ފިނިޕޭޖް

މިއީ ރާއްޖޭގެ އެންމެ މޮޅު ލަވަކިޔުންތެރިޔާ!؟

  • މިހާރު އެންމެ މަގްބޫލު ލަވަކިޔުންތެރިޔާ
  • އެންމެ އަހުލާގު ރަނގަޅު ލަވަކިޔުންތެރިޔާ
  • އެންމެ ހުނަރުވެރި އަދި އޮރިޖިނަލް ލަވަކިޔުންތެރިޔާ

އައްފާންގެ ކުޅަދާނަ ކަމާއި މޮޅުކަމުގެ ވާހަކަ އޮތީ ވަރަށް ފަހަކާ ޖެހެންދެން ބައެއް މީހުންނަށް ނޭނގިފަ އެވެ. ފަހަރެއްގައި މެއިންސްޓްރީމް މީޑިއާގައި މަޝްހޫރު ނުވަތަ އާންމުންގެ މެދުގައި މަގްބޫލު އެހަނދާނުގައި އިސްޓައިލްގެ ޝޯތަކުން ފެންނަ މޫނަކަށް ނުވީމަ ކަމަށް ވެސް ވެދާނެ އެވެ.

ނަމަވެސް މޯލްޑިވިއަން އައިޑޮލްގެ ސީޒަން ދޭއްގެ ޖަޖެއްގެ ގޮތުގައި މި އިސްމާއިލް އައްފާނެއް އިއުލާނުކުރި ހިސާބުން ފެށިގެން އޭނާގެ ލަވަތައް އަޑު އަހާ މީހުން އިތުރުވެ އޭނާގެ ފޭނުންނާއި ސަޕޯޓަރުން ވެސް ގިނަވެއްޖެ އެވެ. އަދި ގިނަ ބައެއްގެ މެދުގައި މަގްބޫލު ލަވަކިޔުންތެރިޔަކަށް އޭނާ ކުއްލިއަކަށް ބަދަލުވެއްޖެ އެވެ. -- ހުރިހާ ވެސް ޝުކުރެެއް އައްފާންގެ އަޖާއިބުކުރުވަނިވި އަޑަށާއި މިއުޒީޝަނެއްގެ ގޮތުގައި ހޯދާފައިވާ ކުރިއެރުންތަކަށެވެ.

އައްފާނަކީ ދިވެހި އޮރިޖިނަލް މިއުޒިކަށް ލޯބިކުރާ އެންމެނަށް މިއަދު ލިބިފައިވާ އެންމެ ބޮޑު ޖަވާހިރެވެ. އޭނާ ބުނަނީ އޭނާގެ ހުނަރުވެރިކަމުން އިއްވަން ޖެހޭ ވަރަށް ގިނަ ރާގުތަކެއް އަދިވެސް ކުރިއަށް ކުޅެން ޖެހޭ މިއުޒިކްގެ ގޮތުގައި އެބަހުރި ކަމަށެވެ.

މި އާދަޔާހިލާފު ހުނަރުވެރިކަމެއް އެންމެ ފުރަތަމަ ސްޓޭޖަކަށް ފާޅުވީ 1995 ވަނަ އަހަރު އެވެ. ނަމަވެސް އޭރު އޭނާގެ އަޑުގެ ޖާދޫ ދެއްކީ ހަމައެކަނި ލަވަކިޔައިގެންނެއް ނޫނެވެ. ގުރުއާން ކިޔެވުމުގެ ތަފާތު މުބާރާތްތަކުގައި ވަނަތަކެއް ގެންގޮސްގެންނެވެ. އެއަށް ފަހު 16 ދަށުގެ ގްރޫޕް ސްޓޭޖުގައި، އިންޓަ ސްކޫލް ލަވަ މުބާރާތުގައި މަޖީދިއްޔާ އަށް ވަނަ ވެސް ގެންގޮސްދިނެވެ.

އެކަމަކު އެގޮތަށް ކޮޕީ ރާގުތަކަށް ކޮޕީ ލަވަކިޔަން ބޭނުންނުވުމުގެ ޝައުގުވެރިކަމާ އެކު މިހާރު މި ފެންނަ އައްފާން އެންމެ ފަހުން އުފަންވީ އެވެ.

