- މަޝްހޫރުވިޔަސް ބޮޑާކަމެއް ނެތް އާދައިގެ ހިތެއް
- ލިބުނު ލޯތްބަށް ފަހު އަލްބަމެއް އުފައްދަނީ
- އެންމެ ރީތީ ބޯބުޅި އަންހެން ކުދިން
ލޯބިވެރިން ނުވަތަ ބިޓުންގެ ވާހަކަ ދައްކަން އޭނާ އެހާ ބޭނުމެއް ނުވެ އެވެ. ނަމަވެސް އޭނާ އަކީ އަންހެން ކުދިންގެ ހިތްތައް ފަތަހަކޮށްފައިވާ ލަވަކިޔުންތެރިޔާ އެވެ. ނުވަތަ އެންމެ ރަނގަޅުވާނީ އަންހެން ކުދިންގެ އައިޑޮލްއޭ ބުނިއްޔާ އެވެ. -- މިފަހަރުގެ މެހްމާނު، މުހައްމަދު އިޝާނަށް ހާއްސަ އެއް ތައާރަފަކީ މިއީ އެވެ.
އެކަމަކު މި އިންޓަވިއުގައި އަންހެން ކުދިންގެ ވާހަކަ އެހާ ބޮޑަށް ދައްކަން ހަމަ އެއްގޮތަކަށް ވެސް މޯލްޑިވިއަން އައިޑޮލްގެ މި ތަރި އެއްބަހެއް ނުވި އެވެ. ފަހަރެއްގައި އިޝާނަށް ހިތް ދޫކޮށްގެން ތިބި އަންހެން ކުދިންނާއި ފޭނުންނަށް ފަހުން ދޭން އޮތް ހަދިޔާ މާ ބޮޑުވީމަ ކަމަށް ވެސް ވެދާނެ އެވެ.
ކޮންމެއަކަސް މޯލްޑިވިއަން އައިޑޮލްގެ ތިން ވަނަ ލަވަކިޔުންތެރިޔާގެ މަގާމާއެކު އިޝާން އަލުން އާންމުންގެ ތެރެއަށް ނުކުމެފައިވާއިރު އޭނާގެ ވަރަށް ބޮޑު ހުވަފެނެއް މި ވަނީ ގާތްގަނޑަކަށް ހާސިލުވެފަ އެވެ. އައިޑޮލްގެ ކާމިޔާބީ އަށް ވާސިލުވުމުގެ ކުރިން އޭނާ ދިން ކުރީގެ އިންޓަވިއުއެއްގައި ބުނެފައި ވަނީ އޭނާގެ އައިޑޮލް، އަލީ ރަމީޒުހާ މަޝްހޫރު ނުވަތަ މަގްބޫލު ލަވަކިޔުންތެރިޔަކަށް ވުމަށް އޭނާ ވެސް ބޭނުންވާ ކަމަށެވެ.
ޔަގީނަށް ވެސް އިޝާނަށް ބޮޑު މަޝްހޫރުކަމަކާއި މަގްބޫލުކަމެއް މިއަދު މި ވަނީ ލިބިފަ އެވެ. ބައެއް މީހުންނަށް އޭނާ އަކީ "ޒަމާނީ އަލީ ރަމީޒެކެވެ." އެކަމަކު އަލީ ރަމީޒަށް ކުރާ އިހްތިރާމެއްގެ ބޮޑުކަމުން އޭނާގެ ވާހަކަ ދައްކަން ވެސް އިޝާން ބޭނުމެއް ނުވެ އެވެ.
އެހެންވީމަ މިވަރުން ދާ ނަމަ މި އިންޓަވިއުއެއްގައި ދައްކާނެ ވާހަކައަކަށް ދެން އޮންނާނީ ކޮން ވާހަކައެއް ހެއްޔެވެ؟ -- މިއުޒިކްގެ ވާހަކަ އެވެ.
