ވިޔަފާރި

ރަޝިއާ މާކެޓަށް ހާއްސަ ޓްރެވަލް ފެއާއެއްގައި ރާއްޖެ ބައިވެރިވެއްޖެ

Jul 17, 2018
1

ރަޝީއާގެ ޓޫރިޒަމް މާކެޓަށް ހާއްސަކޮށް ބާއްވާ، އޮންލައިން ޓްރެވަލް މާކެޓަށް (އޯޓީއެމް) އިންޑިއަން އޯޝަން އެންޑް އެފްރިކާ 2018 ފެއާގައި ރާއްޖޭން ބައިވެރިވެއްޖެ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނީ މިމަހުގެ 16-22 އަށް ކުރިއަށްދާ މި ފެއާއަކީ އާއްމުކޮށް ބާއްވާ ޓްރެވަލް އެންޑް ޓްރޭޑް ފެއާތަކާ ހިލާފަށް އޮންލައިންކޮށް ބައިވެރިވެ ޑެސްޓިނޭޝަން ޕްރޮމޯޓް ކުރާ ފެއާއެއް ކަމަށެވެ.

ރަޝިއާގެ މާކެޓިން ކުންފުންޏެއް ކަމަށްވާ ޕްރޮފީ ޓްރެވަލް އިން 2014 ވަނަ އަހަރުން ފެށިގެން ބާއްވަމުން ގެންދާ އޯޓީއެމް ފެއާގައި މިއީ ބާއްވާ ތިންވަނަ އަހަރެވެ.

އެމްއެމްޕީއާރުސީ އިން ބުނީ މި ފެއާގައި ރާއްޖޭން ބައިވެރިވާ ރަޝިއާ މާކެޓުގެ ބައިގައި ޓޫރިޒަމް ދާއިރާގެ 390 މީހުން ބައިވެރިވާ ކަމަށެވެ. އަދި މިފަދަ ފެއާތަކަކީ އާއްމުކޮށް ބާއްވާ ފެއާތަކާ ހިލާފަށް އެންމެ ހަރަދު ކުޑަކޮށް، ބޮޑު ފައިދާއެއް ލިބޭ ގޮތަށް ކުރިއަށްދާ ފެއާ ތަކެއް ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

މި ފެއާގައި ރާއްޖޭގެ އިތުރުން ބައިވެރިވަނީ، ސްރީލަންކާ އާއި ޓެންޒޭނިއާ އަދި އެފްރިކާގެ އިތުރުން މޮރިޝަސް އާއި ސީޝެލްސްއިން ބައިވެރިވެ އެވެ.

އެމްއެމްޕީއާރުސީން ވަނީ ކުރިން ރާއްޖެ ޕްރޮމޯޓް ކުރަމުން ދިޔަ ގޮތުގެ ބަދަލުގައި ހަރަދު ކުޑަކޮށް، ބޮޑު ފައިދާއެއް ލިބޭނެ ގޮތަކަށް ޕްރޮމޯޓް ކުރުން ބަދަލުކޮށްފަ އެވެ. މި ބަދަލާއެކު، ސޯޝަލް މީޑިއާ އާއި މިފަދަ އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖެ އިޝްތިހާރު ކުރުން ވަނީ ފުޅާކޮށްފަ އެވެ. މިކަމުގެ ސަބަބުން ކުރިން ރާއްޖެ އަށް ނެތް ގިނަ މާކެޓުތަކުން ވަނީ ޓޫރިސްޓުން އައުން އިތުރުވެފަ އެވެ. މީގެތެރޭގައި ސްކެންޑެނޭވިއާގެ ސަރަހައްދުގެ ބައެއް ގައުމުތަކާއި އެމެރިކާ ފަދަ ގައުމުތައް ހިމެނެ އެވެ.

ރަޝިއާއަކީ ރާއްޖޭގެ ޓޫރިޒަމްގައި މުހިންމު އެއް ގައުމެވެ. މި މާކެޓުގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ގޮތުން ނިމިގެންދިޔަ ވޯލްޑް ކަޕްގެ ފަހު ގްރޫޕުގެ މެޗުތައް ރަޝިއާގައި ކުރި އަށް ދިޔައިރު ވެރިރަށް މޮސްކޯގައި ރާއްޖެ އިޝްތިހާރު ކޮށްފައިވެ އެވެ. މޮސްކޯ ސިޓީގައި ދުއްވާ 100 ކާރެއްގައި ރާއްޖޭގެ އިޝްތިހާރު ޖަހާފައިވެ އެވެ. ރަޝިއާ އިން މި އަހަރުގެ ޖެނުއަރީން މެއި މަހުގެ ނިޔަލަށް 34,751 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 33 ޕަސެންޓް އިތުރުވުމެކެވެ.