އޭނާ މާލެ އައިކަން އެނގުމުން އަވަސްވެގަނެވުނީ އަހަވަށް އިންޓަވައިއުއެއް އަތުޖެހޭތޯ އެވެ. ސަބަބަކީ ފަސޭހައިން އިންޓަވައުއެއް ހަދާލަން ވަގުތު ހޯދޭނެ ފަރާތަކަށް ނުވާތީ އެވެ. ނަވާރަ ސަތޭކަ އަށްޑިހައިގެ މެދުތެރޭގައި ދިވެހި ވީޑިއޯ ލަވަތަކުން އޭނާގެ ހުނަރު ވަރަށްވެސް ރަނގަޅަށް ދައްކައިދީފައިވެ އެވެ. ހުރިހާ އުމުރެއްގެ އަންހެނުންގެ ހިތްވެސް އޭނާ ފަތަހަކުރި އެވެ. މިދައްކަނީ އާދައިގެ އެކްޓަރެއްގެ ވާހަކައެއް ނޫނެވެ. އޭނާގެ ޕޯސްތަކުން ދިވެހި ވީޑިއޯ ލަވަތަކަށް އިންގިލާބެއް ގެނައި ރީތި ހަށިގަނޑެއްގެ ވެރިޔާ އިސްމައިލް ވަޖީހުގެ ވާހަކަ އެވެ. އުނދަގުލުންވެސް މިފަހަރު މިއޮތީ ވަޖީހު އަތުޖައްސާފަ އެވެ.
އިސްމާއީލް ވަޖީހަކީ އެންމެ ކުޑައިރުން ފެށިގެން ޓީވީން ފެންނަ ނިކަން މަގުބޫލު މޫނެކެވެ. ލަވަތަކުގައި ވަޖީހު އެ ޖައްސާ ޕޯސްތަކަކީ އޭރުގެ އެންމެ ފޭވަރިޓެވެ. ނަށަން ނޭނގުނަސް ލޯގަނޑު ކުރިމަތީގައި ހުރެ ކޮންމެވެސް ވަރަކަށް އެ ޕޯސްތަކަށް މަސައްކަތް ކުރެވިފަ ހުންނާނެ އެވެ. ވަޖީހަކީ އެންމެންގެވެސް ފޭވަރިޓެކެވެ. އޭނާގެ ސެލްފީއެއް ނަގަން ބޭނުން ނުވާނެ މީހަކު ހުރިހެނެއް ހިއެއް ނުވެ އެވެ.
ނަވާރަ ސަތޭކަ އަށްޑިހަ ފަސް ވަނަ އަހަރު ފިލްމީ ދާއިރާއަށް ނުކުމެ ވަޖީހު އަރައިގެން އެދިޔަގޮތަށް ގާދޫކޮލުން ނުކުމެގެން ދިޔައީ އެވެ، އޭރުގެ ފިލްމީ ތަރިންގެ ތެރޭގައި އެއީ ނަމްބާ ވަން ހީރޯ އެވެ. މާ ގިނަ ފިލްމުތަކެއް ނުކުޅުނު ނަމަވެސް ކުޅުނު ހަ ފިލްމު އަދި ގުނާ އަދަދު ނުކުރެވޭހާ ގިނަ ލަވަތަކުން ވަޖީހު ނިކަން ރަނގަޅަށް ދިވެހިންގެ ހިތްތަކަށް ވެރިވެގަތެވެ. ފިލްމީ ދާއިރާ އާއި ދިވެހިރާއްޖެ އާ އެތައް މޭލެއް ދުރަށް ވަޖީހު ދިއުމުންވެސް ދިވެހިންގެ ހިތްތަކުން ވަޖީހު ފިލައިގެނެއް ނުދިޔައީ އެހެންވެ އެވެ.
