ދުނިޔެ

އިޒްރޭލާއެކު އެއްބަސްވުމަކަށް ސައުދީ ނުދާނެ

ފަލަސްތީނާއެކު ބައިނަލްއަގުވާމީ ގޮތުން ގަބޫލު ކުރެވޭ ސުލްހައިގެ އެއްބަސްވުމަކަށް ނުދެވެނީސް އިޒްރޭލާއެކު ސިޔާސީ ގުޅުމެއް ގާއިމް ނުކުރާނެ ކަމަށް ސައުދީ ހާރިޖީ ވަޒީރު ޕްރިންސް ފައިސަލް ވިދާޅުވެއްޖެ އެވެ.

ސައުދީ ހާރިޖީ ވަޒީރު މިހެން ވިދާޅުވެފައި ވަނީ ޔޫއޭއީން އިޒްރޭލާއެކެ ސުލްހައިގެ އެއްބަސްވުމެއް ގާއިމް ކުރަން ނިންމުމާއި ގުޅިގެނެވެ. މީގެ އިތުރުން ޕްރިންސް ފައިސަލް ވިދާޅުވީ ފަލަސްތީނަށް ގަބޫލު ކުރެވޭ ފަދަ ގޮތަކަށް ފަލަސްތީނުގެ ބިމުގައި އިޒްރޭލާއި ފަލަސްތީނުގެ ދެ ސަރުކާރު ގާއިމް ނުވާހާ ހިނދަކު އިޒްރޭލާއެކު ސުލްހައިގެ އެގްރިމެންޓެއްގައި ސައުދީއަށް ސޮއި ނުކުރެވޭނެ ކަމަށެވެ.

މިދިޔަ ހަފުތާގައި އެމެރިކާގެ އިސްނެގުމާއެކު ޔޫއޭއީ ވަނީި އިޒްރޭލާއެކެ ސުލްހައިގެ އެއްބަސްވުމެއް ގާއިމްކުރި މެދުއިރުމަތީގެ ތިންވަނަ ގައުމަށް ވެފަ އެވެ. އެމެރިކާއިން އުންމީދު ކުރަނީ ސައުދީ އަރަބިއާ އާއި އަދި އެހެނިހެން އަރަބި ގައުމުތަކާއެކު ވެސް ޔޫއޭއީއާއެކު ހެދިފަދަ އެއްބަސްވުންތަކެއް އަވަހާ ހަދާށެވެ. ސައުދީ ސަރުކާރުން ޔޫއޭއީގެ އެއްބަސްވުމާއި ގުޅޭ ގޮތުން ޝުއޫރެއް ފާޅުކުރީ މި މައްސަލައިގައި އެއްވެސް އެއްޗެއް ނުބުނެ ދުވަސްތަކެއް ވުމަށް ފަހު އެމެރިކާގެ ފިއްތުންތަކުގެ ސަބަބުންނެވެ.

ޕްރިންސް ފައިސަލް ބުދަ ދުވަހު ބާލިނންއަށް ކުރެއްވި ދަތުރުފުޅެއްގައި ނޫސްވެރިންނާ ބައްދަލު ކުރައްވާ ވިދާޅުވީ "ފަލަސްތީނާއެކު ސުލްހަ ގައިމް ކުރެވޭނީ ޝަރުތުތަކާއިއެކެ އިންޓަނޭޝަނަލް އެގްރިމެންޓެއް ހެދިގެން" ކަމަށެވެ. އަދި ވިދާޅުވީ "އެކަންތައް ހާސިލްވުމުން އެހެން ހުރިހާކަމެއް ހައްލު ވާނެ" ކަމަށެވެ. މިއީ މިމައްސަލައިގައި މީގެ ކުރިން ވެސް ސައުދީ އަރަބިއަޔާ ދެކެމުން އައި ގޮތެވެ.

ވައިޓް ހައުސްގައި ބޭއްވި ނިއުސް ކޮންފަރެންސްއެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ މިދިޔަ ހަފުތާގައި އިޒްރޭލާއު ޔޫއޭއީން އިއުލާންކުރި ސުލްހައިގެ އެއްބަސްވުމުގައި ސައުދީ އަރަބިއާ ބައިވެރިވާނެ ކަމަށް އުންމިދު ކުރައްވާ ކަމަށެވެ.