ވިޔަފާރި

މުސްތަގުބަލުގައި ނ. އަތޮޅު އިންޑިއާ ކަނޑުގެ އެންމެ އަގުބޮޑު ޓޫރިޒަމް ޒޯނަށް ވާނެ: ޒަމީރު

Aug 14, 2018
3

މާފަރު އެއާޕޯޓު ހުޅުވިގެން ދިއުމާއެކު، މުސްތަގުބަލުގައި ނ. އަތޮޅަކީ އިންޑިއާ ކަނޑުގައި އޮތް އެންމެ އަގު ބޮޑު ޓޫރިޒަމް ޒޯނަށް ވެގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ޓެސްޓް ފްލައިޓެއް ޖެއްސުން ފާހަގަ ކުރަން، ނ. މާފަރުގައި ހުންނަވާ މިނިސްޓަރު ޒަމީރު ވިދާޅުވީ މާފަރު އެއާޕޯޓަށް ޓެސްޓް ފްލައިޓެއް ޖެއްސުމާއެކު، ދެން ބާކީ ހުރި މަސައްކަތްތައްވެސް އަންނަ މަހު އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

"ރައީސް އަބްދުﷲ ޔާމީންގެ އެއް ވައުދު މިރަށުގައި [މާފަރު] ގައި އެއާޕޯޓެއް އަޅަން. އެހެންވެ އިރާދުކުރެއްވިއްޔާ އެ ވައުދު މިއޮތީ ފުއްދިފައި. މިތަނަށް ޓެސްޓް ފްލައިޓް ޖެއްސިއްޖެ. އިރާދުކުރެއްވިއްޔާ އަންނަ މަހުގެ މެދުތެރޭގައި މި ތަނަށް ފްލައިޓް ޖެއްސޭތޯ މި ދަނީ ބަލަމުން،" މާފަރު އެއާޕޯޓު ރަންވޭ މަތީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އާއި ސިވިލް އޭވިއޭޝަން އަދި ރީޖަނަލް އެއާޕޯޓާއި މި މަޝްރޫއު ކުރިއަށް ގެންދާ އަބޫދާބީ ކުންފުނީގެ ވެރިން ގޮވައިގެން މާފަރަށް ދިޔަ ފުރަތަމަ ފްލައިޓް މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާފައިވަނީ މިއަދު ހަވީރު 3:46ގަ އެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މަރުއޫފު ވިދާޅުވީ މިއަދަކީ ނ. އަތޮޅުގެ ރައްޔިތުންނަށް ލިބިގެން ދިޔަ ބޮޑު އުފަލެއް ކަމަށެވެ.

"މިއީ އިގްތިސާދުގެ ދޮރާށި. ނ. އަތޮޅަށް ރައީސް ޔާމީން ވެލެއްވި ވައުދުފުދިގެންދާ ދުވަސް މިއީ. އެހެންވެ، ރައީސް ޔާމީނަށް ޝުކުރު އަދާ ކުރަން. މި އެއާޕޯޓާއެކު މުޅި އަތޮޅަށް ވެސް ގިނަ ފައިދާތަކެއް ކުރާނެ. މިއީ 15 އަހަރުގެ ދިގު އިންތިޒާރެއްގެ ނިމުން. މި އެއާޕޯޓް ހުޅިވިގެން ދާ ދުވަހު މާ އުފާވާނެ،" އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު، މައުރޫފު ވިދާޅުވި އެވެ.

މި އަތޮޅަކީ ރާއްޖޭގެ އެންމެ މަތީ ފަންތީގެ ޓޫރިސްޓު ރިސޯޓުތައް ހިންގާ އެއް އަތޮޅެވެ. މި އަތޮޅުގައި ހިންގާ މަޝްހޫރު ރިސޯޓުތަކުގެ ތެރޭގައި ސޮނޭވާ ޖާނީ އާއި ވެލާ ޕްރައިވެޓް އައިލެންޑް އަދި މަޝްހޫރު ޝެވަލް ބްލޮންކް ރަންދެލި ރިސޯޓު ހިމެނެ އެވެ.

އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއްގެ ދަށުން ހަދާ މި އެއާޕޯޓް ނިމޭއިރު، އެންމެ ބޮޑެތި މަތިންދާ ބޯޓްތައް ކަމަށްވާ އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭނެ އެވެ. އެ ރަށުގައި އަޅަނީ 2،200 މީޓަރު ދިގު 40 މީޓަރު ފުޅާ ރަންވޭ އެކެވެ. އަދި ރަންވޭ އާއެކު ހިތްގައިމު ޓާމިނަލްއަކާއި ވީއައިޕީ ލައުންޗެއް ވެސް އަޅާނެ އެވެ.