ތިރީގައި މި އޮތީ އަވަސް ވީކެންޑަށް އައްފާން ދިން ހާއްސަ އިންޓަވިއު އެވެ.

މަޝްހޫރު ލަވަކިޔުންތެރިޔަކަށްވީމަ ނުވަތަ ގިނަ ބައެއްގެ މެދުގައި މަގްބޫލު އާޓިސްޓަކަށްވާއިރު ވަކި އިސްޓައިލެއް ނުވަތަ ގޮތެއްގައި ދެމިހުރުމަށް އައްފާން އެއްވެސް ވަރަކަށް މަސައްކަތްކުރަންތަ؟ މިހެން މި އެހީ، އާންމުކޮށް އަދި މި އިންޓަވިއުއަށް ތައްޔާރުވިއިރު ވެސް އައްފާން މި ފެނުނީ އަދި ފެންނަނީ ވެސް ވަރަށް އާދައިގެ އިންސާނެއްގެ ގޮތުގައި. ކޮބައިތަ މި ކަމުގެ ސިއްރަކީ؟

"އެކަކު އެނަކަކަށް، އާޓިސްޓުން ތަފާތުވާނެ. އެކަކަކީ ވަރަށް އާޓިސްޓްވެގެން އުޅޭ މީހަކަށް ވެދާނެ. އަނެކަކަކީ މި ބުނިހެން ތަންކޮޅެއް އާދައިގެ ކޮށް އުޅެން ބޭނުންވާ މީހަކަށް ވެދާނެ. އެކަމަކު ހީވަނީ އޭގައި ތަފާތެއް ފެންނަން ޖެހޭނީ، މިސާލަކަށް ފޮޓޯނަގާ މީހެއް ނަމަ، ކެމެރާގެ ކުރިމަތިން އެމީހެއްގެ އާޓިސްޓިކްކަމާއި މޮޅުކަން ދައްކުވައިދޭން ޖެހޭނީ. އެހެންވީމަ (އައްފާންގެ ސްޓައިލް) ބޮޑަށް ދެއްކޭނީ ހީވަނީ ސްޓޭޖުމަތީގަހެން. އާންމު ދިރިއުޅުމުގައި ހީއެއް ނުވޭ. ހޭލައިގެން ހަމަ ކޮންމެ ދުވަހަކު ސައިކަލުގައި ޖެހޭނެ ކޮންމެވެސް ތަނަށް ދާން.

"މާލޭގަ ވީމަ، މި އުޅޭ މާހައުލުގެ ސަބަބުން، އަސްލު ނީނދޭ އެހެން ތަންތަނުގައި އާޓިސްޓުން އެޕްރެޝިއޭޓްކުރާ ވަރަކަށް. އެހެން ގައުމުތަކުގައި ނަމަ، މަގުމަތިންދާއިރު ވެސް އާޓިސްޓުން ބަލައިގަނެ، ރެސްޕެކްޓްކުރާނެ. މިތަނުގައި އަދި އެ ހިސާބަކަށް ނުދޭހެން ހީވަނީ. އަސްލު އެހާ ވަރަކަށް އާޓިސްޓްވެގެނެއް ނޫޅެވޭނެ މިތާކު."

"އެކަމަކު ހަމަ މި ތަނުގައި ވެސް އެބަ އުޅޭ އާޓިސްޓަކަށްވީމަ ވަކި ގޮތަކަށް އުޅޭ މީހުން. އެމީހުން ގޯހެކޭ ބުނަނީކީއެއް ވެސް ނޫން."

މަޝްހޫރު މީހުން އެމީހުންގެ ކަންކަމުގައި އާންމުންނަށް ނަމޫނާ ދައްކަން ޖެހޭ ކަމަށް އައްފާން ގަބޫލުކުރަންތަ؟

