ސައުދީ އަަރަބިއްޔާ

އެމެރިކާއިން ސައުދީއަށް 1.15 ބިލިއަން ޑޮލަރުގެ އަސްކަރީ ސާމާނު

ސައުދީ އަރަބިއްޔާއަށް 1.15 ބިލިއަން ޑޮލަރުގެ އަސްކަރީ ސާމާނު ވިއްކަން އެމެރިކާގެ ދިފާއީ ވުޒާރާއިން ނިންމައިފި އެވެ.

އެމެރިކާގެ ދިފާއީ ވުޒާރާ، ޕެންޓަގަންއިން ބުނެފައިވަނީ ސައުދީއަށް ވިއްކަން ނިންމާފައިވަނީ އެބްރެމްސް ހަނގުރާމަ މަތީ 130 ޓޭންކާއި އަސްކަރީ ރިކަވަރީ 20 އުޅަނދާއި އަދި ވެސް އަސްކަރީ އެހެން ސާމާނުތައް ކަމަށެވެ.

އެމެރިކާގެ ޑިފެންސް ސެކިއުރިޓީ ކޯޕަރޭޝަން އެޖެންސީން ބުނެފައިވަނީ ސައުދީއަށް އަސްކަރީ ސާމަނު ވިއްކައިގެން ފައިސާ ހޭދަ ކުރާނީ އެމެރިކާގެ ދިފާއީ ނިޒާމު އިތުރަށް ހަރުދާނަ ކުރުމަށް ކަމަށެވެ.

"މި ޑީލް ގެ ސަބަބުން ސައުދީގެ ރޯޔަލް އަސްކަރީ ފޯހާއި އެމެރިކާގެ އަސްކަރީ ވުޒާރާއާ ދެމެދު ގުޅުން އިތުރަށް ހަރުދާނާ ވެގެންދާނެ،" ސައުދީ ރޯޔަލް ފޯސްގެ ވެބްސައިޓްގައި ބުނެފައި ވެއެވެ.