- ޓޮނިކް ސްޓޫޑިއޯ އާއެކު ދެން މަސައްކަތެއް ނުކުރާނެ
- ލަވަކިޔުންތެރިޔަކަށް ވުމުގެ ޝައުގުވެރިކަމެއް އަދިވެސް ނެތް
- އައިޑޮލްއަކަށް ހޮވުނީ ފޭވާކޮށްގެނެއް ނޫން
ލައިޝާ ޖުނައިދަކީ އަވަސް ވީކެންޑްގެ އިންޓަވިއު ސިލްސިލާގެ 50 ވަނަ މެހްމާނެވެ. މި ހާއްސަ އިންޓަވިއުއާ އެކު އަވަސް ވީކެންޑްގެ މި ސެގްމަންޓް އެންމެ ފަހުން ނިމުމަކަށް އައީ އެވެ. އަޅުގަނޑުމެންގެ މި ދަތުރުގައި ޔަގީނަށް ވެސް އެންމެ ބޮޑު ޝުކުރެއް ހާއްސަވާ ފަރާތަކީ ފޫހިކަމެއް ނެތި އަދި ބައެއް ފަހަރަށް ފޫހިކަމާ އެކުގަ ވެސް އަވަސް ވީކެންޑް އިންޓަވިއު އަށް އިންތިޒާރުކޮށް މި ދަތުރުގައި ބައިވެރިވި ވަފާތެރި ކިޔުންތެރިންނެވެ. -- ކިޔުންތެރިންނާ ނުލައި އަވަސް ވީކެންޑް، އަވަސް ވީކެންޑަކަށް ނުވާނެކަން ކަށަވަރެވެ.
ދެން މި އޮތީ މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަން ކާމިޔާބުކުރި ލައިޝާގެ ހާއްސަ އިންޓަވިއު އެވެ. މޯލްޑިވިއަން އައިޑޮލްއަކަށް ލައިޝާ ހޮވުމާއި ލަވަކިޔުންތެރިއެއްގެ ގޮތުގައި ކުރިއަށް ދާން އޭނާ ބޭނުންނުވުމާ ގުޅޭ ގޮތުން އާންމުން އުފައްދާ ސުވާލުތަކާއި ފާޑުކިޔުންތަކަށް މި އިންޓަވިއުގައި އޭނާ ޖަވާބު ދީފައިވާނެ އެވެ. އަދި އޮރިޖިނަލް ލަވައެއް އުފެއްދުމަށް ޓޮނިކް ލައިވް ސްޓޫޑިއޯއާ އެކު ކުރެވުނު ހިތި ތަޖުރިބާ އަށް ފަހު އޭނާގެ އަލްބަމަށް ދެން ވާން ބޭނުންވާ ގޮތާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކާފައިވެ އެވެ.
އެކަމަކު އެންމެ ފުރަތަމަ އަހަރެމެން ފަށައިގަންނާނީ މޯލްޑިވިއަން އައިޑޮލްގެ ފޯރިއަކުންނެވެ.
މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަން ކާމިޔާބުކުރެވި މިވަރުގެ ބޮޑު މަޝްހޫރުކަމަކާއި މަގްބޫލުކަމެއް ކުއްލިއަކަށް ލިބިގެން ދިއުމަކީ ކޮން ކަހަލަ އިހްސާސެއްކުރެވި ކޮން ކަހަލަ ބަދަލުތަކެއް ދިރިއުޅުމަށް އައި ކަމެއް؟
"މަގު މައްޗަށް ނުކުތީމަ މީހުންނަށް އެނގުން، އެއީކަން ނޭނގެ ލައިގެ ލައިފަށް އައި އެންމެ ބޮޑު ބަދަލަކީ. އިހްސާސްވި ގޮތް ބުނެދޭން އެ އަށް ދޭނެ ޖަވާބެއް ނޭނގޭ. ތެދުތެދަށް ބުނަނީ ނަމަ އަސްލު އެ ވަގުތުކޮޅުގައި ފީލްވި ގޮތެއް ނޭނގޭ ބުނާކަށެއް. ހަމަ ގައިމު ވެސް ހަނދާން އެބަހުރި، އެ ޓައިޓްލް ލިބުނު ވަގުތު އަސްލު އެއްވެސް އެއްޗެއް ފީލްއެއް ނުވޭ. އަސްލު އެއްވެސް އެއްޗެއް ފީލްއެއް ނުވޭ. އެހެން ބުނެވޭނީ. އުފާވީތޯ ނުވަތަ އެހެން ކަމެއްވިތޯ، އެ އެކްސައިޓްމަންޓެއް ނުވެސް އެނގުނު. ދެން ގެއަށް ގޮސްފަ ނިދާލާފަ އަނެއް ދުވަހު ހޭލައިގެން އިހްސާސްވީ މިއީ ދޯއޭ މިވެގެން އުޅޭ ގޮތަކީ. އެ ދުވަހު ދެން ކުޑަކޮށް އެކްސައިޓް ވެސްވީ."
އެހެންވީމަ ކުރީގެ ލައިޝާގެ ލައިފްތަ ސަޅީ ނުވަތަ މި ލައިޝާގެ ލައިފްތަ ސަޅީ؟ ކޮން ގޮތެއް މިހާރު ބޭނުންވަނީ؟
"ޗޫޒްކުރަން ޖެހެންޏާމު ޕްރިފާކުރާނީ މިހާރުގެ ލައިފް. އެއީ އޭރު ވެސް ސޭމް ލައި. މިހާރު ވެސް ސޭމް ލައި. އެކަމަކު ވަރަށް ގިނަ މީހުންގެ ލޯބި ލިބިއްޖެ އައިޑޮލްގެ ސަބަބުން. އެޕްރެޝިއޭޓްކުރާ ނަމަ ކޮންމެ މީހަކު ވެސް ވަރަށް އުފާވާނެހެން ހީވަނީ. ލައި އަކީ އެންމެ ކުޑައިރުވެސް ވެސް، މީހުން އުއްމީދުކުރާ ނުވަތަ ދެކެން ބޭނުންވާ ކަހަލަ ކުއްޖަކަށްވާން ބޭނުންވާ ކުއްޖެއް. އެހެންވީމަ އެ ފުރުސަތު ވަރަށް ބޮޑަށް ލިބިފައި މި އޮތީ. އެހެންވީމަ މި ލައިފް އިޒް ވޭއި ބެޓާ ދެން ދަ ކުރީގެ ލައިފް."
ލައިޝާ އަށް އަމިއްލަ އަށް ގަބޫލުކުރެވޭތަ މޯލްޑިވިއަން އައިޑޮލްގެ މިދިޔަ ސީޒަން ހައްގުވަނީ ލައިޝާއަށް ކަމަށް؟ ލައިޝާ އަށް މި މަގާމު ހައްގުނޫނޭ ބައެއް މީހުން ބުނާނީ ކީކޭ ބުނެލާނީ؟
"ކޮންމެ މީހެއްގެ ވެސް އޮޕީނިއަންއެއް އިންނާނެ. އެ އޮޕީނިއަން އަކީ ތަފާތުވެދާނެ އެއްޗެއް. ލައިގެ ވެސް އަމިއްލަ އޮޕީނިއަންއެއް އިންނާނެ. އެހެންވީމަ އޭތި ފާޅުކުރުމަކީ ނޮޓް އަ ޕްރޮބްލެމް. ޝަލަބީ އަކީ ވަރަށް މޮޅު ކުއްޖެއް. އިޝާން އަކީ ވެސް ވަރަށް މޮޅު ކުއްޖެއް. އެހެންވީމަ އެ ދެ މީހުން ފެވަރިޓުންގެ ގޮތުގައި ބައިތިއްބާފައި މީހުންގެ އޮޕީނިއަން ވެސް ވަރަށް ބަރާބަރު. އެކަމަކު އަޅުގަނޑަށް ހީވަނީ ބައެއް މީހުންނަށް (ލައި އަށް ހައްގުކަން) ގަބޫލުކުރެވުނީމަ ހެން ޓައިޓްލް ލިބުނީ. އެހެންނޫން ނަމަ އެހެން ކުއްޖަކަށޭ ލިބޭނީ. ޑިޒާވް ނުވާ ނަމަ ހީއެއް ނުވޭ (ޓައިޓްލް) ލިބޭނެ ހެނެއް."
