ރާއްޖެއަށް ލިބޭ ދެ ވަނަ ޖާގަ އީގަލްސް އަށް ދިނީ، ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރު އެފްއޭ ކަޕް ބާއްވާފައި ނުވުމުންނެވެ. އާންމު އުސޫލުން އޭއެފްސީ ކަޕްގެ ދެ ވަނަ ޖާގަ ދެނީ އެފްއޭ ކަޕްގެ ޗެމްޕިއަން ޓީމަށެވެ. އޭއެފްސީ ކަޕްގެ ފޯމެޓަށް 2017 ގެނެސްފައިވާ ބަދަލާ އެކު، ދެކުނު އޭޝިއާ ޒޯންގެ ރޭންކިންގައި އެންމެ އިސް ތިން ގައުމުގެ ދެ ވަނަ ޓީމަށް ޖާގަ ލިބޭނީ ކޮލިފައިން ބުރުންނެވެ.
މިދިޔަ އަހަރު ކޮލިފިކޭޝަންގައި ބުރުގައި ވާދަ ކޮށް، މާޒިޔާ ވަނީ އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުން ޖާގަ ހޯދާފަ އެވެ. ކޮލިފިކޭޝަންގެ ޕްލޭއޮފް ބުރު މާޒިޔާއިން ކާމިޔާބު ކުރީ އިންޑިއާގެ ގަދަ ބާރު ބެންގަލޫރު އެފްސީ ބަލި ކުރުމަށް ފަހު އެވެ.
މިއަހަރު އޭއެފްސީ ކަޕް ގުރޫޕް ސްޓޭޖު މެޗުތައް ކުޅޭނީ ސަރަހައްދީ ޒޯނަށް ނިސްބަތްވާ ކޮންމެވެސް އެއް ގައުމެއްގަ އެވެ. ކުރިން ހޯމް އެންޑް އަވޭ ފޯމެޓަށް ކުޅޭ މުބާރާތް އެގޮތަށް ބަދަލު ކުރީ ކޮވިޑް-19 އާ ގުޅިގެންނެވެ. ގުރޫޕް ސްޓޭޖުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅޭނީ އެއް ފަހަރު އެވެ. ރާއްޖެ ހިމެނޭ ދެކުނު ޒޯންގެ ގުރޫޕް ސްޓޭޖް މެޗުތައް އޮންނާނީ މެއި 14 އިން 20 އަށެވެ.
މިދިޔަ އަހަރު އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖު ވަކި ހިސާބަކަށް ކުޅުނު ފަހުން ގައުމުތަކުގައި ކޮވިޑް ފެތުރެން ފެށުމުން އޭއެފްސީން މުބާރާތް މެދުކަނޑާލި އެވެ. މުބާރާތް އަލުން ފަށަން ނިންމީ ގުރޫޕް ސްޓޭޖުގެ ބާކީ މެޗުތައް އެ ޒޯނެއްގެ ކޮންމެވެސް އެއް ގައުމެއްގައި ކުރިއަށްގެންދާ ގޮތަށެވެ.
އެގޮތުން ރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ޒޯންގެ މެޗުތައް ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ހުށަހެޅުމުން އޭއެފްސީން ރާއްޖެ ގެ ބިޑް ގަބޫލުކޮށް ދެކުނު އޭޝިއާގެ ޒޯން އޯކްޓޯބަރުގައި ރާއްޖޭގައި ބާއްވަން ނިންމިއެވެ. އެހެންނަމަވެސް ބައެއް ޒޯންތަކުގައި މުބާރާތް ކުރިއަށް ގެންދެވޭނެ ހާލަތެއް ނެތުމުން މުބާރާތް ކެންސަލް ކުރުމަށް އޭއެފްސީން ނިންމި އެވެ.