މަސްތުވާތަކެތި

ޑްރަގުގެ މައްސަލަައެއްގައި ހައްޔަރުކުރުމަށްފަހު އަޒޭ ދޫކޮށްލައިފި

Jan 10, 2024

މަސްތުވާތަކެތީގެ މައްސަލައެއްގައި ފިލްމީ ތަރި އަހްމަދު އަޒްމީލް (އަޒޭ) ހައްޔަރުކުރުމަށްފަހު ދޫކޮށްލައިފި އެވެ.

ފުލުހުންގެ ޑްރަގް އެންފޯސްޓްމަންޓާއި އިންޓެލިޖެންސް ގުޅިގެން ރޭ ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ވިލިމާލޭގެ ފުލެޓެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކުރިއިރު މީގެތެރޭގައި އަޒޭ ހިމެނޭކަން އަވަސް އަށް ވަނީ އެނގިފަ އެވެ.

ވިލިމާލޭގައި އުޅޭ ބައެއް އާންމުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ބަލައި ފާސްކުރި ފްލެޓަކީ އަޒޭ ދިރިއުޅޭ ތަނެވެ.

ވިލިމާލޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭގެ ވަގުތެއްގައި ހިންގި އޮޕަރޭޝަނެއްގައި 40 އަހަރުގެ ފިރިހެނަކާއި 41 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ އަވަސްއަށް ޔަގީންކޮށްދީފަ އެވެ. ނަމަވެސް ހައްޔަރުކުރި މީހުންގެ މައުލޫމާތު ފުލުހުން ހިއްސާކޮށްފައެއް ނުވެ އެވެ.

ފުލުހުން ބުނީ ވިލިމާލޭގައި ރޭ ކުރިއަށް ގެންދި އޮޕަރޭޝަންގައި ފްލެޓް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފަސް ރަބަރު ޕެކެޓާއި މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ ސާމާނު ފެނުނު ކަމަށެވެ.

ފުލުހުން ރޭ ވިލިމާލެ އިން ހައްޔަރުކުރި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ޝަރުތުތަކެއް ކުރުމަށްފަހު އަޒޭ ދޫކޮށްލާފަ އެވެ. ނަމަވެސް އަޒޭއާ އެކު ހައްޔަރުކުރި އަނެއް މީހާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ދީފަ އެވެ.