ފައިނަލްގައި ލައިޝާ ވިންވުމުން އެއް ބަޔަކު ވަރަށް ބޮޑަށް މައްސަލަ ވެސް ޖެއްސި. ހީވޭތަ ލައިޝާ އަށް ތި އެވޯޑް ލިބުނީ ޖަޖުން ނުވަތަ ޕީއެސްއެމް އިން ފޭވާކޮށްގެން ކަމަށް؟
"ލައިއަކަށް އެއްގޮތަކަށް ވެސް އެ އެއްޗެއް ފީލްއެއް ނުވޭ. ލައި އަށް އެނގޭ ހަމަ ގައިމު ވެސް ބައިވެރިންގެ ތެރޭގައި ވެސް އެ އެއްޗެއް ފީލެއް ނުވާކަން. އެތާ ތެރޭގައި ލައި ހުރެގެން ލައިއަކަށް އިހްސާސެއް ނުވޭ (ފޭވާކުރި ކަމަކަށް). އަދި ސަތޭކަ ޕަސެންޓް ޔަގީން އެހެން ކޮންޓެސްޓަންޓަކަށް ވެސް ފީލްވިހެނެއް. އެކަމަކު މީހުން، އަބަދުވެސް ކޮންމެވެސް ވާހަކައެއް ދެކެވެން ޖެހޭނެ ދިވެހިންގެ ތެރޭގައި. އެހެންވީމަ އެގޮތުގެ މަތިން، ލައިއަކަށް އެކަންޏެއް ނޫން. އެހެން ކުދިންނަށް ވެސް ފޭވާކުރިއޭ ކިޔައިގެން މީހުން ދެއްކި ބައިވަރު ވާހަކަ އެބަހުރި."
ފައިނަލުގައި ލައިޝާއާ ވާދަކުރި ޝަލަބީ އާއި އިޝާންގެ ތެރެއިން ކޮބައިތަ ލައިޝާގެ ފެވަރިޓަކީ؟ އެ ދެ މީހުންގެ ތެރެއިން ކާކުތަ މޮޅީ؟
"ތިއީ އަސްލު ވަރަށް ޓަފް ސުވާލެއް. ޝަލަބީ ވެސް އިޝާން އަކީ ވެސް ހަމަ ލައި އަށް ވަރަށް މޮޅު ދެ ކުދިން. ބަޓް އިފް އައި ހޭވް ޓު ޗޫޒް އައި ވުޑް އޮބްވިއަސްލީ ޗޫޒް ޝަލަބީ. ޝަލަބީ އެއީ ބިކޯޒް، ޝަލަބީ އަކީ އަޅުގަނޑުމެންގެ ތެރޭގައި ހުރި ވޯކަލީ އެންމެ ވެލް، ނޮލެޖު ވަރަށް ވަރުގަދަ ޝަލަބީގެ. ޝަލަބީގެ އެ ހުންނަ ނޯޓްސްތަކާއި މިއުޒިކް ނޮލެޖު ވަރަށް ވަރުގަދަ ޝަލަބީގެ. ޝަލަބީ އޭގެ ބޭނުން ހިފާ ގޮތް ވެސް ވަރަށް މޮޅު. އޭނަ ވަރަށް ކްރިއޭޓިވްވާނެ. އެހެންވީމަ ލަވަކިޔުންތެރިއެއްގެ ގޮތުގައި ނަގާ ނަމަ އިޝާންގެ މައްޗަށް އަޅުގަނޑު ހޮވާނީ ޝަލަބީ"
