- ނަސީބަކީ އަދި ބަދުނަސީބަކީ ވެސް ހާބުރިއަށްވުން
- ތަފާތީ ލަވަތައް އެކަންޏެއް ނޫން، ޝަހުސިއްޔަތު މާ ތަފާތު
- ސިޔާސީ ލަވަ މިހާރު ނުކިޔަނީ މީހަކު މުސާރަ ދޭތީ
ހާބުރި ރަޝީދުގެ އިންޓަވިއުއެއް މީގެ ދެ އަހަރު ކުރިން ވެސް އަޅުގަނޑު ނެގީމެވެ. އެކަމަކު އެ އިންޓަވިއުއެއް އޭގެ ހައްގުވެރި ކިޔުންތެރިންނާ ހަމަ އަށް ނުގެނެވި ވީނުވީއެއް ނޭނގި އެންމެ ފަހުން ގެއްލުނީ އެވެ. އެފަހަރުގެ އިންޓަވިއު ރާއްޖޭގެ މަޝްހޫރު ދުވަހު ނޫސް، ހަވީރުގައި ޝާއިއު ނުކުރެވުނީ ހަމަ އެންމެ ސަބަބަކާ ހެދި އެވެ. – ހާބުރި ރަޝީދު، ހާބުރި ރަޝީދަށް ވުމުންނެވެ. އެ ނަން އެ ފަހަރުވީ ބަދުނަސީބަކަށެވެ.
އޭގެ ދެ އަހަރު ފަހުން ސުމަކުން ފަށައިގެން، ހާބުރި އިބްރާހިމް ރަޝީދުގެ އިންޓަވިއުއެއް މިއަދު ކިޔުންތެރިންނާ ހަމަ އަށް ގެނެސްދިނުމުގެ ފަހަތުގައި ވެސް އޮތީ ހަމަ އެންމެ ސަބަބެވެ. – ހާބުރި ރަޝީދު، ހާބުރި ރަޝީދަށްވުމެވެ. މި ނަން މިފަހަރުވީ ނަސީބަކަށެވެ.
އެކަމަކު މިއީ އެންމެނަށް އެނގޭ ވާހަކައެކެވެ. ރާއްޖޭގެ އެންމެ ކުޑަ ކުއްޖާއިން ފެށިގެން އެންމެ މުސްކުޅި މީހާ ވެސް ހާބުރި ދަނެ އެވެ. އޭނާ އަކީ ހިތާނު ކޮށްގެން އުޅޭ ގޭގޭގައި ލަވަކިޔައި މަޖާކޮށްދޭ މީހެކެވެ. ސިޔާސީ ހަޖޫ ލަވައިން މީހުން ހެއްވައި މީހުން ރުޅިއަރުވާ މަޖާ އަޑުގެ ލަވަކިޔުންތެރިޔާ އެވެ. މިގޮތަށް އޭނާ ނުދަންނަ ދިވެއްސަކު މި ރާއްޖެއަކު ނެތެވެ. ނަމަވެސް ނޭނގި އޮތް ހަގީގަތަކީ ދިވެހިންގެ މިއުޒިކާއި މުނިފޫހިފިލުވުމުގެ ދުނިޔޭގައި މި ހާބުރިއެއްގެ ލެޖެންޑަރީ މަގާމެވެ.
ސީދާ އުމުރު ބުނެދޭން ނޭނގުނަސް، ގާތްގަނޑަކަށް 70 ވަރަކަށް އަހަރާ ގާތްވެފައިވާ ހާބުރި އިބްރާހިމް ރަޝީދަކީ ހަގީގަތުގައި ވެސް ދިވެހިންގެ އިހްތިރާމާއި ގަދަރު ލިބެން ޖެހޭވަރުގެ އާޓިސްޓެކެވެ. ނަމަވެސް މިވީ 70 އަހަރު ދިވެހިން ހިތާހިތާ ކޮށްލަކޮށްލަ ތިބި ސުވާލަކީ މިއީ އެވެ. – އެ ހާބުރި ރަޝީދަކީ އާޓިސްޓެއް ހެއްޔެވެ؟ އޭނާ އާޓިސްޓަކަށް ވަނީ ކިހިނެތް ހެއްޔެވެ؟
މި ސުވާލަކަށް ޖަވާބު ނުދެވި ހާބުރި ރަޝީދު ތާރީޚުގެ ސަފުހާތަކުން ބާކީކޮށްލެވުނީ އެވެ. ރާއްޖެ ދުށް އެންމެ ވަރުގަދަ އެއް "އެންޓަޓެއިނާ" އަށް މިވީހާ ތަނަށް މީޑިއާ އިން ވެސް ފުރުސަތެއް ނުދިނީ އެވެ.