"އާޓިސްޓެއްވެއްޖެއްޔާމު، އެމީހަކު ލާ އެއްޗިއްސާއި އުޅޭ ގޮތަކަށް ވަރަށް ގިނަ މީހުން ބަލާނެ، އެ ސޮސައިޓީއެއްގައި. އާޓިސްޓުން، ދޭއި ކޭން ޕްލޭއި ވިތު ފެޝަން. އެ މީހަކު ބޮލަށް ހަނދާ ގޮތެއް ނުވަތަ ހެދުން އަޅާ ގޮތަކަށް ވެސް ވަރަށް ގިނަ މީހުން ބަލާނެ. އެހެންވީމަ (އާޓިސްޓުން) ޖެހޭނެ ވަރަށް ބޮޑަށް ވިސްނަން އެމީހުން ހުންނަ ގޮތަށާއި ތިބޭ ގޮތަށް، އުޅޭ ގޮތަށް. ހުރިހާ ކަމެއްގައި ވެސް ވަރަށް ރެސްޕެކްޓްފުލްގޮތަކަށް އުޅެވޭތޯ ބަލަން ޖެހޭނީ. އެންމެ ކުޑަކުއްޖާ އަށް އެންމެ މުސްކުޅި މީހާ އަށް ފެންނާނެ (އެ އާޓިސްޓަކު) މަގުމަތީގައި އުޅޭގޮތް"

"އެހެންވީމަ ރެސްޕެކްޓްކުރެވޭ ކަހަލަ މީހަކަށްވޭތޯ އެމީހަކު އަމިއްލަ އަށް ވަރަށް މަސައްކަތްކުރަން ޖެހޭޏެ. އޭރުން ދޯ ޓްރޫ މޮޑެލްއަކަށް ވެވޭނީ."

ނަމޫނާގެ ވާހަކަ ދައްކާއިރު އައްފާން ފާހަގަކޮށްލެވެނީ، ވަރަށް ޑިސިޕްލިން ރަނގަޅު އެއް މިއުޒީޝަންގެ ގޮތުގައި. ޑިސިޕްލިން ވަކި ހަމައެއްގައި ހިފެހެއްޓުމަށް އައްފާން ކިހާ ވަރަކަށް ބަލަންތަ؟

"ވަރަށް ބޮޑަށް ޖެހޭނެ ޑިސިޕްލިން އަށް ބަލަން. އެކަމަކު މިހާ ހިސާބަކަށް އާދެވޭނެ ކަމެއް އެންމެ ފުރަތަމައެއް ނޭނގޭ. އެހެންވީމަ އެންމެ ފުރަތަމަ ނުވިސްނާނެ އެހާ ބޮޑަށް ޑިސިޕްލިން އަކަށް. ކުރީގައި ނަމަ، ހަމަ ވަރަށް ދޮގު ނަހަދައި މި ބުނަނީ، އަހަންނަކީ އެހާ ޑިސިޕްލިންޑް މީހެއް ނޫން. އެކަމަކު ވަކި ހިސާބަކުން އެނގިއްޖެ، ލިފްޓަކުން އަރާއިރު، މައްޗަށް ދާ ވަރަކަށް މީހާ މީހަކަށް ވެވޭނީ ޑިސިޕްލިންވެގެން ރެސްޕެކްޓް ލިބިގެން"

"އެހެންވީމަ މިހާރު ދެން ވަރަށް (ޑިސިޕްލިއަން އަށް ބެލޭ) ކުރިއާ އަޅާބަލާއިރު. އެންމެ މުހިންމު ކަމަކީ ކުރަން ޖެހޭ ކަންތައްތައް ގަޑިން ގަޑިއަށް ކުރެވޭތޯ ބެލުން."

ރާއްޖޭގެ މިއުޒީޝަނުންގެ އަހުލާގާއި ލައިފްސްޓައިލާ މެދު އެއްޗެކޭ ބުނަންޏާމު ކީކޭ ބުނެލާނީ. އާންމުކޮށް އިވޭ އަޑަކީ ނުވަތަ ދައްކާ ވާހަކައަކީ މިއުޒީޝަނުންގެ އަހުލާގު ގޯހޭކިޔާފައި ދައްކާ ވާހަކަ. ކޮބާ އައްފާންގެ ހިޔާލަކީ؟