މިސާލަކަށް ލައިޝާ އަށް އައިޑޮލް ކާމިޔާބުނުކުރެވި ޝަލަބީ އާއި އިޝާންގެ ތެރެއިން އެކަކަށް ލިބުނު ނަމަ ބަލި ގަބޫލުކުރާނަންތަ؟
"މީތި ލައި އަށް ލިބިދާނެ ކަމަކަށް އެއްގޮތަކަށް ވެސް އެކްސްޕެކްޓެއް ނުކުރަން. އޯކޭ. ބޭނުންވި ފުރަތަމަ މޯލްޑިވިއަން އައިޑޮލް އަށް ވާން. އެކަމަކު އުއްމީދެއް ނުކުރަން ލިބިދާނެ ކަމަކަށް. އެހެންވީމަ އޭތި ނުލިބު ނަމަ ވެސް ވަރަށް އުފަލާ އެކު ބަލައިގަންނާނަން. އެކަމަކު ލައި އަށް ނުލިބުނު ނަމަ ލައިގެ ފޭނުން ވެސް ހިތްހަމަނުޖެހޭ ގޮތެއް މެދުވެރިވެދާނެ ހަމަ. ލައިއާ އެކު މަސައްކަތްކުރި އެއްވެސް ބަޔަކަށް ބަލި ގަބޫލެއް ނުކުރެވޭނެ ހެނެއް ހީއެއް ނުވޭ."
ފައިނަލްގައި ދެ ފިރިހެނުންނާ ވާދަކޮށް އެ ދެ މީހުން ބަލިކުރެވުން އެއީ ކިހާ ބޮޑު އުފަލެއްތަ؟
"ދެ ފިރިހެން ބައިވެރިންނާ ވާދަކޮށް މި ޓައިޓްލް ލިބުމަކީ އަންހެނުންނަށް ވެސް ކަންތައްތައް ކުރެވޭނެކަން ސާބިތުކޮށްދޭން ލިބުނު ވަރަށް ބޮޑު ފުރުސަތެކޭ. ފިރިހެނަކަށް ވެގެން އަންހެނަކަށް ވެގެން އިޓް ޑަޒަންޓް މެޓާ. އަދި އަންހެނަކަށް ވެގެން ލައި އަށް މި މަގާމު ލިބޭނެ ކަމަކަށް ވެސް އުއްމީދެއް ނުކުރަން. ގަބޫލުކުރި ގޮތުގައި އައިޑޮލް ބޮޑަށް ބެލީ ވެސް ފީމޭލް ފޭން ބޭސްއެއް. ލައި އަށް ބޮޑަށް ގަބޫލުކުރެވިފައި އޮތީ އަންހެން ކުދިންނަށް ބޮޑަށް ކަމުދާނީ ފިރިހެން ކުދިން ލަވަކިޔާ ގޮތް ކަމަށް. އެކަމަކު އޭތި އެހެނެއް ނޫންކަން ނޭނގެ ވީ."
