ރައްޔިތުންގެ މަޖިލިސް

އަބުރުގެ ބިލު މަޖިލީހުން ފާސްކޮށްފި

އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމާބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. ސަރުކާރު ފަރާތުން އުނގޫފާރު ދާއިރާގެ މެންބަރު ޖައުފަރު ދާއޫދު ހުށަހެޅި ހުށަހެޅި މި ބިލު ފާސްވީ 47 މެންބަރުންގެ ވޯޓުންނެވެ. ނަމަވެސް އެ ބިލު ފާސްކުރަން ނުފެންނަ ކަމަށް 31 މެންބަރަކު ވޯޓު ދެއްވި އެވެ. އެގޮތުން ރިޔާސަތުން ކަނޑައެޅީ އަބުރު ރައްކާތެރިކުރުމުގެ ބިލު ފާސްވެއްޖެ ކަމަށެވެ.

މި ބިލަށް މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް ހުށަހެޅީ އަށް ވަނަ މާއްދާ އުނި ކުރުމަށެވެ. އެއީ ދީނީ ތަގުރީރު ދެވޭނީ ކަމާބެހޭ މުއައްސަސާއިން ހުއްދަ ދޫކުރާ ފަރާތްތަކަށް އެކަނި ކަމަށް ބުނާ އިސްލާހެކެވެ. އެ އިސްލާހު ފާސްވުމަށް 38 ވޯޓު ބޭނުންވާ އިރު އެ އިސްލާހަށް ވޯޓޫ ދެއްވީ 27 މެންބަރުންނެވެ. ނަމަވެސް 13 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އިތުރު އަކުރެއް އިތުރު ކުރަން ޖަމީލް އުސްމާން ހުށަހެޅުއްވި އިސްލާހު ފާސްވި އެވެ. އެ އިސްލާހު ފާސްކުރުމަށް 47 މެންބަރުން ވޯޓުދެއްވި އެވެ. އަދި އެ އިސްލާހައި ދެކޮޅަށް ވޯޓު ދެއްވީ 26 މެންބަރުންނެވެ.

އަބުރު ރައްކާތެރި ކުރުމަށް ޖައުފަރު މަޖިލީހަށް ހުށަހެޅި ބިލުގައި ހާއްސަކޮށް ނޫސްވެރިންނާއި ބައެއް އެހެން ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ އިރު އެ ބިލު ދިރާސާކުރާ ކޮމިޓީއިން ވަނީ އެ ފަރާތްތައް ހާޒިރުކޮށް ކަންބޮޑުވުންތައް ސާފުކޮށްފަ އެވެ. އަދި އެ ހިޔާލުތަކުގެ މައްޗައް ބިނާކޮށް އިތުރު އިސްލާހުތަކާއެކު އާ ޑްރާފްޓެއް ހުށަހަޅައި އެ ޑްރާފްޓް ކޮމިޓީއިން ރޭ ފާސްކުރި އެވެ. އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމާބެހޭ ބިލު ކޮމިޓީއިން ފާސްވީ 11 މެންބަރުންގެ ތެރެއިން ހަތް މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

އެ ބިލު ކޮމިޓީއިން ދިރާސާ ކުރެއްވި ގޮތުގެ ރިޕޯޓަށް މެންބަރުން ބަހުސް މަރުހަލާގައި ވާހަކަދައްކަވަމުން ބިލު ހުށަހެޅު މެންބަރު އުނގޫފާރު ދާއިރާގެ މެންބަރު ޖައުފަރު ދާއޫދު ވިދާޅުވީ ގޮތުގައި އަބުރުގެ ބިލު ފުރަތަމަ ހުށަހެޅި އިރު ހުރި ބައެއް މާއްދާތަކަށް ކޮމިޓީ މަރުހަލާގައި ވަރަށް ރަނގަޅު އިސްލާހުތަކެއް ގެނެސްފައިވެ އެވެ. އެގޮތުން ސަރުކާރުގެ މުއައްސަސާތަކުން ކުރާ ކަންތައްތައް ހާމަ ކުރުމައި ޕޯޑިއަމްތަކުގައި ދެކޭވޭ ވާހަކަތައް ދެއްކުމަށް މީޑިއާތަކުން ފާޅުކުރި ކަންބޮޑުވުންތަކަށް ރަނގަޅު އިސްލާހެއް ގެނެސްފައިވާ ކަމަށް ޖައުފަރު ފާހަގަ ކުރެއްވި އެވެ.