"ކުރީގަހެން ހީވަނީ ބޮޑަށް (ތިހެންވަނީ). މިހާރު އޭތި އެބަ ބަދަލުވޭކަން ނޭނގެ. ކުރީގައި މިއުޒިކް ކުޅެން އުޅުނު މީހުންނަށް އުޅެވިފަ ތިބި ގޮތަކުންހެން ހީވަނީ ރެސްޕެކްޓްނުކުރެވެނީ. (ގަބޫލުކުރެވިފައި މި އޮންނަ ގޮތަކީ) މިއުޒިކް ކުޅޭ މީހެއް ނަމަ ފަތްބޯން ޖެހޭނެ، ހަކުރު ބޯން ޖެހޭނެ ނުވަތަ ކޮންމެވެސް އެއްޗެއް ބޯ މީހަކަށް ވާން ޖެހޭނީ. އަސްލު އެއީ މީހުން ދެކޭ ގޮތް. އެހެން ދެކެވެނީ ވެސް ކޮންމެވެސް ސަބަބަކާ ހެދިހުރެކަން ނޭނގެ. އެކަހަލަ ބައިވަރު ކަންތައްތައް ވާތީވެ. އެކަމަކު މިހާރު ވަރަށް ބޮޑަށް ތަފާތުވެއްޖެ"

"ދެން އަދި މިއުޒިކް ކުޅޭ މީހުން ނަމަ ތިބޭނީ ބޮލާ އެއްޗެހި ދިގުކޮށްލާފައި، ކޮންމެވެސް ތަނެއް ތޮރުފާލާފައި އެކަހަލަ ގޮތަކަށް. އެކަމަކު މިއުޒިކް ނުކުޅޭ މީހަކު ވެސް ހަމަ ހުރެދާނެ މިހެން. މި ބުނާ އެއްޗަކީ ހަމައެކަނި މިއުޒިކް ކުޅޭތީއޭ ކިޔާފައި އެމީހުންނާ މެދު (މިހައި ނުބައިކޮށް) ދެކޭކަށް ނުވާނެއޭ. ބޯ ދިގުކޮށްފައި ތިއްބަސް ވަރަށް ރަނގަޅު މީހުން ވެސް އުޅޭނެ."

އެހެންވީމަ އާޓިސްޓަކަށްވީމަ، ނުވަތަ ކެރިއާއަކަށް ލަވަކިޔާ މީހަކަށްވުމަކީ ރާއްޖޭގައި ނަމަ ކޮން ކަހަލަ ކަމެއްތަ؟ ބައެއް މީހުން ބަދުނަސީބެކޭ ވެސް. ކޮބާ އައްފާންގެ ހިޔާލަކީ؟

"ކުރިއާ އަޅާބަލާއިރު މި އިންޑަސްޓްރީ ޑިވެލޮޕްވަމުން އަންނައިރު ވަރަށް ގިނަ ފުރުސަތުތައް ލިބޭނެ (އާޓިސްޓުންނަށް). މިސާލަކަށް އައިޑޮލް އައިފަހުން ވަރަށް ބޮޑު އޮޕަޗިއުނިޓީއެއް އެ ލިބެނީ ވެސް. ކުރީގައި ނަމަ އުނދަގޫވާނެ މީތީގައި ސަވައިވްވާން. މުސްކުޅި ދަރިވަރުން (ކުރީގެ މިއުޒީޝަނުން) އެކަނި އެ ތިބެނީ ތިބި ގޮތުގައި ހިފަހައްޓާލައިގެން. ނިއު ޖެނެރޭޝަންގައި ވަރަށް މަދު ބަޔަކަށް މީތީގައި ސަވައިވްވާނީ"

"އެކަމަކު މިއުޒިކް ކުޅޭ މީހަކަށްވުމަކީ ކަޑަ ކަމެއް ނޫން. ދެރަ ކަމެއް ނޫން. މީހުން ދެކޭ ގޮތް އެއީ. މީހުން ދެކޭ ގޮތަކާ މެދު އެހާ ބޮޑަކަށް ވިސްނާނެ ކަމެއް ނެތް. އެމީހަކު މިއުޒިކްކުޅެންވީމަ ނުވަތަ ލަވަކިޔަންވީމަ ކިޔަންވީ ހަމަ. ސޮސައިޓީން ގަބޫލުކުރާ ކަހަލަ ގޮތަކަށް، ގޯސް ކަމެއް ނުކޮށް އުޅޭ ނަމަ އަހަންނަށް ހީވަނީ ބަދުނަސީބެއް ނޫންކަން ނޭނގެ މިއީ. ހަމަ ވަރަށް ރަނގަޅު ކަމެއް."

