ވިޔަފާރި

ޗައިނާ ޓޫރިސްޓުން އިތުރުކުރަން ހާއްސަ މަސައްކަތް ތަކެއް ފަށަނީ

Aug 7, 2016
1
  • ބޮޑެތި ޓުއާ އޮޕަރޭޓަރުންނާ ގުޅޭނެ
  • އިތުރު ރޯޑްޝޯވް، ފެއާތަކުގައި ބައިވެރިވާނެ
  • މާކެޓު ރަނގަޅުވާނެ ކަމަށް އުންމީދު ބޮޑު

ޗައިނާ ޓޫރިސްޓުން އިތުރުކުރަން ހާއްސަ މަސައްކަތް ތަކެއް ފަށަން ތައްޔާރުވަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

"ރާއްޖޭގެ ހަތްލައްކަ ފަންނާސް ހާސް" ވަނަ ޓޫރިސްޓަށް މަރުހަބާ ކިޔުމަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގެ ވީއައިޕީ ލައުންޖުގައި ބޭއްވި ރަސްމިއްޔާތަށްފަހު ބޭއްވި ނިއުސް ކޮންފަރެންސުގައި "އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޒަމީރު ވިދާޅުވީ މި އަހަރު ޗައިނާގައި ބާއްވާ ދެ ފެއާއަކާއި އިތުރު ރޯޑް ޝޯވްތަކެއްގައި ބައިވެރިވުމުގެ އިތުރުން ވެސް ބައެއް މަސައްކަތްތައް ކުރުމަށް ރާވާފައިވާ ކަމަށެވެ.

"އެމްބެސެޑަރުގެ އިސްނެންގެވުމާއެކު މޯލްޑިވިއަން އިން ޗައިނާ ޓުއާ އޮޕަރޭޓަރުންނާ އެބަ ވާހަކަ ދެކެވޭ. ބައެއް ބޮޑެތި ޓުއާ އޮޕަރޭޓަރުންނާއެކު މަސައްކަތްތަކެއް ކުރުން. މީގެ ދަށުން ސެޕްޓެމްބަރު ހިސާބު އެބައޮތް. ސެޕްޓެމްބަރު ހިސާބު މަސައްކަތް ފެށޭނެ ކަމަށް މި ބަލަނީ،" ޒަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޗައިނާ މާކެޓު ވޭތުވެދިޔަ ދެ އަހަރެއް ތެރޭގައި ވަރަށް ބޮޑުތަން އިތުރުވި، ކަމަށާއި ނަމަވެސް މިހާރު ހަމައަކަށް އެޅިފައިވާ ކަމަށެވެ.

"ލޯސީޒަން މިދަނީ ނިމެމުން. އިތުރު އެއާލައިންތައްވެސް އޮޕަރޭޓް ކުރަން ފަށާނެ. އެހެންވެ އިރާދުކުރެއްވިއްޔާ މި ބަލަނީ ރަނގަޅު ވާނެ ކަމަށް،" ޒަމީރު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ޗައިނާއިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 31،965 ޓޫރިސްޓުންނެވެ. ނަމަވެސް މި އަހަރުގެ މި މުއްދަތު (ޖޫން މަހު) ރާއްޖެއަށް ޒިޔާރަތް ކުރީ 28،653 ޓޫރިސްޓުންނެވެ. މިއީ ގާތްގަނޑަކަށް 10 ޕަސެންޓުގެ ދަށްވުމެކެވެ.