ނަމަވެސް އެއަށް ރައްދު ދެއްވަމުން އެމްޑީޕީގެ ޕީޖީލީޑަރު، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާޙިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ ބިލުގެ ސަބަބުން އަބުރެއް ރައްކާތެރި ނުކުރެވޭ ކަމަށާއި އެއާ ހިލާފަށް ހިޔާލު ފާޅުކުރުމަށް ހުރި ދޮރުތައް ބަންދުވާ ކަމަށެވެ. އަދި އަބުރު ރައްކާތެރި ކުރާ ނަމަ ރައްޔިތުން މަޖިލީހައި ޝަރުއީ ދާއިރާ މި ބިލުގައި އިސްތިސްނާ ވެގެން ނުވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

"އަޅުގަނޑުމން އެކަކު އަނެކަކުގެ ވެސް އަބުރަށް އަރައި ގަނެ. އަޅުގަނޑޫމެން ގާނޫނީ ހިމާޔަތުގައި ތިބޭ ބޭނުންހާ ވާހަކައެއް ދައްކާ ރައްޔިތުންގެ ހައްގެއް ނިގުޅާ މިލަނީ. މި ބިލު ފާސްވެގެން ގޮއްސިއާ ރާއްޖޭގައި ޑިމޮކްރަސީއެއް ދެން ނޯންނާނެ،" އިބޫ ވިދާޅުވި އެވެ.

މި ބިލު ފަރުމާކޮށްފައި ވަނީ މީހެއްގެ ނަމައި އަބުރު ރައްކާތެރިކުރުމުގެ ހައްގު ކަށަވަރުކޮށްދިނުމަށްޓަކައި، އެ ހައްގަށް އުނިކަމެއް އަޔަނުދިނުމަށް ޖޫރިމަނާތަކައި އަދަބުތަކުގެ އިތުރުން މީޑިއާތަކުން ހަބަރާއި ބްރޯޑްކާސްޓު ކުރުމުގައި މީހެއްގެ ދޮގު ހަބަރު ނުފެތުރޭ ގޮތަށް އަދި މީހެއްގެ އަބުރަށް އަރައި ނުގަނެވޭ ގޮތަކަށެވެ.

އެގޮތުން މީހެއްގެ ހައްގަށް، ނަމަށް، އަބުރަށް، ގަދަރަށް ނުވަތަ ކަރާމާތަށް އުނިކަމެއް ނޫނީ ގެއްލުން ލިބޭ އަދި ސާބިތު ނުހިފޭ ދޮގު ވާހަކައެއް ފަތުރައިފި ނަމަ އެ މީޑިއާއަކަށް 25،000 ރުފިޔާ އާއި 1،000،000 ރުފިޔާއާ ދެމެދުގެ އަދަދެއްގައި ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެފަދަ ކޮންޓެއްޓެއް ޝާއިއު ކުރި ވަކިވަކި ރިޕޯޓަރުންނަށް 50،000 ރުފިޔާއާއި 150،000 ރުފިޔާއާ ދެމެދުގެ އަދަދެއްގައި ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެ ފައިސާ ނުދައްކައިފި ނަމަ އެ މީޑިއާއެއް ހިނގުމުގެ ލައިސެންސް އަތުލުމުގެ ބާރު، ސަރުކާރުގެ ކަމައި ގުޅޭ އިދާރާއަށް ލިބޭ އިރު ވަކިވަކި ރިޕޯޓަރުންނަށް ޖިނާއީ ދައުވާއެއް ކޮށް ތިން މަހައި ހަމަހައި ދެމެދުގެ މުއްދަތަކަށް ޖަލަށްލުމަށް ހުކުމް ކުރެވޭނެ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ. އެ ބިލުގައި ބުނެފައި ވަނީ އެ ފަދަ މައްސަލައެއް އިސްތިއުނާފް ކުރުމުގެ ފުރުސަތުވެސް އޮވެއެވެ. ނަމަވެސް އިސްތިއުނާފް ކުރެވޭނީ ޖޫރިމަނާ ދެއްކުމަށް ފަހުގައެވެ.

