ހައްޖުގެ އަޅުކަން

ހުރިހާ ހައްޖު ކޯޓާއެއް ހައްޖު ކޯޕަރޭޝަނަށް ދޭން ނިންމައިފި

ރާއްޖެއަށް ހައްޖު ކޯޓާގެ ގޮތުގައި ރަސްމީކޮށް ލިބޭ ހުރިހާ ކޯޓާއެއް މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑަށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުން މަޝްވަރާ ކުރެއްވުމަށްފަހު ދެއްވެވި ލަފާއަށް ބެއްލެވުމަށްފަހު އެވެ.

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒުގެ މި ނިންމެވުމާ ގުޅިގެން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހަމަޖެހިގެންދާނެ ކަމަށެވެ.

ހައްޖަށް ދިއުމަށް މިވަގުތު ހައްޖު ކޯޕަރޭޝަނުގެ ކިޔުގައި 6،000 މީހުން ރަޖިސްޓްރީވެފައި އެބަތިއްބެވެ. މީގެތެރެއިން 4،706 މީހުން ވަނީ ހައްޖަށް ދިއުމަށް ދައްކަން ޖެހޭ ފައިސާ އެއްކޮށް ދައްކާފަ އެވެ.

އެހެންކަމުން ފައިސާ ދައްކާފައިވާ މީހުންގެ އިންތިޒާރު ދިގުލައިގެން ދިޔަ ނުދިނުމަށާއި ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް އާންމު ރައްޔިތުންގެ އިތުބާރު ބޮޑުކުރުމަށްޓަކައި ކޮންމެ އަހަރަކު ރާއްޖެއަށް ލިބޭ ރަސްމީ ހައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހަވާލުކުރަންޖެހޭކަމުގައި ވަޒީރުން މިއަދު ވަނީ ރައީސް އަށް ލަފާ ދެއްވާފަ އެވެ.

ރައީސް އޮފީހުން ބުނީ ހައްޖުގެ ހުރިހާ ކޯޓާއެއް ހައްޖު ކޯޕަރޭޝަނަށް ދިނުމުގެ ކުރިން މީގެކުރިން ހައްޖަށް މީހުން ގެންގޮސްފައިވާ އަމިއްލަ ގިނަ ކުންފުނިތަކުން ހައްޖުވެރިންނަށް ދީފައިވާ ހިދުމަތުގެ ފެންވަރަށް ބަލާފައިވާ ކަމަށެވެ. އެގޮތުން ވޭތުވެދިޔަ އަހަރުތަކުގައި ގިނަ ޝަކުވާތަކެއް އަމިއްލަ ކުންފުނިތަކާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީއަށާއި ދިވެހި ހައްޖު މިޝަނަށް ލިބިފައިވާ ކަމަށްވެސް ބުންޏެވެ.

މީގެއިތުރުން އަމިއްލަ ކުންފުނިތަކަށް ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ ލިބުމަށްފަހު، މިނިސްޓްރީން ހުއްދަދީފައި އޮންނަ އަގަށް ވުރެ ބޮޑު އަގުގައި ހައްޖުވެރިންގެ އަތުން ފައިސާ ނަގާ ކަމުގެ ޝަކުވާ އަބަދުވެސް އިވެމުންދާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ. އެހެންކަމުން ދިވެހިރާއްޖެއަށް ލިބޭ ރަސްމީ ހައްޖު ކޯޓާއަށް މީހުން ހައްޖަށް ގެންދިއުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑަށް ދޭގޮތަށް ހަމަޖެއްސުމުން އެފަދަ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށް ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގެންނެވި ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.