ނަމަވެސް މިއީ އެ މީހެއްގެ ވާހަކަ އަށް ތާރީޚުން ފުރުސަތު ލިބެން ޖެހޭ ވަރުގެ ނަމެކެވެ. ހަރުމަނިޔާ ހިފައިގެން ގޮސް އޭނާ މިއުޒިކް ކުޅެ ލަވަ ނުކިޔާ ރަށެއް މި ރާއްޖޭގައި ނެތެވެ. އޭނާއާ އެއްވަރަކަށް ބޮޑުބެރު ޖަހައި ލަވަކިޔާލެވޭ މި އުމުރުގެ ފަންނާނަކު މިހާރަކު ނެތެވެ.
ހާބުރި ރަޝީދުގެ ކެރެކްޓާގައި ވެސް އެވަރުގެ ގަދަފަަދަކަމެއް އެބަހުއްޓެވެ. އޭނާގެ ލަވަކިޔުމާއި މިއުޒިކަށް ތައުރީފު އުކަން ބޭނުން ނޫން ނަމަ އޭނާގެ ޝަހުސިއްޔަތުން އެކަނި ވެސް ހިތްކަތިލަފާނެ އެވެ. އޭނާ އަޅާ ހެދުމާއި ލޮލުގައި އަޅާ އަވިއައިނު އަދި ބާލައި އޮމާންކޮށްލާފައިވާ އޭނާގެ ބޯ މި ހުރިހާ ކަމަކަށް ހެކިވެ އެވެ. ބޯ ބާލާއި އޮމާންކޮށްލައިގެން އުޅުން މި މާލޭގައި ފެޝަނަކަށް ހެދީ ވެސް ރަޝީދު ބުނާ ގޮތުން ނަމަ އޭނާ އެވެ.
ފަޓުލޫނު ފޮތިން ގަމީސް ފަހައިގެން ނޫން ގޮތަކަށް އޭނާ ގަމީހެއް ނުލަ އެވެ. މި އިންޓަވިއުއަށް އަދި މީގެ ދެ އަހަރު ކުރިން ނެގި އިންޓަވިއުގައި ވެސް އޭނާ ލައިގެން ހުރީ ދިގު ރޮނގު ދެމި، ގަޔަށް ދޫކޮށް އޮތް ކަޅު ކުލައިގެ ބޮޑު ގަމީހެކެވެ. އެއީ ކުރިމަތީގައި ދެ ޖީބުލާފައި، ފަސްބައިގެ ފަހަތުން މެދުން ހަ އިންޗިއެއް ވަރު މައްޗަށް ފަޅާލާފައިވާ އިސްޓައިލެކެވެ.
މި އިސްޓައިލްގެ 40 ވަރަކަށް ގަމީސް އޭނާގެ އަތުގައި އެބައޮތެވެ. މިގޮތަށް ފަޓުލޫނު ފޮތިން ގަމީސް ފަހައިގެން ލާތާ މިހާރު ވިއްސަށް ވުރެ ގިނަ އަހަރުވީ އެވެ.
ލޮލުގައި އަޅާފައި އޮތް ރޭބަން އެވިއޭޓާ އިސްޓައިލުގެ އަވިއައިނުގެ މޮޅު ކަމެއް ނޭނގުނަސް ދުވާލާއި ރޭނގަނޑު އަވިއައިނު އަޅައިގެން އުޅޭތާ މިހާރު 35 އަހަރުވީ އެވެ. މިހެން ކިޔައިދޭންވެއްޖެ ނަމަ ހާބުރި ރަޝީދުގެ އަޖާއިބު ކުރުވަނިވި އެތައް ސިފައެއްގެ ވާހަކަ މިގޮތަށް ކިޔައިދެވިދާނެ އެވެ.
އެކަމަކު ދެން ވެސް ވަރަށް ގިނަ މީހުންނަށް ނޭނގޭނެ އެއް ވާހަކައެއް އެބައޮތެވެ. ހާބުރި ރަޝީދަށް ހާބުރި ރަޝީދޭ ކިޔުނު ގޮތެވެ. އަޅުގަނޑުމެންގެ މި އިންޓަވިއު ފަށައިގަންނާނީ އެ ސަމާސާއިންނެވެ.
