ރާއްޖެ ކުޅިވަރު

އިންތިހާބުގެ މައްސަލަ ބަލަން ވޮލީ އެސޯސިއޭޝަނުގެ އެއްބާރުލުމެއްނެތް!

ސިވިލް ކޯޓުން ވެސް ބަލަމުންދާ ވޮލީބޯޅަ އެސޯސިއޭޝަނުގެ އިންތިހާބުގެ މައްސަލަތައް ސްޕޯޓްސް ކޮމިޝަނުން ބެލުމަށް ވޮލީ އެސޯސިއޭޝަނުން އެއްބާރުލުން ދެމުންނުދާކަން އެމައްސަލާގައި ޝާމިލްވާ ފަރާތްތަކުން ތުހުމަތުކޮށްފި އެވެ.

ނަން ހާމަކުރަން ނޭނދޭ ކުޅިވަރުގެ އިސްބޭފުޅަކު ވިދާޅުވީ ވޮލީ އިންތިހާބުގައި ޖެހިފައިވާ މައްސަލަތަކުގެ ތެދުދޮގު ދެނެގަތުމަށް އެސޯސިއޭޝަނާ ބައްދަލުކުރަން ސްޕޯޓްސް ކޮމިޝަނުން ވެސް އެދިފައިވާ ކަމަށެވެ. ނަމަވެސް ޑީއާރުޕީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް)އާ ވާދަކޮށް ދެފަހަރެއްގެ މަތީން ނަތީޖާ ހަމަހަމަވުމުން ވޮލީ އެކްސްކޯއިން ވޯޓުލައިގެން ތިން ވަނަ ދައުރަކަށް ހޮވުނު ހޮވިވަޑައިގެންނެވި މިހާރުގެ ރައީސް މުހައްމަދު ރިޔާޒްއާ އެކަމަށް ފުރުސަތު ފަހުކޮށްދީފައިނުވާ ކަމަށެވެ.

"ރިޔާޒް ބައްދަލުނުކުރައްވާ. ވިދާޅުވަނީ ކޮންމެވެސް ބިޒީކޮށް އުޅުއްވާކަމަށް. މިހެންވެ މިހާރުވަނީ އެމީހުން ބޭނުންވާ ލިޔެކިއުންތައް އާދީއްތަ ދުވަހުގެ ނިޔަލަށް ފޮނުވައިދޭން ވޮލީ އެސޯސިއޭޝަނަށް ސިޓީ ފޮނުވާފައި. އެސިޓީގެ ޖަވާބުއަދިވެސް ނުދޭ،" ވޮލީތެރޭގައި ގިނަ ދުވަސްތަކެއްވަންދެން އުޅުއްވާފައިވާ އޮފިޝަލް ވިދާޅުވި އެވެ.

ނަމަވެސް މިކަމާ ބެހޭ ގޮތުން މިވަގުތު އެއްވެސް ވާހަކައެއް ދައްކަވަން ސްޕޯޓްސް ކޮމިޝަނަރު އަހުމަދު ނަޝީދު (ޑޭވް) ބޭނުންފުޅެއްނުވެ އެވެ. އޭނާއާ ގުޅުމުން ވިދާޅުވިހާ ވެސް ވާހަކައަކީ ވޮލީއިންތިހާބުގައި ހުރި މައްސަލަތައް ބަލަންޖެހޭ ކަމަށެވެ.

ރިޔާޒްގެ ބަސް:

ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ރިޔާޒް މިރޭ ވިދާޅުވީ ވަގުތުން ވަގުތަށް ޖަވާބުނުދެވިދިޔައީ އެކަމާ ގުޅޭ ބައެއް މުވައްޒަފުން ރަށުގައި ވެސް ނޫޅުއްވާތީ ކަމަށެވެ. ނަމަވެސް އެސޯސިއޭޝަނުން ކޮމިޝަނަށް ދޭންޖެހޭ މައުލޫމާތު އާދީއްތަ ދުވަހު ފޮނުވާނެ ކަމަށެވެ. އިތުރު ތަފްސީލު ދެއްވަމުން ވިދާޅުވީ ކޮމިޝަނުން ފޮނުވި ސިޓީގައިވާ ކަންކަން ބަލައިދޭން ކުޅިވަރުގެ ގައުމީ މަޖިލީހުގައި އެދިވަޑައިގެންފައިވާ ކަމަށެވެ.

