ދުނިޔެ

އެމެރިކާ އިސްވެ ފަލަސްތީނަށް އިންސާފު ހޯދަން ޖެހޭ: ސައުދީ

ފަލަސްތީނުގެ މައްސަލައަށް ސުލްހަވެރި ދާއިމީ ހައްލެއް ބޭނުންވާ ކަމަށް ސައުދީ ރަސްގެފާނު ސަލްމާން ބިން އަބުދުލް އަޒީޒު، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ދަންނަވައފި އެވެ.

ރައީސް ޓްރަމްޕަށް ފޯނުން ގުޅުއްވައި ސަލްމާން ރަސްގެފާނު ދެއްކެވި ވާހަކަފުޅުގައި މައިގަނޑު ގޮތެއްގައި ބާރު އެޅުވީ ފަލަސްތީނަށް އިސާފު ހޯދައި ދިނުމާއި މެދުއިރުމަތީގެ ސުލްހައާ ގުޅޭ ގޮތުންނެވެ. ސަލްމާން ރަސްގެފާނު ޓްރަންޕަށް ގުޅުއްވެވީ އެމެރިކާ މެދުވެރިވެގެން ޔޫއޭއީ އާއި އިޒްރޭލާ ދެމެދު ގުޅުން ގާއިމުކުރުމާމެދު އެއްބަސްވުމަކަށް އައިތާ ކުޑަދުވަސކޮޅެއްގެ ތެރޭގަ އެވެ.

ޔޫއޭއީގެ އެއްބަސްވުމާއިއެކު އެ ގައުމުވެފައި ވަނީ އިޒްރޭލާއެކު ގުޅުން ގާއިމްކުރާ އަރަބި ތިންވަނަ ގައުމަށެވެ. މީގެ ކުރިން އިޒްރޭލާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމްކޮށްފައިވާ އަރަބި ގައުމުތަކަކީ މިސްރާއި އުރުދުން އެވެ.

ސައުދީ ސަރުކާރުގެ ރަސްމީ ނޫސް އެޖެންސީއިން ބުނާގޮތުގައި 2002 ވަނަ އަހަރު އަރަބީންގެ ސުލްހައިގެ އިސް ނެގުމަށް އިހުތިރާމްކޮށް އެއާ އެއްގޮތައް ފަލަސްތީނު މައްސަލައަށް ދާއިމީ ސުލްހައިގެ ހައްލެއް ލިބޭނެ އެއްބަސްވުމެއް އެކުލަވައިލަންޖެހޭ ކަމަށް ސަލްމާން ރަސްގެފާނު، ޓްރަމްޕަށް ދެންނެވި އެވެ.

ރަސްގެފާނު ހަވާލާ ދެއްވާ އެއްބަސްވުމުގައިވާ ގޮތުން އިޒްރޭލާއެކު ސުލްހަވެ އިޒްރޭލަކީ ދައުލަތެއް ކަމުގައި އަރަބީން ގަބޫލު ކުރާނީ 1967 ވަނަ އަހަރު އައި މެދުއިރުމަތީގެ ހަނގުރާމައިގައި އިޒްރޭލްއިން ހިފާފައިވާ ބިންތަކުން ފޭބުމުންނެވެ.

ސަލްމާން ރަސްގެފާނު ވަނީ އެމެރިކާގެ އިސްނެގުމަށް ޔޫއޭއީ އާއި އިޒްރޭލާ ދެމެދު ވެވުނު އެއްބަސްވުމުގައި އެމެރިކާގެ ދައުރަށް ތައުރީފު ކުރައްވާ ކަމަށް ވެސް ޓްރަންޕް އަރިހު ދަންނަވާފަ އެވެ. އަދި ފަލަސްތީނު މައްސަލާގައި ވެސް އެފަދަ މަސައްކަތެއް ބޭނުންފުޅުވާ ކަމަށް ވެސް ދެންނެވި އެވެ.

މި މަހު ސައުދީން ބުނެފައި ވަނީ ޔޫއޭއީ އާއި އިޒްރޭލް އާއި ދެމެދު ކުރެވޭ ވައިގެ ދަތުރުތަކުގައި ސައުދީގެ ވައިގެ ސަރަހައްދު އިޒްރޭލް ބޭނުން ކުރުމުގެ ހުއްދަދޭނެ ކަމަށެވެ. މީގެ ތެރޭގައި ސައުދީ ވައިގެ ސަރަހައްދު އިޒްރޭލްގެ އެހެނިހެން މަތިންދާބޯޓުތަކަށް ދިނުން ވެސް ހިމެނެ އެވެ.

ސަލްމާން ރަސްގެފާނާއި ރައީސް ޓްރަންމްޕް މެދުއިރުމަތީގެ ސަލާމަތާއި ބެހޭގޮތުން ވެސް ވާހަކަފުޅު ދައްކަވާ މުހިންމު މަޝްވަރާތަކެއް ކުރެއްވި އިރު މެދުއިތުރުމަތީގައި ހިމެނޭ އަރަބި އެއްވެސް ގައުމަކުން އިޒްރޭލާއި ސުލްހަވުމަށް މިހާތަނަށް އިސް ނަގާފައެއް ނުވެއެވެ. މިދިޔަ އާދީއްތަ ދުވަހު ލުބުނާންގެ ހިޒްބުﷲ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުﷲ އާއި ފަލަސްތީނުގެ ހަމާސްގެ ލީޑާ އިސްމާއިލް ހަނިއްޔާ ބައްދަލު ކުރައްވާ އެމެރިކާ މެދުވެރިވެގެން ޔޫއޭއީ އާއި އިޒްރޭލާ ދެމެދު ވެވުނު އެއްބަސްވުމާބެހޭގޮތުން ވެސް ވާހަކަދައްކަވާފަ އެވެ. އެ އެއްބަސްވުމާއި ހަމާސް އާއި ހިޒުބުﷲ ވެސް ވަނީ ދެކޮޅު ހަދާފަ އެވެ