މިހާރުވެސް ދިވެހި ފިލްމު ތަކުގެ ލީޑު ރޯލުތަކުން ފުރުސަތު ލިބެނީ އެހެންވެ އެވެ. މި އަހަރުގެ ކުރީކޮޅު ޑާކްރެއިން އެންޓަޓެއިންމަންޓުން ނެރުނު "މީ ލޯތްބަކީ" ގެ ހާއްސަ ފެނިލުމަކުންވެސް ފެނިލީ ދާއިރާ ދެކެ ވާ ލޯބި އަދި ދިވެހިން އަދިވެސް ވަޖީހުއަށް އެދޭތީ އެވެ. ކުރިއަށް އޮތްތަނުގައިވެސް ވަޖީހުގެ އެފަދަ ފެނިލުންތައް ފެނިގެން ހިނގައިދާނެ އެވެ. ވަޖީހުގެ ހިތުގައި އެކަމަށް ލޯބި އަށަގަނެ ބިންވަޅުނެގިފައިވަނީ ދުވަހަކުވެސް ފިލްމީ ދާއިރާއިން ދުރަށް ދެވޭނެ މިންވަރަކަށް ނޫނެވެ.
ފިލްމީ ދާއިރާ ދެކެ ކިތަންމެ ލޯބިވީ ނަމަވެސް 2000 ވަނަ އަހަރު ދާއިރާ ދޫކޮށް ސިންގަޕޫރަށް ދިރިއުޅުން ބަދަލުކުރީ އަންހެނުންނަކީ ސިންގަޕޫރު މީހަކަށްވެފައި ދަރިންގެ ތައުލީމް އެތަނުގައި ފެށިފައި އޮތީމަ އެވެ. އެ ދުވަހުން ފެށިގެން މިހާރުވެސް ދޭތެރެ ދޭތެރެއިން އޭރު ކުޅުނު ބައެއް ލަވަތައް ބަލައިލާ ނަށާލަ އެވެ. އަދި ފަހުގެ ފިލްމުތަކާއި ލަވަތައް މަދުން ނަމަވެސް ބަލަ އެވެ.
އެހާ ހިސާބުން ނިންމާލީކީ ނޫނެވެ. ސިންގަޕޫރުގައި ހުރެގެންވެސް ފިލްމީ ދާއިރާއިން ކުރިއަށް ދާން އޭނަ މަސައްކަތް ކުރި އެވެ. ފުރުސަތުތައް ހޯދަން މެދުކެނޑުމެއްނެތި އެތައް ދުވަހެއް ހޭދަކުރި އެވެ. ފުރުސަތެއް ނުލިބުނީ އެވެ. "މަ ފިލްމެއް ކުޅެންވެއްޖޭ" ކިޔާފައި ގޮސް ކުރެވޭހާ ފަސޭހަކަމަކަށް އެކޮޅުގައި އެކަން ނުވާތީ އެވެ. އެކްޓިން ދާއިރާއިން ކިޔަވާ ސެޓްފިކެޓް ހޯދަން ޖެހެ އެވެ.
"ސިންގަޕޫރަކީ މަލްޓިނޭޝަނަލް ތަނެއްވީމަ އެމީހުންގެ މި ހުންނަނީ ޗައިނީސް ސެކްޝަނެއް، ޓެމިލް ސެކްޝަނެއް، މެލޭ، ދެން އޭގެ އެއްވެސް ބަހުރުވައެއް ނޭނގޭ، އިނގިރޭސި ބައެއްވެސް އޮވޭ، އިންގްލިޝް އިން ގެންދާ ޗެނަލް އެއް، އެކަމަކު އޭގަ އެއް މައްސަލައަކީ އެ މީހުން އެދައްކާ ބަހުރުވާ ސިންގްލިޝް އަކީ، އެއީ ސިންގަޕޫރު ބަހުރުވަ އެމީހުން ވާހަކަ ދައްކާ ގޮތުން، އެ އެއްވެސް އެހާ ރަނގަޅަކަށް ނޭނގޭ، އެހެންވެ ވާގޮތަކީ މާބޮޑަކަށް ފިޗިންއެއް ނުވޭ، އަނެއްކާ އެމީހުން ވަރަށް ބަލާކަމެއް އެއީ ބްލެކް އެންޑް ވައިޓް، ކޮންމެސް ކޯސްތަކަކަށްވެސް އެޓެންޑްވާން ޖެހޭ،" އަވަސް އަށް ދިން ހާއްސަ އިންޓަވިއުގައި ވާހަކަ ދައްކަމުން ވަޖީހު ބުންޏެވެ.