އިޝާން ބުނަނީ މިހެންނެވެ. އޭނާގެ ބޮލުގައި މިއުޒިކާއި ލަވަ ނޫން ހަމަ އެކައްޗެއް ވެސް ނެތެވެ. އަދި އެންމެ ސަޅި ކަމަކީ މޯލްޑިވިއަން އައިޑޮލް އިން މަޝްހޫރުވެ، ބޮޑު ކާމިޔާބީއެއް ލިބިގެން ދިޔަ ކަމުގެ އަސަރު ފެންނަ ވަރުގެ ފޮނިކަމުގެ ކަންފުޅެއް ވެސް އޭނާގެ ކިބައިގައި ނެތުމެވެ.
ސާދާ، މަޖާ، ލާނެތް މި ޒުވާނާ އަދި ކުޅަދާނަ ލަވަކިޔުންތެރިޔާގެ އިންޓަވިއު ތިރީގައި މި އޮތީ އެވެ. ބިޓުންގެ ވާހަކަ ދައްކަން ބޭނުން ނުވިޔަސް މީގައި އަންހެން ކުދިންގެ ވާހަކަ ވަކި މަދެއް ނުވާނެ އެވެ.
ބިޓުންނާއި ލޯބިވެރިންގެ ވާހަކަ ދައްކަން ބޭނުން ނުވަނީ ކީއްވެ؟
"އިޝާންގެ ނަޒަރުގައި ލޯބީގެ ކަންތައްގަނޑު ޕަބްލިކް ކުރީމަ އެއީ އަސްލު އެހާ ރަނގަޅު ކަމެއް ނޫންކަން ނޭނގެ، އާޓިސްޓަކު ކުރަން. ދެން އަދި ރާއްޖެ އަށް ބަލައިލާއިރު. ލޯބިވާ މީހާ ހަމަ ލޯބީގެ ކޮށީގައި ބެހެއްޓީމަ ނިމުނީ."
މިހާރު ބިޓެއް ނަގައިގެންތަ ތިޔަ އުޅެނީ ނުވަތަ ހަމަ އަންހެން ކުދިންގެ ހިތްތައް ހަލާކުކުރަން ހުސްކޮށްތަ ތިހުރީ އަދިވެސް؟
"މިހާރު ރިލޭޝަންޝިޕެއްގައި މި އުޅެނީ. ވަރަށް ލޯބި."
އަންހެން ކުއްޖަކު އިހްތިޔާރުކުރާ ނަމަ މިސާލަކަށް ކޮން ކަހަލަ ސިފަތަކެއް ލިބިފައިވާ ކުއްޖަކު ހޯދާނީ؟
"އެހެން ވަކި ސިފަތަކެއް ނުހުރޭ. ތިބޭ ވަރަށް ރީތި އަންހެން ކުދިން. ވަކި ހާއްސައެއް ނެތަސް ބޯ ބުޅިވުމަކީ އިޝާން އަށް ވަރަށް ކަމުދާ ސިފައެއް. ބޮލުގައި އޮންނަ އިސްތަށިގަނޑު އެއީ ވަރަށް މުހިންމު އެއްޗެއް. ދެން ރީތި ކުދިން ރީތި. ހުރިހާ ކުދިން ވެސް ރީތި."
"ދެން އެންމެ ބޮޑަށް ގަޔާވާ ސިފައަކީ ވާހަކަ ދެއްކުމުގެ ސްޓައިލް. އަންހެން ކުއްޖެ ނަމަ އަންހެން ވަންތަގޮތަކަށް ވާހަކަ ދެއްކުން. ފިރިހެނެއް ގޮތަށް އަންހެން ކުދިން ވާހަކަ ދެއްކީމަ އެހާ ސަޅިއެއް ނޫނެއް ނޫން."
ބުނެވިދާނެތަ އިޝާން ތިއީ ވަރަށް "ބިޓީ" މީހެކޭ؟
"އެހެން ނުބުނެވޭނެ ދޯ އަސްލު. އެކަމަކު އެހެން ބުނާ ކުދިން ބުނަންވީ. ނުބުނާ ކުދިން ނުބުނަންވީ. ވަރަށް ބިޓީޒް މީހެކޭ އަސްލު ނުބުނެވޭނެ. ދެން ކޮންމެ އިންސާނެއްގެ ވެސް ހުންނާނެ ދޯ އަސްލު އިހްސާސްތަކެއް. އެ އެއްޗެހި ބޭރުކުރުމަކީ އެމީހެއްގެ ކަމެއް."
