- ހަބޭސް ދޫކޮށްލީ މެނޭޖުމަންޓާ ހިޔާލުތަފާތުވެގެން
- ސާދަ ތިރީސް އަށެއް އުފެއްދީ އާ ކަންތަކެއް ކުރަން
- އާ ގްރޫޕެއްގައި އުޅެވޭ ކަމުގެ އިހްސާސެއް ނުކުރެވޭ
ސުޕަމޭނެއްގެ ގޮތުގައި އުދުހިގެން ގޮސް ދިވެހިންގެ ހިތްތައް، ވަކިން ހާއްސަކޮށް އަންހެން ކުދިންގެ ހިތްތައް އޭނާ އެންމެ ފުރަތަމަ ފަތަހަކުރީ ރެޑް ބުލް އިން ރާއްޖެ ގެނެސްދިން ފްރީސްޓައިލް ފުޓްބޯޅަ ޗެލެންޖުތަކެއް ކާމިޔާބުކޮށްގެންނެވެ. އޭގެ ދެ މުބާރާތް ބޭއްވިއިރު ދެ ފަހަރު ވެސް ރާއްޖޭގެ ފްރީސްޓައިލް ޗެމްޕިއަނަކީ މި ސުޕަމޭނެވެ. -- ނުވަތަ މުހައްމަދު ސައިފެވެ.
ފުޓްބޯޅައިގެ ފްރީސްޓައިލް ޗެމްޕިއަންގެ ގޮތުގައި ރިކޯޑް މުގުރާލުމަށް ފަހު އޭނާ ބައިނަލްއަގުވާމީ ސްޓޭޖަށް ގޮސް ވެސް ދިވެހިން ފަހުރުވެރިކޮށްދިނެވެ. ނަމަވެސް މިއަދު އޭނާ މަޝްހޫރީ ނުވަތަ އެންމެ އަވަދިނެތި މަސައްކަތްކުރާތަން ފެންނަނީ ފުޓްބޯޅައިގެ ފްރީސްޓައިލްގެ ސްޓޭޖަކު ނޫނެވެ.
ސައިފަކީ މިއަދު ޒަމާނީ ބޮޑުބެރުގެ ސުޕަމޭނެވެ.
ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ ކާމިޔާބު އެއް ޒަމާނީ ބޮޑުބެރު ގްރޫޕް ކަމުގައިވާ ހަބޭސްގެ ނިކަން މުހިންމު މެމްބަރެއްގެ ގޮތުގައި މި އޮކްޓޯބަރު މަހުގެ އެކަކާ ހަމަ އަށް ދެމިހުރި ސައިފް އަކީ މިހާރު މުޅިން އާ ބޮޑުބެރު ގްރޫޕެއް އުފައްދައިގެން އޭގައި މެނޭޖަރެއްގެ ރޯލު ވެސް އަދާކުރަމުން އަންނަ ފަރާތެކެވެ. -- އެމީހުންގެ މި ގްރޫޕަކީ 1438 ކެވެ.
ކުރު މުއްދަތެއްގެ ތެރޭގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ މި ގްރޫޕުގެ ހުންގާނުގައި ސައިފްހުރިއިރު އޭނާއާ އެކު ހަބޭސް ބޮޑުބެރު ގްރޫޕް ދޫކޮށްލި މަޝްހޫރު އެހެން ހުނަރުވެރިންގެ ވާހަކަ އަކީ މި ދުވަސްކޮޅު ބޮޑުބެރުގެ ސައި ކޮފީ މޭޒުތަކުގައި އެންމެ ގަދަ އަށް ދެކެވޭ ވާހަކަތަކެވެ. އެހެންކަމުން ސާދަ ތިރީސް އަށެކުން މިހާ ތަނަށް މި މައްސަލައިގައި ވާހަކަ ނުދައްކައި ހުރި އިޝޫތަކަށް އަދި ޖަވާބު ނުދީ ހުރި ސުވާލުތަކަށް ޖަވާބު ދޭނީ ސައިފް އެވެ.
