ރިޕޯޓް

މާފަރަށް އުންމީދީ ދުވަހެއް: މުޅި އާއިލާއާއެކު!

Aug 15, 2018
6

އޮގަސްޓް 14، 2018 - މެންދުރުން އަނބުރައި ދޭ ޖަހަނީ އެވެ. މިއަދު ހެނދުނު ވިއްސާރަކޮށް އޮތަސް މިހާރު މޫސުން ރަނގަޅު ވެއްޖެ އެވެ. އުޑުމަތި ކޮންމެ ވެސް ވަރަކަށް ސާފު ވެއްޖެ އެވެ. އަހަރެން މިހާރު މިހުރީ ރާއްޖޭގެ މައި ވައިގެ ބަނދަރުގެ ޑޮމެސްޓިކް ޓާމިނަލްގަ އެވެ. މިދަނީ ރާއްޖޭގައި ހަތަރު ވަނަ އަށް ހަދާ ބައިނަލްއަގުވާމީ ވައިގެ ބަނދަރު ނިންމައި ރަންވޭ ހުޅުވުމުގެ ރަސްމިއްޔާތަށެވެ. ޓެސްޓް ފްލައިޓް ދާނީ ނ. އަތޮޅު މާފަރަށެވެ. އެހެންވެ، ގައުމީ އެއާލައިންގެ ޗާޓަރު މި ފްލައިޓް މިއަދު ވަރަށް ހާއްސަ އެވެ. ބޯޓު ނައްޓާލުމުގެ ކުރިން ކެބިންކްރޫ އަކަށް ހުންނެވި މަލިކާ ފްލައިޓުގައި ތިބި މީހުންނަށް މަރުހަބާގެ އެނައުންސަމަންޓެއް ދިނެވެ. ކުޑަ އިރުކޮޅަކު، އެއާޕޯޓުގެ ފްލައިޓް ކިޔޫގައި މަޑުކޮށްލުމަށްފަހު ކެޕްޓަން އިބްރާހިމް އާދިލް ފްލައިޓް ނައްޓާލައިފި އެވެ. އޭގެ 25 މިނެޓު ފަހެވެ. ގަޑިން 3:46 ވެއްޖެ އެވެ. ބޯޓު މި ޖައްސަނީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށެވެ. މާފަރު ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް މަރުހަބާ އެވެ. ފްލައިޓް ތިރިކުރަން އަރިކޮށްލި ވަގުތު ފެނުނީ ރަށުގެ ގިނަ ބަޔަކު އެއާޕޯޓް ސަރަހައްދަށް ޖަމާވެފައި ވަނިކޮށެވެ. އެ މީހުން އެ ތިބީ ކުލަނުވެ ދިގުލައިގެން ދިޔަ، ހުވަފެނުގައި ކުލަ ޖެހެމުންދާ މަންޒަރު ބަލާށެވެ. ފޮނި އުންމީދު ތަކެއްގަ އެވެ.

މީގެ ތެރެ އިން އެކަކީ މުޅި އާއިލާ ގޮވައިގެން އެއާޕޯޓު އަޅާ ސަރަހައްދަށް ވަދެ ހުރި، މި ރަށު ސާމްގޭ، އަބްދުލް ވާހިދު އެވެ. ފްލައިޓް ޖައްސާ ހިތްގައިމު މަންޒަރު ބަލަން މިއަދު އޭނާ އެހުރީ އުފަލުން ފޮޅިފަ އެވެ. އަބްދުލް ވާހިދު އޭނާގެ ބަޓެރި "ޕިކަޕް" ފުރާލާފައި ވަނީ އާއިލާގެ މެންބަރުންނެވެ.

"މިއަދު މިއީ ވަރަށް އުފާވެރި ދުވަހެއް. މި ކަމަށް އަހަރެމެން ތިބޭތާ 10، 12 އަހަރު އަހަރު ވެއްޖެ. މި ދެން އިރާދުކުރެއްވިއްޔާ މިކަން ވެސް ނިމުނީ،" ބައްޕަ އަދި މަންމަ އާއި ކުދިންނާއެކު އެއާޕޯޓުގައި ހުރި ވާހިދު ޝުއޫރުތައް ބަންޑުން ކޮށްލި އެވެ.

