- ނައިސްވީމަ ބައެއް މީހުން އޭގެ މާނަ އޮޅުވާލަނީ
- ހެދުން ނުނިންމައި ރިފަންޑް ނުދީއެއް ނުހުންނާނެ
- ރާއްޖޭގައި ދެވޭނެ އެންމެ މައްޗަކަށް މިހާރު ދެވިއްޖެ
ސޭންޑީ އަކީ ހަމަ ހަގީގަތުގައި ވެސް ވަރަށް "ނަ--އީ--ސް" މީހެކެވެ. މިއީ އެންމެ ކުރުކޮށް ވެސް އަދި ފޮނިކޮށް ވެސް މި ޒުވާން ފެޝަން ޑިޒައިނަރަކު ސިފަކޮށްދެވޭނެ ގޮތެވެ. ޚުދު އޭނާ އަމިއްލަ އަށް ވެސް ބުނަނީ މިހެންނެވެ.
އެކަމަކު ސޭންޑީގެ ވާހަކަ މިގޮތަށް ކިޔައިދޭ ނަމަ މި ވާހަކައެއް ދައްކައި ނުނިމެނީސް އެއް ބަޔަކު ރުޅިގަދަވެ ގަޔަށް އަތްލައި މާރަމާރީ ހިންގާ ހިސާބަށް ދާން ޖެހިދާނެކަމާ މެދަކު ޝައްކެއް ވެސް ނެތެވެ. ފެހުންތެރިއެއްގެ ގޮތުގައި އަދި ފެޝަން ޑިޒައިނަރެއްގެ ގޮތުގައި ސޭންޑީ އަށް ލިބިފައިވީ މަގްބޫލުކަމާއި މަޝްހޫރުކަމާއި ލޯތްބާ އެއްވަރަކަށް ނަފުރަތާއި ފުރައްސާރަ އާއި ދެކޮޅުވެރިކަން ވެސް ވަނީ އަމާޒުވެފަ އެވެ.
މީގެ ވަރަށް ކުޑަކުޑަ މިސާލަކީ، އަވަސް ވީކެންޑްގެ މި އަދަދުގެ ޓްރެއިލާ ފޭސްބުކްގައި އާންމުކުރުން މީހުންގަނޑު އަރައި ކޮމެންޓްގެ ކުޑަގޮޅީގައި ސޭންޑީގެ ނަފުސު ކަތިލައިލި ގޮތެވެ. ފާޑުކިޔަން ދިވެހިން ވަރަށް ވެސް މޮޅުވާނެ އެވެ. އެކަމަކު ސޭންޑީ އަށް އަމާޒުވީ ފާޑުކިޔުމެއް ނޫނެވެ. އެއީ އޭނާގެ ފަރާތުން ކެހިލިބި ރުޅިގަދަވެފައި ތިބި ކަސްޓަމަރުންނެވެ! -- އެ އެންމެންގެ ވާހަކައިގައި ބުނީ މިހެންނެވެ.
މި އެންމެނަށް ސޭންޑީގެ ނިކަން ވަރުގަދަ ރައްދެއް ކުރިއަށް އެބައޮތެވެ. އެކަމަކު ވެސް އޭގެ ކުރިން، ސޭންޑީގެ ފޮނި ތައާރަފުގެ އިތުރު ތައާރަފެއް ދޭނަމެވެ. އުމުރުން 24 އަހަރުގައި އޭނާ އަކީ މިއަދު މި ރާއްޖޭގައި ހުރި އެންމެ މަގްބޫލު އަދި އެންމެ މަޝްހޫރު އެއް ފެޝަން ޑިޒައިނަރެވެ. ބަޔަކު މީހުން ކިތަންމެ ރުޅިއަޔަސް ނުވަތަ އޭނާގެ މި ކާމިޔާބީގެ ދަތުރުގައި ބަޔަކަށް ކިތަންމެ ކެއްސެއް ދީފައިވިޔަސް ދެބަސް ވެވެން ނެތް ހަގީގަތަކީ މިއީ އެވެ. -- އެންމެ އާދައިގެ މީހާ އިން ފެށިގެން އެންމެ މަޝްހޫރު ސެލެބްރިޓީންގެ މެދުގައި ވެސް ސޭންޑީ އަކީ އަގުބޮޑު ބްރޭންޑެކެވެ.
ހެދުން ޑިޒައިންކޮށް ފަހަން ނޭނގޭ މީހަކު ނެތް އާއިލާއަކަށް ނިސްބަތްވާ މި ޒުވާނާގެ ކެރިއަރުގެ ފުރަތަމަ ރޮދި ޖެހީ 2012 ވަނަ އަހަރު އެވެ. އެއީ ޕްރިމިއާ ނައިޓަކަށް ހާއްސަކޮށްގެން ފިލްމީ ބަތަލާ އާމިރާ އިސްމާއީލަށް ފަހައިދިން ހެދުމެކެވެ. އެ ހެދުމުގެ ޖާދޫއާ އެކު ހުރިހާ ހިތެއް ގޮސް މި ސޭންޑީއެއްގެ ލާނދަލުގައި ޖެހުނީ އެވެ. މި އުޅޭ "ހޭޓާސް ގްރޫޕް" ތަކެއް އޭރަކު އަދި ނުއުފެދެ އެވެ. އެންމެނަށް ވެސް ސޭންޑީ ވަރެއް ނެތި، އިސާހިތަކު އޭނާ ރާއްޖޭގެ އެންމެ މޮޅު އެއް ފެޝަން ޑިޒައިނަރަށް ބަދަލުވީ އެވެ.
