އަލީ އަޝްފާގު (ދަގަނޑޭ)

ދަގަނޑޭވެސް އީގަލްސްއާއި ގުޅިއްޖެ

ރާއްޖޭގެ ފުޓްބޯޅަ ލެޖެންޑް އަލީ އަޝްފާގް (ދަގަނޑޭ) ވެސް އީގަލްސް އާއި ގުޅިއްޖެ އެވެ.

ދަގަނޑޭ އީގަލްސް އާއި ގުޅި މިހާރު ވަނީ އެޓީމުގެ ފަރިތަކުރުން ތަކުގައި ވެސް ބައިވެރިވާން ފަށާފަ އެވެ. އޭނާގެ އިތުރުން ފޯވާޑް އަލީ ފާސިރު (ސެންޓޭ) އަދި ދެ މިޑްފީލްޑަރުން ކަމަށްވާ މުހައްމަދު އާރިފް (ބަކާ) އާއި އިސްމާއިލް އީސަ (މެސީ) ވެސް ވަނީ އީގަލްސް އާއި ގުޅިފަ އެވެ.

މި ކުޅުންތެރިންގެ އިތުރުން އެހެން ކުޅުންތެރިން ތަކެއްވެސް އީގަލްސް އާއި ގުޅޭނެ ކަމަށް ބެލެވޭއިރު، މި ކުޅުންތެރިންނަކީ ހަމަ އެކަނި އޭއެފްސީ ކަޕާއި ދިމާކޮށް އެޓީމަށް ގެންނަ ކުޅުންތެރިންނެވެ. މުބާރާތް ނިންމުމަށް ފަހު ދާއިމީ ކޮންޓްރެކްޓެއްގެ ދަށުން އެހެން ކްލަބް ތަކާއި ގުޅުމުގެ ފުރުސަތު މި ކުޅުންތެރިންނަށް އޮންނާނެ އެވެ.

ބަކާ، މެސީ އަދި ސެންޓޭ އާއި ހިލާފަށް ދަގަނޑޭ މިހާތަނަށް އީގަލްސްއަށް ކުޅެފައެއް ނުވެ އެވެ. މިއީ އޭނާ އީގަލްސް އާއި ގުޅުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން ދަގަނޑޭ ކުޅެފައި ވަނީ ވެލެންސިއާ، ނިއު ރޭޑިއަންޓް، ވީބީ އައްޑޫ އެފްސީ، މާޒިޔާ، ޓީސީ ސްޕޯޓްސް އަދި ގްރީންސްޓްރީޓްސް އަށެެވެ. އަދި ރާއްޖެއިން ބޭރުގައި ބުރުނާއީގެ ޑީޕީއެމްއެމް އާއި މެލޭޝިއާގެ ޕީޑީއާރްއެމް އަށްވެސް ދަގަނޑޭ ކުޅުނެވެ.

ދެފަހަރުގެ މަތިން ރަންބޫޓު ހޯދާފައިވާ ސެންޓޭ އީގަލްސް އާއި އަލުން ގުޅުނީ ވެލެންސިއާގައި ހުރުމަށް ފަހު އެވެ. މީގެ ކުރިން އޭނާ ވަނީ އީގަލްސް، ވެލެންސިއާ، އޭވައިއެލް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބް، ވިކްޓަރީ ސްޕޯޓްސް ކުލަބުގެ އިތުރުން ޓީސީ ސްޕޯޓްސް ކުލަބަށް ވެސް ކުޅެފައެވެ.

ގައުމީ ޓީމުގެ މިޑްފީލްޑަރު ބަކާ އަކީ އައިލެންޑް އެފްސީން 2004 ވަނަ އަހަރު ވިދާލި ކުޅުންތެރިއެކެވެ. އޭނާ ވަނީ މީގެ ކުރިން ޔުނައިޓެޑް ވިކްޓަރީ، އީގަލްސް، ވެލެންސިއާ، ވީބީ އައްޑޫ އެފްސީ، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު، ވިކްޓަރީ ސްޕޯޓްސް ކުލަބު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ގްރީން ސްޓްރީޓްސްގެ އިތުރުން މިޔެންމާގެ ކޭބީޒެޑަށް ވެސް ކުޅެފައެވެ.

ވިކްޓަރީ ސްޕޯޓްސް ކުލަބުން ފުޓްބޯޅަ ހަޔާތް ފެށި މެސީ މީގެ ކުރިން ޔުނައިޓެޑް ވިކްޓަރީ، އީގަލްސް، ވީބީ އައްޑޫ އެފްސީ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު އަދި މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަނަށް ވެސް ކުޅުނެވެ.

މި ތިން ކުޅުންތެރިންނަކީ މީގެ ކުރިން އީގަލްސް އަށް ކުޅެފައިވާ ތިން ކުޅުންތެރިންނެވެ. ސެންޓޭ، ބަކާ އަދި މެސީގެ އިތުރުން އެހެން ކުޅުންތެރިން ތަކެއް ޓީމަށް ގެނައުމަށް އީގަލްސް އިން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ކުޅެމުން އަންނަ ތަޖުރިބާކާރު ޑިފެންޑަރު ޝާފިއު އަޙްމަދު (ޝާފީ) ވެސް އީގަލްސްއަށް ގެނައުމަށް އެޓީމުން ދަނީ މަސައްކަތް ކުރަމުންނެވެ.

އޭއެފްސީ ކަޕާއި ދިމާކޮށް އީގަލްސް އިން ގިނަ ކުޅުންތެރިން ތަކެއް ގެނެސް ޓީމު ވަރުގަދަ ކުރަމުން އަންނަ އިރު، އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީ ވާދަ ކުރާ އޭއެފްސީ ކަޕްގެ ޕްލޭ އޮފް މެޗު ކުޅެން ހަމަ ޖެހިފައި އޮތީ 15 އޯގަސްޓްގަ އެވެ. މި މެޗުން މޮޅުވާ ޓީމެއް އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖެގެ ފަހު ޖާގަ ކަށަވަރު ކުރާނެ އެވެ.

މިވަގުތު ގްރޫޕް ސްޓޭޖުގައި އޮތީ މާޒިޔާ، އިންޑިއާގެ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އެވެ. އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖް މެޗުތައް އޮތީ އޯގަސްޓް މަހުގެ 18، 21 އަދި 24 ގަ އެވެ.