ތިރީގައި މި އޮތީ އަވަސް ވީކެންޑަށް ސައިފް އިއްޔެ ދިން ހާއްސަ އިންޓަވިއު އެވެ.
ސައިފްގެ ކުރު ތައާރަފެއް މިހާރު ވެސް ދެވިއްޖެ. އެކަމަކު ވެސް އަދިވެސް ކޮންމެވެސް ވަރަކަށް ސައިފްގެ ވާހަކަ ކިޔައިދޭ ނަމަ ކިހިނެތް ސައިފް ތައާރަފްވެލާނީ؟
"ގިނަ މީހުންނަށް ސައިފް އެންމެ ފުރަތަމަ އެނގިފައި ހުންނާނީ ފްރީސްޓައިލް ފުޓްބޯޅައިގެ ތެރެއިން. ފްރީސްޓައިލް ޗެމްޕިއަންގެ ގޮތުގައި އެނގޭނީ. ދެން އެހެން އައިސް ބޮޑުބެރުގެ ތެރެއަށް ވަދެގެން ގޮސް ހަބޭސްގެ ނެށުންތެރިއެއްގެ ގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށްފައި ހުރީމަ ދެން ފެންނާނީ"
"އެކަމަކު ރަސްމީކޮށް ވަޒީފާ އަދާކުރަނީ އެމްޕީއެލްގައި. މިހާރު އެއް އަހަރުވީ."
"އާމްދަނީ ހޯދުމަށް މި ދެ މަސައްކަތް ނޫން އެހެން މަސައްކަތްތައް ވެސް ކުރަން. މިސާލަކަށް ކޮރިއޯގްރެފީ ހެދުމާއި ލިރިކްސް ހެދުން ފަދަ ކަންކަން ވެސް ކުރަން."
އެހެންވީމަ އެއް އިރެއްގައި ފްރީސްޓައިލް ފުޓްބޯޅައިގެ ތެރޭގައި އެވަރަށް އުޅެފައި ބޮޑުބެރުގެ ތެރެއަށް ވަދެވުނުގޮތަކީ ކޮބާ؟
"ފެމިލީ އަކީ ވެސް މިއުޒިކްގެ އެއްވެސް ކަމެއް ކުރާ ބަޔަކު އުޅޭ ފެމިލީއެއް ނޫން. އެކަމަކު ސްކޫލްގައި އެންމެ ފަހު އަހަރު ގްރޭޑް 10ގައި އުޅުނުއިރު ޓީޗާސް ޑޭ އެއްޗެހީގައި ބާއްވާ ހަރަކާތްތަކުގައި އުޅެން ހަދައިގެން ނެށުމާއި ކޮރިއޯގްރެފީގެ ތެރެއަށް ވަދެވުނީ. ދެން އޭރުންސުރެން ފެށިގެން ނެށުމަށް ފޯރި ހުރޭ. އެހެން އުޅެނިކޮށް ދިމާވަނީ މެހްފޫޒުމެންނާ. އޭނައާ އެކީގައި ފުރަތަމަ ބޮޑުބެރު ޝޯއެއް ބަލާލަން ދިޔައީ. އެކަމަކު ފުރަތަމަ ރޭ ވެސް ހެސްކިޔާފަ ނަށާލާފަ އައީވެސް."
"އެއީ ބޮޑަށް އިންސްޓްރެސްޓް އުފެދުނު ގޮތަކީ. އެހިސާބުން ފެށިގެން ދެން ކޮންމެ ރެއަކުހެން ބޮޑުބެރު ޖަހާ ތަނަށް ގޮސް އެކަމުގެ ތެރެއަށް ވަދެވުނީ."
