ދިވެހި ފުޓްބޯޅައަށް ދެރަ ލިބޭ ކޮންމެ ފަހަރަކު ފުޓްބޯޅަ ކޮމިއުނިޓީން ކުރާ މަސައްކަތަށް، ގައުމީ ޓީމުގެ ފޯވަޑް އަދި ކުލަބު ވެލެންސިއާ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ތައުރީފް ކޮށްފި އެވެ.
ދިވެހި ޕްރިމިއާ ލީގް ކުރިއަށް ގެންދިއުމަށް، އެޗްޕީއޭއިން ދިން ހާއްސަ ހުއްދައާއެކު ކޮވިީޑް-19 ގެ ގައިޑްލައިނާ އެއްގޮތަށް ކުރިއަށް ދަނިކޮށް ކުއްލިއަކަށް ލީގް މެދުކަނޑާލަން އެޗްޕީއޭއިން އެނގުމުން ފުރަތަމަ ޑިވިޝަންގެ ކުޅުންތެރިން އިސް ނަގައިގެން މީޑިއާއާ ބައްދަލުކޮށް ކަންބޮޑުވުން ވަނީ ފާޅުކޮށްފަ އެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އަޝްފާގް ބުނީ، ފުޓްބޯޅައަށް ދެރައެއް ލިބޭ ކޮންމެ ފަހަރަކު ކުލަބުތަކާއި ކުޅުންތެރިންނާއި މުޅި ފުޓްބޯޅަ ކޮމިއުނިޓީ އިސް ނަގައިގެން، އެ ކަންކަން ހައްލު ކުރަން ކުރާ މަސައްކަތަކީ ނަމޫނާ މަސައްކަތެއް ކަމަށެވެ.
"ފުޓްބޯޅައަށް ދެރައެއް ލިބޭ ކޮންމެ ފަހަރަކު އެންމެން އެކައްޗެއް ކިޔައި އެއްގޮތެއްގައި ނުކުމެ ކުރާ މަސައްކަތަކީ ތައުރީފް ހައްގު މަސައްކަތެއް." މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަމުން އަޝްފާގް ބުންޏެވެ.
ދިވެހި ޕްރިިމިއާ ލީގް ކުއްލިއަކަށް ހުއްޓާލަން ޖެހުމުން، ފުޓްބޯޅައަށްޓަކައި ތެދުވެ ބަސް ބުނުމުން ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް އާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށް އަޝްފާގް ވަނީ ޝުކުރު އަދާ ކުރާކަން ހާމަ ކޮށްފަ އެވެ.
އޭނާ ބުނީ، ޑިސެމްބަރު މަހު ފުޓްބޯޅަ ސީޒަން ފެށުނީ މިނިސްޓަަރު މަހްލޫފް އާއި އެފްއޭއެމްގެ ރައީސް ބައްސާމްގެ ކުރެއްވި ބުރަ މަސައްކަތުން ކަމަށެވެ. އަދި މިހާރު ކުރިމަތިވެފައިވާ ހަލަތު ހައްލު ކުރުމުގައިވެސް މަހްލޫފާއި ބައްސާމް ކުރާ މަސައްކަތް ފާހަގަ ކުރާ ކަމަށް އަޝްފާގް ބުންޏެވެ.
ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި ހާއްސަކޮށް ކޮވިޑްގެ ބަލިމަޑުކަމުގައި ފްރޮންޓްލައިންގައި މަސައްކަތް ކުރާ އެންމެހާ ފަރާތްތަކުގެ ބުރަ މަސައްކަތް އަޝްފާގް ވަނީ ފާހަގަ ކޮށްފަ އެވެ. އަދި ވީ އެންމެ އަވަހަކަށް ކުލަބަތަކުގެ ޕްރެކްޓިސް ފެށުމަށް ހުއްދަ ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށް އޭނާ ބުންޏެވެ.