- ހައްދަކީ ރިކޯޑް މުގުރާނެ ފިލްމެއް
- ފިލްމުގެ ޕޯސްޓަރު މިންގަނޑަށް ފެތޭ
- ފިލްމީ ދާއިރާގައި ނުލިބޭ ކާމިޔާބީއެއް ނެތް
ޑައިރެކްޓަރު އަބްދުލް ފައްތާހު އެންމެފަހުން އާންމުންގެ ސަމާލުކަން ހޯދީ އިހަށް ދުވަހު އިއުލާނުކުރި އޭނާގެ އާ ފިލްމު "ހައްދު" ގެ ނިކަން ހިތްގައިމު ޕޯސްޓަރަކުންނެވެ. ފައްތާހުގެ ސިގުނޭޗާ ބަހުރުވައިން ނަމަ ވަރަށް ސަޅި އަދި އެހާމެ ހަބޭސް އަދި ނިކަން ޗާލޫވި، ލޯބި ލޯބި ޕޯސްޓަރަކުންނެވެ.
އެކަމަކު ފައްތާހުގެ މި ޕޯސްޓަރެއް އެއް ބައެއްގެ މެދުގައި އަނދަމުންދާ އަލިފާންގަނޑަކަށް ބަދަލުވެފައިވާކަން ވެސް ފާހަގަކޮށްލަން ޖެހެ އެވެ. ނަމަވެސް ޑައިރެކްޓަރު އަބްދުލް ފައްތާހާއި އޭނާގެ ފިލްމުތައް އެނގޭ މީހުން މި ޕޯސްޓަރުގެ މައްސަލަ އެވަރުގެ ކަމަކަށް ނަހަދަފާނެ އެވެ. ސަބަބަކީ މި ޕޯސްޓަރެއްގައި ފައްތާހުގެ ހުރިހާ ސިފައެއް އާދައިގެ މަތިން ޖައްސާފައިވުމެވެ.
ދިވެހި ސިނަމާގެ ބެލުންތެރިންގެ މެދުގައި މި ޑައިރެކްޓަރު މަޝްހޫރުކަން ހޯދާފައި ވަނީ ރީތި މީހުން ފިލްމު ސްޓާރުންނަށް ބަދަލުކޮށްލާ ތަޖުރިބާކާރެއްގެ ގޮތުގަ އާއި މޭކަޕާއި ކުލަގަދަވި ކޮސްޓިއުމްތަކާއި ހިތްގައިމު ސިނެމެޓޯގްރެފީއާ އެކު ބެލުންތެރިން އާޝޯހުކުރުވައި އެންމެ ގަދަ އަށް މާފޮޅުވައިދޭ ޑައިރެކްޓަރުގެ ގޮތުގަ އެވެ. ވަކިން ހާއްސަކޮށް އޭނާގެ ފިލްމުތަކަށް ހާއްސަ ރޮމޭންޓިކް މަންޒަރުތަކާއި ނިވައުކަން ކުޑަ ފެޝަންތަކުން ރިހި އިސްކިރީނުގައި އޭނާ ކިޔައިދޭ ވާހަކަތައް ވަރަށް ވެސް ތަފާތުވެފައި ސަޅި އެވެ.
އޭނާގެ މި ސްޓައިލަށް 20 އަހަރުވެއްޖެ އެވެ. ދިވެހި ސިނަމާގައި އޭނާ އަށް ނުލިބޭ ފަހުރެއް އަދި މީހުން މުނިފޫހިފިލުވައިދީގެން ނުލިބޭ ޝަރަފެއް މިއަދަކު ނެތެވެ. ޝަރަފްވެރި ގައުމީ ފިލްމު އެވޯޑްސް އިން ފެށިގެން ގޮސް ރައީސުން ޖުމްހޫރިއްޔާގެ ހިތްވަރު ދިނުމުގެ އިނާމް ވެސް އޭނާ ވަނީ ހާސިލުކޮށްފަ އެވެ.
