ކޮވިޑް-19 ގެ އާ ވޭރިއަންޓްގެ ނުރައްކާ މާލޭގައި ބޮޑުވުމުން، 50 ދުވަސް ވަންދެން މެދުކަނޑާލާފައި އޮތް ދިވެހި ޕްރިމިއާ ލީގްގެ ކުޅުން އަލުން ފެށި މެޗުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ މައްޗަށް ކުލަބު އީގަލްސް 2-0 ން މޮޅުވެއްޖެ އެވެ.
ކުރިން މި މެޗު ކުޅެން ހަމަޖައްސާފައި އޮތީ، މިދިޔަ މަހުގެ ތިން ވަނަ ދުވަހު އެވެ. އެހެންނަމަވެސް އެ ދުވަހު މެޗު ފަސް ކުރަން ޖެހުނީ އެޗްޕީއޭގެ ހާއްސަ ހުއްދަ އާ އެކު މިދިޔަ ޑިސެމްބަރ މަހު ފެށި ލީގް ވެސް މެދުކަނޑާލަން ޖެހޭކަން އެ އެތޯރިޓީން އެންގުމުންނެވެ.
އެދުވަހު މި މެޗު ކުޅުނު ނަމަ، އީގަލްސް ކޮޅަށް މެޗުގެ ނަަތީޖާ ބުރަ ނުވުމަކީ ވެދާނެ ކަމެކެވެ. އީގަލްސްގެ ކޯޗް ކަމުން ސަސްގެ މިހާރުގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) ވަކިވެ، ސަސް އާ ހަވާލުވުމުން އީގަލްސްގެ މަގާމު ދެ ހަފުތާއެއް ވަަންދެން އޮތީ ހުސްކޮށެވެ. މިހާރުގެ ކޯޗް ޝާޒްލީ މުހައްމަދު (ޝާޒް) ޓީސީގައި ހުރެ ރަނގަޅު ނަތީޖާތަކެއް ނެރުނު ނަމަވެސް މަގާމުން އިސްތިއުފާ ދިނެވެ. އީގަލްސްގެ މަގާމު ހުށަހެޅިތާ ގަޑިއެއްހާއިރުވެސް ނުވަނީ އޭނާ ވަނީ އީގަލްސްގެ މަގާމާ ހަވާލުވާން އެއްބަސް ވެފަ އެވެ. އޭގެ ފަހުން ލީގް މެދުކަނޑާލަން ޖެހުނީ އެވެ.
ކުލަބުތަކަށް އެފްއޭއެމުން ދޭ ތިން މިލިއަން ރުފިޔާގެ ތެރެއިން ބައެއް އެ ދެމެދުގަައި، ކުލަބު ތަކަށް ދޫކުރި އެވެ. އަދި އެ ދެެމެދުގައި ކުރިމަތިވި ޓްރާންސްފާ ޕީރިއަޑްގައި އީގަލްސްއިން ވެސް ކުޅުންތެރިން ގެނެ އެވެ. ނަތީޖާ އެ ޓީމު ކޮޅަށް ބުރަ ވުމުގައި ޓީމަށް އަލަށް ގެނައި ކުޅުންތެރިންނާއި ޝާޒްއަށް ޓީމާ އެކު މަސައްކަތް ކުރަން ލިބުނު އެކަށީގެންވާ ވަގުތު ބޮޑު ހިއްސާއެއް ވި އެވެ.
މެޗުގައި، އީގަލްސްގެ ލަނޑުތައް ކާމިޔާބު ކުރީ، އެ ކުލަބަށް އަލަށް ގެނައި ރަޝިއާގެ ފޯވަޑް ކޯމިޝިން ވުލަޑިސްލާވް އެވެ. އޭނާ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީ އަކުންނެވެ. އެ ޕެނަލްޓީ އަކީ ސަސްގެ އޭރިއާގެ ތެރެއިން އެ ޓީމުގެ ޑިފެންޑަރު އަބްދުﷲ ހަނީފް (ބެންޖޯ) އީގަލްސްގެ ޔަމަންގެ މިޑްފީލްޑާ މުހައްމަދު އުސާމާ ސަބަރުއަށް ކުރި ފައުލާ ގުޅިގެން ދިން ޕެނަލްޓީ އެކެވެ.
މެޗުގެ 10 ވަނަ މިނެޓްގައި ލިބުނު އެ ޕެނަލްޓީ ވުލަޑިސްލާވް ފޮނުވާލީ ސަސްގެ ކީޕަރު މިރުޒޯހިދު ޑައިވް ކުރި ފަޅި އަށެވެ. އެހެންނަމަވެސް އޭނާ އަތުގައި އެ ބޯޅަ ލައްވައެއް ނުލި އެވެ. އީގަލްސްގެ ދެ ވަނަ ލަނޑު ވުލަޑިސްލާވް 13 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ހަސަން ރާއިފް އަހްމަދު (ހަންނަ) ނަގައިދިން ބޯޅަ ގޯލް ކައިރީގައި ހުރެ ކީޕަރު މިރުޒޯހިދުގެ ގައިދަށުން ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.
ދެ ވަަނަ ހާފުގައި، ގިނަ ހަމަލާ އުފައްދައި މެޗު ޑޮމިނޭޓް ކުރީ ސަސައިންނެވެ. ނަތީޖާ އަނބުރާލުމަށް ތަނަވަސް ގިނަ ފުރުސަތުތަކެއް އެ ޓީމަށް ލިބިގެން ދިޔަ އެވެ. އެ ޓީމުގެ ލަނޑު މެޗުގެ 87 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ބަދަލު ކުޅުންތެރިޔެެއްގެ ގޮތުގައި ކުޅެން ނުކުތް ޝަހްދުރާން މަހޯލީ އެވެ.