ދެން މިހާރު ސައިފް ބޮޑަށް މި ފާހަގަކޮށްލެވެނީ ބޮޑުބެރު ގްރޫޕެއްގައި ލީޑްކުރާ މަންޒަރު. ޒުވާނުންތަކެއް ގޮވައިގެން ޒުވާނަކު ކުރާ މަސައްކަތް. މިއީ ކޮން ކަހަލަ ބަދަލެއް؟
"މިކަމުގެ ތެރޭގައި އުޅެވުނުގޮތް ބޮޑުކަމުންހެން ހީވަނީ. އަމިއްލަ އަށް އިސްނަގައިގެން ބޮޑުބެރުގެ ކަންކަމުގައި އުޅެއުޅެ މިހާރު އަސްލު ބޭނުންވަނީ މީތި ކުރިއަރުވަން ވެސް އަދި ޓެލެންޓް ހުރި ކުދިން ޕްރޮމޯޓްކޮށްދޭން ވެސް. އެގޮތުން އިސް ނަގައިގެން މިހާރު މިކަމުގެ ތެރޭގައި މި އުޅެނީ. ސައިފުމެން ޒުވާނުންނަށްވިޔަސް 16-17 އަހަރުގެ ކުދިން މި ކަމުގެ ތެރެއަށް ނެރެގެން ވަރަށް ބޮޑު މުސްތަގުބަލެއް ކުރިއަށް އެބައޮތް އަދި. އެ ކުދިންނަށް އެހީވާން ތިބީ އަޅުގަނޑުމެން މިއަދު."
"އެހެންވީމަ މިހާރު ބޭނުންވަނީ ބޮޑުބެރު ކުރިއަރުވައި ދިރުވައިދޭން އެހީތެރިވެދޭ މީހެއްގެ ގޮތުގައި ހުންނަން."
އާ ބޮޑުބެރު ގްރޫޕް ސާދަ ތިރީސް އަށެއް އުފައްދައިގެން އޭގައި އިސްކޮށް އުޅުނު ނަމަވެސް ސައިފް އަކީ ކުރިން ހަބޭސް ބޮޑުބެރު ގްރޫޕުގައި ވެސް ވަރަށް އިސްކޮށް ހުރިހާ ދިމާލަކުން ފެނުނު މެމްބަރެއް. އެ ގްރޫޕްގައި ސައިފް އަކީ ކާކު އޭރު؟
"އެންމެ ފުރަތަމަ ހަބޭސްގެ އެ ނަން ކީ ދުވަހުން ފެށިގެން، އެ ނަން ރަޖިސްޓްރީވި ދުވަހުން ފަށައިގެން، ފުރަތަމަ ބެރުސެޓު އެޅި ދުވަހާއި ކުލަ އެޅި ދުވަހާއި ހަން އެޅި ދުވަހާއި މި ހުރިހާ ދުވަހެއްގައި ވެސް ސައިފު ހުންނާނެ ހުރިހާ މަސައްކަތެއްގައި ވެސް. މިއީ އެއްވެސް މީހަކަށް ދެކޮޅުހެދޭނެ ކަމެއް ނޫން"
"ގުނައިފި ނަމަ، ހަބޭސްގެ އެޓެންޑެންސް ވެސް އެންމެ ރަނގަޅު މީހާ އަށް ވާނެ އަޅުގަނޑު. އެންމެ ގިނަ ޝޯތަކުގައި ބައިވެރިވި މީހާ އަށް ވެސް ވާނެ. އެއީ ދެން އެންމެ ކުރިން ފެށިގެން ވެސް ގްރޫޕާއެކީ އުޅެމުން ދިޔައީމަ. އަނެއްހެން ބުނާ ނަމަ އެއިރެއްގައި އުޅުނު ރަސްމީ ވަޒީފާއަކަށް ވުރެން ވެސް ބޮޑު އިސްކަމެއް ހަބޭސް އަށް ދީގެން އުޅުނީ."