އިންތިހާބުގެ މައްސަލަ

މީގެ ފަސްމަސް ކުރިން ބޭއްވި ވޮލީބޯޅަ އެސޯސިއޭޝަނުގެ އިންތިހާބުގެ މައްސަލަ ސިވިލް ކޯޓުގައި މިހާރުދަނީ ކުރިއަށެވެ. އަދި މިހާތަނަށް ހަތަރު އަޑުއެހުމެއް ނިމިފައިވާއިރު އިންތިހާބުގައި ވޯޓުލާފައިވާ ކުލަބުތަކުގެ ތެރެއިން ފަސް ކުލަބެއް ޝަރުތުހަމަނުވާ ކަމަށް މި މައްސަލަ ހުށަހަޅާފައިވާ ފަރާތުން ބުނެ އެވެ.
ވޮލީ އިންތިހާބުގެ މައްސަލަ ކޯޓަށް ހުށަހެޅީ އިންތިހާބުގައި ނާކާމިޔާބުވެވަޑައިގެންނެވި ކާނަލްއަށް ސަޕޯޓް ކުރާ ޓީމުންނެވެ. އެޓީމުގައި މިހާތަނަށް އެސޯސިއޭޝަނުގެ އިދާރީ މަސައްކަތްތައް ކުރެއްވި ބައެއް ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ. މިއިންތިހާބުން ކާނަލް އަށް ނާކާމިޔާބުވެވަޑައިގެންނެވީ ދެ ބުރަކަށް ކުލަބުތަކުގެ މެދުގައި ވޯޓުލުމުން ވެސް ރިޔާޒާ ދެ ބޭފުޅުން އެއްވަރުވުމުން އެވަގުތު އޮތް ހިންގާ ކޮމިޓީގެ މެމްބަރުންގެ މެދުގައި ވޯޓުލައިގެންނެވެ.

އިންތިހާބުގެ މައްސަލަ ކާނަލްގެ ޓީމުން ކޯޓަށް ހުށަހެޅިއިރު އެފަރާތުން ފާހަގަ ކޮށްފައިވަނީ ގަވާއިދާ ހިލާފަށް ބައެއް ކުލަބުތަކަށް މެމްބަޝިޕްދީ ވޯޓުލާން ފުރުސަތު ދީފައިވުމާއި ޝަރުތު ހަމަވާ ބައެއް ކުލަބުތަކަށް ވޯޓުދޭން ފުރުސަތު ދީފައިނުވާކަމެވެ. އަދި އިންތިހާބުގައި ވާދަކުރި ދެ ކެނޑިޑޭޓުން އެއްވަރުވުމުން، އެވަގުތު އޮތް ހިންގާ ކޮމިޓީގެ މެމްބަރުންގެ މެދުގައި ވޯޓުލައިގެން އިންތިހާބުގެ ނަތީޖާ ކަނޑަ އެޅުމަކީ އިންސާފުން އެއްކިބާވުން ކަމަށެވެ.

އަދި އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ހިންގާ ކޮމިޓީގެ މެމްބަރުން ވޯޓުލާން ޖެހޭކަން ކުރިން އެނގިފައިނުވުމާއި ހިންގާ ކޮމިޓީއަކީ ރައީސް މުހައްމަދު ރިޔާޒް ކޮންޓްރޯލް އޮތް ތަނަކަށްވާއިރު އެފަދަ ހާލަތެއްގައި ދެ ކެނޑިޑޭޓުންނަށް ކެމްޕޭން ކުރަން ވަގުތު ދީފައި ނުވުން ވެސް ފާހަގަކޮށްފައިވެ އެވެ.

ވޮލީ އެސޯސިއޭޝަންގެ އިންތިހާބު ފެށުމުގެ ކުރިން ކާނަލް ވަނީ ބައެއް ކުލަބުތަކަކީ ގަވާއިދާ ހިލާފަށް މެމްބަރުޝިޕް ދީފައިވާ ކުލަބުތައް ކަމަށް ބުނެ ރިޔާސަތުން އެކަން ބައްލަވައި ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

ވޮލީގެ ރައީސްކަމަށް ކުރީގެ ޖެނެރަލް ސެކްރެޓަރީ ރިޔާޒް އެންމެ ފުރަތަމަ ވަޑައިގެންނެވީ ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން 2008 ވަނަ އަހަރު އެވެ. އަދި 2012 ވަނަ އަހަރު ބޭއްވި އިންތިހާބު ވެސް އޭނާ ކާމިޔާބު ކުރެއްވީ ވަރަށް ފަސޭހަކަމާއެކުގަ އެވެ. ރިޔާޒަކީ ކުރިން ރާއްޖޭގެ އެއްވަނަ ވޮލީ ރެފްރީ އެވެ.