ތިރީގައި މި އޮތީ ފައްތާހުގެ މި ސަޅި އަދި އެހާމެ އާދަޔާހިލާފު ކެރިއަރުގެ ސަޅިކަމާއި ހިތްގައިމުކަމާ ގުޅޭ އިންޓަވިއުއެކެވެ.
މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފޭނުންނާއި ސަޕޯޓަރުންނަށް އެންމެ ފަހުގެ އަޕްޑޭޓެއް ދޭ ނަމަ ކޮން ކަހަލަ އުފާވެރި އަދި ސަޅި ޚަބަރުތަކެއް ދޭނީ؟
"މޭޖާ ތިން ކަމެކޭ ލައިފުގައި މިހާރު ކުރަމުން މި ދަނީ. އޭގެ ތެރެއިން އެއް ކަމަކީ ވައްޓަފާޅި (ޓީވީ ޝޯ). ސީޒަން ސިކްސްއާ ހަމަ އަށް މި އޮތީ އައިސްފަ. ރޯދަ މަހު ވައްޓަފާޅީގެ ސީޒަން ސިކްސް ބެލުންތެރިންނާ ހަމަ އަށް ފެނިގެންދާނެ. މިފަހަރުގެ ޓޮޕިކަކީ ސަފާރީ. ދެން މި އޮތީ ފިލްމު ހައްދު. މި އަހަރުގެ ސެޕްޓެމްބަރު ސިކްސްގައި ފެނިގެންދާނެ. މިއީ ފައްތާހުގެ ވަރަށް ހާއްސަ މޫވީއެއް. އޭގެތެރެއިން އެއް ކަމަކީ މީގެ ޓެކްނިކަލް ކްރޫ. މީގެ ސްޓާ ކާސްޓިން. އަދި މީގެ ލަވަތައް ވެސް މިއީ ވަރަށް މުހިންމު ބައެއް."
"ފައްތާހުގެ ސޯޝަލް ރެސްޕޮންސިބިލީގެ ދަށުން، ވޭސްޓް މެނޭޖުމަންޓާ ބެހޭ ހޭލުންތެރިކުުރުމުގެ ޕްރޮގްރާމްތަކެއް ވެސް ހިންގަމުން އަޅުގަނޑު މި ގެންދަނީ."
ބުނެވިދާނެތަ "ހައްދު" މިއީ ދިވެހި ސިނަމާ އަށް ބަދަލުތަކެއް ނުވަތަ ތަފާތު އިހްސާސްތަކެއް ގެނުވާނެ ފައްތާހުގެ ފިލްމެކޭ؟ މި ފިލްމުގެ ވިޝަން ފައްތާހުގެ ބޮލު ތެރޭގައި ގެންގުޅެމުންދާ ގޮތުގެ ކުޑަ މަންޒަރެއް ދެވިދާނެތަ؟
"އަޅުގަނޑުމެންގެ ޕްރޮޑަކްޝަން ޓީމަކީ ފުދޭވަރަކަށް ތަޖުރިބާ ބޮޑު ނޫނީ ކްރިއޭޓިވިޓީ ހުރި މީހުންތަކަކާ އެކުގައި އަޅުގަނޑު މި މަސައްކަތް މި ކުރަނީ. މިސާލަކަށް މިއުޒިކަށް ބަލާލި ކަމުގައިވިޔަސް ސިނެމެޓޯގްރެފީ އަށް ބަލާލި ކަމުގައިވިޔަސް ލިރިކްސް އާއި ސްޓޯރީ ލައިން އަށް ބަލާލި ކަމުގައިވިޔަސް ޕްރޮޑަކްޝަން ހައުސް އަށް ބަލާލިކަމުގައިވިޔަސް އެންމެ ރަނގަޅު އެންމެ ސަޅި މީހުންނާ އެކުގައޭ މީތި ކުރިއަށް މި ގެންދަނީ. އެހެންވީމަ އެކަންތައް ވަރަށް ސަޅި ބަދަލަކަށް ވެދާނެ."