ދިވެހި މިއުޒީޝަނުންނަށް ރާއްޖޭގައި އޮތް އެންމެ ބޮޑު މާކެޓަކީ ރިސޯޓް މިއުޒިކް. އައްފާންގެ ރިސޯޓް މިއުޒިކްގައި އުޅޭތަން މި ފެންނަނީ. ކޮން ގޮތަކަށް މި ތަޖުރިބާ ސިފަކުރާނީ؟

"ގާތްގަނޑަކަށް 15 އަހަރު މި ވަނީ މި ދާއިރާގައި ކުޅޭތާ. ރިސޯޓް މިއުޒިކް ކުޅުމަކީ ރަނގަޅަށް އެކަންކޮށްފިއްޔާމު ހިތްހަމަޖެހޭ ވަރުގެ އާމްދަނީއެއް ލިބޭނެ ކަމެއް. ރިސޯޓް މިއުޒިކް ކުޅެގެން މީހާ އަށް އެނގޭނެ އަސްލު މިއުޒިކް އެޕްރެޝިއޭޓްކުރުމަކީ ކޮބައިކަމާއި އެޕްރެޝިއޭޓްކުރާ މީހުން ފެންނާނެ. މާލޭގައި ނަމަ، 100 މީހަކު ޝޯއަކަށް ގޮސްފި ނަމަ އެ ޝޯގައި ކުޅެނީ ކޮން އާޓިސްޓެއްކަން އެނގިގެން ދާނީ ވިހި މީހުން. އެޕްރެޝިއޭޓްކުރާނީ ވަރަށް ކުޑަކުޑަ ޕަސަންޓޭޖެއް ވާހަކަ އަކީ"

"އެކަމަކު ރިސޯޓަކަށް ގޮސްފިއްޔާމު އެތަނުގައި ތިބޭ ހުރިހާ އެންމެން ވެސް، (އާންމުކޮށް) ތިން ގަޑިއިރަށް މިއުޒިކް ކުޅޭނީ، އެ ތިން ގަޑިއިރަށް ގޮސްސަ ކޮންމެ ލަވައެއް ނިމޭއިރަށް އަތް ޖަހައި އެޕްރެޝިއޭޓްވެސް ކުރާނެ. ކޮންމެ ލަވައެއް ނިމޭއިރަކަށް ފައިބާއޭ ކިޔާފައި ނުގޮވާނެ."

ރިސޯޓް މިއުޒިކްގެ ވާހަކަ ދައްކާއިރު ބައެއް އާޓިސްޓުުން ފުރުސަތު ނުލިބިގެން ޝަކުވާކުރާ މަންޒަރު ވެސް ފެނޭ. ރިސޯޓް މިއުޒިކް ކުޅެން ޝައުގުވެރިވާ ޒުވާން މިއުޒީޝަނުންނަށް ދޭނެ ޓިޕްސްތަކަކީ ކޮބާ؟

"މިހާރު އެބަހުރި ބައިވަރު ޕްލެޓްފޯމްސްތައް. ދެން މިހާރު އަލަށް ފައްޓައިގެން، ރިސޯޓް މިއުޒިކް ކުޅެން ބޭނުންވާ ކުއްޖަކަށް، ބޭންޑަކަށް ބުނަން އޮތީ، އެންމެ ފުރަތަމަ ލައިން އަޕެއް ހަދާށޭ ހަތަރު ފަސް ކުދިންވެގެން. ހަދާފަ އެ އިންނަށް ބޮންޑް ވާން ޖެހޭނެ ވަރަށް ސަޅި އެއްޗަކަށް. އެ ހަތަރު މީހުންގެ ތެރޭގައި އެއްވެސް ކަހަލަ މައްސަލައެއް ޖެހިގެންނުވާނެ. ނައިސް އެގޮތުގައި ކުރިއަށް ދާން ބަލާއިރު ދެން ޖެހޭނީ މި ދާއިރާގައި އެސްޓަބްލިޝްޑް ބަޔަކު ހޯދަން"