ވަޖީހަށް އެ ފުރުސަތު ނުލިބުނަސް ދޮށީ ދަރިފުޅަށް ވަނީ އެ ފުރުސަތު ލިބިފަ އެވެ. ފަސް ކުދިންގެ ތެރެއިން ފިލްމީ ދާއިރާއަށް ލޯބި ޖެހުނީވެސް އޭނާގެ ދޮށީ ދަރިފުޅު އެކަންޏެވެ. ސްކޫލް ނިންމާލާފައި މައިގަނޑު ގޮތެއްގައި ޑްރާމާ ދާއިރާއިން މަތީ ތައުލީމް ހާސިލްކޮށް ސްކޫލްތަކުގެ ޑްރާމާއިން ޕަބްލިކް ސްޕީކިން ކިޔަވައިދެ އެވެ. އެކުވެރިންނާއެކު ކުޑަ ކުންފުންޏެއް ހަދައިގެން ސްޓޭޖް ޑްރާމާތައް ކޮންމެ ދުވަހަކު ކުޅުމުގެ އިތުރަށް ކުދި ކުރު ފިލްމުތައް ހަދައިގެން ބައިނަލް އަގްވާމީ ދުނިޔޭގައި ކާމިޔާބީތައް ވަނީ ހޯދާފަ އެވެ.
"ދޮށީ ދަރިފުޅު ވަރަށް އެޑްމަޔާކުރާނެ ކޮށްފަ ހުންނަ މަސައްކަތްތައް، އެހެން ކުދިން ނޫޅޭނެ، ދެން ދިވެހި ބަހުން ހުންނާތީ، އެމީހުންނަށް ނޭނގޭތީވެސް އެހާ ޝައުގުވެރިކަމެއް ނުހުރެ،"
އަދިވެސް ފިލްމީ ދާއިރާއަށް ވަޖީހުގެ ހިތުގައި ނުފިލާ އޮތް ލޯބީގެ ވާހަކަތައް އިވިފައި މިހާރު ދިވެހި ފިލްމު އިންޑަސްޓްރީ ގޮސް އޮތް ހިސާބާއި އެ ދާއިރާގައި ހަރަކާތްތެރިވާ ތަރިންގެ އެކްޓު ކުރުމުގެ ފެންވަރާއި މެދު ވަޖީހުގެ ހިޔާލެއް އަހާލަން ހިތަށް އެރި އެވެ. އެ ދާއިރާގައި މިހާރު ހަރަކާތްތެރިވާ ގިނަ މީހުން ނޭނގުނު ނަމަވެސް މަރިޔަމް އައްޒަ، އައިޝަތު ރިޝްމީ އަދި އައިމިނަތު ރިޝްފާގެ އެކްޓިން ފުދޭ ވަރަކަށް ބެލިފައި ހުރުމުން ވަޖީހުވަނީ އެ ތަރިންނަށް ތައުރީފްކޮށްފަ އެވެ. ހާއްސަކޮށް މިހާރު އަޅުވަމުންދާ ފިލްމު "ހައްދު"ގައި އައްޒަ އަދި ރިޝްފާ ދައްކާފައިވާ އެކްޓިންއަށް ވަޖީހުވަނީ ހާއްސަކޮށް ތައުރީފްކޮށްފަ އެވެ.
މީގެއިތުރުން ރިޝްމީ އަދި އަލީ ސީޒަންގެ "އޮން ދަ ބީޗް، އިން ދަ ރެއިން" ލަވަޔަށް ތައުރީފްކޮށް އޭގައި ސީޒަން އަދި ރިޝްމީ ދައްކާފައިވާ އެކްޓިންއަށްވެސް ވަނީ ތައުރީފްކޮށްފަ އެވެ.
