ހާއްސަ ރިޕޯޓް

ފުރަތަމަ އުޅުނީ ލަދުން، މިހާރު ލަވަ ކިޔުމަކީ ޕެޝަން!

އަބަދުވެސް ބޭނުންވީ ލަވަ ކިޔާށެވެ. އެކަމަކު މީހުންގެ ކުރިމަތީގައި ކިޔަން ލަދުގަތީ އެވެ. ގުދުރަތުން ލިބިފައިވާ ހުނަރުގެ ބޭނުން ހިފީ ހަމައެކަނި ގޭތެރޭގަ އެވެ. ގެއިން ބޭރަށް ހުނަރު ގެންދަން ނުކެރުނީ އެވެ. އެކަމަކު ސްކޫލް ނިމެންވާއިރަށް ކޮންމެސް ކަމެއް ކުރަން ލޯ މަރާލާފައި ފަހު ލަވައެއް ކިޔާލީ އެވެ. މިދައްކަނީ 2011 ވަނަ އަހަރުގެ އެހަނދާނުގައި ރެޓްރޯ އިން "ނޫ ކޮކާ" މި ލަވައިން މީހުންގެ ހިތްތަކަށް ވެރިވެގަތް އުމުރުން 28 އަހަރުގެ އަހްމަދު ޝަބީންގެ ވާހަކަ އެވެ. އެހަނދާނުގައި ޝޯގައި ފަސް އަހަރު ލަވަ ކިޔައި މިފަހަރު "ލޯބިން" އެންމެންގެ ހިތްތައްވެސް ފުރާލަ ދިނީ އެވެ. ހޮބީއެއްގެ ގޮތުގައި މިކަންކުރާ ޝަބީން ބޭނުންވީ ކޮޕީ ލަވަ ކިޔައިގެންވެސް އެންމެ ފުރަތަމަ މި ދާއިރާއަށް ނުކުންނާށެވެ. އެކަމަކު މިހާރު ގިނައިން ކިޔަނީ އަމިއްލަ ރާގުގެ ލަވަތަކެވެ.

ތިރީގައި މިއޮތީ އަވަސް ވީކެންޑަށް ޝަބީން ދީފައިވާ ހާއްސަ އިންޓަވިއު އެވެ.

ފުރަތަމަ ކިޔާލަ ދީބަލަ ލަވަ ކިއުމުގެ ދާއިރާއަށް ޝައުގުވެރިކަން އުފެދި ލަވައިގެ ދުނިޔެއަށް ވަދެވުނު ގޮތް؟

"ލަވަކިޔުމުގެ ތެރެއަށް ވަދެވުނީ އަސްލު ކުޑައިރުވެސް ވަރަށް ލަވަކިޔާ އުޅެން. އެންމެ ކުޑައިރުވެސް ހަނދާން ހުންނަން ފެށީއްސުރެވެސް މި ޓީވީ އަކުން ލަވައެއް ފެނުނަސް ކިޔާނެ ދެން އާއިލާ އެންމެންވެސް ބުނާނެ ރީއްޗޭ ލަވަ ކިޔާގޮތްވެސް. އެކަމަކު ދުވަހަކުވެސް ނުކެރޭ މީހުން ކުރިމަތީ ކިޔާކަށް. ދެން އޭރު ވަގަށް އުޅުނީ. ޓީވީ އަކުން ލަވައެއް އަންނަންޏާ އޭގެ އަޑުދަށުން ކިޔާ އެކަހަލަ ގޮތަކަށް. ދެން އަބަދުވެސް ކީ ވާހަކައެއް އެއީ ނެޗުރަލްކޮށް ހުރި ޓެލެންޓެކޭ އެއީ. އެހެން ފަރިތަކޮށް ކިޔަމުން ކިޔަމުން އައިސް މަޖީދިއްޔާ ސްކޫލް ފަހު އަހަރު ނިންމާލުމުގެ ކުރިން ސްކޫލް ކުދިންގެ ލަވަ މުބާރާތުގައި ބައިވެރިވީދޯ. އެންމެ ފަހު އަހަރު އެއީ ދެން ސްކޫލް ނިންމާލާންވާއިރަށް ކޮންމެސް ކަމެއް ކުރަންވާނޭ ހިތަށް އަރައިގެން އަރާލީ. އެއީ އޮފިޝިއަލީ އަލަށް ސްޓޭޖެއްގެ މައްޗަށް އަރައިގެން ލަވައެއް ކީ."