"ދެން ޔަގީނަށް ވެސް ދިސް ވިލް ބީ އަ ރިކޯޑް ބްރޭކިން މޫވީ."
ހައްދު މި ފިލްމު އިއުލާނުކުރުމުން ވަރަށް ގިނަ ބަޔަކަށް ހައިރާންކަމެއް ލިބިގެންދިޔަ ފިލްމުގެ ފިރިހެން ލީޑުގެ ފަރާތުން. މުޅިން އާ މޫނެއް ފައްތާހުގެ މިވަރުގެ ބޮޑު ފިލްމަކަށް ނެގި ސަބަބާއި މަޝްހޫރު ފިރިހެން ސްޓާރަކު ނުނެގި ސަބަބު ހައިރާންވި މީހުންނަށް ކިޔައިދީފާނަންތަ؟
"އަޅުގަނޑުގެ ހުންނާނެ ޑްރާމާ ކުޅޭ ސްޓާރުން. ލަވަކުޅުވާ ސްޓާރުން. އަޅުގަނޑުގެ ހުންނާނެ ފިލްމުގެ ލީޑު ދޭނެ މީހުން. ފެށުނީއްސުރެން ވެސް އަޅުގަނޑު ފާހަގަކުރަން ރޮމޭންޓިކް ފިލްމުތައް ކުޅެން ޖެހޭނީ ރީތި މީހުންކަން. އެގޮތުން ޔޫއްޕެ އާއި ސީޒަން ފާހަގަކޮށްލަން ބޭނުންވޭ. އެގޮތަށް ބަލާފައި ހަމަ މި ފިލްމަށް ވެސް ބޭނުންވީ ހަށިގަނޑު ރީތި ސްޓާރަކު ގެންނަން."
"ހައްދު މި ފިލްމަށް ބޭނުންވީ ނިއު ފޭސްއެއް. އެބަ ބޭނުންވޭ މީހާގެ ހަށިގަނޑު ދައްކާލަން ޖެހޭ ވަގުތުތަކުގައި ރީތި ފިޒީކެއް ހުންނަން. އެގޮތުން ވަރަށް ބަލާފަ ޝިބާން އަށް ފިލްމުން ފުރުސަތު ދިނީ. ދެން އަސްލު ކާސްޓުން ނިއުވާން އެބަޖެހޭ ފިލްމީ ދާއިރާ އިތުރަށް ތަރައްގީކުރައްޏާމު. އަބަދު އެއް ބަޔަކު ފެންނަ ނަމަ ބުނާނެ ކޮބައިހޭ ލުކް ފޯވާޑްކުރާނެ ކަމަކީ. އެހެންވީމަ މި ފިލްމުން ލުކް ފޯވާޑްކުރަންވީ އަޅުގަނޑުގެ ބަތަލަށް."
ދެން މީހުން ދައްކާ އަނެއް ވާހަކަ އަކީ ހައްދުގެ ޕޯސްޓަރުގެ ވާހަކަ. ނިވާކަންކުޑަ، މުޖުތަމައުގެ އަހުލާގާ ނުގުޅޭ މިންގަނޑެއްގެ ޕޯސްޓަރެކޭ ބުނެ ބައެއް މީހުން ފާޑުކިޔަމުން ގެންދޭ. ދިފާއުގައި ނުވަތަ ރައްދުގައި ފައްތާހު ބުނެލަން ބޭނުންވަނީ ކީކޭ؟
"އޭގެ މާނަ އެ މީހަކު ސިފަކުރާނެ ގޮތަކަށް ސިފަކުރަންވީ. ހުސް ގަޔާ ފުޅުން މަތި ފެންވަރަށް އެގޮތަށް އޮތުން އެއީ އަޅުގަނޑަކަށް މައްސަލައެއް ނޫން. ދެން މިސާލަކަށް އަންހެން ކުއްޖަކު އެ އޮތީ ފިރިހެން ކުއްޖެއްގެ އުނގުގައި ބޯއަޅާލައިގެން. އޭނަ ފޮތެއް ކިޔަން އެ އޮތީ. ދެން އަނެއް އަންހެން ކުއްޖާ ކޮނޑުގައި ބޯ އަޅާލައިގެން. މިއީ ބެލުންތެރިންނަށް އެންމެ ފައްކާވާނެ ގޮތަކަށް ފިލްމު ގެންދަން ބޭނުންވާތީ ފުރަތަމަ މަސައްކަތް ވެސް ވަރަށް ކެޗީކޮށްފައި މި ވަނީ."