މިހާރުގެ ތަރިއަކާއެކު ލަވައެއް ނުވަތަ ފިލްމެއް ކުޅުމުގެ ފުރުސަތު ލިބިއްޖެނަމަ ކުޅޭނީ ކޮން ތަރިއަކާ ތޯ ސުވާލު ކުރުމުން ވަޖީހު ދިން ޖަވަބު ވަރަށް ތަފާތެވެ.
"މިހާރު ޖެހިލުންވޭ ބުނަން، އެކުދިން ވަރަށް ޔަންގް، ދޭ އާ ލައިކް މައި ޑޯޓާސް، އެހެންވީމަ އެގޮތަކަށް ނުވެސް ވިސްނަން، އައި ފީލް ލައިކް ދެއާ ޑޭޑް،" ހިނިގަނޑަކާއެކު ވަޖީހު ދިން ޖަވާބަކީ މިއީ އެވެ.
އުމުރުން ދުވަސްވެއްޖެ ކަމަށް ވަޖީހު ގަބޫލުކުރި ނަމަވެސް ބަލާބެލުމަށް ހަށިގަނޑުން ހީވަނީ 30 ވަރަކަށް އަހަރުގެ ޒުވާނެއް ހެެނެވެ. އެހެންނަމަވެސް ވަޖީހުގެ އުމުރަކީ 55 އަހަރެވެ. އެހާ ރީތިކޮށް ފިޓުކޮށް ވަޖީހު ހުރުމުގެ ސިއްރަކީ ކަސްރަތާއި ރަނގަޅު ކާނާ އެވެ. ވަޖީހު ދެކޭގޮތުގައި ފިޓްނަސް އަކީ ވަކި އުމުރަކަށް އޮންނަ އެއްޗެއް ނޫނެވެ. އުމުރުން 40 އިން މައްޗަށް ދިޔައީމަ ކަސްރަތު ނުކޮށް ބޭނުން ކޮންމެ އެއްޗެއް ކަައިގެން އުޅުމަކީ އޭނާގެ ސިކުނޑި ގަބޫލުކުރާ ފަލްސަފާއެއް ނޫނެވެ.
ވަކިން ހާއްސަ ޑައިޓެއް ނުގެންގުޅުނަސް ސިއްހަތަށް ފައިދާހުރި ކާނާ ކެއުމަށް ވަޖީހު އިސްކަންދެ އެވެ. އެހެން ބުންޏަށް ދޭތެރެއަކުން މަދުމަދުން ތެޔޮ، ހަކުރު ގިނައިން ހުންނަ ކާނާވެސް ބޭނުންކުރެ އެވެ. ވަކިން ހާއްސަ ޑައިޓެއް ނުގެންގުޅުނަސް ސިއްހަތަށް ފައިދާހުރި ކާނާ ކެއުމަށް ވަޖީހު އިސްކަންދެ އެވެ. އެހެން ބުންޏަށް ދޭތެރެއަކުން މަދުމަދުން ތެޔޮ، ހަކުރު ގިނައިން ހުންނަ ކާނާވެސް ބޭނުންކުރެ އެވެ.
ކަސްރަތަށް ވަޖީހުގެ ހިތުގައި ލޯތްބެއް އުފެދުނީ ސްކޫލްގައި އުޅުނު ދުވަސްވަރު ޖިމްނާސްޓިކަށް އުފެދުނު ލޯބީގައި ސްކޫލް ދައުރަށްފަހު ފުރުސަތުތައް ނުލިބުމުންނެވެ. ރީތި ކަސްރަތީ ހަށިގަނޑަކާއެކު ދިވެހި ސްކްރީނަށް އެރި ފުރަތަމަ ތަރިއަކީ ވަޖީހެވެ. އެއީ ދިވެހިންގެ ސަލްމާން ހާނެވެ.