"މިސާލަކަށް ޑީޓިއުން، ދަ ފައިވް، އެކްއަޓިވް ވައިބް ކަހަލަ (ބޭންޑެއްގެ އެހީތެރިކަން) ހޯދިޔަސް ނުވަތަ ރިސޯޓްތަކާ ގާތް ގުޅުމެއް އޮތް މީހެއް ކައިރިއަށް ގޮސްގެން ފުރުސަތެއް ލިބޭތޯ ބަލަން ފުރަތަމަ ޖެހޭނީ. އެކަމަކު ދިއުމުގެ ކުރިން، ޕްރެކްޓިސް ރޫމްގައި ޖެހޭނެ އެއްޗަކަށް ވާ ކަހަލަ އެއްޗެހިތަކެއް ކުޅެން. ދެން ރިސޯޓަށް ގޮސްފައި، ދެވިއްޖެ ނަމަ، ޖެހޭނެ ވަރަށް ރެސްޕެކްޓްކުރަން. އެތަންތަނުގެ ވެރިން ބޭނުންވާނެ ރެސްޕެކްޓްކުރާ ބަޔަކު އެތަނަށް ދާން. ދެން އެމީހުން މުންޑު ލައިގެން ކުޅޭށޭ ބުނެފި ނަމަ މުންޑު ލައިގެން ކުޅެން ޖެހޭނީ ވެސް. މެނޭޖުމަންޓް ބުނާ ގޮތަށް ބަސް އެހުން އެއީ ވަރަށް މުހިންމު ކަމެއް."

ބޭރުގެ ބޭންޑްތަކާއި މިއުޒީޝަނުން ގެނައުން މަނާކޮށްފައި އޮންނައިރު ވެސް އަދިވެސް ރިސޯޓްތަކުން ދިވެހި ހުނަރުވެރިންގެ ބަދަލުގައި ބޭރު މީހުން ނަގާތަން ފެނޭ. ރާއްޖޭގައި އެ ކޮލިޓީ ނެތީތަ؟

"ތިއީ ވަރަށް ގިނަ ގޮތްގޮތަށް ޖަވާބު ދެވިދާނެ ސުވާލެއް. މިސާލަކަށް އަހަންނަކީ ރިސޯޓް އޯނަރެއް ނަމަ، އަހަރެން ބޭނުން ބަޔަކު ދޯ ގެންދާނީ މިއުޒިކް ކުޅެން. ބޭރުގެ ކޮންމެ ބަޔަކު ގެންދިޔަޔަސް ނުބުނެވޭނެ ދޯ އެއްވެސް އެއްޗެކޭ. އެކަމަކު އޭގެ އަނެއްކޮޅުން ނަމަ، އާޓިސްޓުންނަށް ވިސްނައިފި ނަމަ، ފުރުސަތު ނުލިބިފައި ތިބި މިއުޒީޝަނުންނަށް އެ ފުރުސަތު ހޯދައިދިނުމަކީ ރިސޯޓް އޯނަރުން ވަރަށް ބޮޑަށް ފޯކަސްކުރަން ޖެހޭނެ ކަމެއް. މިސާލަކަށް ބަޔަކު ނެތިގެން ބޭރުގެ ބޭންޑެއް ގެނައުން އޭތި އޯކޭ، އަންޑަސްޓޭންޑަބްލް"

"އެއް ފަހަރަކު ވީ ގޮތަކީ އަހަރެމެން ކުޅުނު ރިސޯޓަކަށް ބޭރު ބޭންޑެއް ގެނައީ. ދެން އެ މައްސަލަ ޖައްސައިގެން ސީދާ ޓޫރިޒަމް މިނިސްޓަރާ ވެސް ބައްދަލުކުރިން ބޭންޑްގެ އެހެން މެމްބަރަކާއި އެކު ގޮސް. އެންމެފަހުން ބޭރުގެ ބޭންޑްގެ ބަދަލުގައި ފުރުސަތު ލިބުނީ އަނެއްކާވެސް އަހަރެމެންނަށް. އެހެންވީމަ ސަރުކާރުން މި މައްސަލަ ރަނގަޅަށް މޮނީޓާކޮށްފި ނަމަ ފުރުސަތު ނުލިބޭ ދިވެހި ބޭންޑްތަކަށް ވެސް ފުރުސަތުތައް ލިބިގެންދާނެ"

"ގަވާއިދު އޮންނަ ގޮތަކުން އަސްލު ނުގެނެވޭނެ ބޭރުގެ ބޭންޑްތަކެއް. އެކަމަކު ރިސޯޓްތަކުން މިހަދާ ގޮތަކީ އެމީހުން މި ގެންނަނީ ޝެފެއްގެ ގޮތުގައި ނުވަތަ އިލެކްޓްރިކަލް އިންޖިނިއަރިން ކަހަލަ ކޮންމެވެސް ސަކަރާތެއް ޖަހާ މީހެއްގެ ގޮތުގައި."