ޝަބީން ލަވަކިޔަނީ ހޮބީއެއްގެ ގޮތުގައި. ޕްރޮފެޝަން އެއްގޮތަށް ލަވަކިޔުން އިހުތިޔާރު ނުކުރީ ކީއްވެ؟

"އަސްލު ޝަބީން ދެކޭ ގޮތުގައި ފުރަތަމަ ކަމަކަށް ރާއްޖޭގައި ލަވަކިޔުމާއި، މިއުޒިކް ހެދުން ހިއެއް ނުވޭ އެހާ ޕްރޮމިސިން ހެންނެއް އަދިވެސް. ދެން އެއާ އެއްކޮށް ޝަބީން އަށް މިއުޒިކާ ލަވަޔަކީ ޕެޝަންއެއް އަސްލު. އެހެންވެ ޝަބީން ބޭނުންވަނީ އެކަންތައް އެއްވެސް ޑިމާންޑެއް ނެތި އެއްވެސް ރިކުއާމެންޓެއް ނެތި އަމިއްލަ މޫޑުގައި އަމިއްލަ ގަޑީގައި ޔޫސް ކުރަން. އެއީ ފާޑެއްގެ ބިލީފެއް ޝަބީންގެ ހުންނަ. ދެން އޭތި އެގޮތަށް ގެންދަން ޝަބީން މިއުޒިކް ބައިންދަނީ ޝަބީންގެ އޯން ޓައިމްގައި ކުރާ އެއްޗެއް ގޮތަށް."

މިހާރު ކޮބައިތަ މަސައްކަތުގެ އަޕްޑޭޓަކީ؟ އެންމެ އަވަހަށް ކިހާތާކު ޝަބީންގެ ލަވައެއް ބެލުންތެރިންނާ ހަމައަށް އަންނާނީ؟

"މިހާރު އިންނާނެ ލަވައެއް ނިމިފަ. "ކެތް ނުވާތީ އޭ" އޭގެ އޯޑިއޯ އެއްކޮށް ނިމިފައި އިނީ. އޭގެ ވީޑިއޯ ޝޫޓިން ހޯޕްފުލީ މިއަންނަ މަހު ކުރެވޭނެ ކަމަށް މި ބަލަނީ. ދެން އިރާދަކުރެއްވިއްޔާ އޮކްޓޫބާ މެދުތެރޭގައި ނޫނީ ފަހުކޮޅުގައި ރިލީޒްކުރާނެ އެންމެ ލަސްވެގެން."

ޝަބީންގެ ބައެއް ވީޑިއޯ ލަވަތައްވެސް ފެނިފައި އެބަހުރި. އަމިއްލަ ލަވަތަކުގައި އެކަނިތަ އެގޮތަށް އެކްޓް ކުރާނީ ހަމައެކަނި އަމިއްލައަށް ހަދާ ލަވަތަކުގައި އެކަނިތަ؟

"އަނެއްހެން ޔެސް ދެން އަނެއްހެން ޝަބީންއަކީ މިބުނިހެން ކެމެރާ ކުރިމައްޗަށް އަރަން ޝައުގުވެރިކަންހުރި މީހެއް ނޫން. ޝަބީން އަކީ ލަވަކިޔުންތެރިއެއް މިއުޒީޝަނެއް ނޫން. ޝަބީން ބޭނުންވަނީ އޯޑިއަންސަށް ޝަބީންގެ ލަވައިން ހިތްހަމަޖައްސަން. އަޑާއި ދޭތެރޭގައި ހިތްހަމަޖެހިއްޖެޔާ ޝަބީން ހިތްހަމަޖެހޭނެ. ކެމެރާ ކުރިމައްޗަށް އަރަން ބޭނުމެއް ނޫން. ކެމެރާއާ ވީހާވެސް ފިލައިން އުޅެން ބޭނުންވަނީ"

ލަވަ ކުޅުމުގެ ވާހަކަ ދައްކާއިރު އެކްޓް ކުރުންތާދޯ ހަމަ އެއީ. ފިލްމް އިންޑަސްޓްރީއަށް ޝަބީން ނުކުމެ ފިލްމަކުން ފެނިދާނެތަ؟

"އެކަހަލަ ހިޔާލެއް ނުކުރަން އަދިއެއް. ލަވައިގައި އެކްޓުކުރުން އެއީދެން ބޭސިކަލީ ޓީވީ ޗެނަލްތަކުން އެބޭފުޅުންނަށް މިހަދައިދޭ ޝޯތަކުގައި އެމީހުންގެ ރިކުއާމެންޓާ އެއްގޮތަށް ލަވައިގައި އެކްޓުކުރަން މިޖެހެނީ. އަނެއްހެން ކުރާހިތްވާ ކަމެއް ނޫން އެއްގޮތަކަށްވެސް ކެމެރާ ކުރިމައްޗަށް އަރާ އެކްޓްކުރުމަކީ. ކުރީގައި ކުޑައިރު ވަރަށް ޝައުގުވެރިކަން ހުރި ޑްރާމާކުޅެ އެކަހަލަ ކަންތައްކުރަން. މިހާރު ބޮޑަށް ބޭނުންވަނީ ބެކްރައުންޑުގައި އުޅެން."