އެއާއެކު މޮޑެލް ކުރާހިތްވެސް ނިކަން ބޮޑަށް އޮތީ ވެފަ އެވެ. ސޯޝަލް މީޑިއާއިން ވަޖީހުގެ މޮޑެލިން ފޮޓޯތައް ފެންނަނީ އެހެންވެގެންނެވެ. ރަސްމީކޮށް އެކަން ނުކުރި ނަމަވެސް ރީތި ޕޯސްތަކުގައި ސްޓައިލިޝް ފޮޓޯތައް ނެގުމަކީ އޭނާގެ އާދައަކަށް ވީ އެވެ.
"ސްޓައިލިޝްކޮށް ހެދުން އަޅާފައި ހިންހަމަޖެހެންޔާ ހިތަށް އަރަނީ ރީތިކޮށް ޑްރެސްކޮށްފައޭ، ރަނގަޅު ތަނެއްގައޭ މި ހުރީ ފޮޓޯއެއް ނަގާލާނަމޭ،"
"އޭރުވެސް ޕަބްލިކްގެ ފަރާތުން މާ ބޮޑު ނުރުހުމެއް ނުފެނެ، އެއީ ފިލްމީ ދާއިރާގައި އުޅުނަސް، އެހެން ދާއިރާއެއްގައި އުޅުނަސް، މީހާގެ ޑިސިޕްލިންނަށް ކަންނޭނގެ ގިނަ މީހުން ބަލާނީ، އެއީ އަޅުގަނޑު ފިލްމީ ދާއިރާގައި އުޅުނު ކަމުގައި ވިޔަސް އަޅުގަނޑު ބަލާ ޕްރިންސިޕަލްތަކެއް ހުންނާނެ، މަގުމަތީގައި އުޅޭ އުޅުމުގަޔާއި މީހުންނާ މުއާމަލާތް ކުރުމުގަޔާއި ހުރިހާ ކަމެއްގައި އެހެން އެވަނީވެސް އަޅުގަނޑަށް ހީވަނީ އަޅުގަނޑު އުޅޭ ދާއިރާގެ ސަބަބުން ހެން އެހެން ހިފެހެއްޓިފައި އެ އިންނަނީ،"
"މީހުން ވަރަށް ރެސްޕެކްޓް ކުރޭ، ހަމަގައިމުވެސް ފިލްމު ބަލާ މީހުންނާ ސްކޫލް ދާއިރާގައި އަދި އަޅުގަނޑުގެ ދަރިވަރުންގެ މައިންބަފައިންގެ ފަރާތުން ސަޕޯޓު ލިބޭ ކޮންމެ ދިމާލަކުންވެސް، އެއްވެސް ކަހަލަ އުނދަގުލެއް ނުވޭ، އެއްވެސް ކަހަލަ ނުރުހުންތެރިކަމެއް ފާޅެއް ނުވޭ،" ސިންގަޕޫރުގައި ހުންނަ އެސްޓީއޯ މޯލްޑިވްސްގެ ސިންގަޕޫރު ބްރާންޗްގައި މިހާރު ވަޒީފާ އަދާކުރަމުންދާ ވަޖީހު ބުންޏެވެ.
ފިލްމީ ދާއިރާއަށް ވަގުތު ހުސްކުރީ ވަޒީފާއަށް ބުރޫނާރާހެެން ސްކޫލް ބަންދު ދުވަސްވަރު އެވެ. ފިލްމީ ދާއިރާއަށްވުރެ ބޮޑު ލޯތްބެއްވީ ދަރިންފަދަ ދަރިވަރުން ދެކެ އެވެ.
ވަޖީހުގެ ވާހަކަތަކަކީ މިހެން އެންމެ އިންޓަވިއުއަކުން ގެނެސްދެވޭ ވަރަށްވުރެ ގިނަ ވާހަކަތަކެކެވެ. އަނެއްކާވެސް ވަޖީހު އާ ބައްދަލުވެއްޖެނަމަ އިތުރު އިންޓަވިއުއެއް ގެނެސްދެވޭތޯ ބަލާނަމެވެ.