އެހެންވީމަ ބުނެ ބަލަ، އަންހެން ކުއްޖަކު ދުވަހަކު ވެސް ލޯބި ހުށަހެޅިތަ؟ ނުވަތަ އިޝާންއާ ރައްޓެހިވާން ބޭނުންވާ އަންހެން ކުއްޖަކު ގުޅާވަރުން އުނދަގޫވެގެން އުޅެން ޖެހުނުތަ އެއްވެސް އިރަކު؟
"އަންހެން ކުއްޖަކު އިޝާން އަށް ލޯބި ހުށަނާޅައެކޭ ނުބުނާނަން. ހުށަހަޅާފައި އެބަހުރި. އެކަމަކު އިޝާން އެއްވެސް ވަރަކަށް ނުބަލަން އިޝާންއާ ހެދި އުޅެނީ ކާކުތޯއެއް. އިޝާން އަށް ގަޔާވާ ކުއްޖެއްވެއްޖެއްޔާމު ގިނަ ފަހަރަށް އެ ކުއްޖަކާ އެކު އުޅެނީ. މިވެނި ކުއްޖަކު އުޅެޔޭ، އެވެނި ކުއްޖަކު އުޅެޔޭކިޔާފައި އެގޮތަކަށް ނޫން. އެއީކީ އެގޮތަށް ކުޅެން އޮތް ގޭމެއް ނޫނެއް ނޫން. ގޭމެއް ނޫން. އެއީ ވަރަށް ހާއްސަ ކަމެއް. ލޯތްބަކީ ވަރަށް ހާއްސަ އެއްޗެއް އަސްލު. އެއީ ގޭމެއް ނޫން."
ބުނެވިދާނެތަ މޯލްޑިވިއަން އައިޑޮލްގެ ކުރިއަށް ވުރެން އައިޑޮލް އަށް ފަހު އިޝާން މިއީ އަންހެން ކުދިންގެ މެދުގައި މާ ކާމިޔާބު މީހެކޭ؟
"ކުރިން އަންހެން ކުދިންގެ ކަންތައްތައްގަނޑު ހިންގާލަން މާ ފަސޭހަކަން ނޭނގެ. މިހާރު ދެން އަސްލު އެހެން އުޅޭ ހިތެއް ވެސް އެހާ ނުވޭދޯ. މާ އަންހެން ކުދިންވެފަ. މިހާރު ބޭނުންވަނީ ލޯޔަލް ސަޕޯޓަރުން. ސަޕޯޓްކުރީމަ އުފާވާނެ. ލޯބިވެސް ވާނެ."
މޯލްޑިވިއަން އައިޑޮލްގެ ތަޖުރިބާ އަދި އެއަށް ފަހު ލައިފް ސިފަކުރާނީ ކިހިނެތް؟ ކޮން ކަހަލަ ބަދަލެއް މި އައީ މޯލްޑިވިއަން އައިޑޮލްގެ ތަޖުރިބާ އަށް ފަހު؟
"މޯލްޑިވިއަން އައިޑޮލްގެ ކުރިން އިޝާން ވަރަށް މަސައްކަތްކުރިން މިހައި ހިސާބަށް އަންނަން. ދެން އިޝާން ގަބޫލުކުރާ ގޮތުގައި މިއީ ހަމައެކަނި ގޭގައި އޮތްވައި ލިބުނު ކާމިޔާބީއެއް ނޫން ކަމަށް. ވަރަށް ބުރަ މަސައްކަތް، ޓީމެއް އެއްކޮށް، ބޭންޑެއް އެއްކޮށް. ވަރަށް މަސައްކަތްކޮށްގެން މިހައި ހިސާބަށް އާދެވުނީ. އެހެންވީމަ އެހައި މަސައްކަތްކުރެވުނީމަ އަސްލު ވަަރަށް ހިތްހަމަޖެހޭ"
"އައިޑޮލް ޓީމުން ވަަރަށް ބޮޑު އެއްޗެއް އަސްލު ދަސްކޮށްދިން. މިހައި ވަރުގެ ބޮޑު ސަމާލުކަމެއް ލިބުނީމަ ދެން ޕަބްލިކަށް ނުކުމެ އުޅެންވީގޮތް އެމީހުން ކިޔައިދިން. ހަމަ ހުރިހާ ކަމެއް އެއްކޮށް ކިޔައިދިން. މިހެން ނޫޅޭށޭ، އެހެން އުޅޭށޭ. ވާހަކަ އަކީ ދިރިއުޅުމަށް ބޮޑެތި ފައިދާތަކެއް ކުރި އެއްޗެއް މޯލްޑިވިއަން އައިޑޮލް އަކީ."