ކުޑަވަގުތުކޮޅަކަށް ލަވަޔާއި ދުރަށް ޖެހިލަން ހިނގާ ދޯ. އަމިއްލަ ވިޔަފާރިއެއް ތިކުރަނީ. ކޮންކަހަލަ ވިޔަފާރިއެއްތި ކުރިއަށް ގެންދަނީ؟

"މިހާރު މިފަށައިގެން އުޅޭ ވިޔަފާރިއަކީ އަސްލުގައި ގޭމިން ސެންޓާއެއް. ރޯދަމަހު އެކެއްގައި ހުޅުވީ. ހުޅުވިގޮތަށް ތިން މަސް މިވީ. ވަރަށް ސަކްސެސްފުލް. އަބަދުވެސް ޝަބީންގެ މިއުޒިކާ ޖެހިގެން ދެން އެންމެ ލޯބިވާ ކަންތަކޭ ބުންޏަސް ދޮގަކަށް ނުވާނެ ގޭމް ކުޅުމަކީ. ސެވަން އިޔާސް ވެއްޖެ މިކަމުގައި އުޅޭތާ. އެންމެފަހުން މިއަހަރު މިހުޅުވުނީ"

ޝަބީން ދިވެހި މިއުޒިކް އިންޑަސްޓްރީ ޝަބީން ސިފަކުރާ ގޮތް ކިޔާލަ ދީބަލަ؟ ކުރިއަރަން ޖެހޭވަރަށް މި އިންޑަސްޓްރީ ކުރި އަރާތަ؟

"ދިވެހި މިއުޒިކް އިންޑަސްޓްރީ އަދިވެސް ވަރަށް ލިމިޓެޑް. ވާހަކައަކީ ފުރުސަތުތައް ދެވޭނެ ގޮތްގޮތް އެބުހުރި ދެން މާބޮޑަށް ފިތިފައި އޮންނަނީ. ފިތިފައޭ މި ބުނަނީ އޮޕޮޗުނިޓީސް ހޯދޭނެގޮތް ހެދޭނެގޮތް އެބަހުއްޓޭ. މި ވޭތުވެދިޔަ ފައިވް އިޔާސް ތެރޭގައި ވަރަށް ބޮޑުތަން އިތުރުވެއްޖެ އެކަމަކު އަދިވެސް އެބަހުރި މީތި އެކްސްޕޭންޑްކުރެވޭނެ ރަނގަޅުކުރެވޭނެ ގޮތްގޮތް. މިއުޒިކް އިންޑަސްޓްރީގެ އަމިއްލަ ވޮއިސް އެއް އަދިވެސް ނެތޭ."

"އަސްލު ޝަބީން ކުރިއަރާކަން ގަބޫލެއް ނުކުރަން. އަސްލު ޝަބީން ކުރިއަރާކަށް އަނެއްހެން މަސައްކަތެއްވެސް ނުކުރަން. މިއުޒިކް ޝަބީން މީން ކުރަނީ ޕެޝަން އެއް ގޮތަށް. އަސްލު ޝަބީން މިކަމުން ނަމެއް ހޯދަން ސީދާ ޑެޑިކޭޓެޑްކޮށްވެސް ނޫޅެން. ސޯ ކުރިނާރާތީ އެހާބޮޑަކަށް މަސައްކަތެއްވެސް ނުކުރަން"

ޕްރޮފެޝަނަލް ގޮތެއްގައި ލަވަ ކިޔާ އެންމެ އެކަށީގެންވާ ކަހަލަ ޕްލެޓްފޯމެއް ރާއްޖޭގައި އޮތް ކަމަށް ގަބޫލުކުރަންތަ؟

" ޕްރޮފެޝަނަލީ ލަވަ ކިޔުމަށް ކުރިއެރޭނެ ޕްލެޓްފޯމެއް އިންނާނީ އެންމެ ތަނެއްގައި އެއީ ރިސޯޓު މިއުޒިކް. އެއީ ޝަބީންއަށް ފެނުނު އެންމެ ޕްރޮމިސިން ތަން. ޝަބީން ދަންނަ އެންމެ ގިނަ ރެސްޕެކްޓެބަލް މިއުޒީޝަނުންވެސް އެމީހުންގެ ޕްރޮފެޝަނަލް ކެރިއާ ޑިވެލޮޕްކުރުމަށާއި ދެން އެކްސްޕީރއަންސް ހޯދުމަށް ކުރާ މަސައްކަތަކީ ރިސޯޓު މިއުޒިކް ކުޅުން އެންމެ ނަން މަޝްހޫރު މީހުން މޫޝާން، އުނޫޝާ. ފަޒީލް ކުޑަ ޝިހާމްމެން އައްޔަމެން އެންމެންވެސް. ޝަބީން ދެކޭ ގޮތުގައި އަދިވެސް އެއީ ރާއްޖޭގައި އެންމެ މިއުޒިކް ޕްރޮފެޝަނަލީ ފައިދާބޮޑު ގޮތަކަށް ކުރެވޭނެ"

ޝަބީން ތީ ލަވަކިޔުމުގެ އިތުރަށް ލަވަ ހަދާވެސް މީހެއް. ދެން ކީއްވެ އާންމުކޮށް ކޮޕީ ލަވަ މިކިޔަނީ؟