އައިޑޮލް ކާމިޔާބުކުރެވުނަސް ލައިޝާ ބުނެފައިވަނީ ބޭނުންވަނީ ޑޮކްޓަރަކަށޭ ވާން. މިހާރު ހުޅުވިފައިވާ ފުރުސަތުތަކުގެ ތެރެއިން މިއުޒިކްގެ ދާއިރާއިން ކުރިއަށް ދާން ބޭނުންނުވަނީ ކީއްވެ؟
"ލައި އެންމެ ކުޑައިރުއްސުރެން ވެސް މިއުޒިކް އެޒް އަ ކެރިއާ ނަގާކަށް ވެސް ވިސްނާފައެއް ނީންނާނެ، އަދިއެއް ވެސް ނުވިސްނަން އަދި ހީއެއް ނުވޭ ކުރިއަށް އޮތްތާނގަ ވެސް ވިސްނާނެހެން. އެކަމަކު މިހާރު މި ފުރުސަތުތައް ލިބިފައިވިޔަސް ދިވެހި ރާއްޖޭގައި އެވަރަކަށް އެސްޓަބްލިޝް ވެއްޖެ ހެނެއް ހީއެއް ނުވޭ. އެކަމަކު ބޭރު ތަންތަނުގައި ޔެސް. އެންމެ ބޮޑު ރަނގަޅު އާމްދަނީއެއް ލިބޭ އެއް ކަންތައް މިއުޒިކަކީ. އެކަމަކު ރާއްޖޭގައި މީތި ސެލްކުރާނެ އެވަރުގެ މާކެޓެއް ނެތް. އެހެންވީމަ ކެރިއާއަކަށް (މިއުޒިކް) ނެގުން އެއީ އެހާ އިންޓެލިޖެންޓް ޗޮއިސްއެއްހެނެއް ލައި އަކަށް ގަބޫލެއް ނުކުރެވޭ."
"މިއުޒިކުން ދެވެން އޮތް އެންމެ ދުރަކަށް ލައި ދާނަން. އެކަމަކު އޭގެ މާނަ އަކީ ޑޮކްޓަރަކަށް ނުވާނެއެކޭ ވެސް ނޫން. ޑޮކްޓަރަކަށް ވެގެން ވެސް މިއުޒިކްގެ ދާއިރާއިން ކުރިއަށް ދެވެންޏާ ދާނަމޭ. އެކަމަކު ނޮޓް އެޒް އަ ކެރިއާ."
މިއުޒިކްގެ ހުވަފެން ނެތް މީހަކަށް އައިޑޮލް ލިބުމަކީ ގޯހެކޭ ބައެއް މީހުން ބުނޭ. ލައިޝާ އެ ވާހަކަ ގަބޫލުކުރަންތަ؟
"ލައި ދެކޭ ގޮތުގައި އެކަން މައްސަލައަކަށް ވެގެން ނުވާނެ. ލައި (މޯލްޑިވިއަން އައިޑޮލް) ގައި ބައިވެރިވީ ވެސް ކެރިއާ އޮޕްޝަންއެއްގެ ގޮތުގައި މި ދާއިރާ އިން ކުރިއަށް ދާން ބޭނުންވާތީކީއެއް ނޫން. އެންމެ ފުރަތަމަ ސަބަބަކީ މަންމަގެ ހުވަފެނަކަށް މިކަންވުން. ދެން ބުނެލަން ބޭނުންވަނީ ލައި ޝޯ އަށް އައީ ޓެލެންޓް ދައްކަންވެގެންނޭ. ރާއްޖޭގައި އުޅޭ، ލަވަކިޔަން ބޭނުންވާ ކުއްޖެކޭ، އޭތި ދައްކައި އެކަން ބަލައިގަން ބަޔަކު ބަލަން."