މޯލްޑިވިއަން އައިޑޮލް އަށް ފަހު އަމިއްލަ އަލްބަމެއްގެ މަސައްކަތްކުރާ ވާހަކަ އަޑުއިވިފައި އޮތީ. ކޮބާ އޭގެ އަޕްޓޭޑަކީ؟ ކޮން ކަހަލަ ލަވަތަކެއް ކޮން ކަހަލަ ރާގުތަކެއް މިއީ؟
"ކުރީގަ ވެސް އިޝާން އަކީ ތެޅިބާލާ މީހެއް ނޫން. އަބަދުވެސް ޑްރީމްސްތަކެއް ހޯޕްސްތަކެއް ހުންނަ މީހެއް. ހަމަ ބޭކާރު މަސައްކަތްކުރަނީކީ ނޫން. އެކަމަކު ދެން މިހާރު ކޮންމެ ކޮންމެ ގޮތަކަށް ނޫޅެވޭ. ކުރީގައި ނަމަ މަގުމަތިން ދާއިރު ވެސް ކައިރިން ދާ އަންހެން ކުއްޖާއާ ވެސް ދިމާކޮށްލަން. މިހާރު އެކަމަކު ގޮތެއްގައި ދޯ ހުންނަން ޖެހޭނީ. އެހެން މީހުންނަށް ނަމޫނާއަކަށް ވެސް ވާން ޖެހޭނެ ކަމަށް ގަބޫލުކުރެވޭ"
"މިސާލަކަށް އިޝާނަށް ވުރެ 30 އަހަރު ބޮޑު މީހަކު ނުބަލަފާނެ (ނަމޫނާއަކަށް). އެކަމަކު ބޮޑުވެގެން އަންނަން ތިބި ކުދިންނަށް ޖެހޭނެ ރީތި އުޅުމެއް ދައްކަން. އެ އުޅުން (ރޯލް މޮޑެލްއެއްގެ ގޮތުގައި) ދައްކައިފި ނަމަ މި ދާއިރާ އަށް ނުކުންނަ އެހެން ކުދިން ވެސް ފޮލޯކުރާނެ."
އިޝާންގެ ސަޕޯޓާރުންނާއި ފޭނުން އަދި އާންމުން ދިން ލޯތްބާއި ތަރުހީބުގެ އަގު އަދާކުރަން އިޝާން ވިސްނަނީ ކިހިނެތް؟ ކޮން ގޮތަކަށް ނަމޫނާ ދައްކައިގެން؟
"ޕަބްލިކުން އިޝާނަށް ދިން ވަރުގެ އެއްޗެއް އިޝާނަކަށް އަނބުރައި ނުދެވޭނެ. އެއީ މިހައި ހިސާބަށް އަޅުގަނޑު ނަގައި ކޮޅަށް ޖެހީ ހަމަ ހުރިހާ ދިވެހިންވެގެން. އޭތި އަނބުރާ ކިހިނެތް ދޭނީ؟ އޭގެ ބަދަލުގައި އިޝާން އިރާދަކުރެއްވިއްޔާމު މި ދާއިރާއިން ހަމަ ހުރިހާ އަޑުއެހުންތެރިން ހިތްހަމަޖެހޭވަރުގެ އެއްޗެހިތަކެއް ނެރެދޭނަން. ފޫހިނުވާ ވަރުގެ."
