ރާއްޖެ ކުޅިވަރު

ކުލަބުތައް ރެގިއުލޭޓްކުރުމަކީ ބޮޑު ޗެލެންޖެއް. މިނާނީ އެއްނާޅިއަކުން: ޑޭވް

ކުލަބު ޖަމިއްޔާތަށް ރެގިއުލޭޓް ކުރުވުމަކީ ވަރަށް ބޮޑު ޗެލެންޖެއް ކަމަށާއި އެކަންކުރުމަށް އެއްވެސް ބަޔަކަށް ހާއްސަކޮށް ގޮތެއް ނުބާއްވައި މިނާނީ އެއްނާޅިއަކުން ކަމަށް ކޮމިޝަނާ އޮފް ސްޕޯޓްސް އަހުމަދު ނަޝީދު (ޑޭވް) ވިދާޅުވެއްޖެ އެވެ.

އަވަސް އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ މިކަން ބޮޑު ޗެލެންޖަކަށްވަނީ މުޅިން އާބަދަލަކަށްވާތީ ކަމަށެވެ.

"ފަށައިގަންނަން ވެސް އުނދަގޫވާނެ. އެއްވެސް ބަޔަކަށް ޗޭންޖް ބަލައިގަންނާކަށް ފަސޭހައެއްނުވާނެ. އެކަމަކު މިކަން ކުރާނަން. މިއީ ކުރަން ޖެހިފައި އޮތް ކަމެއް. ފުރަތަމަކޮޅު އުނދަގޫވިޔަސް އަޅުގަނޑު ގަބޫލުކުރަނީ އަހަރެއްހާ ދުވަސްވީމަ މިކަމަށް ފަރިތަވެ، ރަނގަޅުވާނެ ކަމަށް،" ރާއްޖޭގެ އެންމެ ފުރަތަމަ ސްޕޯޓްސް ކޮމިޝަނަރު ވިދާޅުވި އެވެ.

ޑޭވް ވިދާޅުވީ ގާނޫނީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަންނުކޮށް، އެއްވެސް ހަރަކާތެއްވެސްނެތި އެތައް ކުލަބު ޖަމިއްޔާއެއް ހަތަރު ފަސް އަހަރު އެބަތިބި ކަމަށާއި ނަމަވެސް ކުޅިވަރު ކުރިއަރައި ސަރުކާރުން ބޭނުންވާފަދައިން ޒުވާނުންނަށް ފުރުސަތު ހާސާވާނީ ކުލަބުތަކުގެ ހިންގުން ވެސް ހަރުދަނާކޮށްގެން ކަމަށެވެ.

"ކުޅިވަރު ކުޅެންޏާ ޑިސިޕްލިން ހުންނަން ޖެހޭނެ. އެޑިސިޕްލިން ހިފެހެއްޓޭނީ ކުލަބުތަކުގެ ހިންގުން ވެސް ހަރުދަނާވެގެން. ގާނޫނުގައި ބުނާ ކަންކަން ބަރާބަރަށް ފުރިހަމަކުރަންވާނެ. ރާއްޖޭގައި އެބަހުރި ވަރަށް ރަނގަޅަށް މިދެންނެވި ކަންކަން ފުރިހަމަކޮށް ހިންގާ ކުލަބުތައް ވެސް. ހަގީގަތުގައި ރަނގަޅަށް ހިނގަންޏާ ކުލަބުގެ ރައީސް ނުޖެހޭނެ ސިޓީލިޔާކަށް. އެސިޓީ ހިފައިގެން ހިނގާކަށް،" ޓީސީ ސްޕޯޓްސް ކުލަބުގެ ހިންގުމަށް ޒަމާނީ ބަދަލުތަކެއް ގެނެސްދެއްވައި ފުޓްބޯޅައިގެ ފުރަތަމަ ޑިވިޝަނުގެ ނުފޫޒުގަދަ ބަޔަކަށް އެކުލަބު ހަދައިދެއްވި ޑޭވް ވިދާޅުވި އެވެ.