"އެއީ އޭރުގަ ގޭގޭގައި މިއުޒިކް ކުޅެން އުޅުނު ދުވަސްވަރު ހަރުވި ނަމެއް. އޭރު ރެއަކު ދެ ގޭގަ ތިން ގޭގަ އާންމުކޮށް މިއުޒިކް ކުޅެ ތަމްސީލު ވެސް ކުޅޭނެ. އެގޮތަށް ކުޅުނު ޑްރާމާއެއް ވާނެ ރޭވި ނަތީޖާ ނަމަކަށް ކިޔާ. ދެން ތަމްސީލަށް ގޭގޭގައި އެގޮތަށް ނުކުތީމަ، އޭރު ވެސް އުޅޭނެތާ ޅަގޮލައިންތައް. ހަކުރުގެ ކަންތަކެއް ނެތަސް މަޖާ ގޮލައިންތަ ތިބޭނެއެއް ނޫން. ތަމްސީލުގައި އަންހެން ކުއްޖާ ފަހަތުން މަ ދާން ފެށީމަ މި ގޮލައިންތައް އަހަރެން ރުޅިއަރުވަންވެގެން ގޮވަން ފެށީ ހާބުރިއޭ. ދެން މަ ވެސް ޅަވީމަ ރުޅިއަންނާނެއެއް ނޫން. ދެން ރުޅި އަންނަނީ. އެއީ ވީއެއްޗަކީ. ދެން ހާބުރިއޭ ގޮވާލީމަ، ލަވަކިޔަން ހުރެފައި ވެސް މީހުންނާ ޒުވާބުކުރާ ހިސާބަށް ވެސް ދިޔައީ. އެހިސާބުން ނަން ހަރުވީ،" ރަޝީދު ކިޔައިދިނެވެ.
ނަމަވެސް އެ ނަން ދެކެ ފަހުން އެންމެނަށް ވެސް ލޯބިވެވުނީ އެވެ. އެއީ މަގުމަތިން ފެނިގެން ވެސް ހާބުރިއޭ ގޮވައި ދިމާކުރި ޒުވާނުންނަށް ރަޝީދުގެ މޮޅު ބަސްކޮށާރުން ގަތައި އަމުނައިލި ލަވައަކުންނެވެ. އޭނާގެ މި ލަވައެއް ފެތުރި މަޝްހޫރުވެގެން ދިޔައީ ދިފާއީ ވެކްސިނެއް ފަދައިންނެވެ.
"އަޅުގަނޑު ކައިރީގައި މީހަކު ބުނީ ރުޅިއަންނާނެ ކަމެއް ނެތޭ. ލަވައެއް ހަދައިގެން ކިޔާލާށޭ. އެ ލަވަ އަކީ، ހާބުރި ގޮވާލަނީ. ތަރުބިއްޔަތު ނެތި ބޮޑެތިވަނީ. އަސަރުކުރާތީއޭ، މަގުން ފެނިގެން ހަޅޭލަވާނީ. މި އުޅޭ ޅަ ހާތަކާއި ކުކުޅު ހާބުރި ގޮވާލަނީ. އެ ލަވަ ގޮވާލީމަ ޒުވާން ގޮލައިންތައް ފިލައިފާނެ އިސާހިތަކު އޭރުގަ."
އެ ހިސާބުން އިބްރާހިމް ރަޝީދު، ހާބުރި ރަޝީދަށް ވުން ދެން އެއްވެސް މީހަކަށް މައްސަލައަކަށްނުވި އެވެ. އެކަަމަކު އޭނާ ބަލައިނުގަތް ބަޔަކު އަދިވެސް އެބައުޅެވެ. މިއީ އެ އެންމެނަށް ހާއްސަ އިންޓަވިއުއެކެވެ.
ދިވެހި ލަވަ އާއި މިއުޒިކްގެ ތެރެއިން ރަޝީދުގެ އަޑު މެދުނުކެނޑި އިވެމުންދާތާ ބައި ގަރުނުވެއްޖެ. މިއީ 50 އަހަރު ދުވަހުގެ ދިގު ހިދުމަތުގެ އަގުވަޒަންކުރެވިއްޖެ ކަމަށް ނުވަތަ ލިބެން ޖެހޭ ހަގީގީ އިހްތިރާމާއި އަގު ދިވެހިންގެ ފަރާތުން ލިބިއްޖެ ކަމުގެ އިހްސާސްކުރެވޭތަ؟
"މިހާރު ފަންސާހަކަށް އަހަރު މިއުޒިކް ކުޅެވުނުއިރު ވަރަށް ދެރަކޮށް އިހްސާސުކުރެވެނީ ކަންތައްތައް. ހުރިހާ ސަރުކާރަކުން ވެސް އަޅުގަނޑު ގެންގޮސް އަޅުގަނޑުގެ ބޭނުން ހިފާފައި ހުރީ. އެކަމަކު ދާނެ ރީތި މަގެއް ނުދައްކާ. ދެން ވަރަށް ދެރަވޭ، އެއީ އަޅުގަނޑަކީ އުމުރުން މިއޮތްހާ ޒަމާންވީ އިރުގަ ވެސް ދެ ވަޒީފާ (އެއީ ޕިޔޯނުކަން ކުރުމާއި ސިފައިންގެ ވަޒީފާ) ފިޔަވައި ލަވަކިޔުން ނޫން އެހެން ކަމެއް ކުރި މީހެއް ނޫން"
މީހުން ގެންދޭ ގޭގެއަށް ވެސް ރަށްރަށަށް ވެސް ބޮޑުއަގުތަކުގައި. އެކަމަކު މީހުން ވަރަށް ޖޯކު ގޮތަކަށް އަޅުގަނޑަށް ބައްލަވަނީ. ޖޯކަކަސް އެމީހުންނަށް ވަރަށް މަގްބޫލު މީހެއް އަޅުގަނޑަކީ. މަގްބޫލަސް ދެން ނޭނގެ، އަޅުގަނޑު ވަރަށް ހިތްހަމަނުޖެހޭ ގޮތަކަށް މިކަމުގެ ތެރޭގައި މި އުޅެން ޖެހުނީ."