މި ބިލުގައި ބުނެފައިވާ ގޮތުގައި މުއައްސަސާއެއްގައި ހިންގަމުންދާ ގާނޫނާ ހިލާފު ކަންކަމާއި މީހެއްގެ ސިއްހަތައް ނުވަތަ ފުރާނައަށް ގެއްލުން ވެދާނެ ހިޔާލުތަކާއި މުއައްސަސާއަކުން ކުރާ ކަމަކުން ތިމާވެއްޓަށް ދިމާވެދާނެ ނުރައްކަލަކަބެހޭ ގޮތުން ހަބަރު ފެތުރުމަކީ އަބުރާ ބެހުން ކަމަކަށް ނުބެލެވެ އެވެ. އަދި އިލްމީ މަގްސަދެއްގައި ހިޔާލު ފާޅުކުރުމާއި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ދައްކާ ވާހަކަތަކާއި، ނޫނީ ގަވައިދުތަކައި އުސޫލުތަކުގެ ތެރެއިން ޝަރުއީ ކޯޓެއްގައި ދެކެވޭ ވާހަކަތަކުގެ އިތުރުން ތަހުގީގު ކުރާ މުއައްސަސާތަކުން ކުރާ ތަހުގީގާ ނުވަތަ ކަމެއް ހޯދައި ހޯދުމުގެ ތެރޭގައި ދެކެވޭ ވާހަކަތައް ވެސް ރިޕޯޓް ކުރެވެ އެވެ. އަދި ބޭރުގެ ކޯޓުތަކާއި ޖަމާއަތް ނޫނީ މަޖިލީހަކުން ރަސްމީކޮށް ޝާއިއުކުރާ ވާހަކަތައް ނޫނީ އެއާ ހަވާލާދީ ލިޔެފައި ހުރި ލިޔުންތަކުގައިވާ ވާހަކަތަކަކީ އަބުރާ ބެހުމުގެ ކުށެއް ކަމުގައި ނުބެލެނެ ކަމަށް އެ ބިލުގައި ބުނެފައި ވެއެވެ.

އެހެން ނަމަވެސް ޕޯޑިއަމްއެއް ނުވަތަ ޖަލްސާތަކުގައި ދައްކާ ވާހަކަތައް ޝާއިއު ކުރާއިރު ބަސް ރައްދުވާ ފަރާތުގެ ބަހެއް ހޯދުމަށް އެކަށީގެންވާ މަސައްކަތެއް ކުރަން ޖެހޭ ކަމަށް އަބުރުގެ ބިލުގައި ބުނެފައިވެ އެވެ. އަދި ބުނެފައި ވަނީ އެ ފަރާތެއްގެ ބަހެއް ނުލިބުން ނަމަވެސް ހަބަރު ޝާއިއުކުރެވޭނެ ކަމަށެވެ. އަދި ބަސް ރައްދުވާ ފަރާތުގެ ބަސް ލިބިއްޖެ ހާލަތެއްގައި، އިތުރު ފީއެއް ނޫނީ އަގެއް ނެގުމެއް ނެތި އެ ފެންވަރުގައި ހަބަރު ގެނެސްދޭން މީޑިއާތަކަށް މަޖުބޫރު ވެއެވެ. އަދި ވަގުތުން ގެނެސްދޭ އިވެންޓެއްގައި މި ގާނޫނައި ހިލާފުވާ ވާހަކައެއް ދައްކާނަމަ ލައިވް ފީޑް ކަނޑާލަން ޖެހެ އެވެ.