ފަހަރެއްގައި ވެދާނެދޯ ރާއްޖޭގެ ހުނަރުވެރިން ގެއްލިފައި ތިބެނީ ކަމަށް ވެސް. އައްފާން ވެސް ވަރަށް ގިނަ މީހުންނަށް ނޭނގޭ އާޓިސްޓެއްގެ ގޮތުގައި މި ހުންނަނީ އަދިވެސް. ކޮބައިތަ އަސްލު މައްސަލަ އަކީ؟ ފުރުސަތު ނުލިބެނީތަ ހުނަރު ދައްކަން؟

"ވަރަށް ސަޅި، ވަރަށް ކޮލިޓީ ޕްލެޓްފޯމްތައް ނެތީމަ ކަމަށް ވެސް ވެދާނެ. ދައްކަން ބޭނުންވާ (ހުނަރު) ދެއްކޭވަރުގެ ޕްލެޓްފޯމެއް ނެތުނީމަ ކަމަށް ވެސް ވެދާނެ. އެކަމަކު މިސާލަކަށް އައިޑޮލް ނަމަ، މިދިޔަ އަހަރަށް ވުރެ ވަރަށް ސަޅި ކުދިން އައިސް އެބައިތިބި މިފަހަރު. ދެން އަޅުގަނޑަށް ވާގޮތަކީ މިއޮތްހުރިހާ ދުވަހަކު އަޅުގަނޑަކީ އެހާ މީޑިއާ ފްރެންޑްލީ މީހެއް ނޫން. އެކަމަކު މީޑިއާއާ ރައްޓެހިވެގެން ނޫން ގޮތަކަށް ވެސް މިކަންވާކަށް. އެހެންވީމަ އަހަރެން ވެސް އެބަޖެހޭ ކެމެރާ އަށް އަރަން."

މިފަހުން އައްފާން ގެނެސްދިން، އަމިއްލަ ރާގުގެ އަލްބަމްގެ ލަވަތައް މި ވަނީ ވަރަށް މަޝްހޫރުވެފައި މުޅި ރާއްޖޭގައި މިހާރު. އެ މަސައްކަތަށް ލިބުނު ތަރުހީބު ސިފަކުރާނީ ކިހިނެތް އަދި އިތުރު އަޕްޑޭޑްތަކަކީ ކޮބާ ދެން ހުރި މަސައްކަތްތަކުގެ؟

"އަސްލު މިދިޔަ ފަސް އަހަރާ އަޅާބަލާއިރު ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީ ތަފާތުވެއްޖެ. މީހުން އެބަ ބަލާ އެބަ ހޯދާ އެކްސްޕެކްޓްކުރޭ އާ އުފެއްދުންތަކަކަށް. އެހެންވީމަ މި ލަވަތައް ނެރުނުއިރު ހީނުކުރާ ވަރުގެ ތައުރީފެއް ލިބުނު އާންމުންގެ ފަރާތުން މި ލަވަތަކަށް. އެހެންވީމަ ވަރަށް އުފާވި އަސްލު. ދެން ފޭނުންނަށް ބުނެލަން އޮތީ މިހާރު އަޑުއިވިފައި ހުރި ވާޝަންގެ ލަވަތަކަށްވުރެން ވަރަށް ތަފާތުވާނެއޭ ރިކޯޑެޑް ވާޝަން. ހާސް ބައި ތަފާތުވާނެއޭ އެހެންވީމަ އެކްސްޕެކްޓްކުރައްޗޭ ވަރަށް ބޮޑު ޑިފަރެންސަކަށް"

"އެކަމަކު ވެސް އަލްބަމް ނުކުންނާނެ ތާރީޚެއް އަދި ނޭނގޭ ބުނާކަށް. މިދިޔަ ނޮވެމްބަރު ފަހުކޮޅު ނެރެން އެންމެ ފުރަތަމަ މަސައްކަތްކުރީ. އައިޑޮލް ކަންތަކުގައި ބިޒީވެގެން ނުވީ."