ލައިޝާގެ އޮރިޖިނަލް ވީޑިއޯ ލަވައިގެ މައްސަލަ މިދިޔަ ހަފުތާގައި ވަރަށް ބޮޑުވެގެން ދިޔައީ އެއީ އޮރިޖިނަލް ރާގެއް ނޫންކަން އެނގިގެން. ހީވޭތަ ލައިޝާ ކިޔާފައިވާ ލަވައެއްގެ މައްސަލައަކަށްވީމަ އެކަންތައް އެއް ބަޔަކު މާ ބޮޑުކޮށްލީ ކަމަށް؟
"ލައިއަކަށް ގަބޫލެއް ނުކުރެވޭ ޕާސަނަލް ގްރަޖަކަށް ވެގެން، މާނައަކީ ބަޔަކު ރުޅިއައިސްގެން ނޫނީ ލައިވީމައޭ، އިން އަ ނެގެޓިވް ވޭއި. އެހެން ކަމަށް ވެސް ވެދާނެ. އެކަމަކު ލައި އަށް ގަބޫލުކުރެވޭ ގޮތުގައި އައި ޑޯންޓް ތިންކް އިޓް ވޯޒް ބިކޯޒް އޮފް އިޓް. އެކަމަކު ލައި އަށް ހީވަނީ މޯލްޑިވިއަން އައިޑޮލް އެ ޓައިޓްލް ލައި އަށް ލިބުނީމަ، ނުވަތަ ކޮންމެ އެހެން މީހަކަށް އެ ޓައިޓްލް ލިބުނު ނަމަވެސް މިކަހަލަ ކޭސްއެއް އަތުވެއްޖެ ނަމަ އިޝޫއަކަށް ހަދާފާނެހެން. އެންޑް ހަދައިފި އޮބްވިއަސްލީ."
އެ މައްސަލާގައި އެންމެ ފުރަތަމަ މައާފަށް އެދުނީ ލައިޝާ. ގަބޫލުކުރަންތަ އެއީ ކަމަށް ރަނގަޅުގޮތަކީ ނުވަތަ އެ މައްސަލާގައި އަސްލު މައާފަށް އެދެން ޖެހެނީ ކޮން ބައެއްތަ ލައިޝާގެ ނަޒަރުގައި؟
"މިކަހަލަ ކަންކަމަކީ ވަރަށް ބައިވަރު ޕްރޮސެސްގެ ދަށުން ހިނގާ ކަމެއް. ބެލުންތެރިންނާ ހަމަ އަށް ލަވައެއް އެ އަންނަނީ ވަރަށް ބައިވަރު މަރުހަލާތަކެއް ކަޑައްތުކުރުމަށް ފަހު. އެހެންވީމަ ލައި އަކީ އިންޑިވިޖުއަލްއެއް. އެކަމަކު ޕީއެސްއެމް އަކީ ބޮޑު ކުންފުންޏެއް. ވަރަށް ބައިވަރު ބަޔަކަށް އެމީހުން ޖަވާބު ދާރީވާން ޖެހޭނެ. އެހެންވީމަ އެ މަރުހަލާގެ ދަށުން އެކަން ހިނގާފައި ޓޮނިކް ސްޓޫޑިއޯ އިން ވެސް ޔަގީނަށް ވެސް ލައި އަށް ވުރެ ލަހުން އެ ބަޔާން ނެރުނީ. ލައި ކުރިން ނެރުނީ، ލައި ބޭނުންވީ ކުރިން މީހުންނަށް އެނގެން މިއީކަން ކަން ހިނގައިދިޔަ ގޮތަކީ. އެގޮތުގެ މަތިން އެހެން މީހުންނަށް ވުރެ ކުރިން ލައި އެކަން ކްލިއާކޮށްދޭން ބޭނުންވީ. އެމީހުން އެކަން ނުކޮށްފާނެތީއެއް ވެސް ނޫން."
