ވިޔަފާރި

ކޮސްމެޓިކްސްގެ ޑިއުޓީ ބޮޑުކުރުމުން ބަބުރުވަސް ގަދަވެދާނެތަ؟

ސަރުކާރުން ވަނީ ލަގްޒަރީ ކޮސްމެޓިކްސްއިން 20 ޕަސެންޓުގެ ޑިއުޓީއެއް ނެގުމަށް ނިންމާފަ އެވެ. އަދި ލަގްޒަރީ ނޫން ކޮސްމެޓިކްސްގެ ބާވަތްތަކުން ފަސް ޕަސެންޓުގެ ޑިއުޓީއެއް ނަގަން ނިންމާފަ އެވެ. މި ބަދަލާ އެކު ދެން ވާނީ ކިހިނެއްބާވަ އެވެ.

"ކޮސްމެޓިކްސްގެ ޑިއުޓީ ނަގަން ފެށުމުން އާއްމު ގިނަ ބާވަތްތަކުގެ އަގުތައް އުފުލިގެން ދާނެ. މިއީ އެހާ ރަނގަޅު ނިންމުމެއް ނޫން،" "އަވަސް" އަށް ވާހަކަ ދައްކަމުން ވިޔަފާރިވެރިއަކު ބުންޏެވެ.

ގައިން ބަބުރު ވަސް ފިލުވުމަށް ބޭނުންކުރާ ރޯލޯންއަކީ ވެސް ލަގްޒަރީ ކޮސްމެޓިކްސް އެކެވެ. ގައިން މީރު ވަސް ދުއްވުމަށް ބޭނުންކުރާ ބޮޑީ ސްޕްރޭއަކީ ވެސް ލަގްޒަރީ ކޮސްމެޓިކްސް އެކެވެ. އަދި ބޮޑީ ލޯޝަން ވެސް މިބައިގައި ހިމެނެ އެވެ. އަދި ލަގްޒަރީ ނޫން ކޮސްމެޓިކްސްގެ ތެރޭގައި ހިމެނެނީ އޯމޯ އާއި ސައިބޯނި ފަދަ ބާވަތް ތަކެވެ. އެހެންކަމުން މި ބާވަތްތައް ރާއްޖެއަށް އެތެރެކުރާއިރު މުދަލުން 20 ޕަސެންޓުގެ ޑިއުޓީއެއް ދައްކަން ޖެހިއްޖެނަމަ އެ ދައްކާވަރު ރައްޔިތުންގެ ޖީބަށް ބުރަ ވާނެ ކަމަށް އިގްތިސާދީ މާހިރުން ބުނެ އެވެ.

"ސަރުކާރު ހިންގުމަށް ޓެކްސް ނަގަން ޖެހޭ. އެކަމު ކޮސްމެޓިސްގެ ޑިއުޓީ ނެގުމަކީ ބުއްދިވެރިކަމެއް ނޫން،" ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ވިޔަފާރިވެރިއަކު ބުނި ގޮތުގައި މިކަމުގެ ސަބަބުން މުދަލުގެ އަގުތައް ބޮޑުވުމުގެ ފުރުސަތު އެބަ އޮތެވެ.

"ގިނަ މީހުން ތިބެނީ އަގު ބޮޑުކުރާނެ ގޮތެއް ނުފެނިފަ. މިހެން ތިއްބައި ޑިއުޓީ ބޮޑުކޮށްފިނަމަ 40ރ.އަށް ވިއްކަމުން ގެންދާ ބޮޑީ ސްޕްރޭ ފުޅިއެއްގެ އަގު 65ރ. އަށް އުފުލޭނެ. މީގެ ބާރު ކުރާނީ ރައްޔިތުންނަށް،" ވިޔަފާރިވެރިއަކު ބުންޏެވެ.

ޑިއުޓީ ބޮޑުކުރަން ނިންމާފައިވާ ބާވަތްތަކުގެ ތެރޭގައި ސެންޓު ވެސް ހިމެނެ އެވެ. ސެންޓުންވެސް 20 ޕަސެންޓުގެ ޑިއުޓީއެއް ނަގާނެ އެވެ. މިގޮތަށް ޑިއުޓީ ނަގަން ފަށާއިރަށް ސެންޓުގެ އަގުތައް ބޮޑުވާނެ އެވެ. ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ދެން ވާނެ ގޮތަކީ ކުދި ސެންޓު ފިހާރަތަކުން 190ރ. އާއި 200ރ. އަށް ވިއްކާ ސެންޓު ފުޅީގެ އަގުތައް 250ރ. ވަރަށް އުފުލުމެވެ. މީގެ ސަބަބުން ކުދި ސެންޓު ފިހާރަތަކުން މެދު މިނުގެ އަގުތަކުގައި ސެންޓު ގަންނަ މީހުންނަށް ގެއްލުންވާނެ އެވެ.

މާލޭގެ މަޝްހޫރު ސެންޓު ފިހާރައެއް އާދައިގެ ގޮތެއްގައި ހިންގަމުން އަންނަ ވިޔަފާރިވެރިއަކު ބުނި ގޮތުގައި ސެންޓުގެ ޑިއުޓީ ބޮޑުކޮށްފިނަމަ މާކެޓު ގެއްލުމުގެ ބިރު އެބައޮތެވެ.

"މިތަނަށް މި އަންނަނީ މެދު ރޭންޖުގެ ސެންޓު ގަންނަ މީހުން. އެހެންވެ މީގެ ސަބަބުން އެ މީހުންނަށް އެފޯޑެއް ނުކުރެވޭނެ،" ވިޔަފާރިވެރިއަކު ބުންޏެވެ.

އޭނަ ބުނި ގޮތުގައި އެހެން މައްސަލައެއްވ ވެސް މީގެ ސަބަބުން ނުކުންނާނެ އެވެ. އެއީ މުދާ އެތެރެ ކުރަން ބަހައްޓަން ޖެހޭ ފައިސާގެ އަދަދު މަތިވުމެވެ.

"ދެ ކޮންޓެއިނާއެއް އެތެރެ ކުރުމަށް މިލިއަނެއްހާ ރުފިޔާ ހުންނަންޖެހުމަކީ ކުދި ވިޔަފާރިވެރިނަށް ނުކުންނާނެ ފައިނޭންޝަލް މައްސަލައެއް ނުކުންނާނެ ކަމެއް،" ވިޔަފާރިވެރިއަކު ބުންޏެވެ.

ކޮސްމެޓިކްސްގެ ޑިއުޓީ ބޮޑު ކުރުމުން މައްސަލަތަކެއް ނުކުންނާނެއެވެ. އެހެންކަމުން މި ބިލް ގާނޫނަކަށް ހެދުމުގެ ކުރިން ވިސްނަން ޖެހޭ ކަމެކެވެ.