"ކޮޕީ ލަވަތައް ދެން ފުރަތަމަ ވާހަކައަކީ ޝަބީންވެސް މިއުޒިކް އިންޑަސްޓްރީއަށް ނުކުތް ދުވަސްކޮޅު ލިބޭ އޮޕޮޗުނިޓީއެއް ކޮންމެ މީހަކުވެސް ހިފާނެ. ޝަބީން އަކީވެސް އޮޕޮޗުނިޓީ ހޯދަން އުޅުނު މީހެއް ވީމަ ލަވަ ހަދަން ބޭނުންވޭ، ލަވަ ކިޔަން ބޭނުންވޭ ލަވަ ހޯދަން ފުރުސަތު ބޭނުންވޭ ދެން އެހެންވީމަ. ދިވެހި މިއުޒިކް އިންޑަސްޓްރީގައި އޮންނަ އުސޫލަކީ އޮޕޮޗުނިޓީ އަމިއްލައަށް ހޯދޭނީ ކޮންމެ ކޮންމެ މީހަކަށް ނޫން. އަނެއްބައި މީހުން ޖެހޭނީ މި އޮޕޮޗުނިޓީ ލިބޭ މީހުން ކައިރިން ކޮންމެސް ކަހަލަ ގޮތެއް ހަދައިގެން އޭތި ހޯދަން. ދެން ޝަބީނަކީ ދެވަނަ ފަންތީގެ މީހެއް. އެހެންވެ އެގޮތަށް އުޅުނު އިރު ގިނައިން ލިބިފައި ހުންނާނީ ކުރީކޮޅުގައި ކޮޕީ ރާގު. އެކަމަކު މި ފަހަކަށް އައިސް ވާނެ ގޮތަކީ ހަމައެކަނި ޓީވީއެމް ޝޯތަކަށް ނޫނީ ޓީވީ ޝޯސް ތަކަށް އެހަނދާނުގައި، ވާހަނދާނުގައި، ތަރިންގެ ރޭ އެކަހަލަ ޝޯތަކަށް އެކަނި މި ކޮޕީ ރާގުތަކަށް މިކިޔަނީ. އަމިއްލަ މަސައްކަތެއް ނުވަތަ ބަޔަކު ރިކުއެސްޓުކޮށްގެން މަސައްކަތެއް ކުރަންޏާ މި ވޭތުވެދިޔަ ތްރީ، ފޯ އިޔާސްގައި ހުސް އަމިއްލަ ރާގު ތެރޭގައި މިއުޅެނީ.

ތިހެން އަމިއްލަ ލަވަތައް ހަދާއިރު އަލަށް ލަވައިގެ ދާއިރާއަށް ނުކުންނަން ބޭނުންވާ ކުދިންނަށް ކިހާވަރަކަށް ފުރުސަތު ހޯދަދެން؟

"އަލަށް ލަވަކިޔަން ބޭނުންވާ ކުދިންނަށް ފުރުސަތު ދެވޭތޯ ބޮޑަށް ބަލަނީވެސް. އަސްލު ޝަބީންމެންނަށްވެސް ގެއްލުނު ޗާންސަކީ އެއީ. ޝަބީންވެސް އަސްލު ޕީކު ދުވަސްކޮޅު އަސްލު ލިބެންޖެހޭ ވަރަށް އޮޕޮޗުނިޓީސް ނުލިބުނީމަ ކުޑަކޮށް ބެކްރައުންޑަށް ޖެހިލަން ޖެހުނީ. އެހެންވީމަ މިހާރު ކުރިއަރަން ބޭނުންވާ ވަރަށް ޓެލެންޓެޑް ކުދިން އެބަތިބި. އެހެންވީމަ ޝަބީން ވަރަށް ރެސްޕެކްޓްކުރަން މިހާރު ރާއްޖޭގެ މިއުޒިކް އެސޯސިއޭޝަންތަކުން ކުރާ އެކިއެކި އިންޑިވިޖުއަލް ޕާޓީސްތަކުން ބާއްވާ ކުދިކުދި އިވެންޓްސް. އެކަހަލަ ޝޯތަކުގައި އަރަމުން އަންނަ ވަރަށް ޓެލެންޓެޑް އަދި ކުރިއަރަން ބޭނުންވާ ކުދިންނަށް ފުރުސަތުލިބޭ. ޝަބީން ހަދާއެއްޗެއްގައި ބޮޑަށް ބަލަނީ ވީހާވެސް ނިއު އެކަމަކު މީހުންގެ ހިތްތައް ކެޕްޓިވޭޓް ކުރެވޭ ކަހަލަ އަޑެއް."

ކުރިންވެސް ފާހަގަކޮށްފި ކެރިއާ ފެށިކޮޅު ގިނައިން ކޮޕީ ލަވައޭ ކީފަ ހުރީ. ގަބޫލުކުރަންތަ އެއީ އޭރުގައި ފުރުސަތުތައް ދިން މީހުން ހަމަ ގަސްތުގައި ކޮޕީ ލަވަތަކުން ޗާންސް ދިނީ ކަމަށް؟