ނަމަވެސް މިއަދު ސޭންޑީ އަމިއްލަ އަށް އޭނާ "ނައީސް" މީހެއްގެ ގޮތުގައި ސިފަކުރިޔަސް މި ވާހަކައެއް ގަބޫލުކުރަން ވަރަށް ގިނަ މީހުން ބޭނުމެއް ނުވެ އެވެ. އޭގެ ތެރޭގައި ގިނައީ ކަސްޓަމަރުންގެ ގޮތުގައި ސޭންޑީގެ ހިދުމަތް ހޯދި ކަމަށް ބުނާ މީހުންނެވެ.
ކޮންމެއަކަސް ސޭންޑީއާ މެދު ދެކެވޭ ވާހަކަތައް ވަރަށް ވެސް ގިނަ އެވެ. އޭނާ ކުރަހައިގެން ފަހައި، ޖަރީކޮށްފައިވާ ހެދުމަކަށް ނާރާ އެތައް ކުލައެއް ވަނީ މި ވާހަކަތަކަށް އަރައިފަ އެވެ. މި ހުރިހާ ވާހަކަތަކަކަށް ސޭންޑީ ދޭން ބޭނުންވާ ރައްދު ތިރީގައި މި ވަނީ އެވެ.
ސޭންޑީ "ހަވީރު" ނޫހަށް ދިން މަޝްހޫރު އިންޓަވިއުއިން ހިނގާ ފަށައިގަންނަމާ. އެ އިންޓަވިއުގައި ސޭންޑީ ވަރަށް ބައިވަރު ދޮގު ހަދާފައި ހުރި ކަމަށް ކިޔުންތެރިން ތުހުމަތުކުރި. ބުނެވިދާނެތަ ސޭންޑީ އަކީ އިންޓަވިއުތަކުގައި ދޮގުހަދާ މީހެކޭ؟
"އިންޓަވިއުއެއްގައި ސުވާލުކުރީމަ، ސޭންޑީ ޖަވާބު ދޭނީ ކުރާ ސުވާލަކަށް. ސުވާލުކުރާ ގޮތަށް ޖަވާބު ދިނީމަ އޭގެ ބަދަލުގައި އިންޓަވިއު ޝާއިއުކުރެވޭއިރު (ދެކެވިފައިވާ ވާހަކަތަކަކަށް) ބަދަލު އައުމަކީ ސޭންޑީ ޒިންމާވާން ޖެހޭ ކަމެއް ކަމަކަށް ނުދެކެން. އެ އިންޓަވިއުގައި އެންމެ ބޮޑު އިޝޫއަކަށްވެފައި ހުރީ، 18 އަހަރުގެ ފެހުންތެރިޔާއޭ ޖެހީމަ. އޭރު ސޭންޑީ އަށް 21 އަހަރު. އެކަމަކު އިންޓަވިުއގައި ސުވާލުކުރީ މި މަސައްކަތް ފެއްޓީ ކިތައް އަހަރުގައިތޯއޭ ކިޔާފައި. ދެން ސޭންޑީ ބުނީ 18 އަހަރުގައޭ. އެކަމަކު އޭގައި 18 އަހަރުގެ ފެހުންތެރިޔާއޭ ޖަހާފައި އިނީމަ ސޭންޑީ ދަންނަ މީހުން ބުނާނެ ދޯ ސޭންޑީ އަށް 18 އަހަރެއް ނޫނޭ. އެއީ ވެފައި އިންގޮތަކީ."
އެ އިންޓަވިއުގައި ސޭންޑީގެ އަސްލު ނަމާއި އުމުރާއި އެހެނިހެން ވެސް އަމިއްލަ މައުލޫމާތުތައް އޮޅުވާލި ކަމަށް ބުނެ ވަރަށް ގިނަ މީހުން ކޮމެންޓްކޮށް ޝަކުވާ ވެސް ހުށަހެޅި. ސޭންޑީ ބުނެލަން ބޭނުންވާ އެއްޗެއް އެބައޮތަ މިކަމަށް؟
"ސޭންޑީ ބުނެލަން ބޭނުންވަނީ، ސޭންޑީގެ މި ނަމަކީ ވަރަށް މައްސަލަ އުޅޭ ނަމެއް. ފާސްވެސް ނުވެފައި އިން ނަމެއް. އާންމުކޮށް ކިޔާ ނަމާއި އައިޑީ ކާޑުގައި އިންނަ ނަމަކީ މުޅިން ދެ އެއްޗެއް. ސޭންޑީ ސޭންޑީގެ ގޮތުގައި (އުފެދުމުގެ) އަސްލަކީ ވެސް މިއީ ކަމަށް ވެދާނެ. ބުނެލަން ބޭނުންވަނީ (އިންޓަވިއު) ކިޔާ ބަޔަކު އޭގެ މާނަކުރިގޮތެކޭ އޮންނާނީ. އެނގެން ޖެހޭ މީހުންނަށް އެނގޭނެ ސޭންޑީ އަކީ ކާކުކަން. ސޭންޑީ އަކީ ކާކުކަން އެނގިގެން، އެކްސެޕްޓްކޮށްގެން އެކުގައި އުޅޭނީ."