އެހެންވީމަ ބުނެވިދާނެތަ ސައިފް އާއި އެހެން އާދައިގެ މެމްބަރުންނަކީ ހަބޭސް ބޮޑުބެރު ގްރޫޕްގެ މަޝްހޫރުކަމާއި ކާމިޔާބީގެ ވަރަށް ބޮޑު ހިއްސާއެކޭ؟
"ފެށުނުއިރު ވެސް ހަބޭސް އަކީ ސްޓާރުންތަކެއް ލައިގެން ފެށި ގްރޫޕެއް ނޫން. އޭރު ބޮޑުބެރުގައި މަޝްހޫރުވެފައި އޮތީ ހަރުބީ. އެކަމަކު ހަބޭސް އުފެދުނުއިރު އޭރު އުފެއްދި އެހެން ބޮޑުބެރު ގްރޫޕްތަކާ ހިލާފަށް އޭގައި ސްޓާރެއް ނުހުންނާނެ. އެހެންވީމަ ހަބޭސް އެއްޗަކަށްވީ ހުރިހާ އެންމެންގެ މަސައްކަތުން. ތިބުނާ ހެން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހަބޭސް ބޮޑު ނަމަކަށް ބަދަލުވެގެން ދިޔައީ އެންމެންގެ މަސައްކަތުން"
"އެގޮތަށް ކުރިއަރައިގެން ގޮސް އެހެން ގްރޫޕްތަކަށް ވުރެން ވެސް އެކި ކަންކަމުގައި ހަބޭސް ކުރި ހޯދިކަން އެންމެނަށް ވެސް އެނގޭނެ.
އެ ހުރިހާ ކަމެއްގެ ނަތީޖާ އަކީ ވެސް އެންމެންގެ މަސައްކަތުގެ އެފަޓް."
ދެން އެންމެފަހުން ފެނިގެން މިދިޔައީ ސައިފް އާއި އިތުރު އެހެން މަޝްހޫރު މެމްބަރުން ވެސް، ގާތްގަނޑަކަށް ވިއްސަކަށް ހުނަރުވެރިން އެ ގްރޫޕް ދޫކޮށް ގޮސް ސާދަ ތިރީސް އަށެއް އުފެއްދި މަންޒަރު. އެންމެން އެއްފަހަރާ މިގޮތަށް މިފަދަ ރިސްކެއް ނެގި ސަބަބަކީ ކޮބާ؟ ކުރީގެ ގްރޫޕް ރޫޅުނީތަ؟
"ރޫޅުނީއޭ ބުނީމަ އެހާ ހިތްހަމައެއް ނުޖެހޭ އަސްލު. މިސާލަކަށް 25 މީހުން ތިބި ތަނަކުން 20 މީހުން 18 މީހުން ނުކުމެގެން އައީމަ އެއީ ރޫޅުނީ ކަމަކަށް ސައިފެއް ގަބޫލެއް ނުކުރަން. އެއީ ފެމިލީ ލަވް. އެއީ އުފެދިފައި އޮތް އެކުވެރިކަމާއި ފެމިލީ ބޮންޑް ދައްކުވައިދޭ ކަމެއް. އެ އެންމެން ވަކިވެގެން އަންނާނީ އެ އެންމެން އެކައްޗެއް ގަބޫލުކުރާތީ."
"އެ ހުރިހާ އެއްޗެއް ދޫކޮށްލާފައި އައީ އިތުރަށް ފައިޓްކުރަން ބޭނުން ނުވާތީ. އެއީ އަހަރެމެން އެންމެން މަސައްކަތްކޮށްގެން ހޯދާފައި ހުރި އެއްޗެހި. އެ ވަރުގެ ބޮޑު ނަމެއް ދޫކޮށްލުން ވެސް އެއީ ރިސްކެއް. އެކަމަކު އެންމެން އެ ނަން ދޫކޮށްލާފައި އައީ އެމީހުންގެ މެދުގައި އޮތް ގުޅުމާއި އިތުބާރު ބޮޑުވުމުން. އަލުން އެ މަސައްކަތްކޮށް ކާމިޔާބު ލިބިދާނެ ކަމަށް ގަބޫލުކުރެވުނީމަ."