"ދެން އަޅުގަނޑު އަމިއްލަ އަށް ލަވަ ހަދައިގެން އަމިއްލަ އަށް މަޝްހޫރުވީ ވެސް. ލަވަ ހަދައިދޭ މީހުން ވެސް އަޅުގަނޑުވީމަ ލަވައެއް ހަދައެއް ނުދިން. އެކަމަކު ފަހުން މަޝްހޫރުވީމަ އެމީހުން ވެސް އާދޭ އަޅުގަނޑު ކައިރިއަށް. އެކަމަކު އަޅުގަނޑަށް ދިން އިހްތިރާމެއް ނުވަތަ ދެއްކި މަގެއް ނެތް ކުރިން."
މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ވެސް އަޅުގަނޑު ރަޝީދުގެ އިންޓަވިއުއެއް ނެގިން. އެ އިންޓަވިއު އަށް ހުއްދެއް ނުލިބުނު އެފަހަރު. އާންމުންގެ ތެރެއިންނާއި މީޑިއާތަކުން މިގޮތަށް އަދިވެސް ރަޝީދު ބަލައިނުގަންނަނީ ކީއްވެގެން ކަމަށް ރަޝީދަށް ގަބޫލު ކުރެވެނީ؟
"އަޅުގަނޑު ހުންނާނެ ވަރަށް ގިނަ މީޑިއާތަކަށް ގޮސް އަމިއްލަ އަށް އެދިފަ ވެސް އިންޓަވިއުއަކަށް ފުރުސަތު ލިބޭތޯ. އެއްވެސް މީޑިއާއަކުން އެއްވެސް ޓީވީއަކުން ފުރުސަތެއް ނުދިން. އަޅުގަނޑު ވަރަށް މަސައްކަތްކުރަން. އެންމެ ބޮޑު ޓީވީ، ސަރުކާރުގެ ޓީވީ އަށް ވެސް ގޮސްފިން. އެތަނުގައި އަޅުގަނޑުގެ ލަވައެއް ނެގި. އެކަމަކު އެ ލަވައެއް ވެސް ނުގެނެސްދޭ. އެ ލަވައަށް ވީގޮތެއް ވެސް ނޭނގޭ"
"ދެން އަޅުގަނޑަށް ހީވަނީ ހަމަ ހާބުރިކިޔާތީހެން މިހެން މި ވަނީ. އެއީ އަޅުގަނޑުގެ ނީންނާނެ މައްސަލައެއް ޖެހިފައެއް، ސިޔާސަތާ ބެހޭ މީހެއް ނޫން. ވައްކަމެއް ދުވަހަކު ވެސް ނުކުރަން. އަންހެން ކުއްޖެއްގެ މައްސަލަ ޖެހިގެން ފުލުހަށް ގެންގޮސްފައެއް ވެސް ނުހުންނާނެ. އެކަމަކު ހާބުރިވީމަ ޗާންސެއް ނީނދޭ. ދެން މާ ޖޯކު ގޮތަކަށް މީހުން ބަލަނީ. ވަރަށް ދެރަވޭ އަޅުގަނޑު އެކަމާ."
