ރައްޔިތުންގެ މަޖިލިސް

ހުއްދައާ ނުލައި މުޒާހަރާކުރެވޭ ތަންތަން ކަނޑައަޅާ އިސްލާހެއް ހުށަހަޅައިފި

ހުއްދައެއް ނުހޯދައި މުޒާހަރާތަކާއި ސިޔާސީ އެއްވުންތައް ބޭއްވޭ ގޮތަށް ތަންތަން ކަނޑައަޅައި އިސްލާހެއް، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ހުށަހަޅައިފި އެވެ. މި އިސްލާހު މިއަދު ހުށަހެޅުއްވީ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު އެވެ.

މި އިސްލާހުގެ ފުރަތަމަ ކިޔުން މިއަދު މަޖިލީހުގައި އިއްވާފައިވާއިރު މި އިސްލާހުގައި ބުނެފައިވަނީ މޯލްޑިވްސް ޕޮލިސް ސާވިސްއިން ލިޔުމުން ދޭ ހުއްދަ އާ ނުލައި މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ ފުޅަނދުބުރެއް ބޭއްވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާ އާންމުކޮށް އިއުލާނުކޮށްފައިވާ ތަންތަނުގައި ކަމަށެވެ.

އިސްލާހުގައިވާ ގޮތުން މުޒާހަރާކުރެވޭނެ ތަންތަނުގެ ލިސްޓް މި އިސްލާހަށް އަމަލުކުރަން ފަށާތާ ގިނަވެގެން 30 ދުވަހުގެ ތެރޭގައި ހޯމް މިނިސްޓްރީން އާންމުކޮށް އިއުލާންކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރަން ޖެހޭނެ އެވެ. އަދި އެ ލިސްޓަށް އެއްވެސް އުނި އިތުރެއް ގެނެވޭނީ އެ އުނި އިތުރަކަށް އަމަލުކުރަން ފެށުމުގެ 30 ދުވަހުގެ ކުރިން ހޯމް މިނިސްޓްރީން އެކަން އާންމުކޮށް އިއުލާންކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރުމަށްފަހު ގައި ކަމަށް ވެސް އިސްލާހުގައިވެ އެވެ.