ދިވެހި ސިނަމާ

ނަހޫ ސްޓައިލްގެ އެ-ޖޯކް!

ވާހަކަ ލިޔުންތެރިޔާ އަދި ޑައިރެކްޓަރު ފާތިމަތު ނަހުލާ "އެކޮއި" ގެ ނަމުގައި ކަމްބެކެއް އިއުލާނުކުރުމުން އޭނާގެ ވާހަކައެއް މިހާރު ދެއްކޭވަރެއް ނޫނެވެ. "އެ-ނަހުލާ"، "އެ-ފިލްމެއް" އުފައްދަން އުޅޭ ވާހަކަ އެންމެން ވެސް ޖޯކަކަށް ހަދައިފި އެވެ.

ވީގޮތް އެނގޭ ހެއްޔެވެ؟

އަނިޔާކޮށް މަރާލާފައިވާ ކުޑަ ފިރިހެން ކުއްޖަކު ވ. ރަކީދޫ އިން ފެނި ގައުމު އެކުގައި ނިކަން ވަރުގަދަ އަށް "ނަހޫ-ސްޓައިލްގައި" ޖެހުނީ އެވެ. އުފައްދާލާނެ ފިލްމުގަނޑެއް ނުލިބި، "ގިސް" އޭ ކިޔުނު ފިލްމެއް ކިހިލީގައި ޖަހައިގެން ސިޔާސީ މައިދާނާއި އޮލިމްޕަހަށް ވަދެ ނުކުމެ އުޅުނު ނަހުލާގެ ކަންފަތުގައި ވެސް ރަކީދޫ ކުއްޖާގެ ވާހަކަ ޖެހުނީ އެވެ.

އިސާހިތަކު ނަހޫ ސްޓައިލްގެ ބޮކި ދިއްލި، މި އޮތްހާ ދުވަހު ބޮލަށް ނައިސްގެން އުޅުނު ހިޔާލުތަކުން ނަހުލާގެ ސިކުނޑި އުތުރިއަރައި ބަންޑުންވާން ފެށީ އެވެ. އެހިސާބުން، "ގިސް" އޭ ކިޔުނު ކަރުނައިގެ ޕްރޮޖެކްޓް އެއް ފަރާތްކޮށްލުމަށް ފަހު ވ. ރަކީދޫ އިން ފެނުނު ކުއްޖާގެ ވާހަކަ ކިޔައިދޭން "އެކޮއި" ގެ ނަމުގައި، ދެނަކާ ދެނެއް ނެތި ވަގުތުން ފިލްމެއް އިއުލާނުކޮށްލީ އެވެ.

އެ ކުއްޖާގެ ރަހުމްކުޑަ މަރާ އެކު ގައުމަށް ވެރިވެފައި އޮތް ހިތާމައާއި ލިބުނު ހައިރާންކަމަށް ވަގުތު ދޭކަށް ވެސް ނަހުލާ ބޭނުމެއް ނުވި އެވެ. އެހެން ބަޔަކު މި ކުއްޖާގެ ވާހަކަ އަށް ފިލްމެއް އުފައްދަފާނެ ކަމުގެ ބިރަށް އެންމެނަށް ވުރެ ކުރިން ނަހުލާ އަވަސްއަރުވާލައިގެން "އެކޮއި" ގެ ނަމުގައި ރަކީދޫ ކުއްޖާގެ ފިލްމު އިއުލާނުކޮށް އޭގެ މަސައްކަތް ފެށައިގަތީ އެވެ.

އެއަށް ފަހު މީހުން ފާޑުކިޔަން ފެށީމަ މި ބުނަނީ މިހެންނެވެ.

"މި ހާދިސާގެ މައްޗަށް ފިލްމެއް އުފައްދަނީ ފިލްމެއް އުފައްދާނެ ވާހަކައެއް ނެތިގެންނެއް ނޫން. އަޅުގަނޑަކީ ވާހަކަ ލިޔާ މީހެއް. އެހެންވީމަ މިދިޔަ ތިން ހަތަރު އަހަރު ވަންދެން އަޅުގަނޑު [ފިލްމެއްގެ މަސައްކަތް ނުފަށައި] ހުރީ ވާހަކައެއް ނެތިގެންނޭ ނުބުނެވޭނެ،" މިހެންނެވެ.