ސޭންޑީގެ އަސްލު ނަމަކީ ހުސެން ޝަދިޔާންތަ؟ ބައެއް މީހުން ބުނޭ ސޭންޑީ އުޅެނީ ނަން ވެސް އޮޅުވާލައިގެންނޭ؟
"އައިޑީ ކާޑުގައި އަސްލު އިންނާނީ ހުސެއިން ހާޒިމް. އެކަމަކު އައިޑީކާޑުގައި އިންނަ ނަމެއް ނޫނޭ ސޭންޑީ އަށް (އާންމުކޮށް) ކިޔަނީކީ. އާންމުކޮށް ކިޔަނީ ހުސެއިން ޝަދިޔާން. ދެން އައިޑީ ކާޑާއި އެއްވެސް ލިޔެކިޔުމެއްގައި ވެސް ދުވަހަކު ވެސް ނުހުންނާނެ ޝަދިޔާން ޖަހާފައެއް. އެކަމަކު ކައިރީގައި އުޅޭ ރައްޓެހިންނަށް އަޅުގަނޑަކީ ޝަދިޔާންކަން އެނގޭ ނަމަ ޝަދިޔާންގެ ނަމުން ދޯ މުހާތަބުކުރާނީ. ޝަދިޔާންގެ ނަން އަސްލު ފާހެއް ނުވޭ. ޖީސީ ހަދަންވެގެން އެ ނަން ބަދަލުކުރީ. އެކަމަކު އެންމެ ކުރިން ވެސް މީހުން ކިޔަނީ ޝަދިޔާން."
"އެހެންވީމަ އަޅުގަނޑު ގަބޫލެއް ނުކުރަން (ނަމާއި މައުލޫމާތު) އޮޅުވާލީ ކަމަކަށް."
އެހެންވީމަ މި އިންޓަވިއުގައި އެއްވެސް އޮޅުވާލުމެއް ނާންނާނެ ކަމުގެ ކިހާ ޔަގީންކަމެއް ދެވިދާނެތަ ކިޔުންތެރިންނަށް؟
"އަދި ހަމަ ބަރާބަރަށް ކުރިއަށް މި ދަނީ"
ފެހުންތެރިއެއްގެ ގޮތުގައި ނުވަތަ ފެޝަން ޑިޒައިނަރެއް އަދި މީހުން ރީތިކޮށްދޭ މީހެއްގެ ގޮތުގައި ސޭންޑީ އަކީ ކިހާ އިތުބާރުކުރެވޭ މީހެކޭ ބުނެވިދާނެތަ؟ ބުނެވިދާނެތަ ސޭންޑީ ވަރެއް ހަމަ ނެތޭ؟
"އޭގައި އޮންނާނީ ސޭންޑީއާ ޑީލްކުރިގޮތެކޭ. މިހާރު ސޭންޑީ އަކީ ވިޔަފާރިއަކަށް ތަނެއް ހުޅުވައިގެން ފަހައިދޭ މީހެއް ނޫން. ފްރީލާންސްކޮށް މި މަސައްކަތްމިކުރަނީ. އެހެންވެއްޖެއްޔާމު ޕާސަނަލީ ޑީލްކުރަން މި ޖެހެނީ (ސީދާ) ސޭންޑީއާ. ޑީލްކުރާއިރު ސޭންޑީ އަށް ނައިސްވެފަ، ސޭންޑީ އަށް އެ ގާތްކަން އިނިއްޔާމު އެމީހަކަށް ވެސް ލިބޭނެ އޭތި. އެކަމަކު މިސާލަކަށް ސޭންޑީ ކައިރިއަށް އައިސް ސޭންޑީ ހިތްހަމަނުޖެހޭ ގޮތަކަށް، ސޭންޑީ މިއީ ވަރަށް ދަށް ފެންވަރުގެ މީހަކަށް ހަދާލާ އުސޫލުން ވާހަކަ ދައްކާ ނަމަ ސޭންޑީގެ (ފަރާތުން ވެސް ފެންނާނީ) އެ އެއްޗޭ. އެހެންވީމަ ނެގެޓިވް ކޮމެންޓާއި ޕޮޒިޓިވް ކޮމެންޓްސް ވެސް އަންނާނެ."
