ހާއްޖާޖީންގެ ކަންކަން ފަސޭހަކަމާއެކު ކުރިއަށް ގެންދަން ވާންޖެހޭ ތައްޔާރީތައް ވުމަށްޓަކާ ހައްޖު އޮފީސްތަކާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއެކު އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު މިއަދު ބައްދަލުކުރައްވާ މަޝްވަރާ ކުރައްވައިފި އެވެ.
އިސްލާމިކް މިނިސްޓްރީގައި އޮތް ބައްދަލުވުމުގައި މި އަހަރު ހައްޖަށް މީހުން ގެންދާ ހުރިހާ ގުރޫޕުތަކުން ބައިވެރިވި އިރު މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮމިޔުނިކޭޝަން ކޮމްޕެނީ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވެސް ހިމެނެ އެވެ.
ހައްޖަށް ދާ މީހުންނާއި ފުރުވަންދާ ފަރާތްތަކަށް ލުއި ވާނެ ފަދަ ގޮތަކަށް ކަންކަން އިންތިޒާމް ކުރުމަށް ކުރެވޭނެ ކަންކަމާބެހޭ ގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރި އެވެ. އެގޮތުން ހައްޖަށް މީހުން ފުރާ ދުވަސްތަކުގައި ޓްރެފިކް ބާރު ބޮޑު ނުވާނެ ގޮތްތަކާއި، ސެކިއުރިޓީގެ ކަންކަމާއި ފެރީ ދަތުރުތަކާއި ފެން ލިބޭނޭ އިންތިޒާމްތައް ހަމަޖެއްސުމާބެހޭ ގޮތުން މަޝްވަރާކުރި އެވެ.
މި އަހަރު ރާއްޖެއަށް ލިބިފައިވާ 2،000 ހައްޖު ކޯޓާ ފުރިހަމައަށް ހަމަޖެހިފައިވާ ކަމަށާއި ހައްޖަށް މީހުން ގެންދިޔުމުގެ އެހެން ވެސް އިންތިޒާމްތައް މިހާރު ހަމަޖެހިފައިވާ ކަމަށް، އިސްލާމިކް މިނިސްޓްރީން ބުންޏެވެ. މި ކޯޓާތަކުގެ ތެރެއިން 1،000 ކޯޓާއަކީ ހައްޖު ކޯޕަރޭޝަނަށް ދީފައިވާ ކޯޓާތަކެވެ.
ކޯޓާ ބަހާފައިވާ ގޮތް
- ހައްޖު ކޯޕަރޭޝަން: 1،000 ކޯޓާ
- މިނާ ހައްޖު އުމްރާ ގްރޫޕް: 200 ކޯޓާ
- ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕް: 200 ކޯޓާ
- ޒައީ ގުރޫޕް: 200 ކޯޓާ
- އަލްހަރަމައިން ހައްޖު އެންޑް އުމްރާ ގްރޫޕް: 200 ކޯޓާ
- އޭކްރޯ ގްރޫޕް: 200 ކޯޓާ
ހައްޖު ކޯޕަރޭޝަން މެނޭޖިން ޑިރެކްޓަރު ޔާމީން އިދްރީސް ވިދާޅުވެފައިވާ ގޮތުގައި، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ހައްޖަށް ފުރާ މީހުން އަންނަ ހަފުތާ ފުރާނެ އެވެ. އެގޮތުން ފުރަތަމަ ފްލައިޓް ފުރާނީ މި މަހު 15 ވަނަ ދުވަހު އެވެ. އެ ފްލައިޓްގައި 220 މީހުން ހައްޖަށް ފުރާނެ އެވެ. ދެވަނަ ފްލައިޓްގައި 260 މީހުން މި މަހުގެ 18 ވަނަ ދުވަހު ފުރާނެ އެވެ.
ހައްޖު ކޯޕަރޭޝަނުގެ ތިންވަނަ ފްލައިޓް ފުރާނީ މި މަހުގެ 21 ވަނަ ދުވަހު އެވެ. އެ ފްލައިޓްގައި 246 މީހުން ފުރާނެ އެވެ. ހަތަރުވަނަ ފްލައިޓްގައި 266 މީހުން މި މަހުގެ 22 ވަނަ ދުވަހު ހައްޖު ކޯޕަރޭޝަނުގައި ހަވާލުގައި ހައްޖަށް ފުރާނެ އެވެ.