ދުނިޔެ

ހަމާސް މުޅިން ނަންތައެއް ނުލެވޭނެ: އެންޓަނީ ބްލިންކެން

އިޒްރޭލުން ކިތަންމެ ވަރަކަށް ޣައްޒާއަށް ބޮންއެޅި ނަމަވެސް ހަމާސް މުޅިން ނައްތާ ނުލެވޭނެ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން ވިދާޅުވެއްޖެ އެވެ.

ބްލިންކެން މިހެން ވިދާޅުވީ މިދާކަށް ދުވަހު އިޒްރޭލަށް ކުރެއްވި ދަތުރުގައި -- ޔަހޫދީ ޒަޔަނިސްޓު ސަރުކާރުގެ ވެރިންނާ ބައްދަލުކުރައްވައި އަދި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ހާޒިރުގައެވެ.

އިޒްރޭލުގެ ސެކިއުރިޓީ ކެބިނެޓާ ބައްދަލު ކުރައްވައި ބްލިންކެން ވަނީ ދެ ދައުލަތުގެ މުހިއްމު ކަމާ މެދު ވެސް ވާހަކަދައްކަވާފަ އެވެ.

ޔަހޫދީންނަށް މެދުއިރުމަތީގައި ހަމަޖެހުން އޮތީ ބްލިންކެން ވިދާޅުވި ގޮތުގައި ފަލަސްތީނަށް ވެސް ދައުލަތެއް އޮވެގެންނެވެ.

ދުނިޔޭގައި ދެމިތިބުމަށް ޔަހޫދީން އުއްމީދުކުރާ ފަދައިން ފަލަސްތީން މީހުން ވެސް އުއްމީދުކުރާނެ ކަމަށް ޔަހޫދީ ކެބިނެޓު މިނިސްޓަރުންގެ އަރިހުގައި ބްލިންކެން ވިދާޅުވި ކަމަށް ޔަހޫދީ ޓީވީ ޗެނަލްތަކުން ބުންޏެވެ.

ޔަހޫދީން މިކަން ގަބޫލު ނުކޮށްފިނަމަ ދެރަ އޮތީ ޔަހޫދީންނަށް ކަމަށްވެސް ބްލިންކެން ވިދާޅުވި އެވެ.

ފަލަސްތީންގެ މައްސަލަތައް ހައްލުކުރުމަށް ޔަހޫދީން އެއްބާރުލުން ނުދޭނަމަ އެމެރިކާއާ އެކު އޮންނަ ގުޅުމަށް ވެސް ބުރޫއަރާނެ ކަމަށް ބްލިންކެން ވިދާޅުވި އެވެ. އަދި ސައޫދީ އަރަބިއްޔާއާ އެކު ސިޔާސީ ގޮތުން ގުޅުން ބަދަހިކުރަން ޔަހޫދީން ކުރާ އުއްމީދު ދުވަހަކުވެސް ހާސިލު ނުވާނެ ކަމަށް ވެސް ސެކްރެޓަރީ އޮފް ސްޓޭޓް ވިދާޅުވި އެވެ.

ޣައްޒާއަށް ހަމަލާދިނުމުގެ ބޭނުމެއް ކަމަށް ޔަހޫދީން ބުނަނީ ހަމާސް ނައްތާލުމެވެ. ނަމަވެސް، ޔަހޫދީންގެ ހަމަލާތަކުގައި އެންމެ ގިނައިން މަރުވަނީ އާންމުންނެވެ. ކުޑަކުދިންނާއި ދުވަސްވީ މީހުން އަދި އަންހެނުންނެވެ.

އިޒްރޭލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި 23،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި 60،000 އަށް ވުރެ ގިނަ މީހުން ވަނީ ގެދޮރި ގެއްލި އުޅޭނެ ތަނެއް ނެތިފަ އެވެ.

އެންޓަނީ ބްލިންކެން މެދުއިރުމައްޗަށް ވަޑައިގެން ސައޫދީ އަރަބިއްޔާއަށް ދަތުރުކުރެއްވި އެވެ. އަދި ސައޫދީގެ ބޮޑުވަޒީރު / ވަލިއަހުދު މުހައްމަދު ބިން ސަލްމާންއާ ވެސް ބައްދަލުކުރެއްވި އެވެ.

ބިން ސަލްމާން ވެސް ވަނީ ފަލަސްްތީނަށް މިނިވަން ދައުލަތެއް މުހިންމު ކަމަށް ބްލިންކެންގެ އަރިހުގައި ދަންނަވާފަ އެވެ.