ބައެއް މީހުން ބުނެފައި އެބަހުރި ތިމަންނަމެންނަށް އެބަހުއްޓޭ ސޭންޑީއާ އެކު މަސައްކަތްކޮށް ލަނޑު ލިބިފައި. އެޑްވާންސަށް ފައިސާ ނަގާފަ ހެދުން ޑެލިވާނުކޮށްދޭ ޝަކުވާ ވެސް މީހުން ކުރޭ. ކީކޭ ސޭންޑީ ބުނެލަން ބޭނުންވަނީ؟
"މިސާލަކަށް ޓައިމް އަށް ނުނިމިދާނެ. އެއީ ވެދާނެ ކަމެއް. އެކަމަކު އެޑްވާންސް ސޭންޑީ (އަނބުރާ) ނުދީއެއް ނުހުންނާނެ. އެޑްވާންސް ހޯދަން އައިސްފި ނަމަ ދޭނެ. އެޑްވާންސް ހޯދަން ގުޅައިގެން ފޯނު ނުނެގި ގޮސްދާނެ. އެކަމަކު ވެސް އެއަށް ރިޕްލައިކުރާނަން. ދެން އޭގައިވާގޮތަކީ ފަހުން ސޭންޑީ އަށް ރީޗް އައުޓް ނުކުރާ ނަމަ ވެސް ނޭނގޭނެ ދޯ އޭގައި ވެފައި ހުންނަ ގޮތެއް. ސޭންޑީގެ ރެގިއުލާ ކަސްޓަމާސް އަށް އެނގޭނެ ހިތްހަމަނުޖެހިއްޖެ ނަމަ އަމިއްލަ އަށް ފޮތި ގަނެފަ ވެސް މަސައްކަތްކޮށްދެން"
"އެކަމަކު ހިތްހަމަނުޖެހިގެން ގޮސް މޫނު މައްޗަށް ހަޅޭލަވާލާފައި އެގޭގެ މީހަކު (ބިރުދައްކަން) ފޮނުވީމަ ސޭންޑީ ނުވާނެއޭ (އެ ހެދުމެއް) ފަހައިދޭ ހިތެއް. އަބަދުވެސް ކަސްޓަމަރުން ކައިރީގައި ބުނަނީ، ހިތްހަމަނުޖެހެންޏާމު ސޭންޑީ ކައިރީގައި ބުނެލައްޗޭ."
"ބައެއް މީހުން އެބަހުރި ހެދުން ގެންދާތާ ފަސް ދުވަސް ވަންދެން ހަބަރެއް ނުވެފައި ދެން އަނެއްކާ ގުޅާފައި ރީފަންޑް ހޯދަން ވެސް ބުނެފައި. މުޅި ލާރި އެއްކޮށް ދޭންވީ، އެކަމަކު އޭނަ ހެދުން ބޭނުންކުރި ކަމެއް ނުކުރާ ކަމެއް ވެސް ނޭނގޭ. މިކަހަލަ މައްސަލަތަކެއް އުޅެނީ. އެކަމަކު ރީފަންޑް ހޯދަން ބުނެފި ނަމަ ރީފަންޑް ނުދީއެއް ނުހުންނާނެ."
ބުނެވިދާނެތަ މި ހުންނަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެކޭ ނުވަތަ ސޭންޑީގެ އަގު ވައްޓާލަން ބަޔަކު މީހުން ދައްކާ ވާހަކަތަކެކޭ؟
"ތިއީ ވެސް ވާ ގޮތެއް. ބައެއް ފަހަރު ހިތްހަމަނުޖެހޭ ކަންތައްތައްވީމަ އެއްބައި މީހުން އޭތި ވަރަށް ބޮޑަށް ނަގަނީ. ސޭންޑީ ކައިރިއަށް ވަރަށް ފަހުން ކުއްޖަކު އައި. އެ ކުއްޖާ އައިސް ބުނާ އެއްޗަކީ މީހުން ބުނެޔޯ ސޭންޑީ ފަހައި ދެނީ ވަކި ބަޔަކަށޭ ރީތިކޮށް. އަނެއް ބައި މީހުންނަށް ފަހައެއް ނުދޭނެއޭ ރީތިކޮށެއް"
އެއީ ތެދެއްތަ އަނެއްކާ؟ އަދި މީހުން ބުނޭ ކަސްޓަމަރުންގެ ތެރެއިން ބައެއް އަންހެން ކުދިންނާ ސޭންޑީ މާ ގައިގޯޅިވެ ގުޅުން އުފައްދަން އުޅޭ ކަމަށް ވެސް. އެއީވެސް ތެދެއްތަ؟
"ސޭންޑީ މިއީ ވަރަށް ހަމަ އޯވަ ޓޮޕް ނައިސް މީހެއް. ވަރަށް ނައިސްވާނެ. އަންނަ ކުއްޖާ ނުވަތަ ކްލައިންޓް ސޭންޑީ އަށް ރަނގަޅުވެއްޖެ ނަމަ ސޭންޑީ އަދި އެއަށް ވުރެން ރަނގަޅުވާނެ. ދެން އެގޮތަށް ނައިސްވުން، ނުބައިކޮށް އޭގެ މާނަ އޮޅުވާލައިގެން ބައެއް ކުދިން އެބަހުރި ހަމައެކަނި ހެދުން ފެހުމުގެ ނަމުގައި ޗެޓުކޮށް ވާހަކަ ދައްކާފަ ވެސް. އެގޮތަށް ވާހަކަ ދައްކަމުން ގޮސް އަންހެން ކުއްޖާގެ (ބިޓު ރުޅިއައިސްގެން) މައްސަލަ ޖެހޭ ހިސާބަށް ވެސް ކަންތައް ގޮސްފައި އެބަހުރި."