މާފަރުގައި ވައިގެ ބަނދަރެއް ހެދުމުގެ ވިސްނުންތަކާއި ޕްލޭންތައް ގެންގުޅޭތާ 15 ވަރަކަށް އަހަރުވެއްޖެ އެވެ. މާފަރުގައި އެއާޕޯޓެއް އަޅާނެކަން ފުރަތަމަ އިއުލާނު ކުރެއްވީ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގަ އެވެ. އޭގެ ފަހުން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާފަރުގައި އެއާޕޯޓު އަޅަން ދެ ކުންފުންޏަކާ ހަވާލު ވެސް ކުރި އެވެ. ނަމަވެސް މި އެއާޕޯޓުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށިތާ އަދި ވީ އެންމެ ނުވަ ވަރަކަށް މަހެވެ. މާފަރުގައި ބައިނަލް އަގުވާމީ އެއާޕޯޓުގެ ހުވަފެނުގައި ހަގީގީ ކުލަ ޖެހިގެން ދިޔައީ ރައީސް ޔާމީންގެ މިދިޔަ އަހަރު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގެ ތެރެއިންނެވެ. އެ ދަތުރުފުޅުގައި ރައީސް ޔާމީން ވަނީ ޔޫއޭއީ އިން ހަދިޔާގެ ގޮތުގައި 60 މިލިއަން ޑޮލަރުގެ މާފަރު އެއާޕޯޓު ދެއްވަން ނިންމެވިކަން އިއުލާނު ކުރައްވާފަ އެވެ. އެއާއެކު ފެށިގެން ދިޔަ މި މަސައްކަތުގެ ދަށުން ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާ ބޯޓްތައް ކަމަށްވާ އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރަށް 2،200 މީޓަރު ދިގު އަދި 40 މީޓަރު ފުޅާ ރަންވޭ އެއް އަޅައި ނިންމައިލިތަނެވެ. ރަންވޭއާއެކު މި އެއާޕޯޓުގައި ހިތްގައިމު ޓާމިނަލްއަކާއި ވީއައިޕީ ލައުންޗެއް އަދި ސިޓީ ހޮޓަލެއް ވެސް އަޅާނެ އެވެ.

ބައިނަލްއަގުވާމީ މި އެއާޕޯޓު ނިންމުން ވެގެން ދަނީ އާބާދީގައި 1،500 އެއްހާ މީހުން ދިރިއުޅޭ މިރަށުގެ މީހުންނަށް ހާއްސަ އުފަލެއް ލިބިގެންދާ ކަމަށެވެ.

މި ރަށު، ފަޅޯމާގޭ، މުހައްމަދު އަބޫބަކުރު ބުނީ މާފަރު އެއާޕޯޓް ހުޅުވުމުން ހަމައެކަނި ކުރިއެރުން އަންނާނީ މާފަރަށް އެކަނިނޫން ކަމަށެވެ

"މި އެއާޕޯޓުން މުޅި ނ. އަތޮޅަށް ވެސް ކުރިއެރުން ލިބިގެން ދާނެ. ވަރަށް ބޮޑު ހުވަފެނެއް މިއީ. މިކަން ކޮށްދޭން އެއިރެއްގައި އޮންނަ ސަރުކާރެއްގެ ކައިރިން ކިޔަމުން ދިޔައިން. ފުރަތަމަ މި ހުވަފެން ދެކުނީ ރައީސް މައުމޫނުގެ ވެރިކަމުގައި. އޭގެފަހުން ވެސް އެކަމެއް ނުވި. އެކަމަކު މާތްﷲ ގެ އިރާދަފުޅުން މިހާރު މިކަން މިވީ،" އަބޫބަކުރު ބުންޏެވެ.

މާފަރަކީ ފުޓުބޯޅާގައި ވެސް މަޝްހޫރު ރަށެވެ. މާފަރު ނޭނގޭ މީހުންނަށް ވެސް މި ރަށަށް ނިސްބަތްވާ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިން އެނގޭނެ އެވެ. މީގެ ތެރެއިން އެކަކީ ރާއްޖެއަށް ރަން ތަށި ގެނެސްދިން ކެޕްޓަން އަސްއަދު އަބްދުލް ގަނީ އެވެ. މާފަރުގައި އެއާޕޯޓެއް ހެދުމަކީ ކެޕްޓަން އަސްއަދު ވެސް ދުވަސްވީ ހުވަފެނެވެ. އެކަން އެނގުނީ ވާހަކަ ދައްކައިލީމަ އެވެ.

އޭނާ ބުނީ ކޮންމެ ރަށެއްގެ ރައްޔިތުން ވެސް މި ފަދަ ކަމެއް ކޮށްދިނުމުން އުފާވާނެ ކަމަށާ، އެހެން އެއާޕޯޓް އަޅައި ދިނުމުން ޝުކުރު އަދާކުރާ ކަމަށެވެ.

"މާފަރު އެއާޕޯޓުގައި ގިނަ ބައެއްގެ އުންމީދު ކުރި. ހަމަ، އުންމީދުތައް ގެއްލޭ ހިސާބުތައް ވެސް ދިޔަ. އެހެންވެ، މިހާރު މި މަސައްކަތް ނިމޭތީ ރައީސް ޔާމީނަށް ޝުކުރު އަދާކުރަން ބޭނުންވޭ. އެއާއެކު ސަން ސިޔާމްގެ އެހީ ވެސް ފާހަގަ ކުރެވޭ،" ދެހާސް އަށްވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ހޯދައިދިން ކެޕްޓަން އަސްއަދު ބުންޏެވެ.

މާފަރު އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސިއްޖެ އެވެ. ދެން އޮތީ މި ތަނަށް ބޭރުން ފްލައިޓުތައް ގެނައުމެވެ. ބޮޑު ބައި ފުރިހަމަވާނީ އޭރުންނެވެ. މި އެއާޕޯޓުގެ ހަގީގީ ފޮނިކަން ލިބޭނީ ވެސް އޭރުންނެވެ. މާފަރާއި މި އަތޮޅުގެ ރައްޔިތުންގެ މިހާރުގެ ބޭނުންވަނީ އެ ދުވަހެވެ.