އެއަށް ފަހު މިހެންނެވެ.

"މިއީ އެއްގޮތަކަށް ވެސް ވިޔަފާރީގެ އުސޫލުން އަޅުގަނޑުކުރާ ކަމެއް ނޫން. އަޅުގަނޑަށް ލާރި ނުލިބިގެން ފަށާ މަސައްކަތެއް ނޫން."

ނަމަވެސް ނަހުލާގެ މި ވާހަކަ ގަބޫލުކުރާ ބަޔަކު ތިބިހެންނެއް ހީއެއް ނުވެ އެވެ. އެންމެން ވެސް ބުނަނީ މުހައްމަދު އިބްތިހާލްގެ މަރަށް ނަހުލާ ފިލްމެއްގެ އުފެއްދުމުގެ ފަހަތުގައި ފޮރުވިފައި ވަނީ ހަމަ އެންމެ ބޭނުމެއް ކަމަށެވެ. އެއީ އިބްތިހާލުގެ މަރުގެ ވާހަކަ ކިޔައިދީގެން ބަޔަކު މީހުން ޖަޒުބާތުގައި ޖައްސައިގެން ގިނަ އަދަދަކަށް އެއިން ފައިސާ ނެގުމެވެ.

މި ވާހަކަ ގަބޫލުކުރަން ވެސް ފަސޭހަ އެވެ. ނަހުލާގެ ފިލްމެއް 2009 ވަނަ އަހަރަށް ފަހު ބެލުންތެރިންނާ ހަމަ އަކަށް ނާދެ އެވެ. އޭގެ ފަހުން ނަހުލާ ފިލްމެއް ޕްރޮޑިއުސްކުރިޔަސް "ނަހޫ-ސްޓައިލް" ގެ ޖާދޫއެއް ދެއްކިފައެއް ނުވެ އެވެ. އެހެންވީމަ، "ނަހޫ-ސްޓައިލް" އޮތީ ފާޑަށް އަޑިއަޅާލައިފަ އެވެ.

މި ހާލަތުގައި ނަހުލާގެ ފިލްމީ ހަޔާތް އޮތްވައި އެނބުރި އައުމަކަށް ވިސްނާއިރު، ކަމްބެކް ވީހާ ވެސް ވަރުގަދަވާން ޖެހޭނެއެއް ނޫން ހެއްޔެވެ؟ އޭގެ ޖަވާބަކަށް ނަހުލާ އަށް ފެނުނީ "އިބްތިހާލް" ގެ ފިލްމެވެ.

މި ވާހަކަ ދެއްކީމަ ނަހުލާ އަންނަނީ އަދި އަމަށަކު ރުޅިއެއް ވެސް ނޫނެވެ. ފިލްމުގެ ޝޯތައް ކުރިއަށް ގެންދާނީ ޓިކެޓް ވިއްކައިގެން ތޯ ނުވަތަ އެ ފިލްމުން ލިބޭ ފައިސާ ޗެރިޓީއަކަށް ހަދިޔާކުރާނެތޯ ސުވާލުކުރުމުން ވެސް އޭނާ ހިތްހަމައެއް ނުޖެހުނެވެ.

ބުނެފައި ވަނީ އެއީ އެއްވެސް ބަޔަކާ ބެހޭ ކަމެއް ނޫން ކަމަށާއި ފިލްމުގެ ޝޯތައް ކުރިއަށް ގެންދާނެ ގޮތާއި ލިބޭ ފައިސާ އަށް ހަދާނެ ގޮތެއް ވެސް އަދި ނުނިންމާ ކަމަށެވެ.

ނަހުލާގެ ރާގު ހުރި ގޮތުން އޭނާގެ ވިސްނުން ހުރީ ފިލްމުން ވިޔަފާރީގެ ބޮޑު ފައިދާއެއް ނެގޭ ފަދަ ގޮތަކަށް އޭގެ ޝޯތައް ކުރިއަށް ގެންދިއުމަށެވެ.

އޭނާ ބުނެފައި ވަނީ ފިލްމު އުފެއްދުމަށް ހޭދައެއް ވެސް ކުރަން ޖެހޭއިރު އެބަދަލު ވެސް ލިބެން ޖެހޭނެ ކަމަށެވެ. ނަމަވެސް ބަޔަކު މީހުން ފިލްމަށް ހޭދަކުރާ ނަމަ އެއީ ލިބޭނެ ފަސޭހައެއް ކަމަށް ވެސް ނަހުލާ ބުނެފައިވެ އެވެ.

