ރިޕޯޓް

މާފަރު އެއާޕޯޓް: ނޫނަށް ރަނުގެ ބަދަލެއް!

Jun 22, 2018
9

ދުނިޔޭގެ އެންމެ ފެންވަރު މަތީ ރިސޯޓްތައް ހިންގަނީ ކޮން އަތޮޅެއްގައިހޭ ބުނެފިނަމަ ޖަވާބަކީ މި ނ. އަތޮޅެވެ. މި އަތޮޅުގައި ހިންގާ ވެލާ ޕްރައިވެޓް އައިލެންޑާއި ސޮނޭވާ ޖާނީ އަދި ޝެވަލް ބްލޮންކް ރަންދެލި ރިސޯޓަކީ ދުނިޔޭގެ އެންމެ މަގުބޫލު ރިސޯޓް ތަކެވެ. ރާއްޖޭގެ ވެސް އެންމެ މަތީ ފަންތީގެ ތަންތަނެވެ. ނަމަވެސް މި އަތޮޅަކީ ރާއްޖޭގައި ދަތުރުފަތުރުގެ ކަންކަން އެންމެ ދަތި އެއް އަތޮޅަށް ވާނެ އެވެ.

މި އަތޮޅުގެ ރިސޯޓަކަށް ސީޕްލޭންގައި އަންނަ ނަމަ 40 މިނެޓް ހޭދަވެ އެވެ. އެހެންވެ، މި އަތޮޅުގައި އެއާޕޯޓެއް ހެދޭނެ ދުވަހަކަށް މުޅި އަތޮޅުގެ ރައްޔިތުން ނާއި ވިޔަފާރިވެރިން އިންތިޒާރު ކުރެ އެވެ. ހާއްސޮށް ޓޫރިޒަމް ސިނާއަތަށް މިފަދަ އެއާޕޯޓެއްގެ މުހިންމުކަން އޮތީ ބޮޑުވެފަ އެވެ. މިކަން މިގޮތަށް އޮއްވާ އުންމީދުގެ ހުޅުކޮޅު ފެނިގެން ދިޔައީ، މި ދައުރުގަ އެވެ. ރައީސް އަބްދުﷲ ޔާމީން، ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. ޔޫއޭއީ ސަރުކާރުން ދިވެހިންނަށް ހަދިޔާއެއްގެ ގޮތުގައި އެއާޕޯޓެއް އަޅައި ދެއްވާ ވާހަކަ ހިއްސާ ކުރުމާ އެކު އެވެ. އެއާއެކު ފެނިގެން ދިޔައީ، އަބޫދާބީ ފަންޑުގެ ހިލޭ އެހީގެ ގޮތުގައި އަޅާ އެއާޕޯޓުގެ މަސައްކަތް ފެށިގެން ދިޔަ ތަނެވެ. އެއާޕޯޓުގެ މަސައްކަތް ފެށި، ނިމުމަކާ ކައިރިވަމުން އަންނައިރު މި އެއާޕޯތް ވެގެންދަނީ މަތީ ފަންތީގެ ޓޫރިޒަމްގެ ފައިދާ އަތޮޅަށް ލިބޭނެ ރަނެއް ފަދަ ހަދިޔާ އަކަށެވެ.

"ވަރަށް ދުވަސްވެއްޖެ އުންމީދެއް މިއީ. އަޅުގަނޑުމެންގެ [އަތޮޅުގެ] ދަތުރުފަތުރުގެ ކަންތައް މިއޮތީ ވަަރަށް ފަހަތުގައި ހަގީގަތުގައި. ނަމަވެސް މި ހަދާ އެއާޕޯޓުގެ ސަބަބުން މުޅި ނ. އަތޮޅަށް ތަރައްގީ ލިބިގެންދާނެ. އެއާޕޯޓުގެ ސަބަބުން މާފަރުގެ ރައްޔިތުންނަށް ވަރަށް ބައިވަރު ލުއިތަކެއް ލިބިގެންދާނެ،" މާފަރު ކައުންސިލްގެ ރައީސް އަބްދުލް މާޖިދު އަލީ ރަށުގައި ހުންނަވައިގެން ވިދާޅުވި އެވެ.