އެހެންވީމަ ހަބޭސް ދޫކޮށްލި ސަބަބަކީ ކޮބާ ސައިފް އާއި ސާދަ ތިރީސް އަށެއްގެ އެހެން މެމްބަރުން؟
"މިގޮތަށް ހަބޭސް ދޫކޮށްލާފައި މި ކުދިން އަންނަން ޖެހުނު މައިގަނޑު ސަބަބަކީ މެނޭޖުމަންޓުން އެ ކުދިންގެ ޝަކުވާތަކަށް ދިން ރައްދު. ދިމާލަށް ބުނި އެއްޗެހި ކަމުނުދިޔައީ. އެ ގްރޫޕަކީ އެންމެންގެ މަސައްކަތުން އުފެއްދި ގްރޫޕެއް. އެކަމަކު އެކަން ގަބޫލެއް ނުކުރޭ މެނޭޖުމަންޓަކުން. އެންމެން ކުރިމަތީގައި އެހެން ބުނީމަ އެ ހިތްހަމަނުޖެހުން ބޮޑަށް އޮތީ"
"ވަކިވެގެން މިކޮޅަށް އައި ކުދިންތައް އެ ވާހަކައެއް ނުދައްކާ މިހާތަނަކަށް. އެހެންވީމަ މިގޮތަށް ކުރިން އިންޓަވިއުއެއް ދީފައި ނެތީ ވެސް. ނުދޭން ބޭނުންވި ސަބަބަކީ އާގިއުމެންޓަކަށް ދާން ބޭނުން ނުވާތީ. އެއީ ކޮންމެ ގޮތެއްވިޔަސް ރައްދު ދޭނެ އެކޮޅުން. އެހެންވީމަ އެފަދަ ޒުވާބަކަށް ދާން ބޭނުން ނުވަނީ"
"އަޅުގަނޑު ބުނި ވާހަކަ އަކީ ނުކުމެގެން އައި ސަބަބު ކިޔައިދޭނެ ކަމެއް ނެތޭ. ނުކުމެގެން އައި މަގުސަދޭ ބުނެދޭންވީ. އަޅުގަނޑުމެން ބޭނުމެއް ނުވޭ ކުރީގެ މެމްބަރުންނާ މި މައްސަލައިގައި އެއްވެސް ވަރަކަށް އިތުރަށް ޒުވާބުކުރާކަށް."
އެހެންވީމަ ބުނެވިދާނެތަ އަމާޒަކީ ހަބޭސް ވައްޓާލުމޭ. ބައެއް މީހުން އެގޮތަށް ވެސް ވާހަކަ ދައްކާ. ކީކޭ ބުނެލަން ބޭނުންވަނީ؟
"އަސްލު ނުކުތީ، ހަބޭސް ވައްޓާލާކަށް ނުވަތަ އަޅުގަނޑުމެންނާ ނުލައި ހަބޭސް އަށް ކަމެއް ނުވާނެކަން ދައްކާކަށެއް ވެސް ނޫން. އެކަމަކު ގިނަ ބަޔަކު މި މައްސަލަ ލޭބަލްކޮށްފައި އޮތީ އެގޮތަށް. އެމީހުންގެ ފަރާތުން ވެސް ބުނެފައި ވަނީ ހަބޭސް ވައްޓާލަންށޭ ކުދި ބަޔަކު ގްރޫޕް ދޫކޮށް ދިޔައީ"
"އެހެނެއް ނޫން އެކަން އޮތީ. މި ކުދިން ބޭނުންވީ އެހެން މެނޭޖުމަންޓެއްގެ ދަށުގައި ވެސް ހުނަރު ދައްކައިގެން މަސައްކަތްކުރަން."
