ޓޫރިޒަމް

ރާއްޖޭގައި ސައުތު އޭޝިއަން ޓްރެވަލް އެވޯޑް ބާއްވަން މަޝްވަރާކޮށްފި

Aug 4, 2016

ރާއްޖޭގައި ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) ބާއްވަން، ޓްރެވަލް އެޖެންޓްސް މޯލްޑިވްސް (އަޓާ) އިން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުއާ ބައްދަލުކޮށް މަޝްވަރާ ކޮށްފި އެވެ.

އަޓާ އިން ބުނި ގޮތުގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއެކު ބޭއްވި ބައްދަލުވުމުގައި ސައުތު އޭޝިޔާ އަން ޓްރެވަލް އެވޯޑްސްގެ ޕްރެޒިޑެންޓް ތުއާން ސަބީރު ވެސް ބައިވެރިވެ ވަޑައިގެންނެވި ކަމަށެވެ. މި ބައްދަލުވުމުގައި އަޓާގެ ދެ ނާއިބް ރައީސުން ކަމަށްވާ ޝައުޝާން ޝަފީގާއި މުހައްމަދު އަލީގެ އިތުރުން ސެކްރެޓަރީ ޖެނެރަލް މުހައްމަދު މިޝާދު ވެސް ބައިވެރިވެ ވަޑައިގަތެވެ.

"އަވަސް" އަށް ވާހަކަ ދައްކަވަމުން އަޓާގެ ނާއިބް ރައީސް ޝައުޝާން ޝަފީގު ވިދާޅުވީ ރާއްޖޭގައި ޓްރެވަލް އެވޯޑު ބޭއްވުމަށް ޓޫރިޒަމް މިނިސްޓަރު ހުންނެވި ވަރަށް ޕޮޒިޓިވްކޮށް ކަމަށެވެ.

"މިކަމަކީ ޑެސްޓިނޭޝަން ޕްރޮމޯޓްވާނެ ކަމަށްވާތީ ވަރަށް ޕޮޒިޓިވްކޮށް މިނިސްޓަރު ޒަމީރު ހުންނެވީ. މި ބައްދަލުވުމުގައި އިންޑަސްޓްރީއަށް ދިމާވާ ގޮންޖެހުންތަކާ މެދުވެސް މަޝްވަރާ ކުރެވުނު،" ޝައުޝާން ވިދާޅުވި އެވެ.

ސަޓާ އެވޯޑަކީ އޭޝިޔާ ސަރަހައްދުގެ ގިނަ ގައުމުތަކަށް ކުރިމަތިލެވޭ ގޮތަށް ކުރިމަތި ލެވޭ ގޮތަށް ބާއްވާ އެވޯޑެކެވެ. މި އެވޯޑު މި އަހަރު ބާއްވަނީ ސްރީލަންކާގަ އެވެ.