މި އަތޮޅުގައި މީހުން ދިރިއުޅެނީ 13 ރަށުގަ އެވެ. އަދި މުޅި އަތޮޅުގެ އާބާދީއަކީ ގާތްގަނޑަކަށް 25،000 މީހުންނެވެ. މި އަތޮޅުގައި އެއާޕޯޓު ތަރައްގީކުރާ މާފަރަކީ އަތޮޅުގެ މެދުތެރޭގައި އޮންނަ ރަށެކެވެ. މިރަށުގެ އިތުރުން މި އަތޮޅުގައި ދެން ހިމެނެނީ ހެނބަދޫ އާއި ކެނދިކުޅުދޫ އާއި ލަންދޫ އާއި ކުޑަފަރީ އާއި ޅޮއްސާއި މިލަދޫ އާއި މަގޫދޫ އާއި މަނަދޫ އާއި ވެލިދޫ އާއި ފޮއްދޫ އަދި ހޮޅުދޫ އެވެ. މި ހުރިހާ ރަށެއްގެ ރައްޔިތުންވެސް އުންމީދަކީ މި އެއާޕޯޓް ވަރަށް އަވަހަށް ހުޅުވުމެވެ.

އަތޮޅުގެ ރައްޔިތުންގެ އުންމީދަކީ

މި ރަށަށް ސީޕްލޭން ޖެއްސިއިރު ގިނަ ބަޔަކު މަންޒަރު ބަލަން ތިއްބެވެ. ރަށުގެ ބަނދަރު ފެންވަރު ރަނގަޅުކޮށް ހަދާފައި އޮތް ނަަވެސް ސީޕްލޭނަކުން މީހުން ފޭބުމަކީ މިރަށުގައި ވަރަށް ދަތިކަމެވެ. އެހެންވެ، އެކަމަށް ހައްލު ގެނެސްދޭން ވަނީ ދަގަނޑު ހޮޅި އާއި ފިލައިގެ ފާލަމެއް ހަދާފަ އެވެ. ބޯޓުގެ ދޮރު ހުޅުވުމާއެކު މީހުން ފޭބީ އޭގެ މައްޗަށެވެ.

ސީޕްލޭން ކައިރީގައި މަޑުކޮށްލައިގެން ހުރި ބުނި ގޮތުގައި އުންމީދަކީ ދެން ސީޕްލޭންގެ ބަދަލުގައި އެއާޕޯޓަށް ފްލައިޓް ޖައްސާ މަންޒަރު ފެނުމެވެ. އެ މަންޒަރު އޮތީ ވަރަށް ކައިރީގަ އެވެ.

"ދެން ތިޔަ ފިލާ މަތިން ރަށަށް ފައިބަން ނުޖެހުން އަހަރެމެންގެ އުންމީދަކީ. އަދި މި އަހަރު އެއާޕޯޓު ހުޅުވުން އުންމީދަކީ،" ފްލައިޓުން ފޭބި މީހަކު ވެސް ބުނެލި އެވެ.

މުޅިން އާ އިންޓަނޭޝަނަލް އެއާޕޯޓެއް

ރާއްޖޭގައި މިހާރު ތިން އިންޓަނޭޝަނަލް އެއާޕޯޓެއް ހިންގަ އެވެ. މިއީ ރާއްޖޭގައި ހަދާ ހަތަރު ވަނަ އިންޓަނޭޝަަނަލް އެއާޕޯޓަށް ވާނެ އެވެ. ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި ގޮތުގައި އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއްގެ ދަށުން ހަދާ މި އެއާޕޯޓު ނިމޭއިރު، މިތަނުގައި އެންމެ ބޮޑެތި މަތިންދާ ބޯޓްތައް ކަމަށްވާ އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ވެސް ޖެއްސޭނެ އެވެ.

މި ރަށުގެ އެއާޕޯޓްގައި އަޅަނީ 2،200 މީޓަރުގެ ރަންވޭ އެކެވެ. އަދި ރަންވޭ އާއެކު ހިތްގައިމު ޓާމިނަލް އަކާއި ވީއައިޕީ ލައުންޖެއް ވެސް އަޅާނެ އެވެ.

ޒަމީރު ވިދާޅުވި ގޮތުގައި އެއާޕޯޓުގެ މަސައްކަތް މިހާރު ދާ ގޮތަށް ބަދަލެއް ނައިސް ކުރިއަށް ދާނަމަ އަންނަ މަހުގެ ފަހުކޮޅުގައި ޓެސްޓް ފްލައިޓް ޖެއްސޭނެ އެވެ.