"ރާއްޖޭގައި މިހާރު ވެސް އެންމެ ގިނަ މީހުން ބަލައިގެންފައިވީ ޕޯސްޓަރަކަށް ވެފައި މި ވަނީ."
ބައެއް ފަރާތްތަކަށް ފައްތާހުގެ މިފަދަ ޕޯސްޓަރެއް އާވިޔަސް ފައްތާހުގެ ފިލްމު ބަލާ މީހުންނަށް އެނގޭނެ މިއީ ވެސް ފައްތާހުގެ ޓްރޭޑްމާކް ސްޓައިލެއްކަން. ގައިގޯޅި ނުވަތަ ސްޓީމީ މަންޒަރުތައް ޑައިރެކްޓްކުރާއިރު ސަމާލުކަން ދޭ ކަންތައްތަކީ ކޮބާ؟
"އެވްރެޖުކޮށް ބަލައިފިއްޔާމު ފައްތާހުގެ ފިލްމެއްގައި ހަމަ ހުސްގަޔާ ފެންނާނެ އާންމުކޮށް. ރީތި ސޭންޑްބޭންކް ފެންނާނެ. ރީތި ހެދުންތައް ފެންނާނެ. ފައްތާހުގެ ފިލްމުތަކުން (ލޯބީގެ މަންޒަރުތައް) ފެންނާނީ ވަރަށް ރީތިކޮށް. މިސާލަކަށް އަތްލިޔަސް، ކުރު ހެދުމެއް ލިޔަސް ނުފެންނާނެ ހަޑި ސިފައެއް"
"ރޮމޭންސް މަންޒަރުތައް ދުރުގައި ހުރެގެން ނުދެއްކޭނެ އަޅުގަނޑުމެންނަށް. އެހެންވީމަ ޖެހޭނެ ކައިރިވެލަން ވެސް."
ބައެއް މީހުން ބުނޭ އެފަދަ ގައިގޯޅިކަން ބޮޑު މަންޒަރުތައް ފިލްމުތަކުގައި ހިމެނުމަކީ މުޖުތަމައު ހަލާކުވެދާނެ ކަމެކޭ. މިސާލަކަށް ބޮލީވުޑްގެ ރޭޕް ކަލްޗާ ކުށްވެރިވާ ގޮތަށް. ފައްތާހު ގަބޫލުކުރަންތަ މި ވާހަކަތައް އެއްވެސް ވަރަކަށް؟
"މިސާލަކަށް ހުއްޓުވަން ޖެހޭ ކަމެއް ދައްކާފަ ނުވަތަ ދެއްކޭނެ ގޮތްތަކެއް ކަނޑައަޅާފަ އޭގެ ފަހުން ދޯ ހުއްޓާލަންވީ ރީޒަންސް ދެއްކޭނީ. އެހެންވީމަ މުޖުތަމައުގައި މި ހުންނަ ނޭދެވޭ ކަންތައްތަކާއި ރަނގަޅު ކަންތަކާއި ކުރިއަށް ދެކެން ބޭނުންވާ ކަންކަމާ އެކުގައި ފިލްމު މި އަންނަނީ. ޑްރާމާ ވެސް ލަވަ ވެސް މި އަންނަނީ. އެހެންވީމަ އޭގެ ތެރެއިން ބެލުންތެރިން ހޮވާށޭ މިއީ ރަނގަޅު ކަމެކޭ މިއީ ގޯސްކަމެކޭ. ގޯސްކަންތައް ކޮށްގެނެއް ނުވާނެއޭ. ރަނގަޅު ކަންތަކޭ ކުރާނީ."