" އާނ. ގަބޫލުކުރަން. މިހާރުވެސް ގަބޫލުކުރަން. އޭރެއްވެސް ނޫން މިހާރުވެސް ފިލްމު އިންޑަސްޓްރީގެ ބޮޑުބައި އަރަމުން އަންނަ ފިލްމު އިންޑަސްޓްރީގެ ބޭފުޅުންވެސް އަދިވެސް ބުރަވެފައި އޮންނަނީ ފަހުގެ ހިންދީ ލަވަތަކަށް ނޫނީ ކޮޕީ ރާގުތަކަށް. އަމިއްލަ ރާގަށް ފުރުސަތު ބޭނުންވަނީ. އޭގެ ސަބަބަކީ އަމިއްލަ ރާގަށް އިންވެސްޓުކުރަންޖެހޭ ވަރު ބޮޑުވާތީ. އަސްލު މިއުޒިކް ހަދާ މީހުންނަށް އިންސަލްޓެއް އެއީ. އެއީ އެބޭފުޅުންނަށް އެ ފެންނަނީ މިއުޒިކް ހަދާ މީހުންގެ ނެތޭ އޮރިޖިނަލީ ފިލްމެއްގައި ދެވޭ ވަރުގައި އެންމެ ބޭނުންވާ ފެންވަރުގެ ލަވައެއް ހެދޭވަރު ނެތްކަން."

އާންމުކޮށް ރާއްޖޭގައި ލަވަ ހަދާ މިއުޅެނީ ތޭރަވާމެން ކުޑަ އިއްބެމެން ކަހަލަ ދެތިން މީހުން. އެމީހުން މި އަރަމުން އަންނަ ލަވަ ކިޔުންތެރިންނަށް ފުރުސަތުތައް ދޭއިރު ކިހާވަރަކަށް އަމިއްލަ ރާގު ލަވަތަކުން ފުރުސަތު ދޭ؟

"ތޭރަމެން ކުޑަ އިއްބެމެން ކަހަލަ މިއުޒީޝަނުން ދޭ އޮޕޮޗުނިޓީސް. ކުރީކޮޅު ދެން ޝަބީން ނުކުތީ ގާތްގަނޑަކަށް 2009 ހިސާބުގައި. އޭރުދެން އެއްކަލަ އަމިއްލަ ރާގު ރިވޮލިއުޝަން އެއް ނާދޭ. އެ ރިވޮލިއުޝަން އަންނަން ފެށީ 2011، 2012 ހިސާބުގައި. އޭރުވެސް ކުޑަ އިއްބެ މަސައްކަތް ކުރަމުން ދިޔައީ އަމިއްލަ ރާގުގެ އެއްޗެހި ތައާރަފްކުރަން. ތޭރަ އަކީވެސް އިންޑަސްޓްރީގެ ބޭފުޅެއްވީމަ އޮންނަ ރިކުއާމެންޓްތަކާއި އެއްގޮތަށް ލަވަތައް ހަދާނީ، ހާއްސަކޮށް އެންސީއޭގެ މުވައްޒަފަކަށް ވީމަ އެންސީއޭގެ ރިކުއާމެންޓްސްތަކެއްވެސް ހުރޭ މަސައްކަތް ކުރާ. އެހެންވީމަ އެގޮތަށް އިއްބެ އާ ތޭރަ އާ މަސައްކަތް ކުރަމުންދިޔަ ރިކުއާމެންޓްތަކުގެ ތެރޭގައި އަސްލު އެބޭފުޅުން އަޅުގަނޑު ނުބުނާނަން އަމިއްލަ ރާގަށް ބާރެއް ނާޅައޭ. ބޮޑަށް ބުނާނީ އަސްލު އިންޑަސްޓްރީގެ ރިކުއާމެންޓާ އެއްގޮތަށް މަސައްކަތް ކުރަމުން އެކަމަކުވެސް އެބޭފުޅުން އަމިއްލަ ޕެޝަން ފޮލޯ ކުރިޔޭ. އަދިވެސް ކުރޭ."

އެހަނދާނުގައި ޝޯތަކުން ކަހަލަ ޝޯތަކުން ވަރަށް ގިނަ އާ ކުދިން އެބަ ނުކުމޭ މި ދާއިރާއަށް. އެކަމަކު ގިނަ ކުދިން ދެތިން ލަވައެއް ކިޔާލާފަ އެބަ ގެއްލޭ. އެކީއްވެހެން ހީވަނީ؟ ފުރުސަތު ނުލިބެނީތަ؟

"މިސާލަކަށް އެހަނދާނުގައި ކަހަލަ ޝޯތަކަށް އަރާ ކުދިން ހީވަނީ ދެވަނަ ޝޯއަކަށް އަރަން ބޭނުންނުވަނީ ކަންނޭނގެ. ޝަބީންއަށް ދިމާވިގޮތުން އެހނަދާނުގައިގަ ފަސް އަހަރު ހަމަކުރެވިއްޖެ."