"ދެން މިހެންވީމަ ބައެއް ފަހަރު އަންހެން ކުދިންގެ ހެދުން ފިޓިން އަށް ވެސް ދޭން ޖެހޭ ވަގުތާއި ސަމާލުކަމެއް އަސްލު ނުދެވޭ. ބިޓު ރުޅިއައިސްދާނެތީ ރަނގަޅަށް ފިޓްނުކުރެވި ދޫކޮށްލީމަ ހަޑިވެސް ވެދާނެ ހެދުން. ދެން މި އަންނަނީ އެ ހެދުމަށް ރިފަންޑް ހޯދަން."
އެހެންވީމަ އަހަރެމެންނަށް ކިޔައިދީބަލަ ސޭންޑީގެ އުސޫލުތަކާއި ސްޓައިލްތަކާއި ކްލައިންޓުން ގެންގުޅުމުގައި ވިސްނާ އަދި ސަމާލުކަންދޭ ކަންތައްތައް؟
"ފުރަތަމަ ކަމަކަށް ބަލަނީ ބަޖެޓަށް. ކްލައިންޓްގެ ބަޖެޓަކީ ކޮބައިތޯ. އޭރުން ސޭންޑީ އަށް އެނގޭނީ ކުރަން ޖެހޭ މަސައްކަތް. އެ ހެދުމަކަށް ސްޕެންޑް ކުރެވޭނެވަރު. ދެން ބަލަނީ ކުއްޖާގެ ފިގާ އަށް. ދެން ބަލަނީ އެ ކުއްޖަކު ބޭނުންވަނީ ކޯއްޗެއްތޯ. މި ހުރިހާ އެއްޗެހިތަކެއް މިކްސްކޮށްގެންނޭ ބޭނުންވާ އެތި ނެރެވޭނީ."
ސޭންޑީ ވެސް މި ހިސާބަށް އަންނާނީ ވަރަށް ގިނަ ދުވަހުގެ މަސައްކަތާއި ސްޓްރަގްލްއަށް ފަހުތާ. އެގޮތުން މިއަދު އާދެވިފައި މި ހުރި ހިސާބު ސިފަކުރާނީ ކިހިނެތް އަދި ދިމާވި އެންމެ ބޮޑު ގޮންޖެހުންތަކަކީ ކޮބާ؟
"މިހާރު މި އާދެވިފައި ހުރި ހިސާބު ސިފަކުރާ ނަމަ ބުނާނީ ރާއްޖޭގައި މިހާރު އާދެވޭނެ އެންމެ މައްޗަކަށް އާދެވިފައޭ މިހުރީ. ޕޮޕިއުލާރިޓީގެ ގޮތުން. މީހުންނަށް އިނގޭ. ރާއްޖެއިން ޓޮޕް ފައިވް ޑިޒައިނާސް ނަގަންޏާމު ސޭންޑީގެ ނަން އިންނާނެ އޭގައި. އިނދޭ. މިވީހާ ތަނަށް ނަން ހިމެނުނު. އޭގެ މާނަ އަކީ، ސޭންޑީގެ އަދި ވަކި ޝޮޕެއް ނެތަސް، ކޮންމެ ތަނެއްގައި ކޮންމެ ގޮތަކަށް މަސައްކަތްކުރިޔަސް ސޭންޑީ ބަލައިގަނެފިއޭ މީހުން"
"މިހިސާބަށް އައުމަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ މީހުން ދެކޭ ގޮތް. ކުރިން ސޭންޑީ އަކީ ވަރަށް މަޑުން ހުންނަ މީހެއް. ސްކޫލުން ގެއަށް. ގެއިން ސްކޫލަށް. އެކަމަކު މި މަސައްކަތްކުރަން ފެށި ހިސާބުން މީހުން ދެކޭ ގޮތް ވަރަށް ބޮޑަށް ބަދަލުވެއްޖެ. ރެސްޕެކްޓަށް ވުރެން ބޮޑަށް ޑިސްރެސްޕެކްޓްކަން ނޭނގެ އަމާޒުވަނީ. އެއީ ވަރަށް ބޮޑު ގޮންޖެހުމެއް. މީހުން ދެކެނީ ވަރަށް ގޯސްކޮށް މީތި. ފިރިހެން ކުއްޖަކު (ފަހައި ޑިޒައިންކުރުން) މީހުން ބަލައެއް ނުގަނޭ."
