އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖޭކް ސުލިވާން މޭކައްޓެއްގައި ރެނދުލުމުގެ ސަބަބުން ސައޫދީއަށް ކުރައްވަން އޮތް ދަތުރު މަޑުޖައްސާލަން ޖެހިއްޖެ އެވެ.
ވައިޓް ހައުސްގެ ތަރުޖަމާން ޖޯން ކާބީ ވިދާޅުވި ގޮތުގައި މާބޮޑު ސީރިއަސްކަމެއް ނެތަސް އޭނާ ހިނގާ ބިނގާވެ އުޅުމަށް ޑޮކްޓަރު މަނާކޮށްފައި އޮތީ އެވެ.
ޖޭކް ސުލިވާންގެ މޭކަށީގައި ރެނދުލީ ސަބަބެއް މުޅިން ސާފެއް ނުވެ އެވެ. ނަމަވެސް ޖޯން ކާބީ ވިދާޅުވީ ކުޑަ އެކްސިޑެންޓެއް ވީ ކަމަށެވެ. އެއީ އޭނާއަށް މީހަކު ދިން ހަމަލާއެއްގެ ސަބަބުން ވީ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
ޖޭކް ސުލިވާން އާއެކު ބައިޑަން ސަރުކާރުގެ އިތުރު ބައެއް އޮފިޝަލުން ސައޫދީ އަރަބިއްޔާއަށް ކުރައްވަން އޮތް ދަތުރަކީ -- ސައޫދީއާއި އިޒްރޭލާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރުމަށް މަޝްވަރާކުރެއްވުމަށް އޮތް ދަތުރެކެވެ.
މި ދަތުރުގައި އެމެރިކާގެ އޮފިޝަލުން ބައްދަލުކުރައްވާ ގޮތަށް އޮތީ ސައޫދީގެ ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާންއާ އެވެ.
އިޒުރޭލާ އެކު ސައޫދީން ސިޔާސީ ގުޅުން ގާއިމުކުރަން އޮތީ ދެކޮޅު ހަދާފަ އެވެ. ސައޫދީން ބުނާ ގޮތުން ފަލަސްތީނަށް މިނިވަން ދައުލަތެއް ލިބިއްޖެއުމަށް ދާންދެން ސައޫދީގެ ރުހުމެއް އިޒުރޭލަކަށް ނޯންނާނެ އެވެ.
އެމެރިކާ މެދުވެރިވެގެން ސައޫދީއާއި އިޒުރޭލާ ގާތްކުރެވޭތޯ ކުރިން ކުރި މަސައްކަތްތައް މިހާރު އޮތީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. އިޒުރޭލުން ޣާއްޒާއަށް ދެމުން ގެންދާ ހަމަލާތަކާ ގުޅިގެން އެ މަޝްވަރާތައް އޮތީ މަޑުޖެހިފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އިޒުރޭލުގެ އޮފިޝަލުން އަދި ސައޫދީގެ އޮފިޝަލުން ހިމެނޭ ގޮތުން އެއްމޭޒުދޮށުގައި ކުރެވޭ މަޝްވަރާތަކަކަށް ފަހުގައި ނޫނީ ސިޔާސީ ގުޅުމާ ބެހޭ ގޮތުން ގޮތެއް ނުނިންމޭނެ ކަމަށް މުހައްމަދު ބިން ސަލްމާން އެމެރިކާއަށް ވަނީ އަންގަވާފަ އެވެ. އަދި އިޒުރޭލުން ޣައްޒާއަށް މިހާރު ދެމުން ގެންދާ ހަމަލާތައް ހުއްޓާނުލައިފިނަމަ މަޝްވަރާކުރެއްވުމެއް މި ދަނޑިވަޅުގައި ނޯންނާނެ ކަމަށްވެސް ބިން ސަލްމާން ވަނީ ބައިޑަން ސަރުކާރަށް އަންގަވާފަ އެވެ.
އެމެރިކާއިން އެ ވަރަކުން މިއުޅެނީ ސައޫދީ އާއެކު ކުރިން ކުރި މަޝްވަރާތައް އެ ގައުމުން ދޫކޮށްލަފާނެ ކަމަށް ބިރުން ކަމަށް މަސްރަހު ދިރާސާކުރާ މީހުން ބުނެ އެވެ.
ސައޫދީއަށް އަދި ފަލަސްްތީނަށް ހެވެއް ނެތް ގޮތަށް އިޒުރޭލު ގައުމެއް ގޮތުގައި ބަލައިނުގަންނާނެ ކަމަށް ސައޫދީގެ ހާރިޖީ ވަޒީރު ފައިސަލް ބިން ފަރުހާން ވެސް އެތައް ފަހަރަކު ވަނީ ވިދާޅުވެފަ އެވެ.