މިއުޒިކް ކުޅުމާއި ލަވަކިޔުން ނޫން އެހެން ކަމެއްކުރުމުގެ ހިޔާލެއް ނުވަތަ އެހެން އެއްވެސް ކަމެއްގައި އުޅެންތަ؟ ނުވަތަ މިއުޒިކާއި ލަވަކިޔުން ނޫން ދެން ކޮން ކަމަކަށް އިޝާން އެންމެ މޮޅު ވާނީ؟
"ވަރަށް ކުރީއްސުރެން ވެސް ކުރާ ހިޔާލެއް ބިޒްނަސް ދާއިރާގައި އުޅުމަކީ. އެކަމަކު ފަސްޓް ޕްރިއޯރިޓީއަކީ މިއީ. ދެން މި ކަންތައް ނުވެގެނެއް، މިއުޒިކް ނުކުޅެވިގެނެއް ހުއްޓައެއް ނުލާނަން. އެކަމަކު ބިޒްނަސްގެ ދާއިރާއިން ވެސް ހަމަ ފެނިދާނެ. އެކަމަކު (ލަވަކިޔުމެއް) ނުހުއްޓާނަން."
ލަވަކިޔުން ހުއްޓައެއް ނުލާނަންތަ؟ އިޝާންގެ އައިޑޮލް އަލީ ރަމީޒު އަދި އެހެން ގިނަ ލަވަކިޔުންތެރިން ވެސް ވަކި ހިސާބަކުން ލަވަކިޔުން ހުއްޓާލާތަން މި ފެންނަނީ. ލަވަކިޔުން ހަރާމޭ ވެސް ބުނޭ. ކޮބާ އިޝާންގެ ހިޔާލަކީ؟
"އިޝާން ނުބުނާނަން މިއުޒިކް ކުޅުން ހުއްޓާލާނަމެކޭ ވެސް. ނުހުއްޓާނަމެކޭ ވެސް. އެއީ އިޝާނަކަށް ތަގުދީރެއް ނޭނގޭ. ވަރަށް ކުރާ ހިތްވާ ކަމެއް މިއީ. ވަރަށް ކުރާ ހިތްވާ ކަމެއް މިކުރަނީ. ކާން ނުލިބުނަސް ލަވަކިޔާލެވެންޏާމު ބަނޑުފުރާލެވޭނެ. އެހެންވީމަ ވަަަރަށް ބޮޑުވަރުތާ އެއީ."
"ލަވަކިޔުން ހުއްޓާލި އާޓިސްޓުންނަށް ބަލާއިރު އެމީހުން ވެސް ލަވަކީއިރުގަ ކިޔާފައި ހުރީ ވަރަށް ރީތި ލަވަތަކެއް. ދެން އެމީހެއްގެ އަމިއްލަ ކަމެއް ލަވަކިޔުން ހުއްޓާލުމާއި ނުލުމަކީ. އިޝާން ނުބުނާނަން އެއީކީ ގޯސްކަމެކޭ. (އިޝާން ގަބޫލުކުރާ ގޮތުގައި ލަވަކިޔުމަކީ) ހަމަ ރަނގަޅު ކަމެއް. އެކަމަކު އިޝާން ނެތިން ކޮންމެހެން އެ ޓޮޕިކަށް ދާކަށް ވެސް. ލަވަކިޔުން ހުއްޓާލާފައި ތިބި ކުރީގެ އާޓިސްޓުންނަށް ވަރަށް ރެސްޕެކްޓްކުރަން."
ލޯބިވެރިޔަކަށް ލަވައެއް ކިޔައިދޭ ނަމަ އަލީ ރަމީޒުގެ ކަލެކްޝަނުން ކޮން ލަވައެއް އިޝާން ކިޔައިދޭނީ އަދި ކޮބާ އޭގެ ސަބަބަކީ؟ އަނެއްކާ ލޯބިވެރިޔާ އަށް ލަވަ ކިޔައިދެންތަ މިގޮތަށް؟
"އަލީ ރަމީޒުގެ ލަވައެއް ކިޔައިދެންޏާމު ހާދަ ލަވައެއް އެބައޮތޭ ކިޔައިދޭން. ލޯބިވެރިޔަކަށް ކިޔައިދެންޏާމު، އޭނަގެ ހުރިހާ ލަވައެއް ކިޔައިދެވޭނެހެން ހީވަނީ. އެގޮތަށް ފާހަގަކޮށްލެވޭ ލަވައަކަށް، އިންނާނެ، ފެނުނީ ހާދަ ބޭނުންވާ، އެ ލަވަ. ދެން އެކަހަލަ ދެ ތިން ލަވައެއް އުޅޭނެ"
"އެކަމަކު އަސްލު މި ލަވައެއް ވެސް ނޫންކަން ނޭނގެ. އެއިރަކު ބޮލަށް އަންނަ ލަވައެއް. އަލީ ރަމީޒުގެ ލިސްޓް ނުލާހިކު ވެސް ބޮޑެއް ނޫން"
"މިހާރު ލަވައެއް ކިޔައެއް ނުދެން (ކުދިންނަކަށް). މިހާރު ލަވަ ކިޔައިދެނީ ވަރަށް ކްލޯޒް މީހުންނަށް. އެކަމަކު ކުރީގައި ނަމަ ރީތި މީހަކު ފެންނަ އިރަށް ވެސް ލަވަކިޔައިދެވިފައި ހުންނާނެ."