މި މައްސަލައަށް ފަހު ވެސް ޓޮނިކް ސްޓޫޑިއޯއާ އެކުތަ އަލަތު އަލްބަމްގެ މަސައްކަތް ކުރިއަށް ގެންދަނީ. ޓޮނިކުން އެވަރުގެ ކެއްސެއް ދެން ނުދޭނެކަމުގެ ކިހާ ޔަގީންކަމެއް އޮވެގެންތަ އެގޮތަށް ނިންމީ؟
"ލައި އަށް ގަބޫލުކުރެވޭ ގޮތުގައި ލައި އަށް މިހާރު އެހުރީ އެ މައްސަލާގައި ވަރަށް ބޮޑަށް މައާފަށް އެދެވިފައި ޕަބްލިކްގައި. ދެން އަނެއްކާ އެމީހުންނާ އެކު މަސައްކަތްކުރުން ވާނީ ލައިގެ އަގު އަނެއްކާވެސް (ޕަބްލިކްގެ) ކުރިމަތީގައި ގެއްލޭނެ ކަމެއް ކަމަށް ލައި އަށް ގަބޫލުކުރެވެނީ. އަނެއްކާވެސް ލައި (ޓޮނިކް ލައިވް ސްޓޫޑިއޯ) އާ އެކު މަސައްކަތްކުރުން ވާނީ ބެލުންތެރިން ލައިގެ މައްޗަށް ކުރި އިތުބާރު ގެއްލޭ ކަހަލަ ކަމަކަށް ހެން ލައި އަށް ބޮޑަށް ހީވަނީ. އެހެންވީމަ ލައިގެ ވިސްނުން ކުރިއަށްއޮތްތާނގައި މި އަލްބަމްގެ މަސައްކަތް ޓޮނިކް ސްޓޫޑިއޯއާ އެކު ކުރާގޮތަކަށް ނޫން. އެކަމަކު ޕީއެސްއެމްއާ އެކު އެގްރީމަންޓެއް ކުރެވިފައި އޮތަސްވެސް ލައި އަކަށް ހީއެއް ނުވޭ ޕީއެސްއެމް ވެސް ބޭނުންވާނެހެނެއް ދެން ކުރިއަށް އޮތްތާނގައި މި އަލްބަމްގެ މަސައްކަތް ޓޮނިކް ސްޓޫޑިއޯއާ އެކު ކުރާކަށެއް."
ކޮބާ ދެން ކިހިނެތްވަނީ މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއް؟ މިދިޔަ ސީޒަނަށްވުރެ ޓަފު ނުވަތަ ސަޅިވެދާނެހެން ހީވޭތަ ފެންނަ ފެނުމަށް؟
"ހަމަ ވަރަށް ބާރަށް ކުރިއަކަށް ނޫން މި ދަނީ. އިންޖިނުލީ ދޯންޏެއް ހެން. ސަޅި. ލައި ވަރަށް ހިތްހަމަޖެހޭ. ވަރަށް ލުކް ފޯވަޑް އެބަކުރަން ކުރިއަށް ހުރި ޕާފޮމަންސްތަކަށް. ޕިއާނޯ ރައުންޑް އިން ހެން ހީވަނީ ކުދިންގެ ޓެލެންޑް ބޮޑަށް އެނގޭނީ. ދެން މިރޭގެ ޝޯ ބަލާލާފަ އެންމެ ބޮޑަށް މި އިންތިޒާރުކުރަނީ ގާލާ ރައުންޑަށް"
"ވަރަށް މޮޅެތި ކުދިން އެބަތިބި. ދަސްކޮށްގެން މިކަން ކުރަން ވަރަށް ޓައިމް ލިބިއްޖެ. އެމީހުންގެ އިމްޕްރޫވްމަންޓް ވަރަށް ބަލާލަން ބޭނުންވޭ ލައި."
