ކުނީގެ މައްސަލައަކީ ދިވެހިން އެކަމުން މިންޖު ނުވެވިގެން އުޅޭ ބޮޑު މައްސަލައެކެވެ. ދިވެހި ކަނޑުތަކާއި ފަރުތަކުގެ ބަގީޗާ ހަލާކުވެ ނެތި ދިއުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވެސް ކުނީގެ ސަބަބުން ކުރިމަތިވާ މައްސަލައެވެ.
މިމައްސަލައިން އަރައި ގަތުމަށް ރާއްޖޭގައި ތަފާތު އެކި ޕްލޭންތަކެއް ކުރެވި ބައެއް މަޝްރޫތައް ވެސް ހިންގާފައި އެބަހުއްޓެވެ. އަދިވެސް ހިންގަނީ އެވެ. "އޮތް ހައްލަކީ ރިސައިކަލް" ކުރުމެވެ. މިއީ އެންވާރުމެންޓަލިސްޓުންނާއި ރާއްޖޭގެ ކަމާގުޅޭ ދާއިރާތަކުގެ ޓެކްނިކަލް ފަރާތްތަކުން ދައްކާ އެއް ވާހަކައެވެ.
ކުނި މެނޭޖު ކުރާ ވާހަކައެވެ. ދިވެހިން ތިބީ އެވާހަކަ ދައްކާލަ ދައްކާލައެވެ. ކުނިން ފުނިޖެހިފައިވި ރަށްތަކުގެ ގޮނޑުދޮށް ތައް ކުނިން ސަލާމަތް ކުރުމަށް ކުރެވުނު ގިނަ މަސައްކަތް ރަށުގެ ގޮނޑުދަށަށް ބީއްސާލި ރާޅަކުން ހަރާބުވެގެން ދިޔައީއެވެ. ކުނި މެނޭޖެއް ނުކުރެވުނެވެ. ރިސައިކަލް ކުރުމުގެ ވާހަކަތައް ވެސް ބާރު މިނުގައި ދެއްކި ނަމަވެސް ރިސައިކަލް ކޮށްގެން ދިވެހިންގެ އަތަށް ލިބުނު ހަރު އުފެއްދުމެއް ނެތެވެ. ދުނިޔޭގައި ވެސް އޮންނާނެ އެންމެ ބޮޑު ކުނީގެ ރަށް އޮތީ ވެސް ރާއްޖޭގަ އެވެ.
ނިމެމުން މިދާ ހަފުތާގެ މެދު ތެރެއިން ނޫސްތަކުގެ ސްރުހީއަށް އެރީ ދުނިޔޭގެ މަޝްހޫރު ކުޅިވަރު ސާމާނު އުފައްދާ ކުންފުނި އެޑިޑާސްއިން، ދިވެހިން އުކާލާ ކުނި ބޭނުންކޮށްގެން ހެދި ބޫޓެއް ރައީސް އަބްދުﷲ ޔާމީން އަތްޕުޅަށް އެރުވި ޚަބަރެވެ. ދިވެހިން އުކާލާ ކުނިން އެޑިޑާސްއިން ދިވެހިންނަށް ހަދިޔާއެއް ދިނީ އެވެ.
މިބޫޓާއެކު، މި ބޫޓް އުފެއްދުމަށް އެޑިޑާސްއިން ކުރި މަސައްކަތް ބަލައިލުމުގެ ޝައުގުވެރިކަން އެ ޚަބަރު ނޫސްތަކުން ފެނުނު ގިނަ ބަޔަކު ފާޅު ކުރިއެވެ.
ދިވެހިން އުލާ ކުނި އެޑިޑާސްގެ ކާރުހާނާ ތަކުގެ ދޮރާ ހަމަޔަށް ގެންގޮސްދިނުމުގައި މެދުވެރިޔަކަށްވީ ދިވެހި ޖަމާއެކެވެ. ތިމާވެއްޓާއި ކަނޑުގެ ގުދުރަތީ ދިރުންތައް ރައްކާތެރި ކުރުމަށް އާންމުން ހޭލުންތެރިން އުފެއްދުމަށް މަސައްކަތް ކުރާ "ބަޔޯޑައިވާސިޓީ އެޑިޔުކޭޝަން އެންޑް އެވެއާނަސް" (ބީމް) އެވެ.
އަވަސްއާ ވާހަކަ ދައްކަވަމުން ބީމްގެ ފައުންޑާ މެންބަރު ޝާހީނާ އަލީ ވިދާޅުވީ ބީމް ގުޅިފައިވަނީ ދުނިޔޭގެ ކަނޑުތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ބައިނަލްއަގްވާމީ ޖަމާއަތެއް ކަމަށްވާ (ޕާލް) އާއެވެ. ބީމްއިން ދަނީ ޕާލޭއާ ގުޅިގެން ކަނޑުތަކުގެ ދިރުންތައް ހިމާޔަތް ކުރުމަށްޓަކައި އެކި ޕްރޮޖެޓްތައް ރާއްޖޭގައި ހިންގަމުންނެވެ.