ރާއްޖޭގައި މިހާރު އެންމެ މަގްބޫލު ޓީވީ ޝޯ، މޯލްޑިވިއަން އައިޑޮލްގެ އެއް ޖަޖުގެ ގޮތުގައި ބެލުންތެރިންނާ ބައްދަލުކުރަން ތައްޔާރުވާއިރު ކީކޭ ބުނެލަން ބޭނުންވަނީ ބެލުންތެރިންނާއި ވާދަވެރިންނަށް؟

"މޯލްޑިވިއަން އައިޑޮލްގެ ޖަޖަކަށް ވާން ފުރުސަތު ލިބުނީމަ ވަރަށް އުފާވި. ހަބޭހަށް އުފާވި. ވަރަށް ނުލިބޭނެ ކަހަލަ އޮޕަޗިއުނިޓީއެއް މި ލިބުނީ. ވަރަށް މަޖާ އެތަނުގެ ތެރޭގައި. ވަރަށް ހެޕަނިން. އަދި މިކަހަލަ އެންވައިރޮމެންޓެއްގައި ނޫޅޭތީ ކަމަށް ވެސް ވެދާނެ. ދެން ބެލުންތެރިންނަށް ބުނެލަން ބޭނުންވަނީ މިދިޔަ އަހަރަށް ވުރެން ވަރަށް ތަފާތު އެއްޗެއް ފެންނާނެ ކަމަށް އުއްމީދުކުރައްޗޭ."

ރާއްޖޭގައި މިވަގުތު ހުރި އެންމެ މޮޅު ލަވަކިޔުންތެރިޔާ އަކީ އައްފާނޭ ބުނާ މީހުން ވަރަށް ގިނަ. އެވަރުގެ ޝަރަފެއް ދޭ ހިސާބަކަށް ނުވަތަ އެ ވަރަށް ތައުރީފުކުރާ މިންވަރަކަށް އައްފާންގެ ހުނަރު ތަރައްގީކުރެވިއްޖެ ކަމަށް ގަބޫލުކުރެވޭތަ އަމިއްލަ އަށް؟ ކޮބައިތަ އައްފާންގެ އަމާޒަކީ؟

"މިހާރު ލޯގަނޑު ކުރިމައްޗަށް އަރާފަ، އަހަރެން ވަރަށް ރީއްޗޭ ބުނީމަ ވަރަށް ކަޑަ ދޯ. އެހެންނެއް ނުބުނާނަން އަހަރެންނެއް ދުވަހަކު ވެސް. މިސާލަކަށް ވަރަށް ގިނަ މީހުން، އަހަންނޭ އެންމެ މޮޅު ލަވަކިޔުންތެރިޔާ އަކީ ބުންޏަސް، އޭތި އެކްސެޕްޓްކޮށްފާނަމޭ، އެކަމަކު އަހަރެން އަމިއްލައަކަށް ނުބުނާން. މޮޅޭ ބުނީމަ، ތިޔަހެނެއް ނުވާނެއޭ އެކޭ ނުބުނާނަން. އެ މީހަކު ބުނި އެއްޗަކަށް އެ ރެސްޕެކްޓްކުރާނަމޭ. އެހެން މީހެކޭ އެންމެ މޮޅީ ބުންޏަސް އެ އެއްޗަކަށް ވެސް އަހަރެން ރެސްޕެކްޓްކުރާނަމޭ"

"ކުރިން ވެސް ބުނި ގޮތަށް، ތިމާ އަށް ތިމާ ފެނުން ކަހަލަ ކަމެއްހެން އަހަންނަށް ހީވަނީ، ތިމަންނައޭ އެންމެ މޮޅުވާނީ ލަވަކިޔަން ބުނުމަކީ. އެހެނެއް ނުވާނެ އިރާދަކުރެއްވިއްޔާމު އަހަންނަށް ދުވަހަކު ވެސް."

  • ފޮޓޯގްރެފީ އަދި ރީޓަޗިން: މިލްޒީރޯ ނިޝާން
  • ސްޓައިލިސްޓް: މައްޕު
  • ވީޑިއޯ އަދި އެޑިޓިން: އަފްޝީން ނަސީރު / އަވަސް