ކުލަބު ގުރީން ސްޓްރީޓް އަތުން 1-0 ން ބަލިވެ، ޔުނައިޓެޑް ވިކްޓަރީ މޮޅެއް ނުވެވި ރޭސް ދިގު ވެއްޖެ އެވެ.
ލީގްގައި ޔޫވީ މިހާތަނަށް ކުޅުނު ނުވަ މެޗުގައިވެސް މޮޅެއް ނުލިބެ އެވެ. ތާވަލުގެ ފުލުގައި އެ ޓީމު އޮތީ ތިން މެޗުން އެއްވަރުވެ ލިބުނު ތިން ޕޮއިންޓާ އެކު އެވެ. ޔޫވީއަށް މެޗަކުން މޮޅު ނުވެވި މިއަދުގެ ނިޔަލަށް 630 ދުވަސް ހޭދަ ވީ އެވެ. އެ ޓީމުން އެންމެ ފަހުން މެޗަކުން މޮޅުވީ 2018-19 ޕްރިމިއާ ލީގްގައި .ފ ނިލަންދޫ ސްޕޯޓްސް ކުލަބާ ދެކޮޅަށް ޖުލައި ފަހެއް 2019 ގައި ކުޅުނު މެޗުގަ އެވެ. އޭގެ ފަހުން ސެޕްޓެމްބަރު 2019 ގައި ވިކްޓަރީ އަތުން ދެ ލަނޑާއެކު ޔޫވީއަށް ތިން ޕޮއިންޓް ލިބުނީ އެ މެޗަށް ވިކްޓަރީ ހާޒިރު ނުވުމުންނެވެ.
ވިކްޓަރީ އާ ދެކޮޅަށް އޭރު ކުޅެން އޮތް މެޗަކީ، އޭރު ކޯޗަކަށް ހުރި މުހައްމަދު ނަޒީހްގެ ފަހު މެޗެވެ. އޭގެ ފަހުން ގައުމީ ޓީމަށް ފުރުސަތު ދިނުމުން ލީގް މެދުކަނޑާލުމުން ޔޫވީން ވަނީ މުހައްމަދު އާދަމް ކޯޗަކަށް ހަމަޖައްސާފަ އެވެ. މި ސީޒަނަށް ވެސް ޔޫވީން ނުކުތީ މުހައްމަދު ކޯޗް ކަމުގެ ދަށުންނެވެ. އޭނާއަށް އެއްވެސް މެޗަކުން ޔޫވީ މޮޅުކޮށް ނުދެވުނެވެ. މެނޭޖުމެންޓުން އެންގުމުން އޭނާ އިސްތިއުފާ ދިނީ ޖަނަވަރީ 16 ވަނަ ދުވަހު ސަސް އާ ދެކޮޅަށް ކުޅުނު މެޗަށް ފަހު އެވެ. އޭގެ ފަހުން ޔޫވީގެ ކޯޗް ކަމަށް ހަމަޖެއްސީ އެސިސްޓެންޓް ކޯޗަކަށް ހުރި އިހްސާން އަބްދުލް ގަނީ (ސާންތީ) އެވެ.
ސާންތީގެ ކޯޗް ކަމުގެ ދަށުން ދެ މެޗު ކުޅެ ތިން ވަނަ މެޗު ކުޅެން އޮތް ދުވަހު ލީގް މެދުކަނޑާލި އެވެ. ކޮވިޑް-19 ގެ އާ ވޭރިއަންޓް މާލޭގައި ފެތުރޭން ފެށުމުން 50 ދުވަހަށް ލީގް މެދުކަނޑާލައި މިއަދު އަލުން ކުޅެން ފެށިއިރުވެސް ޔޫވީގެ ހާލަތު ބަދަލުވީ ތަނެއް ނުފެނުނެވެ.
މިރޭ ގުރީންގެ ލަނޑު ދެ ވަނަ ހާފުގައި ކާމިޔާބު ކުރީ، ހަސަން ނަޒީމް (ޗޯޓް) އެވެ. މެޗުން މޮޅުވެ، ގުރީން ވަނީ ތާވަލުގެ ދެ ވަނަ އަދި ތިން ވަނައިގައި އޮތް ކުލަބު ވެލެންސިއާ އަދި ދަ ގުރާންޑޭ އާ އެއް ޕޮއިންޓަށް ފަރަގު ކުޑަ ކޮށްފަ އެވެ. ވެލެންސިއ އާ ދަ ގުރާންޑޭއަށް ލިބިފައި ވަނީ 15 ޕޮއިންޓެވެ. މާޒިޔާ އެއް ވަނައިގައި އޮތީ ހަ ޕޮއިންޓްގެ ލީޑަކާ އެކު ޖުމުލަ 21 ޕޮއިންޓް ހޯދައިގެންނެވެ.