ހައްޖުގެ އަޅުކަން

މާދަމާ ހައްޖަށް ފުރާ މީހުންގެ ވިސާގެ ކަންކަން ނިންމާލައިފި

މިއަހަރު ހައްޖަށްދާ މީހުންގެ ތެރެއިން މާދަމާ ފުރާ މީހުންގެ ވިސާގެ ކަންކން މިހާރު ނިމިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ. މި އަހަރު ރާއްޖެއަށް ހައްޖުގެ 2،000 ކޯޓާ ލިބިފައި ވެއެވެ.

އިސްލާމިކް މިނިސްޓްރީގެ ކޯޑިނޭޓާ މުހައްމަދު އަހުސަން އަވަސް އަށް މިއަދު ވިދާޅުވީ ވިސާގެ ކަންތައް ހަމަޖެއްސުމުގައި ހަރަކާތްތެރިވަނީ ސައުދީގެ ޓީމެއް ކަމަށާއި ގްރޫޕްތައް ފުރަން ހަމަޖެހިފައިވާ ތަރުތީބުން އެ ޓީމުން ވިސާގެ ކަންކަން ނިންމަމުން ދާ ކަމަށެވެ.

ހައްޖަށްދާ މީހުން ގޮވައިގެން މާދަމާ ހަތަރު ފްލައިޓެއް ފުރާނެ އެވެ. އެއީ ހައްޖު ކޯޕަރޭޝަނާއި ޒައީ ގުރޫޕާއި އޭކްރޯ ގްރޫޕް އަދި އަލްހަރަމައިން ހައްޖުގެ ބައިވެރިން އުފުލާ ފްލައިޓްތަކެވެ. އެ ދުވަހު އެންމެ ފުރަތަމަ ފުރާނީ އޭކްރޯ ގުރޫޕްގެ ފްލައިޓެވެ. ފުރަން ހަމަޖެހިފައިވަނީ ހަވީރު އެވެ.

މާދަމާ ހަތަރު ފްލައިޓެއް ފުރާއިރު އަންނަ ހަފުތާގެ ބުރާސްފަތި ދުވަހު ވެސް ހަތަރު ފްލައިޓެއް ފުރާނެ އެވެ. އެއީ، ޒައީ ގުރޫޕްގެ ދެ ފްލައިޓަކާއި މިނާ ގުރޫޕާއި ހައްޖު ކޯޕަރޭޝަނުގެ ފްލައިޓެކެވެ. އަންނަ ހޮނިހިރު ދުވަހު ވެސް ފްލައިޓެއް އޮންނާނެ އެވެ. އެ ދުވަހު ފުރާނީ މިނާ ގުރޫޕްގެ ފްލައިޓެކެވެ.

މި މަހުގެ 21 ވަނަ ދުވަހު ވެސް ތިން ފްލައިޓެއް ފުރާނެ އެވެ. އެއީ، ހައްޖު ކޯޕަރޭޝަން، ސިސިލްފަރު އަދި އަލްހަރަމައިން ގުރޫޕްގެ ފްލައިޓެވެ. މި މަހުގެ 22 ވަނަ ދުވަހު ވެސް އަލްހަރަމައިން ގުރޫޕާއި ހައްޖު ކޯޕަރޭޝަންގެ ފްލައިޓެއް ފުރާނެ އެވެ. އެންމެ ފަހުން ފުރުމަށް ހަމަޖެހިފައިވަނީ ސިސިލްފަރު ގުރޫޕްގެ ފްލައިޓެކެވެ. އެއީ 23 ވަނަ ދުވަހުގެ ހެނދުނު 9:25 ގަ އެވެ.