ފަލަސްތީނަށް މިނިވަން ދައުލަތެއް ލިބި އެ މީހުންގެ ހައްގުތައް ކަށަވަރުވުމަށް ދާންދެން އިޒުރޭލާ އެކު ސިޔާސީ ގޮތުން ގުޅުން ބަދަހި ނުކުރާނެކަން -- ސައޫދީ އަރަބިއްޔާގެ ޚާރިޖީ ވުޒާރާއިން އެމެރިކާއަށް އަންގައިފި އެވެ.
ފަލަސްތީން މިނިވަންކުރަން ޖެހޭނީ 1967 ގައި ބޯޑަރު އޮތް ގޮތަށް -- ފަލަސްތީނަށް ނިސްބަތްވާ ސަރަހައްދުތައް އެއިރު އޮތް ގޮތަށް އަދި އިރުމަތީ ގުދުސް އަކީ ފަލަސްތީންގެ ވެރިރަށުގެ ގޮތުގައި ހަމަޖައްސައިގެން ކަމަށްވެސް ސައޫދީން ވަނީ އެމެރިކާއަށް އަންގާފަ އެވެ.
އިޒުރޭލާ އެކު ރަސްމީ އަދި ސިޔާސީ އެއްވެސް ކަމެއްގައި -- ދެ ގައުމަށް ވަކި ފައިދާއެއް އޮންނަ ގޮތަށް، މަޝްވަރާ ކުރުމަށްވެސް ސައުދީން ވަނީ ޝަރުތު ކަނޑައަޅާފަ އެވެ.
ސައުދީން ބުނި ގޮތުން ފަލަސްތީންގެ ޣައްޒާއަށް އިޒުރޭލުން މިހާރު ދެމުން ގެންދާ އަނިޔާވެރި އަދި ރަހުމެއް ނެތް ހަމަލާތައް ހުއްޓާލުމަށް ދާންދެން އިޒުރޭލާ މެދު ގާތް ގުޅުމަކުން ނުދެކޭނެ ކަމަށެވެ.
ހަމާލަތައް ހުއްޓާލައި ޔަހޫދީ އަސްކަރިއްޔާ ޣާޢްޒާއިން ބޭލުމަށްސް ސައުދީން އޮތީ ގޮވާލާފަ އެވެ.
އިޒުރޭލުގެ އަމަލުތަކާ މެދު ސައުދީން ކަންބޮޑުވާ ކަމަށާއި އެއީ ސައުދީއަށް ވަރަށް ބީރައްޓެހި އަމަލުތަކެއް ކަމަށްވެސް ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައިވެ އެވެ.
ފަލަސްތީން އަކީ މިނިވަން އަދި ދާއިމީ މެމްބަރެއް ކަމަށް ބަލައިގަތުމަށް އދގެ ސަލަމަތީ މަޖިލީހަށް ސައުދީން ގޮވާލާފައި އޮތް ގޮވާލުން އަދިވެސް ބަލައިގެންފައި ނުވާ ކަމަށްވެސް ބަޔާނުގައި ވެއެވެ.
ސައުދީން މިފަދަ ބަޔާނަކުން އެމެރިކާއަށް ވިސްނައިދޭން ބޭނުންވަނީ އިޒުރޭލާ އެކު ގުޅުން ބަދަހިކުރަން ސައޫދީއަށް ކިތަންމެ ޕްރެޝަރެއް ކުރި ނަމަވެސް، ސައޫދީން ވެސް ބޭނުންވާ ކިތަންމެ ކަމެއް އެމެރިކާ ހުއްޓުވާފައި ހުރުމުންނެވެ.
ސައުދީން އެމެރިކާއަށް ޒަމާންތަކެއް ކުރިން ހުށަހަޅާފައި ހުރި ހުށަހެޅުންތަކަށް އެކަށީގެންވާ ޖަވާބެއް ލިބެންދެން މި މައުލޫ މިގޮތުގައި އޮންނާނެ ކަމަށްވެސް ހަނދާންކޮށްދީފައިވެ އެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ސައޫދީއަށް ކުރެއްވި ދަތުރަށްފަހު ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން، ސައޫދީއާ އެކު ކުރެވުނީ ކާމިޔާބު މަޝްވަރާތަކެކެވެ.