ކޮމިޝަނަރު ވިދާޅުވީ ކުރިން އޭނާ އަކީ ކުރިން ކުލަބަކަށް ނިސްބަތްވެވަޑައިގެންނެވި ބޭފުޅަކަށްވި ނަމަވެސް ކޮމިޝަން ހިންގުމުގައި ވަކިހާއްސަ ގޮތެއް އެއްވެސް ބަޔަކަށް ނޯންނާނެ ކަމަށެވެ.

"އަހަރެން ގޮތް ހިފަހައްޓާނަން. ޓީސީގައި އެކަން ކުރިން. އެކަން ޓީސީގައި އުޅުނު މީހަކަށްވިއްޔާ އެނގޭނެ. ބައެއް ފަހަރު އެކަމާ ރުޅިވެސް އަންނާނެ. (ކޮމިޝަނުގައި ވެސް) އަހަރެންގެ އަމާޒަކީ ބައިބަލާ ކުޅުނަސް، މަންޑި ކުޅުނަސް އަދި އަޅުގަނޑުމެން ކުޑައިރު ކުޅުނު އަކުންބަކުން ފަދަ ކުޅިވަރެއް ކުޅުނަސް ގާނޫނުގައި ބުނާކަންކަން ކުލަބުތަކުގައި ފުރިހަމަވާންޖެހޭނެއޭ. ކުލަބުތަކުގެ ހިންގުން ހަރުދަނާ ކުރުމަށް އަހަރެން ނުބަލާނަން އެއީ ޓީސީތޯ، ބީޖީތޯ ނުވަތަ ކުޑަހެންވޭރުތޯ، އެނޫން ޓީމެއްތޯ. އެންމެނަށް މިނާނީ އެއްނާޅިއަކުން،" ޑޭވް ވިދާޅުވި އެވެ.

ރާއްޖޭގައި ހިންގާ ގައުމީ އެސޯސިއޭޝަންތަކަކީ ބައިނަލް އަގްވާމީ ޖަމާއަތްތަކާ އެފިލިއޭޓްވެގެން ހިންގާތަންތަނެވެ. ޑޭވް ވިދާޅުވީ އެފަދަ އެސޯސިއޭޝަންތަކުން އެންމެ ބޮޑަށް ބަލަންޖެހޭނީ އެފިލިއޭޓެޑް ފެޑަރޭޝަނުގެ ގަވާއިދަށް ކަމަށާއި ނަމަވެސް ރާއްޖޭގައި ހިންގާތީވެ ބޯލަބަންޖެހޭ ގަވާއިދުތަކެއް ވެސް ހުންނާނެ ކަމަށެވެ.

"އިންޓަނޭޝަނަލް އެފިލިއޭޝަނަކީ ތަފާތު އެއްޗެއް. އެފްއޭއެމު ފަދަ ތަންތަނުން ބޮޑަށް ބަލަންޖެހޭނީ ފީފާގެ ގަވާއިދަށް. އެކަމަކު ފީފާގެ ގަވާއިދާ ފުށުނާރަންޏާ ރާއްޖޭގެ ގަވާއިދުތަކުގައި ވެސް ހުންނާނެ އެމީހުން ވެސް ބަލައިގަންނަންޖެހޭ ކަންތައްތަކެއް،" ޑޭވް ވިދާޅުވި އެވެ.

ކުޅިވަރުގެ ގާނޫނުގެ ދަށުން ސްޕޯޓްސް ކޮމިޝަން އުފައްދަވައި ކޮމިޝަނަރަކަށް ޑޭވް ހަމަޖެއްސެވީ މިއަހަރުގެ އޭޕްރީލްމަހު އެވެ. ޑޭވް ވިދާޅުވީ ކޮމިޝަނުގެ މަސައްކަތްތައް ވަރަށް އަވަހަށް ފަށައިގަތުމަށް މިހާރުވަމުންދަނީ އެންމެފަހުގެ ތައްޔާރީތައް ކަމަށެވެ.