ލަވައިގެ ދާއިރާގައި ފިއުޗާ އެބައޮތްތަ ރާއްޖޭގައި؟ ގަބޫލުކުރަންތަ ފިއުޗާ އެބައޮތް ކަމަށް؟ ކޮބާ ގޮންޖެހުންތަކަކީ؟

"ލަވަ ކިޔުމުގެ ދާއިރާގައި މާބޮޑު ފިއުޗާއެއް އެބައޮތް ކަމަށް ގަބޫލެއް ނުކުރެވޭ. އެކަމަކު ޕޮޓެންޝިއަލް އެބަހުރި. އެކަމަކު އެ ޕޮޓެންޝިއަލް އާ ދިމާލަށް މިސްރާބު ނުޖެހެނީހެން ހީވަނީ. ވަރަށް ބައިވަރު ގޮތް ގޮތް އެބަހުރި އެއާ ދިމާލަށް މިސްރާބު ޖަހަން ނުކެރެނީ ކަމެއް ދާން ބޭނުން ނުވަނީ ކަމެއް ނޭނގެ އެއީ އަސްލު ސުވާލަކީ."

"އަބަދުވެސް ހުރިހާ ކަމެއްގައިވެސް ކުރިއަށްދާން ހުރި ގޮންޖެހުމަކަށް އެންމެ ފުރަތަމަވެސް ވާނީ ފައިސާ. މިހާރުވެސް ލަވަ ކިއުމުގައިވެސް ކޮންމެ ކަމެއްގައިވެސް ފައިސާ އެންމެ ބޮޑު ގޮންޖެހުމަކީ. މަނީ އިޒް ދަ ކީ. ފައިސާ ނެތިއްޔާ ނުވާނެ އެއްވެސް ކަމެއް."

ލަވަޔާއި ބެހޭގޮތުން ލައްކަ ވާހަކަ ދެއްކިއްޖެ. ދެން ހިނގާދޯ ޕާސަނަލް ލައިފަށް ޖެހިލަން. ކޮބާތަ މިހާރުގެ ރިލޭޝަންޝިޕް ސްޓޭޓަސް އަކީ؟

"މިހާރުގެ ރިލޭޝަންޝިޕް ސްޓޭޓަސް އަކީ ސިންގަލް. މިހާރު ގާތްގަނޑަކަށް ވެއްޖެ ޓޫ އިޔާސް. ދެން މިހެން މިއުޅެނީ. ބޮޑަށް މިއުޅެވެނީ ވަޒީފާއަށް ގޮސް ގެއަށް އައިސް ބިޒްނަސް ބަލައިލާފައި ނިދާލާފައި އަނެއްކާވެސް ވަޒީފާއަށް ގޮސް އެކަހަލަ ގޮތަކަށް."

ކީއްވެދެން އެހާ ގިނަ ދުވަހު ސިންގަލްކޮށް ތި ހުންނަނީ؟ އެންމެ ފަހުގެ ރިލޭޝަނުން މޫވްއޮން ނުކުރެވެނީތަ އަދިވެސް؟

"ދެން ސިންގަލްކޮށް މިހުންނަނީ ވަކި ޗޮއިސް އަކުން ނޫން ބޮޑަށް އެއްކަލަ ހާލަތުދޯ މިހާރު. ސީދާ ވަގުތުވެސް ނުވަނީ. މިހާރު އެއްކަލަ ޝަބީންމެން އޭޖުގެ ދެން މިހާރު މީ ސޯޝަލް މީޑިއާ އާ ފޭސްބުކުން ޓުވިޓާއިން އެއްޗިއްސުން މީހުން ސެޓުކުރާ ދުވަސްކޮޅު. ދެން ޝަބީންއަކީވެސް ފޭސްބުކްގައިވެސް ޓުވިޓާގައިވެސް އުޅޭ މީހެއް. އިންސްޓަގްރާމްގައިވެސް މަންތަކު ފޮޓޯއެއް ލާންވެސް އުޅެން. ސްނެޕްޗެޓަށްވެސް ވަރަށް ފަހުން ވަދެލިން. އެވެސްދެން ހަރުލާ ކަހަލަ އެއްޗެއް ނޫން. އަނެއްކާ މީ އެހާ ފޮޓޯ ޖެނިކް މީހެއްވެސް ނޫން. ދެން އެކަހަލަ ގޮތަކަށް މިއުޅެނީ ދެން. ދެން ބޮޑަށް ބުނެވޭނީ ވަގުތު ނުހޯދެނީ ހޯދަންވެސް ނޫޅެވެނީ އެކަމަކަށް"

އެހެންވީމާ ބުނެވިދާނެތަ ތީ ވަރަށް ބިޓިން މީހެކޭ؟

"ބިޓިން މީހެއްކަން އެދެން އިނގޭނީ އެހެން މީހުންނަށްތާ. ޝަބީން މީދެން މީހުން ބިޓިން މީހެކޭ މީހުންނަށް ބުނެވޭނީ ބިޓިން ކަމެއްގައި އުޅެވެންޏާ ދޯ. ހަނދާނެއް ނުވޭ އެންމެފަހުން މީހަކާ އެކީ ކޮފީއަކަށް އެރި ހަނދާނެއްވެސް. އަންހެން ކުއްޖަކާ އެއްކޮށް ވަކިން ކޮފީއަކަށް އެރު ދުވަސްވެސް. ދެ މަސްވެއްޖެ ޝަބީންގެ އަންހެން ފްރެންޑަކާ އެއްކޮށް ކޮފީއަކަށް ބިޒްނަސް ވާހަކައެއް ދައްކަން ކިޔާތާވެސް. އޭނާ އާ އެކުވެސް ނޭރިގެން މިއުޅެނީ. ނޭނގެދެން ބިޓިން އޭ ކިޔާ މީހުން ކިޔާނެ. އެކަމަކު ޝަބީން އަކަށް ކޮންވިންސެއް ނުވޭ ބިޓިން ކަމެއް. އެހެންވެއްޖިއްޔާ މިހާރު ސިންގަލްއެއްވެސް ނުވާނެ ކަންނޭނގެ ދޯ"