ކޮންމެއަކަސް، މައުސޫމް އިބްތިހާލްގެ މަރަކީ ނަހުލާ އާއި ދިވެހި އޯޑިއެންސަށް އެންމެ ބޭނުންވާ ކަހަލަ ވާހަކަ އެކެވެ. މިއީ "ނަހޫ-ސްޓައިލް" ގެ ތައްގަނޑު ޖަހައި މިހާރު ވެސް ފާސްކޮށްފައިވާ ވާހަކަ އެވެ.

ނަހުލާ އަކީ އެއްވެސް އިރެއްގައި ފިލްމު އުފެއްދުމުގެ އާޓަށް އޮތް ލޯތްބެއްގެ ބޮޑުކަމުން ފިލްމު އުފައްދާ ފަރާތެއް ނޫނެވެ.

ނަހުލާ އަކީ ކޮމާޝަލް ފިލްމު މޭކާ އެކެވެ. ވިޔަފާރިއެއްގެ ބޭނުމުގައި ނޫން ގޮތަކަށް ނަހުލާ ފިލްމެއް ނުއުފައްދާނެ އެވެ. އިބްތިހާލުގެ ވާހަކަ އަށް ނަހުލާ ފިލްމެއް އުފައްދަން އުޅެނީ ބަޔަކަށް މެސެޖުތަކެއް ދީ ބަޔަކު ހޭލުންތެރިކުރުމަށޭ ބުނީމަ އެ ވާހަކަ ގަބޫލުކުރަން މިހާ އުނދަގޫވެގެން އުޅޭ ސަބަބަކީ ވެސް މިއީ އެވެ.

އިޖުތިމާއީ މައްސަލަތަކަށް އަލި އަޅުވައިގެން ނަހުލާ މިހާރު ވެސް އެތައް ފިލްމެއް އުފައްދައިފި އެވެ. ނުކުތް ނަތީޖާއެއް ވެސް ނެތެވެ. އަނެއްކޮޅުން ބައެއް މީހުން ބުނަނީ ނަހުލާގެ މިފަދަ ފިލްމުތަކަން ފައިދާއެއް ކުރުމުގެ ބަދަލުގައި މުޖުތަމައަށް ކުރާ ނޭދެވޭ އަސަރު މާ ބޮޑު ކަމަށެވެ. 

ނަމަވެސް ނަހުލާގެ ވާހަކަ ތަފާތެވެ. އޭނާ ބުނަނީ އިބްތިހާލް ފަދަ ކުދިންގެ ވާހަކަ ބޮޑު ސްކްރީނަށް ގެނެސްގެން އޭގެ ޖަޒުބާތުގައި މީހުން ޖައްސައިގެން އެތައް ބަޔަކު ވެސް ރަނގަޅުކޮށްލެވިދާނެ ކަމަށެވެ.

"ފީޗާއެއްހެން އުފެއްދީމަ އޭގެ އިމޯޝަންތަކާ އެކު އައިސްގެން މީހުންނަށް އޭގެ ސަބަބުން ކުރާ އަސަރު މާ ބޮޑުވާނެ. ޔޫއެން އިން އިސްނަގައިގެން މިހާރު ވެސް އެބަހުރި ހޭލުންތެރިކުރުމުގެ ޑޮކިއުމެންޓްރީ އުފައްދާފައި. އޭގެ މާ ބޮޑު އަސަރެއް ނުކުރޭ. އެކަމަކު އަޅުގަނޑުމެން ފިލްމެއް އުފެއްދީމަ ކުރާ އަސަރު މާ ބޮޑު،" ނަހުލާ ބުނެފައި ވަނީ މިހެންނެވެ.

އެއީ ތެދެއް ހެއްޔެވެ؟ ހައްލަކީ ނަހޫ-ސްޓައިލް ހެއްޔެވެ؟

ނުވަތަ ބޭނުމަކީ ކުޑަ ކުއްޖެއްގެ މަރުގެ ޖަޒުބާތުގައި ޖެހިފައި އޮތް މުޖުތަމައަކުން އޭގެ ނާޖާއިޒުފައިދާ ނެގުން ހެއްޔެވެ؟