ފަހަން އަދި ހެދުން ޑިޒައިންކުރުމަށާއި މީހުން ރީތިކުރުމަށް ޝައުގުވެރިވެ މި މަސައްކަތުގައި މިގޮތަށް ކުރިއަށް ދާން ބޭނުންވީ ކީއްވެގެންބާވައޭ އަހަރެންގެ ހިތަށް އަރަނީ ސޭންޑީ؟ މި ނޫން އެހެން މަސައްކަތެއް ދުވަހަކު ވެސް ކުރިންތަ؟
"ގޮންޖެހުންތަކާ އެކު ވެސް ކުރިއަށް ދާން ބޭނުންވަނީ، މި މަސައްކަތުން ވަރަށް ހަމަޖެހިލައިގެން މަސައްކަތްކޮށްލައިގެން ވެސް ވަރަށް ރަނގަޅު އާމްދަނީއެއް ލިބޭ. ވަރަށް ކުރާ ހިތްވާ ކަމެެެއް. ކިތަންމެ ގިނައިރުވަންދެން ކުރަން ޖެހުނަސް ފޫހިނުވާ ކަމެއް. މަސައްކަތެއް ކުރާ ނަމަ އެންމެ މުހިންމުވާނީ ކުރާހިތުން ކުރުން. އެއީ ލިބޭ އިން ޕުޓް މާ މަތިވެފައި، މީހުން އެކިޔާ އެއްޗިއްސަށްވުރެން އޭތި މާ ސަޅިވީމަ ކަމަށް ވެސް ވެދާނެ"
"މީގެ ކުރިން، އަޅުގަނޑު ވީޓީވީގައި އޮންއެއާ އޮޕަރޭޓަރަކަށް އުޅުނިން އެއް އަހަރު ވަންދެން. އާންމުކޮށް ބޭރަށް ދާ މީހަކަށް ނުވީމަ، ދުނިޔެ ދަސްކުރަން އެތަނަށް ދިޔައީ. މާލެ ތެރެއަށް ރަނގަޅަށް ނުކުމެވުނީ އެތަނަށް ޖޮބަށް ދާން ފެށި ހިސާބުން."
ސޭންޑީގެ ޑިޒައިންތަކަށް ވަރަށް ތައުރީފު އޮހޭ މަންޒަރު ވެސް ފެނޭ. ވަކިން ހާއްސަކޮށް ލަވަކިޔުންތެރިޔާ އަޝްފާ އަކީ ސޭންޑީގެ ވީއައިޕީ ކްލައިންޓެއްކަން ފާހަގަކޮށްލެވޭ. ސޭންޑީގެ ކާމިޔާބީގައި އަޝްފާ ސިފަކުރާނީ ކޮން ގޮތަކަށް؟
"ސްކޫލް ނިމުނު ފަހުން ލައިފަށް އައި އެންމެ މުހިންމު އެކަކު އެއީ. އަޝްފާ އައި ހިސާބުން މީހުންނަށް އެނގުނީ. ހެސްކިޔާފައި އަރައިގެން ދިޔައީ. ސޭންޑީ 2012ގައި ހެދި ނިއު އިޔާ ރިޒޮލިއުޝަނަށް ރީޗްވެވިއްޖެ އެ އަހަރުގެ ފެބްރުއަރީ މަހު. ސޭންޑީ ބޭނުންވީ ފެޝަން ޑިޒައިނިން ދާއިރާ އިން ހެސްކިޔާފައި ނުކުންނަން. މިސާލަކަށް އޭރު ޖާދުﷲ (އިސްމާއިލް) ހުރި ލެވެލް. ފިލްމީ ދާއިރާގައި ވެސް އެންމެ ގިނަ ހެދުން ޑިޒައިންކޮށްދޭ މީހަކީ އެއީ. އެއީ ސޭންޑީ ވެސް ދާން ބޭނުންވި ހިސާބަކީ. ދެ މަސް ދުވަސް ތެރޭގައި އެކަން ކުރެވި، ލަވަކިޔާ މީހުންނާއި ފިލްމީ ދާއިރާގައި ވެސް ނެތް ސޭންޑީ މަސައްކަތްނުކުރާ މީހަކު. އަޝްފާ އައި ހިސާބުން ވަރަށް ބޮޑަށް ޗޭންޖުވީއޭ. އޭނާ އަކީ ވަރަށް މުހިންމު މީހެއް އެހެންވީމަ."