އެއްވެސް އަންހެން ކުއްޖަކަށް ބުނެވިދާނެތަ ޝަބީން ތިމަންނައަށް ލަނޑެއް ދިނޭ. ދޯކާއެއް ދިނޭ؟

"ޝަބީން އޭނައަށް ލަނޑެއް ދިނޭ ދޯ. އާން ބުނެވޭނެ. ދެން އުމުރުން 28 އަހަރުވާއިރު ޅައިރެއްވެސް ދާނެ ޓީނޭޖް ދުވަސްކޮޅެއްވެސް ދާނެ. އަނެއްކާ ޝަބީން އަކީ ނިކަން ހަނދާން ބަލި މީހެއް. އެކަމަކު ޝަބީން އަކީ މީހަކަށް ގަސްދުގައި ލަނޑެއްދޭން ޑެޑިކޭޓެޑް ވެގެން އުޅޭނެ މީހެއް ނޫން. އެއްވެސް މީހަކަށް ގަސްދުގައޭ އެހެން ނުބުނެވޭނެ. މީހަކަށް ލަނޑެއް ދޭން އެކަހަލަ މޯޓިވޭޝަނެއްވެސް އަސްލު ނުހުރޭ. ޝަބީން އަށް އެއީ ފައިދާއެއް އަގެއް ނެތް ކަމެއް. ޓޫ މަޗް ޔޫސްލެސް އެފޯޓް."

މިހާރުދެން މިއުޅޭ ޒުވާނުން ނިކަން ދައްކާ ވާހަކައެއް މީ މޮޑާން ރިލޭޝަންޝިޕްސް ވޯކެއް ނުކުރެޔޭ. ޝަބީން ދެކޭގޮތުގައި އަސްލު އެއީ ކީއްވެ؟

"މޮޑާން ރިލޭޝަންޝިޕްސް ވޯކެއް ނުކުރާނެއްނުން އެ ޑިޕެންޑުވަނީ ސޯޝަލް މީޑިއާއަށް. ސޯޝަލް މީޑިއާގައި އަޕްޑޭޓްވާން ޖެހޭ ސްޓޭޓަސް އެއް ކޮންމެ ދުވަހަކު. ފޮޓޯއެއް ނަގަން ޖެހޭ 10 ފަހަރު. އަނެއް އިންސްޓަގްރާމްގައި ޖެހޭ ލޯބިވެޔޭ ބުނަން އެއާ އެކު ފޮޓޯއެއް ނަގަން އަނެއްކާ ޖެހޭ ފަސް ފަހަރު. ސްނެޕްޗެޓުގައި އިންނަންޖެހޭ ކޮންމެ ދުވަހަކު ބޭބީ އާ އެކު ލަންޗް ބްރޭކްފާސްޓް ޑިނާއާއެކު ފޮޓޯ. ދެން އެވަރެއް ނުވާނެ ދޯ. އަސްލު ހަގީގަތުގައި ބުނަންޏާ ޝަބީންއަކީ އަސްލު ބުނަންޏާ މި އޭޖުގެ މީހެއްވެސް ނޫން. މިހާރު ގާލްފްރެންޑެއް ގެންގުޅެންޏާ އެބަޖެހޭ އޭނަ އާއެކު ޝެޑިއުލް އެއް ހަދަން. އޭނަ އާ އެކު ފޮޓޯ ނަގަންވީ ކޮން ވަގުތަކުކަން ކޮން ވަގުތަކުކަން ސްޓޭޓަސް އަޕްލޯޑުކުރަންވީ، އެއީ މިޒަމާނުގެ އަންހެން ކުއްޖެއް ގެންގުޅެންޏާ. އެކަމަކު ރަނގަޅު ކުދިން ނޫޅެއެކޭވެސް ނުބުނާނަން. އުޅޭ ސިމްޕަލް މައިންޑެޑް ކުދިންވެސް. އެކަމަކު މިހާރު ވަރަށް އުނދަގޫ އެކަހަލަ ކުއްޖަކު ހޯދަން"

ދެން ޝަބީން ގަބޫލުކުރާ ގޮތުގައި ކައިވެންޏެއް ކޮށްގެން ދިރިއުޅުމެއް ފަށަން އެންމެ ރަނގަޅު އުމުރަކީ ކޮބާ؟