ފައްތާހުގެ ދިރިއުޅުމުގައި "ލުކްސް" ނުވަތަ މީހާގެ އެޕިއަރެންސް މުހިންމުވަނީ ކިހާ ވަރަކަށް؟
"ހުރިހާ ކުދިން ވެސް މިހާރު ވަރަށް ރީތި. އީވެން ދޭއި އާ ޗަބީ، އީވެން ދޭއި އާ ސްލިމް. މީގައި އަދި އެންމެ މުހިންމީ ޑްރެސް ކޯޑް. ހުރިހާ ކުދިންނަކީ ވެސް ރީތި ކުރިން މިހާރު. މާލެ އިން ފެށިގެން ރަށްތަކަށް ދިޔަޔަސް ފެންނަ ކުދިން ވަރަށް ސްޓައިލިޝް މިހާރު. ދެން އޭޒް އަ ސްޓާ ނުވަތަ ސެލެބްރިޓީ އަކު މަޝްހޫރުވުމަށް ފަހުގައި އެމީހަކު ބިލޯންގްވޭ ކޮމިއުނިޓީއަކަށް. އެހެންވީމަ ކޮމިއުނިޓީ އިން އޭނާގެ ޑްރެސް ކޯޑަށް ވެސް ބަލާނެ. އޭނަގެ ލައިފްސްޓައިލް އާއި ފިޒީކަށް ވެސް އެޕްރެޝިއޭޓްކުރާނެ"
"ދެން ބޭރުފުށުން މިގޮތަށް ރީތިކޮށްލާއިރު އެތެރެފުށުން ވެސް އެގޮތަށް ރީތިކޮށްލުން ވަރަށް މުހިންމު ކަމަށް އަޅުގަނޑު ދެކެނީ."
ލުކްސްގެ ވާހަކަ ދައްކާއިރު ބައެއް މީހުން ބުނޭ ފައްތާހުގެ ފިލްމަކަށް ވެސް ނުނަގާނެއޭ ހުތުރު މީހަކު. ރީތި މީހުންނޭ ނަގާނީ. މިއީ ތެދެއް ނަމަ މި ވިސްނުން ގެންގުޅޭ ގޮތް ކިޔައިދީބަލަ؟
"ރީތި ފިރިހެން ކުދިންނާއި ރީތި އަންހެން ކުދިން ފެނުމަކީ ހަމަ ޔަގީނަށް ވެސް އޯޑިއެންސްގެ ހިތްތަކަށް އިހްސާސްތަކެއް ވައްދަދޭނެ ކަމެއް. ކުޅެން ޖެހޭ ކެރެކްޓާއަކަށް ބަލާފައި އެ ކެރެކްޓާއަކަށް އެންމެ ކަމުދާގޮތަކަށް މީހުން ނެގުން މީގައި މުހިންމީ. މިއީ އެއްވެސް ސްޓާރަކަށް ބުނާ ބަދުބަހެއް ނޫން އެއްގޮތަކަށް ވެސް. އާންމުކޮށް ލަވަތަކަށް އަޅުގަނޑު ނަގާނީ ވަކި ބަޔަކު. ކޮންމެ ކޮންމެ މީހަކު ނުނަގާނެ ލަވައެއް ކުޅޭކަށް. އެކަމަކު އެއީ އެހެން ސްޓާރުންނަށް ކުރާ އިންސަލްޓެއް ނޫނޭ. ތަފާތުކުރަނީކީއެއް ނޫނޭ. އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތް. ކެރެކްޓާ އަށް ބަލާފައި ނަގާއިރު ސިފަ އަށް ވެސް ބަލަން."