މިހާތަނަށް އެންމެ ހިތްހަމަޖެހިގެން ޑިޒައިންކުރެވުނު ހެދުމަކާއި އެންމެ މަސައްކަތްކުރަން ފަސޭހަ ކްލައިންޓެއް ފާހަގަކުރާ ނަަމަ ކޮން ހޮވުންތަކެއް ނަގާނީ؟
"ވަރަށް ގިނައިން އާދޭ މަސައްކަތްކުރަން ވަރަށް އީޒީ ކްލައިންޓުން. މިސާލަކަށް ލާރި ދީފައި ސޭންޑީ ބޭނުންވާ ގޮތަކަށް ހެދުން ފަހަން ދޫކޮށްލާ ވަރަށް ގިނަ މީހުން ވެސް އާދޭ. ދެން މިހާތަނަށް އެންމެ ހިތްހަމަޖެހޭ މަސައްކަތަކީ ފޯފޯ ޓޫ ސިކްސްގެ ޕްރިމިއާ ނައިޓަށް (ބަތަލާ މަރިޔަމް) އައްޒަގެ ހެދުމަށް ކުރި މަސައްކަތް. ދެން މިދިޔަ އަހަރު އެހަނދާނުގައި އަޝްފާގެ ހެދުން."
ރާއްޖޭގެ މަޝްހޫރު އެހެން ފެޝަން ޑިޒައިނަރުންނާ އަޅާ ބަލާއިރު ސޭންޑީގެ ސްޓައިލް ތަފާތުވާ ގޮތާއި ހާއްސަވާ ސިފަތަކަކީ ކޮބައިކަން އަހަރެމެންނަށް ކިޔައިދީބަލަ؟
"ސޭންޑީގެ ހެދުންތަކުގެ ބޮޑީ ކަޓު ވަރަށް ފެމިނިންވާނެ. ވަރަށް ބޮޑަށް. މިސާލަކަށް ޖާދު އަށް ބުނާ ނަމަ ޖާދުގެ ހެދުންތައް ވަރަށް ވިދާނެ. ނާޒިޔާގެ ހެދުންތަކުގައި ވަރަށް މާތައް ހުންނާނެ. ކޫސަނި މަސައްކަތްކުރާ ނަމަ ނަގާ މީހެއް ރިމީ އަކީ. އެގޮތަށް ސޭންޑީ މަޝްހޫރުވެފައި ހުންނަނީ ފިގާ ކަޓް، ބޮޑީ ކަޓް އެންމެ ރީއްޗަށް ނަގާ މީހާގެ ގޮތުގައި. އެގޮތަށް މީހުންގެ ފަރާތުން ކޮމެންޓްސް އައިފައި ހުންނަނީ. އެއީކަން ނޭނގެ އެންމެ ހާއްސަ ސިފައަކީ ވެސް."
މީހަކު މޭކަޕްކޮށް ރީތިކުރުމުގެ ޒިންމާއާ ހަވާލުވެއްޖެ ނަމަ ސޭންޑީ އަމަލުކުރާ ތަރުތީބަކީ ކޮބައިތަ؟ މިސާލަކަށް ސޭންޑީއާ އެކު މަސައްކަތްކުރަން ބޭނުންވާ މީހަކަށް ކިޔައިދެނީ ނަމަ؟
"ސޭންޑީއާ އެހާ ބީރައްޓެހިވެއްޖެއްޔާމު ސޭންޑީ ވަރަށް ޖެހިލުންވާނެ. ސޭންޑީއާ ޖެހޭނެ ވާހަކަ ދައްކަން. ވަރަށް ފްރެންޑްލީކޮށް ވާހަކަ ދައްކަން ޖެހޭނެ. އެބައި ރަނގަޅަށް ގޮސްފި ނަމަ ދެން ވަރަށް ސަޅިކޮށް ދާނީ."
މި މަސައްކަތުގައި ލިބޭ އެންމެ ބޮޑު ހިތްވަރަކީ ނުވަތަ ކުރިއަށް ދާން އިންސްޕަޔާވާ ގޮތްތަކަކީ ކޮބައިތަ؟ ބުނެވިދާނެތަ ބޭރުގެ ޑިޒައިނަރުންގެ ޑިޒައިންތައް ކޮޕީކުރާ މީހެކޭ؟
"ސޭންޑީ ވަރަށް ފޮލޯކުރަން ބޭރުގެ އިންޓަނޭޝަނަލް ބޮޑެތި ޑިޒައިނަރުންތައް. އެމީހުންގެ ޓްރެންޑްސް ވަރަށް ފޮލޯކުރަން. އެކަމަކު ކޮޕީއެއް ނުކުރަން. އެމީހުންގެ ހުރިހާ އެއްޗަކުން އިންސްޕަޔާވެގެން ހުންނާނެ ވަރަށް ވޯކްކުރެވިފައި. ޒުހެއިރު މުރާދު، އެލީސާ ޒިޔާދުމެން ކަހަލަ ފެޝަން ޑިޒައިނަރުންނަކީ ރެގިއުލާކޮށް ފޮލޯކުރާ މީހުން. އެމީހުންގެ ހިޔާލުތަކާއި ސޭންޑީގެ ހިޔާލުތައް މިކްސްވާތީކަން ނޭނގެ މިހާ ޔުނީކްވަނީ މަސައްކަތް."