މިސާލަކަށް ބުނެވިދާނެތަ، ރަޝީދުގެ އަމިއްލަ އަހުލާގީ ފެންވަރު ނުވަތަ ކިޔައި އުޅޭ ލަވަތަކުގެ ފެންވަރު އާންމު މުޖުތަމައުގެ އަހުލާގާއި މިންގަނޑަށް ނުފެތޭ ކަމަށް ގަބޫލުކޮށް ބަޔަކު މީހުން ރަޝީދު ބާކީކޮށްލަނީ ކަމަށް؟
"ދެން އެހެން ފުރުސަތު ނުލިބޭ ކަމަށްވަންޏާމު، ހިތާނުކޮށްގެން ކުޑަކުދިން ތިބޭ ގެތަކަށް ވެސް ނުގެންދާނެތާ. އެ ގޭގޭގައި ގޮސް ލަވަކިޔައިގެން ދުވަހަކު ވެސް މީހަކު އެއްވެސް އެއްޗެއް ނުބުނޭ. މިފަހަރުވެސް ތުޅާދޫގައި ވެސް ޝޯ ދިނިން. އަޅުގަނޑުގެ ލަވަތައް ކިޔައިގެން ދުވަހަކު ވެސް ނެތް އެގޮތަށް މައްސަލައެއް ޖެހިފައެއް. ވަކި ގޮތަކަށް ބަލައިގަންނަ ބަޔަކު މި ބުނަނީ އެ ކަހަލަ ލަވަނުކިއްޔައްޗޭ. އެކަހަލަ ލަވައަކީ ކޮބައިކަމެއް އަޅުގަނޑަކަށް ނޭނގޭ. އަޅުގަނޑެއް ނުކިޔަން ރާއްޖޭގައި މިއުޒިކީ ގޮތުން ނުކިޔޭ ފެންވަރުގެ ލަވައެއް."
ލަވައެއް ކިޔައިގެން އަދަބު ލިބިފައި ހުންނާނެތަ އެއްވެސް އިރެއްގައި؟
"ދުވަހަކު ވެސް ލަވައެއް ކިޔައިގެން ތަނަކަށް ގެންގޮސް އަދަބުލިބިފައެއް ނުހުންނާނެ. އެކަމަކު ނާސިރުގެ ޒަމާނުގައި ބާއީ ލަވަ ކިޔައިގެން ފުލުސް އޮފީހަށް ގެންދިޔަ. ދެން ގެންދިޔައީ ކުރުހެދުން ލީއޭ ކިޔާ ލަވައެއް ކިޔައިގެން. ދެން އަޅުގަނޑު ބުނެފިން ކުރު ހެދުންލީ އެއީ މީހަކަށް ނިސްބަތްކޮށް ކިޔާފައި އިން ލަވައެއް ނޫނޭ. ވަކި ވަރަކަށްވުރެން ކުރުކޮށް ހެދުން އަޅާ މީހުންނަށް ތައްޔާރުކޮށްފައި އިން ލަވައެކޭ އެއީ. ދެން އެމީހުން ބުނެފި އަމީނިއްޔާ ކުދިންނަށޭ ނިސްބަތް ވަނީ. ދެން އަޅުގަނޑު ބުނެފިން އަމީނިއްޔާ ކުދިންނަކަށް ނިސްބަތެއް ނުވާނެއޭ. އެއީ އިސްޓާކީނާއި ޔުނީފޯމުގެ ފަސްބައިގެ ދެމެދުން ފެންނަން އިންނަނީ ތިން އިންޗިއެއްހާ ވަރުގެ ތަންކޮޅެކޭ. އެއީއެއް ނޫނޭ ކުރު ހެދުމެކޭ. ދެން ދޫކޮށްލީ."
އަހުލާގީ މިންގަނޑަށް ރަޝީދު އާއި ރަޝީދުގެ ލަވަތައް ނުފެތޭ ކަމަށް މީހުން ބުނާ ވާހަކަ އަށް ކޮން ކަހަލަ ރައްދެއް ދޭން ބޭނުންވަނީ؟ ރަޝީދާއި ރަޝީދުގެ މިއުޒިކުގެ ދިފާއުގައި ކީކޭ ބުނެލަން ބޭނުންވަނީ؟
"މިއުޒިކީ ގޮތުން އަޅުގަނޑަށް ފާޑުކިޔާ މީހުންނަށް ނަންގަނެލަން ބޭނުންވަނީ އަޅުގަނޑު ވެސް މިއީ ދިވެހި ރާއްޖޭގައި ގާތްގަނޑަކަށް 50 އަހަރު ވަންދެން މިއުޒިކް ކުޅެފައި ހުރި މީހެކޭ. އަޅުގަނޑާ ދޭތެރޭގައި ހިތްހަމަނުޖެހޭ ކަމެއް އޮތް ހެނެއް އަޅުގަނޑަށް ހީއެއް ނުވެއޭ. ލަވަތަކާ އެއްޗެހި އެންމެން ވެސް ޖަހައޭ. އަޑުއަހައޭ. މިހާރު ވެސް އަދި ކުރިން ވެސް. ޕެނަށް އަޅައިގެން 400 އެއްހާ ލަވަ މިހާރު ވެސް އަޅުގަނޑު އެބަ ވިއްކަން. ހިތްހަމަނުޖެހޭ ފާޑަކަށް މީހުންގެ ވާހަކަތައް ހުއްޓަކަސް އަޅުގަނޑު އެކަމަކަށް މާ ބޮޑަކަށް ނުވިސްނަން. އެއީ އަބަދުވެސް މިތަނުގައި އަޅުގަނޑާ ދޭތެރޭގައި އިންގޮތްކަން ނޭނގެ. އެހެންވީމަ ހިތްހަމަނުޖެހުނަސް މިއުޒިކް ކުޅެމުން އަޅުގަނޑު މި ދަނީ."