އާ ފިލްމެއްގެ މަސައްކަތްތަށް ނުކުންނައިރު އެވޯޑްތަކަކަށް ވެސް އުއްމީދުކުރާނެކަން ނޭނގެ. އެކަމަކު މިދިޔަ ގައުމީ ފިލްމު އެވޯޑްސް ނިމިގެންދިޔަ އިރު ފައްތާހަކީ ހުސްއަތާ ނުކުންނަން ޖެހުނު ފިލްމީ ދާއިރާގެ ބޮޑު އެއް ނަން. އެވޯޑެއް ނުލިބި ދުވަސްވުން ސިފަކުރާނީ ކިހިނެތް؟
"އެއްވެސް އެވޯޑެއް ނުލި އެންމެފަހުން ދިއުން އަޅުގަނޑު އެއްގޮތަކަށް ވެސް ދެރައެއް ނުވޭ. އެއީ އައި ހޭވް އެޗީވްޑް އަ ލޮޓް. ނެޝެނަލް އެވޯޑުން ފެށިގެން ގޮސް އެމްއެފްއޭ އިން ފެށިގެން ގޮސް ރައީސްގެ ހިތްވަރު ދިނުމުގެ އެވޯޑް ވެސް ވަނީ އަޅުގަނޑަށް ލިބިފައި. އެހެންވީމަ އަޅުގަނޑު އުފާވޭ އަޅުގަނޑާ ވާދަކޮށް އާ ކުދިންތަކަކަށް އެވޯޑް ލިބުމުން. އެއީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް."
"ދެން އަބަދު އެވޯޑް ލިބުން ވެސް އެއީ އަޅުގަނޑު ގަބޫލުކުރާ ކަމެއް ނޫން. އަޅުގަނޑަށް ވުރެ ރަނގަޅު މަސައްކަތެއް އެހެން މީހަކު ވެސް ހަމަ ކޮށްފާނެ. ކުރެވެން ވެސް ޖެހޭ ދޯ. އެއީ ދޯ ކޮމްޕެޓިޝަން އަކީ."
ވާހަކަ ދައްކާއިރު ނުވަތަ މިފަދަ އިންޓަވިއުތަކުން ވެސް ފައްތާހުގެ ހާއްސަ ކަމެއް ރާގާއި ސަޅި ބަސްތަކުން ވެސް ފާހަގަކޮށްލެވޭ. ރީތިކަމުގެ މާނަ ދޭހަވާ ބަސްތައް ބޭނުންކުރާކަން ފާހަގަކުރެވޭނެ. މިކަމުގެ ސިއްރަކީ ކޮބާ؟
"ސަޅި، ހަބޭސް، ޗާލު މި (ބަސްތަކަކީ) ވަރަށް ރިލޭޓްވާ އެއްޗެހިތަކެއް އާންމު ދިރިއުޅުމާ. ފިލްމުތަކުގެ ޝޫޓިން ކުރިއަށްދާއިރު ވެސް ވަރަށް ހިތް ހަމަޖެހޭ ޝޮޓެއް ލިބިއްޖެ ނަަމަ ޔެސްއޭ (ކިޔާފައި) އެ ކިކު ދައްކާލެވޭނެ. (މިސާލަކަށް) ވަރަށް ސަޅި ޝޮޓެއް، އެ ނިމުނީ. ވަރަށް ހަބޭސް އިނގޭ. ދެން ވާހަކަ ދެއްކުމުގައި ދިވެހި ބަހަށް ކޮށީ ކަމަށް ވެސް ވެދާނެ. ވުން އެކަށީގެންވޭ. ބައެއް ތަންތަނުގައި ނުބައި ބަސް ވެސް ބޭނުންކުރާނެ. އެއީ މައްސަލައެއް ނޫން. އަންޑަސްޓޭންޑްވުން މިތާގައި އޮންނާނީ. ޑަބަލް މީނިން ވެސް ނަގަންވީ ނަގާނެ ބަޔަކު. އެކަމަކު ފައްތާހުގެ ސްޓައިލްގައި މިކަން ކުރިއަށް ގެންދަން ބޭނުންވަނީ. ލައިފަކީ ސަޅި އެއްޗެއް. އެއީކަން ނޭނގެ ހުރިހާ އެންމެން ވެސް ކޮޕީކޮށްލަންވީ އެއްޗަކީ."