ކުރީގެ ގްރޫޕް ދޫކޮށްލުމަށް ފަހު އުފެއްދި ސާދަ ތިރީސް އަށެކާ އެކު ކުރެވެމުންދާ ތަޖުރިބާ ސިފަކުރާނީ ކިހިނެތް؟
"ހަބޭސް އިން ނުކުމެގެން މިވީ ގާތްގަނޑަކަށް 25 ދުވަސް. މިހާ ހިސާބަށް ވެސް އަޅުގަނޑުމެން އަށް ޝޯ ކުޅެފިން. އެއީ ވަރަށް ރަނގަޅު ރޭޓެއް. ވަކިން ހާއްސަކޮށް އޮފް ސީޒަނަށް ބަލާއިރު ވެސް. އަޅުގަނޑުމެންގެ ނަން އަލީ. ގްރޫޕްގައި ތިބި ކުދިން މިކަމަކަށް އަލެއް ނޫން"
"ގްރޫޕްގެ ނަމަކަށް ނޫން ގިނަ ފަހަރަށް ޝޯއެއް ލިބެނީ. ގްރޫޕްގައި ތިބޭ ބަޔަކަށް. އެ ކުދިންތަކަށް. އެކަން ވަރަށް ބޮޑަށް އެނގިއްޖެ އާ ގްރޫޕް އުފައްދައިގެން ވެސް."
އެހެންވީމަ ކުރީގެ ގްރޫޕާ މި ގްރޫޕް ތަފާތުވާނެ ގޮތަކާއި އެހެން ބޮޑުބެރު ގްރޫޕްތަކަށް ސާދަ ތިރީސް އަށެއް ނަމޫނާ ދައްކަން ވިސްނާ ގޮތަކީ ކޮބައިތޯ؟
"ނުކުރެވި ހުރި ބައިވަރު ކަންތަކެއް ކުރަންވެގެން އަސްލު ސާދަ ތިރީސް އަށެއް އުފެއްދީ. އެކަމުގެ ވަރަށް ބާރުގަދަ ހެއްކެއް ގްރޫޕްގެ ފުރަތަމަ ޝޯ، ބްރައިޑް ފެއާގައި އެ ޖެހި ޝޯ އަކީ ވެސް. އޭގައި ފުރަތަމަ ކީ ލަވަ އަކީ (އަރަބި ރާގަކަށް ހެދި) އަމިއްލަ ލިރިކްސްއެއް ހަދައިގެން އަދި މިހާތަނަށް ބޮޑުބެރު އެއްވެސް ގްރޫޕަކުން ނުޖަހާ ގޮތަކަށް ބެރު ޖަހައިގެން ކުޅުނު ލަވައެއް. އެންމެ ފުރަތަމަ ޕާފޯމްކުރި ލަވަ އަކީ ވެސް އަމިއްލަ ލިރިކްސްއެއް."
"އެހެންވީމަ މި ގްރޫޕް އުފެދުނީ އަމިއްލަވަންތަކަން ދައްކަންކަން، މީހުންގެ ކްރިއޭޓިވިޓީ އާއި ޓެލެންޓް ދައްކަންކަން އެނގިގެން އެބަދޭ. ބޭނުންވަނީ ހާޑް ވޯކް. އެ ހާޑް ވޯކް ދައްކާނެ ސާދަ ތިރީސް އަށެކުން."
- ފޮޓޯގްރެފީ އަދި ރީޓަޗިން: މިލްޒީރޯ ނިޝާން
- މޭކަޕް އަދި ސްޓައިލިން: ޖަސްޓިން
- ވޯޑްރޯބް: ޑޭމް ސްޓައިލް / ޖަސްޓިން
- ވީޑިއޯ އަދި އެޑިޓިން: އަފްޝީން ނަސީރު / އަވަސް