ކެބިނެޓް

ހައްޖަށް މީހުން ގެންދާ އުސޫލަށް ބަދަލު ގެނައުމަށް ނިންމައިފި

މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑަށް ފައިސާ ދެއްކުމަށްފަހު ފަރުޟު ހައްޖު އަދާކުރުމަށް ދިގު އިންތިޒާރެއްގައި ތިބި ރައްޔިތުންނަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، މިއަންނަ އަހަރުން ފެށިގެން ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިއުމާ ބެހޭ އުސޫލަށް ބަދަލު ގެނައުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.

ރައީސް މުއިއްޒު މިގޮތަށް ނިންމެވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށްފަހު އެވެ.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖުގެ އަޅުކަން އަދާކުރަންދާ ފަރާތްތަކަށް ފައިސާ ދައްކާ ތަރުތީބުން ފުރުސަތު ދިނުމުގައި އާ އުސޫލެއް އެކުލަވާލުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން ހިމެނެނީ:-

  • އަލަށް ހައްޖުގެ އަޅުކަން އަދާކުރަން އެދޭ ފަރާތްތަކަށް އިސްކަންދިނުން.
  • ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތްތަކުގެ ތެރެއިން އުމުރުން 65 އަހަރުން ފެށިގެން މަތީގެ ފަރާތްތަކަށް ކޮންމެ އަހަރަކު މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ކަނޑައަޅާ ވަކި އިންސައްތައެއް ހާއްސަކުރުން
  • ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ އުމުރުން 75 އަހަރުން ފެށިގެން މަތީގެ ފަރާތްތަކުގެ ތެރެއިން ސިއްހީ ހާލަތަށް ބަލައި އެހީތެރިއަކު ގެންދަންޖެހޭ ފަރާތްތަކަށް އެހީތެރިއަކު ހަމަޖައްސަން ފުރުސަތު ދިނުން.
  • ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައިވާ ފަރާތަކަށް އިތުރު ފުރުސަތެއް ދެވޭނީ، އެންމެ ފަހުން ހައްޖުގެ އަޅުކަން އަދާކުރިތާ ހިޖުރީ ސަނަތުން ފަސް އަހަރު ވުމުން ކަމަށް ކަނޑައެޅުން.

ރައީސްގެ ނިންމެވުމުގައިވާ ގޮތުން ހައްޖަށްދާ މީހަކަށް އެހީތެރިއެއްގެ ގޮތުގައި ގެންދެވޭނީ ކޯޕަރޭޝަނުގެ ލިސްޓުގައި އާއިލާގެ މީހަކު ހިމެނޭނަމަ އެމީހަކު ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައި ނެތް ނަމަ އެވެ. އަދި ހައްޖުގެ އަޅުކަން އަދާކޮށްފައިވާ ފަރާތެއް އެހީތެރިއެއްގެ ގޮތުގައި ގެންދެވޭނީ ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތެއް އޭނާއަށް ލިބެން ނެތް ހާލަތުގައި ކަމަށް އުސޫލުގައި ކަނޑައެޅުމަށްވެސް ވަނީ ނިންމަވާފަ އެވެ. ސިއްހީ ހާލަތު ކަށަވަރުކުރާނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ކަނޑައަޅާ ޑޮކްޓަރުން މެދުވެރިކޮށް ކަމަށްވެސް ނިންމުމުގައިވެ އެވެ.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑަށް ފައިސާ ދައްކައިގެން ހައްޖު ކިއު ލިސްޓުން ޖާގަ ކަށަވަރުވީ ނަމަވެސް ފަރުޟު ހައްޖު އަދާކުރުމަށް ދިގު އިންތިޒާރެއްގައި ތިބި ރައްޔިތުންނަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ރާއްޖެއަށް ލިބޭ ރަސްމީ ހައްޖު ކޯޓާ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުންދާ ކަަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.