ސީޒަން ދޭކަށް އައި ބަދަލުތަކުގެ ތެރެއިން ކޮން ބަދަލުތަކެއް ލައި އަށް އެންމެ ކަމުދަނީ؟
"ވަރަށް ބައިވަރު ބަދަލުތަކަކާ އެކުގައި ސީޒަން ޓޫ ފެށުނީ. ފެށިގެން އައިއިރު ލައި އެންމެ ހިތްހަމަޖެހޭ ބަދަލަކީ ޖަޖިން ޕެނަލަށް އައި ބަދަލު، އައްފާން. ލައި ގަބޫލުކުރާ ގޮތުގައި އައްފާން އަކީ މިހާރު ދިވެހި ރާއްޖޭގައި ހުރި އެންމެ މޮޅު މިއުޒީޝަން. އެހެންވީމަ އައްފާން އެތަނުގައި ނެތުމަކީ އަސްލު އައިޑޮލް އަށް ލިބޭނެ އުނިކަމެއް ކަމަށް ލައި ގަބޫލުކުރަނީ. އައްފާން އެތަނުގައި އިނުމަކީ އައިޑޮލް އަށް ލިބުނު ގިފްޓެއް ކަމަށް ލައި ގަބޫލުކުރަނީ. ސަބަބަކީ އައްފާން އަށް ވުރެ ރަނގަޅަށް ދެން ޓެކްނިކަލީ އެންމެ ރަނގަޅަށް ކިޔާދޭކަށް."
"ދެން ބޭންޑް. އެއީ ރާއްޖޭގައި ތިބި އެންމެ މޮޅު މިއުޒީޝަނުންގެ ތެރެއިން ހޮވާލައިގެން ނަގާފައިވާ މިއުޒީޝަނުންތަކަކާ އެކު ހަދާފައިވާ ބޭންޑެއް. ދެން މުޅި އައިޑޮލް ޓީމު، ޝޯ މިދިޔަ ސީޒަނަށް ވުރެ މި ސީޒަނުގައި ޝޯއެއްގެ ގޮތުގައި އިމްޕްރޫވްވެއްޖެކަން އެބައެނގޭ."
ޖަޖު އައްމަޑޭގެ ބަދަލުގައި އައްފާނަށް ކަމުދާވަރުގެ ޕާފޯމަންސެއް ދެއްކޭހެން ހީވޭތަ؟
"އައްމަޑޭ ނެތީމަ (އެ އަޑު ނެތީމަ) ބަލާ މީހުންނަށް އެހާ ކަމުނުގޮސްފާނެ. އަހަރެމެން މި ބަލަނީ ރިއަލިޓީ ޝޯއެއް. ރިއަލިޓީ ޝޯއެއްގައި އިންނަން ޖެހޭނެ އޭތި. އައްފާން ވާގޮތަކީ އިން ޖެނެރަލްކޮށް ތަންކޮޅެއް މަޑުމައިތިރި މީހަކަށްވީމަ މީހުންނަށް އޭތި ، ވާހަކަ އަކީ މިއުޒިކް ނޭނގޭ މީހުންނަށް އޭތި ކަމުނުގޮސްފާނެ. ކޮންމެގޮތެއްވިޔަސް މިއީ ވޯކަލް ޝޯއެއް ދޯ. އެހެންވީމަ ވޯކަލް ޕްރޮގްރާމަކަށް އަރައި ހުންނާނީ އެކަމުގެ މާހިރުން. އައްމަޑޭ އަކީ ވެސް ހަމަ އޭގެ މީހެއް. އައްފާން އަކީ ވެސް އޭގެ މީހެއް. ބަޓް އެމީހުންގެ ކެރެސްޓަރިސްޓިކްސް، ޕާސަނާލިޓީ ތަފާތުވަނީ. އެހެންވީމަކަމަށް ވެދާނެ މީހުންނަށް އޭތި މިސްވަނީ."
- ފޮޓޯގްރެފީ އަދި ރީޓަޗިން: މިލްޒީރޯ ނިޝާން
- ސްޓައިލިސް: ނޯނި
- މޭކަޕް އެންޑް ހެއާ: ޖަސްޓިން
- އެސިސްޓަންޓް: މަރިޔަމް ޝަހިންދާ
- ވީޑިއޯ އަދި އެޑިޓިން: އަފްޝީން ނަސީރު
- ހާއްސަ ޝުކުރު: އީވޯ، އޫބާ އިވެންޓްސް، ޑިޖިޓަލް ސްޓޫޑިއޯ، އައިޝަތު ނިހާދު، ޝިޔާމް