ދިވެހި ސިނަމާ

"ލަސްވިޔަސް…"ގެ ޓްރެއިލާ ދައްކާލައިފި

މުހައްމަދު ނިޔާޒު (ޓެޑްރީ)ގެ ދެވަނަ ފީޗާ ފިލްމު "ލަސްވިޔަސް…"ގެ ޓްރެއިލާ ދައްކާލައިފި އެވެ.

ލަސްވިޔަސް އޮލިމްޕަހުގައި ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޭޕްރީލް 12 ވަނަ ދުވަހު އެވެ.

ލަސްވިޔަސްގެ ޓީމުން ރޭ ވަނީ ޓްރެއިލާ އާއި ފިލްމުގެ ޕޯސްޓަރާއި ވީޑިއޯ ލަވައަކާއި އަދި ފިލްމުގެ ބައެއް ލަވަތައް ވެސް އާންމުކޮށްފަ އެވެ.

ކެންސަރު ޖެހިފައިވާ ކުޑަ އަންހެން ކުއްޖެއްގެ ހަޔާތުގެ ވަށައިގެން އެނބުރޭ ހާދިސާތަކެއް ދައްކުވައިދޭ ލަސްވިޔަސްގެ ވާހަކަ ލިޔެ އަދި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ ޓެޑްރީ އެވެ.

ލަސްވިޔަސްގައި ހިމެނޭ ތަރިންނަކީ ކުރީގެ މަޝްހޫރު ތަރި ނިއުމާ މުހައްމަދުގެ ދަރިފުޅު ޒޯޔާ ހަސަނާއި، އަހްމަދު އީސަ (އާނަންދު)އާއި، ކުރީގެ ބަތަލާ ފައުޒިއްޔާ ހަސަންއާއި، ރީކޯ މޫސާ މަނިކު އަދި ވާޝިޔާ މުހައްމަދު އެވެ.

ޓެޑްރީ ފީޗާ ފިލްމެއް މީގެކުރިން ޑައިރެކްޓް ކުރީ މީގެ 30 އަހަރު ކުރިން "ދެރިޔާ" އެވެ. އެ ފިލްމަކީ އޭރު ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި އަދި ފިލްމު އެވޯޑްގައި ގިނަ އެވޯޑްތަކެއް ވެސް ހޯދި ފިލްމެކެވެ.