ފައްތާހު އަކީ ފިލްމު ޑައިރެކްޓްކުރުމުގެ އިތުރުން އިޖުތިމާއީ ހަރަކާތްތައް، މިސާލަކަށް ވޭސްޓް މެނޭޖުމަންޓް ފަދަ ސީއެސްއާރު ހަރަކާތްތަކުން ވެސް ފާހަގަކޮށްލެވޭ މޫނެއް. މިއީ ކޮން ކަހަލަ ޝައުގުވެރިކަމެއް؟
"ސީއެސްއާރު ކޮމްޕޯނަންޓް ލާންވީ ހަމައެކަނި ބޮޑެތި ކުންފުނިތަކަކުންނެއް ނޫން. އަޅުގަނޑު ވެސް ނޫނީ ދެން ހުންނަ މީހަކު ވެސް އެބަޖެހޭ ސީއެސްއާރު ކޮމްޕޯނަންޓެއް ލާން. އަޅުގަނޑަށް ގައުމަކަށް ނުވަތަ މުޖުތަމައަށް ކޮށްދެވިދާނެ ބައިވަރު ކަންތަކެއް އެބަހުރި. އެގޮތަށް އަޅުގަނޑު ވިސްނާލިއިރު އަޅުގަނޑުމެން ޝޫޓިންތަކަށް ގޮސް ބީޗުތަކަށާއި ސޭންޑްބޭންކްތަކަށް ދާއިރު ފުރަތަމަ ކަމަކަށް މި ޖެހެނީ އެތަންތަން ސާފުކުރަން."
"ދެން އަޅުގަނޑު ހިތަށް އެރީ އެބަޖެހެއޭ މި މައްސަލަ ކޮންމެވެސް ވަރަކަށް ދިވެހިންގެ ސަމާލުކަމަށް ގެންނަން. އެގޮތުން އަޅުގަނޑު މި ފެށީ ރަނގަޅު ގޮތުގައި ކުނި މެނޭޖުކުރާ (ކެމްޕެއިނެއް). އެގޮތުން އަޅުގަނޑު ވާނީ މިހާރު 12 ރަށެއްގައި ހިލޭ ސާބަހަށް ހުރިހާ މުއައްސަސާތަކުގެ މީހުން މިކަމަށް އަހުލުވެރިކޮށްފައި. އެއީ މި ކެރިއާގައި ވެސް އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ފަހުރެއް. އަޅުގަނޑު އެންމެ އުފާވަނީ ވެސް އަޅުގަނޑުގެ ފަރާތުން އެހެން މީހުންނަށް ކަންތަކެއް ދަސްވެގެން ދިއުމުން."
- ފޮޓޯގްރެފީ އަދި ރީޓަޗިން: މިލްޒީރޯ ނިޝާން
- މޭކަޕް އަދި ސްޓައިލިން: ޖަސްޓިން
- ވޯޑްރޯބް: ސީ ގިއާ
- ވީޑިއޯ އަދި އެޑިޓިން: އަފްޝީން ނަސީރު / އަވަސް
- އެސިސްޓެންސް: ޝާޑު / ކ. ގުރައިދޫ
- ހާއްސަ ޝުކުރު: ކ. ގުރައިދޫ ކައުންސިލް
- ފޮޓޯޝޫޓް ލޮކޭޝަން: ޅޮސްފުށި / ކ. ގުރައިދޫ