މޯލްޑިވިއަން އައިޑޮލް އަށް ފަހު އަމިއްލަ އަލްބަމެއްގެ މަސައްކަތްކުރާ ވާހަކަ އަޑުއިވިފައި އޮތީ. ކޮބާ އޭގެ އަޕްޓޭޑަކީ؟ ކޮން ކަހަލަ ލަވަތަކެއް ކޮން ކަހަލަ ރާގުތަކެއް މިއީ؟
"ފުރަތަމަ އަލްބަމްގެ މަސައްކަތް މިހާރު ގާތްގަނޑަކަށް ކޮށް ނިމިއްޖެ. މިހާރު އަޑުގައި މައްސަލަތަކެއް އުޅޭތީވެ ބައެއް ލަވަތަކެއްގެ ތަންތަންކޮޅު ނޭޅި ހުރީ. އިރާދަކުރެއްވިއްޔާމު ވަރަށް އަވަހަށް އަލްބަމް ފެނިގެންދާނެ. މި އަލްބަމަކީ ޓޯޓަލީ ލޯބީގެ ލަވަތަކެއް ހިމެނޭނެ އަލްބަމެއް. ލޯބީގެ ހަތް ލަވަ މީގައި ހިމެނޭނީ."
"ލަވަތަކަށް ބަލާއިރު މިއީ 80 ޕަސެންޓް އިޝާންގެ އަމިއްލަ ރާގުތައް. ދެން ހެލްޕުވާ މީހުން އެބަތިިބި. އެގޮތުން ފާހަގަކޮށްލަން ބޭނުންވޭ ބޭންޑްގައި އުޅޭ ކުދިންނާއި މަރެއް ކަހަލަ ފްރެންޑެއް ކަމަށްވާ އުމަރު. އަސްލު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އާޓިސްޓެއްވެއްޖެއްޔާމު އެކަނި މާއެކަނި ނުދެވޭނެ ކުރިއަށް. ފަހަތުގައި ވަރަށް ރަނގަޅު ޓީމެއް އޮވެގެން ކުރިއަށް ދެވޭނީ. އެކަނި މާއެކަނި ކުރިއަށް ދާ މީހަކު އެކަނި މާއެކަނި އުޅެން ޖެހޭނީ"
"އަޅުގަނޑުގެ މި ޖާނީގައި ކުރިއަށްދާއިރު ވަރަށް ގިނަ ބައެއްގެ އެހީތެރިކަން ލިބޭ. އެގޮތުން ހާއްސަ ނަމެއް ފާހަގަކޮށްލާ ނަމަ މި އަލްބަމްގެ މަސައްކަތުގައި ވެސް އެހީތެރިވަމުން އަންނަ ޑަންކް (ފިހާރަ) ގެ އިސް ފަރާތްތަކަށް ޝުކުރު އަދާކުރަން."
- ފޮޓޯގްރެފީ އަދި ރީޓަރިން: ބައްޓި ނިޝާން
- އެސިސްޓަންޓް ފޮޓޯގްރަފާ: އަލީ މަސްރަހް
- މޭކަޕް އަދި ސްޓައިލް: ޖަސްޓިން
- ވޯޑްރޯބް: ޑަންކް
- ވީޑިއޯ: އަފްޝީން ނަސީރު / އަވަސް