ބީމް މެދުވެރިކޮށް ރާއްޖޭގެ ގޮނޑުދޮށް ތަކުން ނަގާފައިވާ ފަސް މިލިޔަން ހަ ސަތޭކައަށްވުރެ ގިނަ ޕްލާސްޓިކް ފުޅި އެޑިޑާސް ކުންފުނީގެ ކާރުހާނާ ތަކަށް ވަނީ ޕާލޭއިން ގެންގޮސްފަ އެވެ. ޕާލޭއިން އެޑިޑާސްއަށް ފޯރުކޮށްދެނީ ހަމައެކަނި ރާއްޖޭގެ ސަރހައްދުން ނާގާ ކުންޏެއް ނޫނެވެ. މިކަމަށް އެމީހުން ހާއްސަކޮށްފައިވަނީ މަސްވެރިކަމަށް ބަރޯސާވެފައިވާ ކަނޑުގެ ސަރަހައްދާ ގުޅިފައިވާ ކުދި ގައުމުތަކެވެ. އެގޮތުން އެޑިޑާސްގެ މި އުފެއްދުމަށް ސާމާނު ހޯދުމުގައި ޕާލޭގެ އެންމެ ލިސްޓްގެ އެންމެ އޮތީ ދިވެހިރާއްޖޭގެ ނަމެވެ. އެއަށްފަހު ކެރީބިއަން ކަނޑުގައި އޮންނަ، މައިގަނޑު ހަ ރަށެއްގެ މައްޗަށް އުފެދިފައި އޮންނަ ގްރޭނޭޑާ އާއި ޖަމައިކާއެވެ.
ދުނިޔޭގެ ކަނޑަށް އުކާލާ ބޭކާރު ޕްލާސްޓިކާއި ދަލުން ބޫޓެއް އުފެއްދުމުގެ ހިޔާލު މިދިޔަ އަހަރު އެ ކުންފުނި ވަނީ ގެންގުޅެފަ އެވެ. އެ ހިޔާލުގައި ހަގީ ކުލަ ޖެއްސައި ބޫޓެއް ފަރުމާ ކުރުމުގެ އަމަލީ މަސައްކަތް ފެށުނީ ޕާލޭ އެހީތެރި ކަމާއެކު ކަން އެޑިޑާސްއިން ފާހަގަ ކުރެއެވެ.
މި ރީތި ބޫޓާއެކު ކަނޑުތަކަށް އުކާލާ ކުނީގެ ނިސްބަތް ހާމަވެގެން ދެއެވެ. އެޑިޑާސްއިން ފާހަގަ ކުރާ ގޮތުގައި ދުނިޔޭގެ ކަނޑަށް އެޅޭ ނުވަތަ އުކާލާ ކުނި ބޭނުންކޮށްގެން ބޫޓެއް އުފެއްދޭ ފައިބަރުގެ މާއްދާތަކަށް ބަދަލު ކުރުމަކީ ބުރަ މަސައްކަތެކެވެ.
މިއިން ކޮންމެ ބޫޓެއް ހެދުމަށް 16 ޕްލާސްޓިކް ފުޅިއާއި މަސް ހިފާ ދަލުގެ މާއްދާތަކުގެ 13 ގްރާމް ވަނީ ބޭނުންކޮށްފައެވެ. ޕާލޭއިން ވަނީ ކުނީގެ ގޮތުގައި ދުނިޔޭގެ ކަނޑުގެ ސަރަހައްދުތަކުން އެތައް ރޯލެއްގެ ދާ ވެސް ނަގާފަ އެވެ.
ޕްލާސްޓިކް ފުޅި ބޫޓް އުފެއްދޭ ފައިބަރުގެ މާއްދާއަށް ބަދަލު ކުރުމަކީ ފަސޭހަ ކަމަކަށް ވިޔަސް މަސް ހިފުމަށް ބޭނުން ކުރި ދާ އެ މާއްދާއަށް ބަދަލު ކުރުމަކީ އުނަދަގޫ މަސައްކަތެކެވެ. އެއީ އެ ދާ ތަކަކީ ކަނޑު މަސްހިފުމަށް ބޭނުންކޮށްފައިވާ ދަ ތަކުގެ ސަބަބުން އޭގައި ހިފާފައިވާ މަހުގެ ވަސް ފިލުވަން އުނދަގޫވުމުންނެވެ. އަނެއް ކަމަކީ އެ ދާތައް ސާފްކޮށް، ކަނޑުތަކުން މަސް ހިފުމަށް ބޭނުން ކުރާ ދާތައް ތައްޔާރު ކޮށްފައި ވަނީވެސް އިތުރަށް ނައިލޯންގެ މާއްދާ ހިމަނައިގެން ކަމަށްވުމުން ބޫޓް އުފެއްދޭ ފެންވަރަށް ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ބުރައެވެ.
އަދި ބޫޓްގައި ފަހައިގެން ބޭނުން ކުރާ ގޮތަށް ހިމެނުމަށް މި ދާތައް ތިނޯހަށް ލައްވައިގެން ފެހުމުގެ މަސައްކަތަކީވެސް ބުރަ އަދި ވަގުތު ހޭދަވާނެ މަސައްކަތެއްކަން އެޑިޑާސްއިން ފާހަގަ ކުރެއެވެ.
މަސައްކަތުގެ ބުރަކާމާއި މިމަސައްކަތައް ސާމާނު ހޯދުމުގައި ފުންކަނޑުތައް ފީނަން ޖެހުނަސް ޕާލޭއާއި އެޑިޑާސްއިން މަސައްކަތުގެ ވަރުބަލި ކަމެއް، ފުހީ ކަމެއް ނުދައްކައެވެ. ކުންޏާއި ހެދި ކަންބޮޑުވެ، ދިވެހިން ކުނިން ސަލާމަތް ނުވެ އުޅެނިކޮށް އެޑިޑާސްއިން މިވަނީ ދިވެހިން ރަކި ކޮށްލާފައެވެ. ބީމްއާއި ޕާލޭއާއި އެޑިޑާސްއަށް ސާބަހެވެ.