ޔުނައިޓެޑް ވިކްޓަރީގެ މައްޗަށް 3-2 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ކުލަބު އީގަލްސްއިން ލީގްގައި ކުރިއަށް ދިއުމުގެ އުންމީދު އާ ކޮށްފި އެވެ.
ބައްޔާއެކު، ޔުނައިޓެޑް ވިކްޓަރީ މޮޅު ނުވެވުމުގެ ޓްރެކް ވަނީ ދިގު ދެމިގެން ގޮސްފަ އެވެ. ލީގްގެ ފުރަތަމަ ބުރުގައި މޮޅެއް ނުލިބި ނިންމާލި ޓީމަކީ ޔޫވީ އެވެ. ދެ ވަނަ ބުރުގެ ފެށުން ވެސް އެ ޓީމާ ކުރިމަތިލާން ޖެހުނީ ހިތްދަތި ބައްޔެކެވެ. އީގަލްސް މޮޅުވެ އެ ޓީމުން ވަނީ ޕޮއިންޓް ހޯދައި، އެ ޓީމުގެ ކުރީގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) މިހާރު ކޯޗް ކޮށްދޭ ސުޕަ ޔުނައިޓެޑް ސްޕޯޓްސް އާ ޕޮއިންޓްގެ ގޮތުން ހަމަހަމަ ކޮށްފަ އެވެ.
މިރޭގެ މެޗުގައި ފުރަތަމަ ލީޑް ނެގީ ޔޫވީންނެވެ. އެ ޓީމުގެ ލަނޑު އަހްމަދު ނިޒާމް (ނިޒާންބެ) ކާމިޔާބު ކުރީ ފުރަތަމަ ހާފުގެ 45 މިނެޓް ހަމަވެ އިތުރަށް ދެއްކި ވަގުތުގެ ތެރެއިން ފުރަތަމަ މިނެޓްގަ އެވެ. އޭނާ ލަނޑު ޖެހީ އީގަލްސްގެ ކީޕަރު މިލާން ޖެލްވޮކް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ. ޔޫވީ އަނަތޮލީ ދިން ބޯޅަ އީގަލްސްގެ އޭރިއާގެ ބޭރުން، ނިޒާންބެ ކޮންޓްރޯލް ކުރަން އުޅުމުން އޭނާއަށް ބޯޅަ ލިބުނަ ނުދޭން ޖެލްވޮކް ކުރިއަށް ނުކުތެވެ. ނިޒާމް ފޮނުވާލަން އުޅުނު ބޯޅަ ކީޕަރު ޖެލްވޮކްގެ ގައިގައި ޖެހި ކޮންޓްރޯލްވެ ނިޒާމްއަށް ބޯޅައިގެ ކޮންޓްރޯލް މުޅިން ލިބުނެވެ. ނިޒާންބެ އަށް ލިބުނީ ހުހަށް އޮތް ގޯލެވެ. އޭރިއާގެ ރޮނގުމަތިން އޭނާ ފޮނުވާލި ބޯޅަ ތިރި ތިރިން ގޮސް ވަނީ ގޯލްގެ ތެރެއަށެވެ.
އީގަލްސްއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ، މެޗުގެ 52 ވަނަ މިނެޓްގައި އެ ޓީމަށް ލިބުނު ކޯނަރަކުން ތަނަވަސްވި ބޯޅައިންނެވެ. އެ ޓީމުން ނެގި ކޯނަރު އީގަލްސްގެ ހިޝާމް ސަލީމް (ކޮކީ) ބޮލުން ވައްދާލީ ގޯލްގެ ތެރެއަށެވެ. އީގަލްސްއަށް ލީޑް ނަގައިދިނީ މުހައްމަދު ނާއިމް އެވެ. 61 ވަނަ މިނެޓްގައި އޭނާ ލަނޑު ޖެހީ ޔޫވީގެ ޑިފެންސަށް ހެދުނު ބޮޑު މިސްޓޭކަކުން ތަނަވަސްވި ބޯޅައިންނެވެ. އީގަލްސްގެ ތިން ވަނަ ލަނޑު 71 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޔަމަންގެ ފޯވަޑް އުސާމް އަހްމަދު ހިޒާމް އެވެ. ޔޫވީގެ ލަނޑު 82 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އަނޮޓޮލީ އެވެ.