ދުނިޔެ

އެމެރިކާއިން ސައުދީއަށް ހަތިޔާރު ވިއްކަން ތައްޔާރުވަނީ

ސައުދީ އަށް ހަތިޔާރު ވިއްކުމަށް އެމެރިކާ ސަރުކާރުން ނިންމައިފި އެވެ.

އެމެރިކާގެ ރައީސް ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ޖޯ ބައިޑަން ކުރިން ނިންމަވާފައިވަނީ ސައުދީ އަރަބިއްޔާއަށް ހަތިޔާރު ވިއްކުން މެދުކަނޑާލުމަށެވެ.

ނަމަވެސް އެމެރިކާގެ ސިޔާސަތަށް ކުއްލިއަކަށް ބަދަލެއް އައި ސަބަބެއް ސާފެއް ނުވެ އެވެ.

ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ވެދާންތު ޕަޓެލް ވިދާޅުވީ އެމެރިކާ އިން ކުރިން ސައުދި އަރަބިއްޔާއަށް ޝަރުތުތަކެއް ކަނޑައަޅާފައިވާ ކަމަށާއި އެ ޝަރުތުތައް އެ ގައުމުން ފުރިހަމަކޮށްފައިވާަ ކަމަށެވެ.

މީގެ ތެރޭގައި ޔަމަނާ ދޭތެރޭ ގެންގުޅޭ ހަރުކަށި ސިޔާސަތު ބަދަލުކުރުމާއި، މަދަނީންނަށް ގެއްލުން ވިޔަނުދިނުމަށް މަސައްކަތްކުރުން ހިމެނެ އެވެ.

ޕަޓެލް ވިދާޅުވީ 2022 ވަނަ އަހަރުގެ ފަހުން ސައުދި އަރަބިއްޔާ އިން ޔަމަނަށް އެއްވެސް ވައިގެ ހަމަލާއެއް ދީފައި ނުވާ ކަމަށެވެ. އަދި ޔަމަނުން ސައުދި އަރަބިއްޔާއަށް ދެމުން އައި ހަމަލާތައްވެސް ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ.

އެމެރިކާއިން މިހާރު ނިންމާފައިވަނީ ވަކިވަކި މައްސަލަތަކަށް ބަލައި، އެމެރިކާގެ ކޮންގްރެސްގެ ރުހުމާއެކު ވައިން-ބިމަށް ދޫކުރާ ހަތިޔާރުތައް ސައުދީއަށް ވިއްކުމަށެވެ.