- ކުންފުނިތަކަށް އަވަހަށް މައުލޫމާތު ދެވޭނެ
- މިނިސްޓްރީގެ މަސައްކަތް އަވަސްވޭ
- މަސްވެރިކަމުގެ މައުލޫމާތު ރަނގަޅަށް ބެލެހެއްޓޭ
މަސް އެކްސްޕޯޓް ކުރަން ބޭނުންވާ މައުލޫމާތު އަވަހަށް ލިބޭނެ އޮންލައިން ނިޒާމެއް ފިޝަރީޒް މިނިސްޓްރީން ގާއިމްކޮށްފި އެވެ.
ފިޝަރީޒް އިންފޮމޭޝަން ސިސްޓަމް (އެފްއައިއެސް) ނުވަތަ "ކެޔޮޅު" ޕްލެޓްފޯމް ތައާރަފުކޮށް ދެއްވީ މިފްކޯގެ ކަނޑުއޮތް ގިރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އާއި އިންޓަނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަން (އައިޕީއެންއެލްއެފް) ގެ ޗެއާމަން ޖޯން ބާޓަން އެވެ.
"ކެޔޮޅު" ނިޒާމު ތައާރަފުކޮށް ދެއްވަމުން ފިޝަރީޒް މިނިސްޓަރު ޝައިނީ ވިދާޅުވީ މި ނިޒާމުގެ ސަބަބުން މަސް އެކްސްޕޯޓަރުން ރާއްޖޭން މަސް ބޭރު ކުރުމަށް ބޭނުންވާ މައުލޫމާތު ދިނުމަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށެވެ. އަދި މި ނިޒާމުގެ ސަބަބުން މަސް އެކްސްޕޯޓަރުންނަށް ދޭން ޖެހޭ "ކެޓް ސެޓިފިކެޓް" ދިނުމަށް ވަރަށް ފަސޭހަ ވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ވެސް އިންޑަސްޓްރީގެ ފަރާތުން ޝަކުވާ، މަސް އެކްސްޕޯޓް ކުރުމަށް ބޭނުންވާ 'ކެޓް ސެޓިފިކެޓް' ބޭނުން ވެގެން އެދޭ އިރު، ބައެއް ފަހަރު ކަޅު ބިލަ މަހުގެ ފްރޯޒަންގެ ގޮތުގައި ބޭރުކުރާނަމަ ލަސްވޭ. މިހެންވަނީ 600 އަށްވުރެ ގިނަ އުޅަނދުގެ މަސް އެއް ބޯޓެއްގައި ގެންދޭ. މިހާރު އެކަން ކުރަނީ ސްޓާފުން މެނުއަލްކޮށް،" ޝައިނީ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ތާޒާކޮށް ބޭރުކުރާ ބޮޑު ކަންޏެއްޔަށް ބޭނުންވާ ސެޓްފިކެޓް ދިނުމަށްވެސް މިހާރު އަށެއް ގަޑިއިރު މިހާރު ހޭދަވާ ކަމަށާއި، ނަމަވެސް މި ސިސްޓަމްގެ ސަބަބުން ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި މައުލޫމާތު ލިބޭނެ ކަމަށެވެ.
"މި ސިސްޓަމްގެ ސަބަބުން ރާއްޖޭން ބޭރުން ރަނގަޅު އަގު ހޯދަން ކުރާ މަސައްކަތުގައި ވެސް ކުރިއެރުން ލިބޭނެ. މިހާރު އަޅުގަނޑުމެން ވާދަވެރި މާކެޓެއްގައި އުޅޭއިރުގައި ރަނގަޅު އަގު ލިބިގެން ދަނީ ރާއްޖެއަކީ ރަނގަޅު ގޮތުގައި މަސްވެރިކަން ކުރާ ގައުމެއްގެ ގޮތުގައި މަޝްރޫހު ވެފައި އޮންނާތީވެ. ކަނޑުގެ ދިރުމަށް ރައްކާތެރިވާ ބަޔަކަށްވާތީވެ. އެކަން ކުރުމަށް އަޅުގަނޑުމެންގެ ރެކޯޑްތައް އެބަޖެހޭ ވަރަށް ރަނގަޅަށް ހުންނަން،" ޝައިނީ ވިދާޅުވި އެވެ.
"ކެޔޮޅު" އޮންލައިން ނިޒާމު ތައާރަފުކޮށްފައިވަނީ "އައިޕީއެންއެލްއެފް" ގެ އެހީތެރިކަމާއެކުގަ އެވެ. މި ނިޒާމު ގާއިމް ކުރުމަށް އެ ޖަމިއްޔާ އިން ލައްކައެއްހާ ޑޮލަރު ހޭދަކޮށްފައިވެ އެވެ.
މި ރަސްމިއްޔާތުގައި އައިޕީއެންއެލްއެފްގެ ޗެއާމަން ޖޯން ބާޓަން ވިދާޅުވީ މުސްތަގުބަލުގައި މި ނިޒާމު އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށާއި، މަސްވެރިންގެ މައުލޫމާތު ހިމެނުމަށް ވެސް ހާއްސަ ބައެއް މި ނިޒާމުގައި ހިމަނާނެ ކަމަށެވެ.