ބުނެވިދާނެތަ ސޭންޑީ އަކީ އަގުބޮޑު މީހެކޭ ނުވަތަ އާންމުކޮށް ނަގާ އަގުތަކަކީ ރަނގަޅު އަދި އެކަށީގެންވާ އަގުތަކެކޭތަ ބުނާނީ؟
"ބުނެވިދާނެ ސޭންޑީ އަކީ އަގުބޮޑު މީހެކޭ. ސޭންޑީ އަގުބޮޑުވާއިރުގަ އާންމުކޮށް މީހުން ބޭނުންކުރާ މެޓީރިއަލްތަކަށް ވުރެން އަގުބޮޑު މެޓީރިއަލް ސޭންޑީ ބޭނުންކުރާނީ. މެޓީރިއަލް ވެސް އެއްޗެހި ވެސް ތަފާތުވާނެ. އެކަމަކު ގެރެންޓީވާނެ އެ އަގަށް ވޯތުވާނެކަން. އެ ވަރަށް ކިޔައިދެން ކަސްޓަމަރަށް."
ފެޝަން ޑިޒައިންގެ ދުނިޔެ ދޫކޮށް މިހާރު ސޭންޑީ ފިލްމުތަކުން ވެސް ކޮންމެވެސް ވަރަކަށް ފެންނަކަން ފާހަގަކޮށްލެވޭ. މިއީ އަނެއްކާ ކޮން ކަހަލަ ބަދަލެއްތަ؟
"ސޭންޑީ އަށް ހީވަނީ، ވާގޮތަކީ މިހާރު އަބަދު އެކުގައި އުޅެނީ މުޅިން ވެސް ފިލްމީ ދާއިރާގެ މީހުން. އެންމެ ގާތް ރައްޓެހިންގެ ގޮތުގައި ނުވަތަ ހާއި ބާއިގެ ގޮތުގައި ވެސް ތިބީ ފިލްމީ ދާއިރާގެ މީހުން. އެހެން އުޅޭތީ (ފިލްމު ކުޅެން ވެސް) ހިތްޖެހިފައި ހުންނަނީ. އެއީކަން ނޭނގެ ވާގޮތަކީ. ސްކޫލްގައި ވެސް ހުރިހާ އިތުރު ހަރަކާތެއްގައި އުޅޭނެ. އެހެންވީމަ ސޭންޑީ އަށް އެނގޭ މިއީ ވެސް ކުރެވިދާނެ ކަމެއްކަން ކުރަން އުޅެފިއްޔާމު. ގައިގަ ހުންނަ ޓެލެންޓެއް އެއީ."
އެކްޓަރު އަހުމަދު އަޒްމީލް އާއި އިސްމާއިލް ޖުމައިހްއާ އެކު ސޭންޑީ ވަރަށް ގިނައިން ފެނޭ. ސޭންޑީގެ ހަޔާތުގައި މިއީ ކިހާ މުހިންމު ދެ މީހުންތަ؟
"މިފަހުން ވަރަށް ބައިވަރު ކަންތައް ވެއްޖެ. ސޭންޑީއޭ ކިޔައިގެން މީހުން ވަރަށް ބައިވަރު ވާހަކަ ވެސް ދައްކަން ދައްކައިފި. މި ކަންތައްގަނޑު ތެރެއިން ސޭންޑީ އަކީ ސޭންޑީކަން ގަބޫލުކުރި ދެ މީހުންކަން ނޭނގެ އެ ދެ މީހުންނަކީ. އަޒްމީލް އާއި ޖުމާހު އެކަންޏެއް ނޫން. އައްޒަ ވެސް އެހާ ގާތްކޮށް އުޅެނީ. އަޒްމީލްގެ އެހެން ރައްޓެހިން ވެސް އެހާ ގާތްކޮށް އުޅެނީ. ސޭންޑީގެ ޕޮޓެންޝިއަލް އެމީހުންނަށް އެނގޭކަން ނޭނގެ ރަނގަޅަށް. ދެން ކުރިން ވެސް ބުނި ވާހަކަ އޮތީ. އެމީހުން ފިލްމީ ދާއިރާގައި މަސައްކަތްކުރާތީ ސޭންޑީ އަށް ޖެހޭ އެމީހުންނާ އެކު ވަރަށް ބައިވަރު މަސައްކަތްކުރަން. އެގޮތުން އުފެދިފައި އޮތް ރަހުމަތްތެރިކަމެއް އެއީ. ވަރަށް ރަނގަޅު ދެ ރަހުމަތްތެރިން އެއީ."
- ފޮޓޯގްރެފީ އަދި ރީޓަޗިން: މިލްޒީރޯ ނިޝާން
- ވޯޑްރޯބް: ސޭންޑީ، ޗެޕްސް، ޒީ ބުޓީކް
- މޭކަޕް އަދި ސްޓައިލިން: ސޭންޑީ
- ވީޑިއޯ އެޑިޓިން: އަފްޝީން ނަސީރު / އަވަސް