ކުރިން ދިން އިންޓަވިއުއެއްގައި ކިޔައިދިން 80ގެ އަހަރުތަކުގައި އިނގިރޭސި ވިލާތުގެ ޖަލެއްގައި ދުވަސްތަކެއް ހޭދަކުރި ވާހަކަ. އެއީ ކިހިނެތް ދިމާވި މައްސަލައެއް ކަމާއި އެ ތަޖުރިބާގެ އަސްލު ކޮންމެވެސް ވަރަކަށް ކިޔައިދީބަލަ؟
"އެއީ އަލަށް ބޯޓު ދަތުރުކުރަން ދިޔަ ފަހަރެއް. ދެ އަހަރެއްހާ ދުވަހަށް ދިޔައީ ވެސް. ގޮސް އުޅެނިކޮށް ނުކުރާ ކަމެއްގެ ތުހުމަތު އަޅުގަނޑުގެ ބޮލުގައި އަޅުވައިގެން ހައްޔަރުކޮށް ލަންޑަނުގެ ޖަލެއްގައި މަހަކާއި 24 ދުވަސް ހޭދަކުރަން ޖެހުނު. އޭގެ އަހަރެއްހާ ދުވަސް ފަހުން އެ މައްސަލަ ނިމުނީ. އެކޮޅުގައި އަޅުގަނޑު އުޅުނީ ދިވެހިންތަކާ އެކުގައި އެމީހުންގެ އެހީ ވެސް ލިބިގެން. އެ ދުވަސްތަކުގައި އަޅުގަނޑު ރޭލުވޭގައި ބޮންގޯ ޖަހައި ބޮބް މާލޭގެ ލަވަކިޔައިގެން ލާރި ވެސް ހޯދިން. ތާނައިން ލިޔެގެން ބަފަލޯ ސޯލްޖާ ލަވަ ދަސްކޮށްގެން ގޮސް ކުޅުނީ. ކޮންމެ ދުވަހަކު 170 ޕައުންޑު ވަރުން ލިބޭ."
"އަޅުގަނޑު އުޅުނިން އެތަނުގެ ފިހާރަތަކުގައި ވެސް ވަޒީފާ އަދާކުރަން. އެއީ ދުވާލަކަށް 75 ޕައުންޑް ވަރުގެ މުސާރައަކަށް."
ދިވެހި މިއުޒިކީ އުދަރެހުގެ ހުރިހާ ހިސާބަކުން ރަޝީދުގެ މަސައްކަތް ފާހަގަކޮށްލެވޭ. ޒީރޯ ޑިގްރީގެ ލަވަތަކުން ފެށިގެން ގޮސް ހިތާނީ ޕާޓީތަކުން ވެސް. އެގޮތަށް ފާހަގަކޮށްލެވޭ ތަޖުރިބާތަކުގެ ތެރެއިން ރަޝީދަށް ވަކިން ހާއްސަ ނުވަތަ މުހިންމު ތަޖުރިބާއެއް އެބައޮތްތަ؟
"ބޮޑުބެރުގެ ކަންތައް އަޅުގަނޑު ވަރަށް އެނގޭ ލަވަތައް ވެސް އަޅުގަނޑަށް އެނގޭ ވަރަށް އެނގޭ މުސްކުޅިއަކު ނުހުންނާނެ މިހާރަކު. ދެން ޒީރޯ ޑިގްރީގެ ދޯނި އަލްބަމް ހަދަން އުޅުނުއިރުވެސް އަޅުގަނޑު ގެންގޮސް އެއަށް ބެރު ޖެއްސުމަކީ އަޅުގަނޑު ވަރަށް އުފާވާ ކަމެއް. އެއީ އޭރު ވެސް އެމީހުންނަށް އެންމެ ކަމުދިޔަ ބޮޑުބެރު ޖަހާ މީހަކަށް ހުރީ އަޅުގަނޑުކަން ނޭނގެ. އަޅުގަނޑު ވަރަށް އުފާވި، އެއީ އެވަރުގެ މަޝްހޫރު ބޮޑު ބޭންޑަކަށް އެވަރުގެ ބޮޑު ކަމެއް ކޮށްދެވުނީމަ. އެމީހުން އޭތި ގަބޫލުކުރީމަ ވަަރަށް އުފާވި. އަދި އާންމުންގެ ފަރާތުން ލިބޭ ތަރުހީބާ ހެދި ވެސް އަޅުގަނޑު ވަަރަށް އުފާވޭ."
