ވިޔަފާރި

މި އަހަރުގެ އެއް މިލިއަން ވަނަ ޓޫރިސްޓު އާދީއްތަ ދުވަހު ރާއްޖެ އަށް

Sep 6, 2018
1

މި އަހަރުގެ އެއް މިލިއަން ވަނަ ޓޫރިސްޓު އާދީއްތަ ދުވަހު ރާއްޖެ އަންނާނެތީ، އެކަން ފާހަގަ ކުރަން ހާއްސަ ރަސްމިއްޔާތެއް ބާއްވަން މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ތައްޔާރު ވެއްޖެ އެވެ.

ދައުލަތުގެ މާކެޓިން ކުންފުނި، އެމްއެމްޕީއާރުސީން ވަނީ އެއް މިލިއަން ވަނަ ޓޫރިސްޓަށް މަރުހަބާ ކިއުމުގެ ގޮތުން މައި ވައިގެ ބަނދަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާނެ އެވެ. ނަމަވެސް، ބާއްވާނެ ރަސްމިއްޔާތުތައް އެ ކުންފުނިން އަދި ހާމަކޮށްފައެއް ނުވެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޖުލައި މަހުގެ ނިޔަލަށް 848,847 މީހުން ވަނީ ރާއްޖެ އަށް ޒިޔާރަތް ކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހުގެ ތެރޭގައި އައި 770,715 މީހުންނާ އަޅާބަލާއިރު 10.1 ޕަސެންޓް އިތުރު ވުމެކެވެ.