ދުނިޔެ

ބައިޑަން ދެކެވަޑައިގަންނަވާ ގޮތަކުން ކަންބޮޑުވުމެއް ނެތް: މުހައްމަދު

ސައޫދީ އަރަބިއްޔާގެ ވަލީއަހުދު، ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވި ގޮތުން އެމަނިކުފާނާ މެދު އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިސްނަވާ ގޮތެއް މުހިންމެއް ނޫނެވެ.

ވަލީއަހުދު ވިދާޅުވީ އެމެރިކާގެ ރައީސަށް މުހިންމު ވާން ޖެހޭނީ އެމެރިކާ ކަމަށާއި އެހެން ގައުމުތަކަށް ވެސް އެ އިޚްތިޔާރު އޮންނަން ވާނެ ކަމަށެވެ.

އެމެރިކާގެ ރައީސް ކަމުގެ ހުވާ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޖޯ ބައިޑަން ކުރެއްވި ފަހުން އުޅުއްވަނީ ސައޫދީއާ ވަރަށް ދުރުދުރުންނެވެ.

އެމެރިކާއަށް މުހިންމު ކަމެއްގައި ސައޫދީއާ މަޝްވަރާ ކުރަން ޖެހިވަޑައިގެންނެވި ނަމަވެސް ގުޅުއްވަނީ ޕްރިންސްގެ ބައްޕާފުޅު، ސަލްމާން ބިން އަބްދުލް އަޒީޒަށެވެ.

ބައިޑަން ދެކެވަޑައިގަންނަވާ ގޮތުން އެމެރިކާ ނުކުރާ ކިތަންމެ ކުށެއް ސައުދީން ވަނީ ކޮށްފަ އެވެ. އެމެރިކާގެ ވެރިންގެ އަތުގައި ހޭކިފައި ނެތް ލެޔެއް، ސައޫދީ ވެރިންގެ އަތުގައި ހުރީ ހޭކިފަ އެވެ. އަދި އެލޭ ފިލާނެ ގޮތެއް ވެސް ނެތެވެ.

އެމެރިކާގައި މިހާރު އޮތް ސަރުކާރުން ވަލީއަހުދު މުހައްމަދާ ވާހަކަދައްކަން ބޭނުން ނުވަނީ އިންސާނީ ހައްގުތަކުގައި ސައޫދީ ފޭލިވެފައި އޮތް ކަމަށް ބުނެ އެވެ.

ފަލަސްތީންގައި ކުށެއް ނެތް ތުއްތު ކުދިންނާއި މައިން ބަފައިން ކޮށައި ކާޅަށް ކާންދިނުމުގައި ދެމިއޮތް އިޒްރޭލާ މެދު އެމެރިކާ ދެކެނީ ގާނޫނީ ގޮތުން ބަލަދުއަރާ ދަރިއެއް ފަދައިންނެވެ. އިންސާނީ ހައްގުތަކުގައި އިޒްރޭލުގެ ރެކޯޑުގައި ކުށެއް އޮތް ކަމަކަށް އެމެރިކާއަށް ގަބޫލެއް ނުކުރެވެ އެވެ.

އެމެރިކާ ދެކޭ ގޮތުން ސައޫދީ ކޯލިޝަނުން ޔަމަނުގައި އެ ހިންގަނީ ވެސް ހަމަ އެހެން ތިބެލާފައި އެމީހުން ކުރާ ހަނގުރާމައެކެވެ. ހޫތީންނާ ދެކޮޅަށް ހަމަލާ ދިނުމުގައި ސަބަބެއް ނެތެވެ. އެމެރިކާ ބުނާ ގޮތުން ހޫތީންނަކީ ޓެރަރިސްޓުންނެެއް ނޫނެވެ.

ހަގީގަތުގައި ޔަމަން ހަނގުރާމައިގައި ހުރިހާ ގޯހެއް ހަދަނީ ވެސް އެމެރިކާ އެވެ. އެނޫން ގޮތެއްގައި ހަތިޔާރު ވިޔަފާރިން އެމެރިކާއަށް އެއްޗެއް ލިބޭނެ ގޮތެއް ނެތެވެ. އެމެރިކާ އަކީ ހަނގުރާމައެއްގައި ޝާމިލްވާ ދެބައިގަނޑަށް ހަތިޔާރު ވިއްކައި ލިބޭ ފައިދާގެ ބޮޑުކަމުން އަތްޖަހާ ބައެކެވެ.

ވަލީއަހުދު ވިދާޅުވި ގޮތުން އެމެރިކާއާ އެކު ހަރުދަނާ ގުޅުމެއް ސައޫދީ ދަމަހައްޓާނެވެ. ޒަމާނުއްސުރެ ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން ހީނަރުވާން ދޫކޮށް ނުލައްވާނެ އެވެ.

ވަލީއަހުދު ވިދާޅުވީ ސައުދީން އެމެރިކާއަށް އިހްތިރާމު ކުރާނެ އެވެ. ހަމައެފަދައިން އެމެރިކާގެ އަމަލުތައް ވެސް ބަދަލުވާން ޖެހޭނެ ކަމަށެވެ.

ސައޫދީގެ ވެރިކަމުގެ ނިޒާމު ވޯޓަށް މިސްރާޖު ޖަހާފާނެތޯ ސުވާލު ދެންނެވުމުން ވަލީއަހުދު ވިދާޅޫވީ "ނުޖަހާނެ" ކަމަށާއި ސައުދީގައި އޮންނާނީ ތަބީއީ ރަސްކަމެއް ކަމަށެވެ.