މަސްވެރިން

މަހުގެ އެކްސްޕޯޓް އިތުރުވެއްޖެ

ރާއްޖެއިން މަސް އެކްސްޕޯޓް ކުރި އަދަދު މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު އިތުރުވެއްޖެ އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ މައުލޫމާތާއި، މަރުކަޒީ ބޭންކް – މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ މި އަހަރުގެ އޮކްޓޫބަރު މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ޖެނުއަރީ އިން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެއިން އެކްސްޕޯޓްކުރީ 64،375 މެޓްރިކް ޓަނުގެ މަހެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ އިން އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެއިން އެކްސްޕޯޓްކުރީ 55،831 މެޓްރިކް ޓަނުގެ މަހެވެ.

ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓްކުރީ ކަޅުބިލަ މަހެވެ. މިއަހަރު ރާއްޖެއިން 38،811 މެޓްރިކް ޓަނުގެ ކަޅުބިލަ މަސް އެކްސްޕޯޓްކުރިއިރު 17،026 މެޓްރިކް ޓަނުގެ ރީނދޫ އުރަހަ ކަންނެލި އެކްސްޕޯޓްކުރި އެވެ.

މަސްދަޅު އަދި ޕޯޗްޑްގެ ގޮތުގައި ގޮތުގައި 6،663 މެޓްރިކް ޓަނުގެ މަސް ވަނީ ބޭރުކޮށްފަ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ބައިނަލްއަގްވާމީ ބާޒާރުގައި މިއަހަރުގެ ސެޕްޓެމްބަރު މަހު ކަޅުބިލަ މަސް ކިލޯއެއް ހުރީ 27 ރުފިޔާ އަށެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެ އަދަދު ހުރީ 19.3 ރުފިޔާ އަށެވެ.