"ދެން އެންމެ ފުރަތަމަ ނިންމާނީ ރަންވޭ، ރަންވޭގެ ސަބް ފޭސް ނިންމިފައި މިވަނީ. ތާރު އަޅަން ފެށޭނެ ކަމަށް ބެލެވެނީ މިމަހުގެ 25 ނޫނީ 27 ގައި. މިހާރު ތާވަލް ކޮށްފައިވާ ގޮތަށް ކުރިއަށްދާނަމަ ކޮންސެލްޓެންޓުން މި ބުނަނީ 13 ދުވަހުން ތާރުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް،" އެއާޕޯޓުގެ ކޮންޓްރެކްޓެއްގެ ގޮތުގައި މަސައްކަތް ކުރާ ސިންގަޕޫގެ ޓަފް އިންފްރާ ކުންފުންޏާއެކު ބޭއްވި ބައްދަލުވުމަށްފަހު އަވަސް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވި ގޮތުގައި އެއާޕޯޓުގެ ރަންވޭގައި ބޯޓު ފަހަރު ޖެއްސުމުގެ ކުރިން ޖުލައި މަހުގެ މެދުތެރޭގައި ސިވިލް އޭވިއޭޝަންގެ ފުރަތަމަ އިންސްޕެކްޝަން ވެސް ހަދާނެ އެވެ.

"އިމާރާތްތައް އެޅުމުގެ މަސައްކަތް ވެސް ޕްލޭނާ އެއް ގޮތަށް ކުރިއަށް ދޭ. އަޅުގަނޑުމެން މި ބަލަނީ އަންނަ އޯގަސްޓް މަހުގެ ތެރޭގައި ރައްޔިތުންނަށް އެއާޕޯޓްގެ ހިދުމަތް ލިބޭނެ ގޮތް ހެދުން. މިއީ ވަރަށް ޒަމާންވެފައި އޮތް އުންމީދެއް އަދި މަސައްކަތެއް،" ޒަމީރު ވިދާޅުވި އެވެ.

މިއީ ހަމައެކަނި އެއާޕޯޓެއް ނޫން

މުޅި ރާއްޖެ އަށް ލޯކަލް ޓޫރިޒަމް ފުޅާވި ނަމަވެސް މި އަތޮޅުގައި މިކަން ނުވެ އޮތް ސަބަބަކީ ދަތުރު ފަތުރުގެ ދަތި ކަމެވެ. މި އަތޮޅުގައި މިހާރު ހިންގަމުން ދަނީ ތިން ގެސްޓްހައުސް އެކެވެ. ރައްޔިތު މީހާގެ ޖީބަށް ސީދާ ފައިދާވާ މި ވިޔަފާރި މި އަތޮޅުގައި ފުޅާ ކުރުމުގައި އޮތް ގޮންޖެހުނަކީ ދަތުރުފަތުރު ފުޅާ ނުވުމެވެ. އެހެންކަމުން މި އެއާޕޯޓުގެ ސަބަބުން ގެސްޓްހައުސް ވިޔަފާރި ވެސް މި އަތޮޅުގައި ފުޅާވުމުގައި ފަހި ފުރުސަތެއް އެބައޮތެވެ.

މިއާއެކު މި އެއާޕޯޓް ހަދާ މާފަރަށްވެސް އިގްތިސޯދީ ގޮތުން އާ މަގުތަކެއް ކޮށިގެން ދާނެ އެވެ. މިހާރު ވެސް އެކަންވަނީ ފެންނަން ފަށާފަ އެވެ. މި އެއާޕޯޓާއެކު ސިޓީ ހޮޓަލެއް އަޅަން ނިންމާފައިވުމުން މި ރަށަށްވެސް ޓޫރިޒަމްގެ ސީދާ ނަފާ ލިބިގެންދާނެ އެވެ. އިތުރަށް ފުރަތަމަ އެއާޕޯޓު ހުޅުވާއިރުވެސް 100 އަށްވުރެ ގިނަ ވަޒީފާ އުފެދޭނެ އެވެ. އަދި މުޅި އިންޓަނޭޝަނަލް އެއާޕޯޓު އެއްކޮށް އޮޕަރޭޝަނަށް އަންނަ އިރު 300 އާ ވަޒީފާ އުފެދިގެން އަންނާނެ އެވެ.

އާބާދީގައި 1،500 އެއްހާ މީހުން އުޅޭ މާފަރުގެ ފިހާރަތަކުން ކުރިން ފެންނަނީ ފަޅު ކަމެވެ. ރަށުގައި އާމްދަނީ ލިބޭނެ މާކަގިނަ ގޮތްތަކެއް ނެތެވެ. ނަމަވެސް މިހާރު އެރަށުގައި ފައިސާ ދަތުރުވާ އަދަދު ވަނީ އިތުރުވެގެން ގޮސްފަ އެވެ. އެއާޕޯޓު އެޅުމުގެ މަސައްކަތުގައި 2،000 މީހުން މަސައްކަތް ކުރާއިރު، މި މަސައްކަތުގައި އުޅޭ މީހުންގެ ގިނަ ބަޔަކު ތިބެނީ ރަށުގެ ގޭގެއިން ކޮޓަރި ކުއްޔަށް ނަގައިގެނެވެ. އަދި ރަށުގެ ފިހާރަތަކުން މި މަސައްކަތުގައި އުޅޭ މީހުން ވިޔަފާރި ކުރެ އެވެ. އެހެންވެ މި މަސައްކަތް ފެށުމާއެކު ވެސް މާފަރުގެ އިގްތިސޯދަށް ދަނީ ރަނގަޅު ފައިދާ ކުރަމުންނެވެ.

ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފު ވިދާޅުވި ގޮތުގައި މާފަރުގައި އެއާޕޯޓު ހެދުމުގެ ވާހަކަ 2002 ވަނަ އަހަރުން ފެށިގެން އޮވެ އެވެ. ނަމަވެސް މިހާތަނަށް ވެސް އެއީ ނުވެ އޮތް ކަމަކަށް ވެފައި ރައީސް ޔާމީންގެ ސަރުކާރުގައި އެކަން ފުރިހަމަވާން ދާއިރު އަތޮޅުގެ ރައްޔިތުން ތިބީ ދުވަސްވީ އެ ވާހަކައިގައި ކުލަ ޖެހޭތީ ހިތްހަމަޖެހިގެނެވެ.

"މި އެއާޕޯޓް ހުޅުވިގެން ދިއުމުން ނ. އަތޮޅުގެ ރައްޔިތުންނަށް ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެ. މި އަތޮޅަށް އިގްތިސޯދީ ގޮތުން ގިނަ ކުރިއެރުންތަކެއް ވެސް ލިބިގެންދާނެ،" މައުރޫފު ވިދާޅުވި އެވެ.

ޓަފް ކުންފުންޏަކަށް ޓަފް ޖޮބެއް

އެއާޕޯޓު އެޅުމުގެ މަސައްކަތް ކުރަނީ ސިންގަޕޫގެ ޓަފް އިންފްރާ ކުންފުނިންނެވެ. އެ ކުންފުނިން މި މަސައްކަތް ފެށިތާ އަހަރެއް ހަމަވާނީ އަންނަ ޖުލައިގެ ނިޔަލަށެވެ. ގާތްގަނޑަކަށް އަހަރެއްވެފައިވާއިރު، އެ ކުންފުނިން ވަނީ "ޓަފް" މަސައްކަތްތަކެއް ކޮށްފަ އެވެ. އެ ކުންފުންޏަށް ވެސް ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ރާއްޖެ ގުދުރަތީ ގޮތުން އުފެދިފައިވާ ގޮތުގެ ސަބަބުން އަންނަ ދަތިތަކެވެ.

މާފަރުގެ އެއާޕޯޓް މަސައްކަތް ދައްކުވައިދޭ ފޮޓޯ ގެލެރީއެއް -- އަވަސް

މިކަމަށް ހާއްސަކޮށް މުދާ ބަރުކޮށްގެން އަންނަ ބޯޓު ފަަހަރުން މުދާ ބޭލުމަކީ އެންމެ ބުރަ އެއް މަސައްކަތެވެ. އެ މަސައްކަތް ފުރިހަމަ ކުރުމަށް ޓަފް ކުންފުނިން ވަނީ ހިއްކައިގެން ދިގު ފާލަމެއް އަޅާފަ އެވެ. މުދާ ހިފައިގެން ރާއްޖޭން ބޭރުން އަންނަ 6،000 ޓަނުގެ އާގު ބޯޓު ފަހަރުން މުދާ ބާލަނީ މި ފާލަމަށެވެ. އެކަމަކު މި ފާލަމަށް މުދާ ބާލަން ޖެހެނީ ކޮޅު ވެއްޓި ބޭނުން ކޮށްގެނެވެ. މިއީ ބުރަ އަދި އެހާ ވަގުތު ނަގާ މަސައްކަތެކެވެ.

ބުރަ އަދި ބޮޑު މަސައްކަތް މިވަނީ ނިންމާ އަތް ދޫކޮށްލުމާ ހަމައަށް ދެވިފަ އެވެ. މިއާއެކު މުޅި ނ. އަތޮޅުގެ ރައްޔިތުން ތިބީ އުންމީދާއި އުފަލުންނެވެ. ހާއްސަކޮށް މަތީ ފަންތީގެ ޓޫރިޒަމް އޮތް އަތޮޅުގެ ޓޫރިޒަމް ސިނާއަތު މިކަމަށް ކުރާ އުންމީދު ބޮޑެވެ. އެހެން މި އަތޮޅުގެ ބައެއް މީހުން ސިފަ ކުރާ ގޮތަށް މި އެއާޕޯޓް ވާނީ މި އަތޮޅަށް ލިބޭ ރަނުގެ ތަރައްގީއަކަށެވެ.