ދިވެހި ބޮޑުބެރުގައި ވެސް ރަޝީދުގެ ނިކަން ބޮޑު ތާރީޚެއް އެބައޮތް. އެކަމަކު އެ ވާހަކަ އެނގޭ މީހުންނަށް ވެސް ނޭނގޭ މީހުން ގިނައީ. ބޮޑުބެރުގައި ރަޝީދަށް ލިބިފައިވާ ކާމިޔާބީތަކުގެ ވާހަކަަތައް ކިޔައިދީބަލަ؟
"އަޅުގަނޑު ވަރަށް ކުޑައިރުގައި ބައްޕަމެން ހެންވޭރުގައި ބޮޑުބެރު ޖަހައި އުޅުނީ. ބޮޑުބެރު ޖެހި މަޝްހޫރު ނަލަ ދޮހޮއްކޮ އަކީ އަޅުގަނޑުގެ ބޮޑުބޭބެ. އަޅުގަނޑުގެ ބައްޕަ އަކީ ހެންވޭރުގައި އެންމެ މޮޅަށް ބޮޑުބެރު ޖެހި އެކަކު ކަމަށްވާ ކުޑަ އީސާފުޅު. މި އެންމެނާ އެކު އަޅުގަނޑު ފަށައިގަތީ ލަނގިރިން. އެގޮތުން ފަށައިގެން ގޮސް އޯކިޑް ކްލަބުގައި އުޅުމަށް ފަހު އަމިއްލަ މިއުޒިކް ގްރޫޕެއް ފަހުން އުފެއްދީ ފްލައިންގެ ނަމުގައި."
މިހާރު މި ޖަހާ ޒަމާނީ ބޮޑުބެރާއި ރަޝީދުމެން ޖެހި ބޮޑުބެރު އަޅާކިޔާ ނަމަ ޒަމާނީ ބޮޑުބެރު ސިފަކުރާނީ ކިހިނެތް؟
"އަޅުގަނޑު ވަރަށް މަސައްކަތްކޮށްފިން ސަގާފީ ބެރާއި ޒަމާނީ ބެރު ވަކިކުރަން. އެކަމަކު އެއްވެސް ބަޔަކު އަޅުގަނޑުގެ މަސައްކަތް ބަލައެއް ނުގަތް. ސަގާފީއޭ ކިޔާފައި ބޭރު ގައުމުތަކަށް ފޮނުވައިގެން މި ޖަހަނީ ސަގާފީ ބެރެއް ނޫން. ކިޔަނީ ސަގާފީ ބޮޑުބެރު ލަވައެއް ވެސް ނޫން. ބޭރު ގައުމުތަކަށް އެގޮތަށް ފޮނުވައިގެން ވެސް ނުވާނެ ސަގާފީއޭ ކިޔާފައި"
"މި ކަންކަން ރަނގަޅުކުރަން އަޅުގަނޑު ދައްކާ ވާހަކަ މީހުން ގަބޫލު ނުކުރަނީ އަޅުގަނޑަށް ހީވަނީ އަޅުގަނޑު ހާބުރި ރަޝީދަށްވީމަހެން. ނޭނގެ ދެން އަޅުގަނޑަކަށް މިވާ ގޮތެއް."
ރަޝީދު އެބަހުރި ދުނިޔޭގެ ބޮޑެތި ހަނގުރާމަ އާއި ބޮޑެތި ކާރިސާ އަދި ރާއްޖޭގެ އާދައިގެ ސިޔާސީ މައްސަލަތަކަށް ވެސް ލަވަކިޔައި ރިކޯޑްކޮށްފައި. ރާއްޖޭގެ މިއަދުގެ ސިޔާސީ މާހައުލަށް ލަވަތަކެއް ހެދުމުގެ ވިސްނުމެއް ނެތްތަ؟
"ސިޔާސީ ލަވަކިޔުން އަޅުގަނޑު މިހާރު މި ވަނީ ހުއްޓާލާފައި. އެއީ ސިޔާސީ ލަވަކިޔާތާ ސާޅީހަކަށް އަހަރުވީއިރު އަޅުގަނޑަކަށް މާ މުހިންމު އެއްޗަކަށް ނުވި އެއެއް. އެއީ އެމީހުންނަށް މުހިންމުވެގެން ބޭނުންވެގެން އައިސް އަޅުގަނޑަށް ބޮޑުއަގު ދީފައި ކިޔުއްވާ ލަވަތައް."