"އެއަކީ ބިޓުވީން 25 ޓް 30 އެއީ ރާއްޖޭގައި. ބޭރުގައި މި ތަފާތުވާނެ. ޝަބީން އެގްޒާމްޕަލް އަލަށް ބަލާ މީހެއް ހުންނާނެ އިން ޓާމްސް އޮފް ރިލޭޝަންޝިޕްސް. އެއީ ޝަބީންގެ ދޮންބެ. ޝަބީން ނުދެކެން އެހާ ޕާފެކްޓް ރިލޭޝަންޝިޕެއް. ޝަބީންވެސް ކައިވެނިކޮށްފިއްޔާ އުޅެން ބޭނުންވަނީ އެކަހަލަ ރިލޭޝަންޝިޕެއް"

ދެން އަނެއްކާވެސް ލަވައަށް ޖެހިލާއިރު ބުނެވިދާނެތަ ޕްރޮފެޝަން އަކަށް ލަވަ ކިޔުން ޗޫޒް ނުކުރީ ޝަބީން އަށް އެއްވެސް އިންސްޓްރުމެންޓެއް ކުޅެން ނޭނގޭތީ އޭ؟

"ގޮތަކަށް ބުނަންޏާ ވަރަށް މޭޖާ އެއް ރީޒަން އެއީ. ޝަބީން އަށް ނޭނގޭ އެއްވެސް އިންސްޓްރުމެންޓެއް ކުޅޭކަށް. މެއިންލީ ޝޯތަކަށް މިއުޒިކް ކުޅެންދާ އެޓްލީސްޓް ގިޓާ ކުޅޭ މީހުން އުޅޭނީ. ނޫނީ ޕިއާނޯ ކުޅޭ މީހުން. ނޫނީ ކޮންމެސް އެހެން އިންސްޓްރުމަންތެއް ކުޅޭ މީހުން. ފްލޫޓް ކިރިޔާވެސް އެނގޭނީ. ފްލޫޓަކީ އަނެއްހެން ޕާފޯމްކުރަން ތަންތަނަށް ގޮސް ލަވަ ކިޔަމުން ކުޅެވޭނެ އެއްޗެއް ނޫން. އެގޮތަށް ބަލާއިރު ވަރަށް ލިމިޓެޑްވޭ ޝަބީންގެ ޑިމާންޑުތައް. ރިސޯޓު މިއުޒިކްގައިވެސް. އެއީ ޝަބީން ދަންޏާ ދާން ޖެހޭނީ މިއުޒިކް ކުޅޭ މީހަކު ގޮވައިގެން. ރިސޯޓުތަކަށް މީހުން ގެންދާއިރު އެމީހުންނަށްވެސް މާ ބޮލަށް ފަސޭހަ ގިޓާ ކަހަލަ އެއްޗެހި ކުޅޭ މީހަކު ގެންދިޔައްޔާ. އެމީހުންނަށް ފަސޭހަ ގޮތަކަށް އެމީހުން ބަލާނީ. އެހެންވީމަ ޝަބީން އެހާ ބޮޑަކަށް ޕާސިއު އެއްވެސް ނުކުރަން ދާކަށް."

"ގިޓާ ކުޅެން ދަސްކުރަން އިންނާނެ ގިޓައެއް. އެކަމަކު މިހާރު މިއުޅޭ ލައިފް އުޅެމުން ކޮޓަރިއަށް ވަދެ ގިޓައާ ދިމާލަށް ބަލައިވެސް ލެވެނީ ކިރިޔާ. ދަސްކުރަންވެސް ބޭނުން އެކަމަކު މިފަހަކަށް އައިސް މޯޓިވޭޓެއްވެސްނުވޭ ދަސްކުރާކަށް."

ކޮބާ ދެން ނިންމާލަމާ ލައްކަ ވާހަކަ ދެއްކިއްޖެތާ ދޯ. ނިންމާލަމުން ކީކޭ ބުނެލާނީ؟

"މިކަހަލަ ޕާސަނަލް ޕްލަސް އޯޕަން އިންޓަވިއުއަކަށް ޝަބީން އެރި ފުރަތަމަ ފަހަރު މިއީ. އެކަމަކު މީގެކުރިންވެސް ހުންނާނެ ކުދިކުދި އިންޓަވިއު ދީފަ އެހެން ޗެނަލްތަކަށް. އެކަމަކު މިކަހަލަ ފުރުސަތެއް ލިބުނީމަ ބޭނުންވޭ ޝަބީންގެ ސަޕޯޓަރުންނަށާއި ރައްޓެހިންނަށް ގާތް މީހުންނަސް މެސެޖެއް ދޭން. ދެން ޝަބީނަކީވެސް ކުރިން ޒާތަކަށް އުޅެމުން އައި މީހެއް. ޝަބީން އެންމެން ކައިރި ބުނެލަން ބޭނުންވަނީ ޝަބީންވެސް ޑިޕްރެސްވެސް ވާނޭ. އުފާވެސް ވާނޭ. އަޑިގަނޑުވެސް އުސްގަނޑުވެސް އަންނާނޭ. ވަރަށް ކަންތައްތައްވޭ. އެކަމަކު ދުވަހަކުވެސް ޝަބީން ހިތަކަށް ނާރައޭ ލައިފުން ގިވްއަޕް ކުރާކަށް. ލައިފް ގިވްއަޕް ނުކުރައްޗޭ.