ވިޔަފާރި

މާފަރު އެއާޕޯޓުގެ ތާރު މަސައްކަތް ނިމި، ޓެސްޓް ފްލައިޓް ޖައްސަން ތައްޔާރު ވަނީ

Aug 5, 2018
2

ނ. މާފަރުގައި ހަދާ އިންޓަނޭޝަނަލް އެއާޕޯޓްގައި ތާރު އެޅުމުގެ މަސައްކަތް ނިންމާލައި ޓެސްޓް ފްލައިޓް ޖައްސަން ތައްޔާރުވެއްޖެ އެވެ.

ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރު ޖެނެރަލް ސާމީ އަގީލް ވިދާޅުވީ މާފަރު އެއާޕޯޓްގެ މަސައްކަތް ދަނީ ވަރަށް ހަލުވިކޮށް ކަމަށާ، އެއާޕޯޓްގެ ހުރިހާ މަސައްކަތެއް އެއްކޮށް އަންނަ މަހު ނިމޭނެ ކަމަށެވެ.

"ރަންވޭގައި ތާރު އަޅައި އިއްޔެ [ހުކުރު ދުވަހު] ވަނީ ނިމިފައި. މިހާރު ކުރިއަށް އެދަނީ ރަންވޭ މާކިންތައް ޖެހުމުގެ މަސައްކަތް. އެހެންވެ މި ބަލަނީ އަންނަ ހަފުތާގެ ފަހުކޮޅު ޓެސްޓް ފްލައިޓް ޖައްސަން،" ސާމީ ވިދާޅުވި އެވެ.

އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއްގެ ދަށުން ހަދާ މި އެއާޕޯޓް ނިމޭއިރު، އެންމެ ބޮޑެތި މަތިންދާ ބޯޓްތައް ކަމަށްވާ އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭނެ އެވެ. އެ ރަށުގައި އަޅަނީ 2،200 މީޓަރު ދިގު 40 މީޓަރު ފުޅާ ރަންވޭ އެކެވެ. އަދި ރަންވޭ އާއެކު ހިތްގައިމު ޓާމިނަލް އަކާއި ވީއައިޕީ ލައުންޗެއް ވެސް އަޅާނެ އެވެ.

ސާމީ ވިދާޅުވީ އެއާޕޯޓުގެ ޓާމިނަލާއި އެހެން ފެސިލިޓީސް މިމަހުގެ ފަހުކޮޅު އެއްކޮށް ނިމޭނެ ކަމަށެވެ.

"މިއީ ތާރީހުގައި ވެސް މި ސްޕީޑުގައި ކުރި އަށް ގެންދިޔަ މިފަދަ ފުރަތަމަ މަސައްކަތް. މިއީ 2.2 ކިލޯ މީޓަރުގެ ރަންވޭއެއް. އާއްމު ރީޖަނަލް އެއާޕޯޓްސް މި ހުންނަނީ 1.2 ކިލޯ މީޓަރު. މިއީ ދެގުނަ ބޮޑު އެއާޕޯޓެއް. ޑޮމެސްޓިކް އެއާޕޯޓެއްގެ ވެސް މަސައްކަތް ނިންމާލެވެނީ ނުވަ މަހުން. އެކަމަކު މި މަސައްކަތް ފަސް މަހުން މި ނިމެނީ،" އޭނާ ވިދާޅުވި އެވެ.

މާފަރު އެއާޕޯޓުގައި އަޅާ ޓާމިނަލްއަކީ ޕްރީ-ފެބް ބިލްޑިންގްތަކެކެވެ. ކޮންކްރީޓްކޮށްފައި އަތުރާލާނީ އެވެ.

މިއީ ތާރީހުގައި ވެސް މި ސްޕީޑުގައި ކުރި އަށް ގެންދިޔަ މިފަދަ ފުރަތަމަ މަސައްކަތް. މިއީ 2.2 ކިލޯ މީޓަރުގެ ރަންވޭއެއް. އާންމު ރީޖަނަލް އެއާޕޯޓްސް މި ހުންނަނީ 1.2 ކިލޯ މީޓަރު. މިއީ ދެގުނަ ބޮޑު އެއާޕޯޓެއް،
ސާމީ އަގީލް | ރީޖަނަލް އެއާޕޯޓްސް

މާފަރު އެއާޕޯޓް ނިމުމަކާ ކައިރިވެފައިވާއިރު، އެއާޕޯޓްގެ މަސައްކަތް ހިނގާގޮތް ބައްލަވާލަން، ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އާއި ސިވިލް އޭވިއޭޝަންގެ ޓީމެއް ދާދިފަހުން ވަނީ އެ ރަށަށް ދަތުރުކޮށްފަ އެވެ.

މި ދަތުރަށްފަހު، ޓޫރިޒަމް މިނިސްޓަރު ޒަމީރު ވިދާޅުވެފައިވަނީ ވިދާޅުވީ އެއާޕޯޓެއް އަޅާފައި ދޫކޮށްލުމަކީ ސަރުކާރުގެ މިހާރުގެ ވިސްނުމެއް ނޫން ކަމަށާ، ވިސްނަނީ މި ފަދަ ތަންތަން ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދަން ކަމަށެވެ.

"މި ތަނަށް ޖައްސާފައި އެއާޕޯޓުން ފީ ނަގައިގެން ދާނަމަ ޓިކެޓްގެ ހަރަދު ބޮޑުވެގެންދާނެ. އެހެންވެ ރައީސް އަބްދުﷲ ޔާމީން ނިންމަވާފައި އޮތީ މިގޮތަށް ހުންނަ ޕްރޮޖެކްޓްތައް ނިންމަންވާނީ ހިންގޭނެ ގޮތަކަށޭ. އެގޮތުން ނިމިގެންދާއިރު ސިޓީ ހޮޓަލެއް އެޅޭނެ. އިރާދަ ކުރެއްވިއްޔާ ރައީސްގެ އިކޮނޮމިކް އެޖެންޑާގައި އޮތް ގޮތަށް މިތަނުން ރައްޔިތުންނަށް ފައިދާ ވެގެންދާނެ،" ޒަމީރު ވިދާޅުވި އެވެ.

މާފަރު އެއާޕޯޓުގެ މަސައްކަތް މި ސަރުކާރުން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. މާފަރު އެއާޕޯޓްގެ މަސައްކަތް މީގެ ހަތަރު ވަރަކަށް އަހަރުކުރިން ފެށި ނަމަވެސް އެކި ސަބަބުތަކާ ހުރެ އެ މަސައްކަތް އޮތީ މިހާތަނަށް ހުއްޓިފަ އެވެ. މި އެއާޕޯޓުގެ އިތުރުން ސަރުކާރުން ދަނީ އިތުރު އަށް އެއާޕޯޓެއްގެ މަސައްކަތް ކުރަމުންނެވެ.