"ސިޔާސީ ލަވަ މިހާރު ނުކިޔާ ގޮތަކީ އަޅުގަނޑަށް ނަސޭހަތްދީފައި މީހަކު ބުނީ ރަޝީދުއޭ މިހާރު އެ އޭޖު ހިނގައްޖެއޭ ކަލެއަށް މުސާރަ ދޭނަމޭ ތިކަހަލަ ލަވަކިޔުން ދެން ހުއްޓާލާށޭ. އަހަރެން ވަރަށް ލޯބިވާ މީހެކޭ ރަޝީދަކީ އެހެންވީމަ ރަޝީދު އެކަހަލަ ލަވަކިޔުން ހުއްޓާލާށޭ. ދެން އަޅުގަނޑު ބުނެފިން އެ ލަވަތަކުން އެއްޗެއް ލިބެނީ. ހުއްޓާލައިފި ނަމަ ވަރަށް ނިކަމެތިވާނެއޭ. ބުނީމަ ބުނީ މަހަކު ފަސް ހާސް ރުފިޔާ ދޭނަމޭ. އެގޮތަށް މިހާރު ކޮންމެ މަހަކު ފަސް ހާސް ރުފިޔާ ދޭތާ އަހަރާއި އަށް މަސް މިވީ"
ހަޖޫ ލަވަކިޔުމުގައި ދެން ރަޝީދު ވަރެއް ނެތޭ ބުނެވިދާނެ މި ރާއްޖޭގައި. ކިހިނެތް ފެށުނު ކަމެއްތަ އަސްލު މިއީ؟
"މީހުންނަށް މަޖާވާ ކަހަލަ ހަޖޫ ލަވަ ކިޔަން ފެށުނު ގޮތަކީ، އެއީ މިތަނުގެ ފެންވަރު ކަމަށްވީތީ. އަޅުގަނޑުމެން ލަވަކިޔަން ފެށިއިރު އެއީ ފެންވަރު. މާ ރީތި ލަވަތަކެއް ކިޔަކަސް ބަލައެއް ނުގަނޭ. ދެން އަޅުގަނޑަށް ޖެހުނީ އެކަހަލަ ލަވަކިޔަން. އެ ލަވަތައްް ވިކެން ފެށީ. ދެން ވާގޮތަކީ ރަނގަޅު ލަވައެއް ހައްދަން ލަވަ ހަދާ މީހެއް ކައިރިއަށް ދިޔަޔަސް ލަވައެއް ހަދައެއް ނުދޭ އަޅުގަނޑަކަށް. ދެން އަބަދުވެސް ހަޖޫ ލަވަތައް ކިޔައިގެން ގޯސްވަނީ އަޅުގަނޑު. އެކަމަކު އެ ލަވަތަކަށް ހަރަދުކުރި ބަޔަކު ވެސް އެބަތިބި. އެކަންތައް ކުރުވި ބަޔަކު އެބަތިބި. އޭރު އިންނަ ގޮތުން 50ރ. ދިނީމަ އަޅުގަނޑު އެ ލަވަތައް ކީ."
ހަޖޫ ލަވައިގެ އިތުރަށް ރަޝީދު އެބަހުރި ވަރަށް ސީރިއަސް މުހިންމު ލަވަތަކެއް ވެސް ރިކޯޑްކޮށްފައި. އެގޮތަށް ފާހަގަކޮށްލާނެ މަސައްކަތެއް އެބައޮތްތަ؟
"ސުނާމީ އެރީމާ ވެސް ހުންނާނެ އަޅުގަނޑު ލަވަ ހަދައި އަލްބަމެއް ނެރެފައި. މުހުތާރު އާއި ތޭރަވާ އާއި ބާރީ އަދި ހަންނާނު އާއި މިފަދަ މަޝްހޫރު ލަވަކިޔުންތެރިންނާ އެކު ވެސް ލަވަތައް ރިކޯޑްކޮށްގެން ހުއްދަ ވެސް ނަގައިގެން ނެރުނިން. މޮޅު މީހުން ލައްވާ ލަވަތައް ހައްދައި ފާސްވެސް ކޮށްގެން. ނެރުނީމަ ވެސް އަޅުގަނޑު ނެރުނު އެއްޗަކަށްވީމަ އޭތި މަގްބޫލު އެއްޗަކަށް ވެސް ނުވި. ބަލައެއް ނުގަތް ބަޔަކު. ވަރަށް ދެރަވޭ މިހެންވީމަ."
- ފޮޓޯގްރެފީ އަދި ރީޓަޗިން: މިލްޒީރޯ ނިޝާން
- ސްޓައިލިސްޓް: ނޯނި
- މޭކަޕް: ޖަސްޓިން
- ވޯޑްރޯބް: ލީ ބުޓީކް
- ވީޑިއޯ އަދި އެޑިޓިން: އަފްޝީން ނަސީރު / އަވަސް